ޤައުމީ ދުވަސް: ޤައުމަށްޓަކައި ޢަޒުމްކަނޑައަޅަންވީ ދުވަސް
ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރެވެމުންދާއިރު، ޤައުމީ ދުވަހެއްގެ ހަނދާން އާކުރެވެމުންދާއިރު، އެންމެ އިސްކަމެއްގެ ގޮތުގައި ކުރަންވީ ކަމަކީ ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުމެވެ. ޤައުމަށްޓަކައި ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ ހަނދާން އާކުރުމެވެ.
ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ދީނާއި، ދިވެހިންގެ ޤައުމާއި، ދިވެހިންގެ ސިފަތައް އަދި ދިވެހިންގެ ރަމްޒުތައް މިހާތަނަށް ދިފާޢުކޮށް ދެއްވާފައިވާ ހަމަ ކޮންމެ ބަޠަލަކަށްމެ ދަންނަވަންޖެހޭ ޝުކުރަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ދަރަންޏެކެވެ. އެބޭކަލުންގެ ހަށިކޮޅުން ޤައުމަށްޓަކައި އޮހޮރިގެން ގޮސްފައިވާ ޤައުމީ ލޯތްބާއި ކުލުނު ރަމްޒުކޮށްދޭ، ދިވެހި ލޭގެ ހަމަކޮންމެ ތިއްކެއްގެ އަގު، ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއެކު ވަޒަންކުރުމަކީ ދިވެހި ކޮންމެ ފަރުދަކަށްމެ ލާޒިމުވެފައިވާ ކަމެކެވެ.
ޤައުމުގެ މާޒީއާމެދު ނަޒަރު ހިންގައި ޤައުމިއްޔަތުގެ ލޯބިން ދިވެހިންގެ ހިތްތައް ފުރަމުންދާ މިފަދަ ކޮންމެ ދަނޑިވަޅަކީ ދިވެހީންގެ މުސްތަޤުބަލާމެދު ވިސްނަންޖެހޭ، ފިކުރު ހިންގަންޖެހޭ ދަނޑިވަޅެކެވެ.
މިއަދަކީ އެކަމަށް އެންމެ އެކަށޭނަ ދުވަހެވެ. ގައުމުގައި މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ ހަރަކާތްތައްވަނީ އިތުރުވެފައެވެ. އެންމެބޮޑު ހިތާމައަކީ މިފަދަ ކަންތައްތައް އެންމެ އާބާދީ ކުޑަ ރަށުގައިވެސް އޮތީ ބޮޑުވެފައި ކަމަށްވުމެވެ. މިފަދަ މައްސަލަތަކުގެ ސަބަބަކީ ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ކުދި މައްސަލަތަކެވެ. ސިޔާސީ ޚިޔާލާއި ފިކުރު ތަފާތުވުމުގެ ސަބަބުން އުފެދުނު މައްސަލަތަކެވެ. ކުދިކުދި މައްސަލައިގެ ގޮތުގައި އުފަންވާ މިފަދަ މައްސަލަތައް ސިލްސިލާވެ ދިގުލައިގެން ދިޔުމީ މިއަދު ބޮޑު މައްސަލައެއްގެ ގޮތުގައި އެފަދަ މައްސަލަތައް ފާހަގަކުރެވޭ ސަބަބެވެ.
އެއް ރަށެއްގައި އެއް އާއިލާއެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ ބައެއްގެ ތެރޭގައި ޚިޔާލު ތަފާތުވުމުގެ ސަބަބުން އުފެދޭ މައްސަލައާއި ދޭދޭ މީހުންގެ މެދުގައި މައްސަލަތައް ހައްލުކޮށްގެން އެކުވެރިކަމާއެކު ކުރިއަށްދިޔުމުގެ ރޫހު އުފައްދަންވީ މިއަދުއެވެ. އެރޫހުގައި އެ އެކުވެރިކަމުގައި ދެމިތިބެން ނިޔަތްގަންނަންވީ މިއަދުއެވެ. ދޭދޭ މައްސަލަތަކުގެ ހިޔަނި ގައުމީ ކަންކަމަށް އެޅުމަށް ޖާގަ ނުދިނުމަށް ޢަޒުމް ކަނޑައަޅަންވީ މިއަދުއެވެ.

















