މާޅެންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ޗަކަބިމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވެ ޝަކުވާތައް އިތުރުވާން ފަށައިފި
ނ.މާޅެންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ޗަކަބިމުގެ ސަބަބުން އެސަރަހައްދު އާއްމުންނަށް ދަތިތަކާއި ކުރިމަތިވެ ޝަކުވާތައް އިތުރު ވަމުންދާކަމަށް މާޅެންދޫ އޮފީހުން ހާމަކުރައްވައިފިއެވެ.
މާޅެންދޫ އޮފީހުން ދިވެހިރާއްޖޭގެ އަޑަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލަށް ގޯތި ދިން ސަރަހައްދަކީ ޗަކަބިމެއްކަމުން ގިނަފަރާތްތަކަށް ގެދޮރު އެޅުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެސަރަހައްދުގެ ފެންވެސް މުޅިން ތަގައްޔަރުވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެއޮފީހުން ވިދާޅުވެފައިވާގޮތުން، ގޯތި ދީފައިވަނީ ފަސް އަހަރު ތެރޭގައި ދިރިއުޅެން ފަށަން ޖެހޭގޮތަށް ކަމަށްވިޔަސް އެސަރަހައްދުގައި މީހުން އާބާދު ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށާއި އެގޮތުން އެސަރަހައްދުގައި ގޯތި އެޅުމަށް ދެފޫޓަށް ވެލިއަޅަން ޖެހޭ ކަމަށާއި ވެލި ލިބޭނެ ގޮތެއްވެސް ރަށުގައި ނެތް ކަމަށެވެ.
ޖުމްލަ އައްސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މާޅެންދޫގެ ބިން ފުރެމުންދާއިރު އެރަށު އޮފީހުން ވިދާޅުވަނީ ޗަކަބިމުން ގޯތި ދިން ނަމަވެސް އެބިމަކީވެސް މީހުން ދިރިއުޅެވޭނެ ތަނަކަށް ހެދުމަށް ކަމާބެހޭ ދާއިރާތަކުން އެހީ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

















