VelidhooOnline
    • ފުރަތަމަ ސޮފުހާ
    • ޚަބަރު
    • ކުޅިވަރު
    • ކޮލަމް
    • މައުލޫމާތު
    • ދީން
    • މުނިއަވަސް
    • ރިޕޯރޓް
    • ފޮޓޯ އަލްބަމް
    • ވީޑިއޯ
0

ވާހަކަދެއްކުމުގައި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބާވާން ޖެހޭ ހެއްޔެވެ؟

ފެށުން

މުވާޞަލާތަކީ އެއްބަޔަކު އަނެއްބަޔަކާއި، އެއްމުޖުތަމަޢު އަނެއް މުޖުތަމަޢުއަކާއި، އެއްޤައުމު އަނެއް ޤައުމާއި ގުޅުވައިދޭ ފާލަމެވެ. ވުމާއެކު މިބައިމީހުންގެ މެދުގައި ހިންގޭ މުވާޞަލާތު ކާމިޔާބު ވުމާއި ނުވުން ހިމެނިގެންދަނީ އެބަޔަކު މުވާޞަލާތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅިއަކުންނެވެ. މިގޮތުން ތިމާގެ ބޭނުންތައް އަނެކާއަށް ބުނެދިނުމުގައާއި ތިމާ އަނެކާގެ ކިބައިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލުކުރެވެނީ ވަކި ގޮތަކަށް ތިމާގެ ވާހަކަތައް ބައްޓަން ކުރެވިގެންނެވެ. މިގޮތުން އެއްބަޔަކު އަނެއް ބަޔަކާ މުވާޞަލާތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅި ތަފާތެވެ. ބައެއް މީހުންނަކީ އަނެކާއަށް އިޚްތިރާމާއެކު މުހާތަބު ކުރާ މީހުން ކަމަށްވާއިރު އަނެއް ބަޔަކީ ތިމާގެ ބޭނުންތައް ފުއްދާލުމަށްޓަކައި އަނެކާއަށް އެއްވެސް ވަރަކަށް ބެލުމަކާއި ނުލައި އަމިއްލަ މަޤުޞަދު ހާސިލްކުރަން ބޭނުންވާ މީހުންނެވެ. އެހެންކަމުން ބަހަވީ އިލްމުވެރިންވަނީ މިކަމާއި ބެހޭ ހޯދުންތަކެއް ހޯދާފައެވެ. އެއީ  ކޯޕަރޭޓިވް ޕްރިންސިޕްލްގެ މެކްސީމުތަކެވެ. މިގޮތުން މިމެކްސީމްތަކަށް ތަބައަވެގެން ވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ.  ވުމާއެކު މިއެސައިމަންޓްގައި ބަލައިލެވިފައިވާނީ ޕޯލް ގްރައިސްގެ ކޯޕަރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަ ދެއްކުމަކީ ކޮބައިކަމާއި ޕޯލް ގްރައިސްގެ މެކްސީމްތަކަށް ތަބައަވެގެން ވާހަކަ ދައްކަން ޖެހެނީ ކީއްވެކަމާއި ކޯޕަރޭޓިވް ޕްރިންސިޕަލްގެ މެކްސީކްތަކުގެ މުހިންމު  ކަމުގެ މައްޗަށެވެ.

ކޯޕަރޭޓިވް ޕްރިންސިޕަލްއަކީ ކޮބާ؟

މިއީ މަޝްހޫރު ފިލޯސަފަރ ޕޯލް ގުރައިސް (1975) ގައި ވާހަކަދެއްކުމުގައި ތަބައަވާން ޖެހޭ ނުވަތަ ގެންގުޅެން ޖެހޭ އުޞޫލުތަކެއްގެ ގޮތުގައި އެކަށައެޅުއްވި ޤަވާއިދު ތަކެކެވެ. ފިލޯސަފަރ ޕޯލް ގުރައިސް އާއި ޙަވާލާދެއްވާ އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި ދެފަރާތުންވެސް ހިފަހަށްޓަންޖެހޭ ހަމަތަކަކާއި ޤަވާޢިދުތަކެއްވެއެވެ. މިޤަވާޢިދުތަކަށް ކިޔަނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. މިޤަވާއިދުގެ ބޭނުމެއް ކަމުގައި ވެފައިވަނީ ދެމީހެއްގެ ދެމެދުގައި ހިނގާ ކޮންވަޒޭޝަނެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމެވެ. މިގޮތުން ޖޯޖު ޔޫލް (2000) ހާމަކުރައްވާ ގޮތުގައި އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވޭނީ ވާހަކަދައްކާ ދެފަރާތުންވެސް ވަކިހަމަތަކަކަށް ތަބަޢަވެ، ދެފަރާތުންވެސް އެކަންދަނެ އެކަމާ ޤަބޫލުވެގެންނެވެ. ޖުމްލަގޮތެއްގައި އެހަމަތަކަށް ކިޔާއުޅެނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ދެފަރާތެއްގެ ދެމެދުގައި މުވާޞަލާތެއް ކުރިއަށް ދިއުމުގައި ގުރައިސްގެ ކޯޕަރޭޓިވް ޕްރިންސިޕަލްގެ ދައުރެއްވެސް ވާކަމަށް ޖޯޖް ޔޫލް (2000) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ކޯޕަރޭޓިވް ޕްރިންސިޕަލްއަކީ މުއާޞަލާތެއްގައި ބައިވެރިވާ ދެފަރާތްވެސް ކާމިޔާބު ކަމާއެކު އެ މުވާޞަލާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ޚިއްސާދާރެވެ. އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވެނީ ދެފަރާތުންވެސް ވަކިހަމަތަކަކާއި އުޞޫލްތަކަކަށް ތަބަޢަވެ އެކަމާ އެއްބަސްވާތީއެވެ. މިފަދަ އުޞޫލުތަކާއި، ހަމަތަކަށް ކިޔަނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ.

ކޯޕަރޭޓިވް ޕްރިންސިޕަލްގެ ބާނީ ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ޖޯޖު ޔޫލޭ (2000) އާއި އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކުރާކުރުން ނުވަތަ ވާހަކަދެއްކުން ހަތަރު ބަޔަކަށް ބަހާލެވެއެވެ. އެއީ ވާހަކައެއްކުމުގެ ޢާއްމު ހަތަރުބައި ނުވަތަ ހަތަރު މެކްސީމެވެ. އެމެކްސީމްތަކަކީ:
1.   މެކްސީމް އޮފް ކުއަންޓިޓީ (Maxim of Quantity) ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުމުގެ މެކްސީމް.
2.   މެކްސީމް އޮފް ރިލަވަންސް (Maxim of Relevance) ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް ވާހަކަދެއްކުމުގެ     މެކްސީމް.
3. މެކްސީމް އޮފް މެނަރ (Maxim of Manner) ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް  ތަރުތީބުން     ވާހަކަދެއްކުމުގެ  މެކްސީމް.
4.    މެކްސީމް އޮފް ކޮލިޓީ (Maxim of Quality) ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމް.

މިހަތަރު މެކްސީމަށް ފައްތައިގެން ވާހަކަދެއްކުމުން މުޥާޞަލާތު ފަސޭހަކަމާއި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.

މިގޮތުން ބަލައިލަނީ މި މެކްސީމްތަކުގެ އިތުރު ތަފްޞީލަށެވެ.

  1. 1.    މެކްސީމް އޮފް ކުއަންޓިޓީ (Maxim of Quantity) ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް

ވާހަކަދެއްކުމުގެ މެކްސީމް

މި މެކްސީމްގެ ބޭނުމަކީ ވާހަކަދައްކާއިރު ބޭނުންވާ ވަރަށް ވާހަކަދެއްކުމާއި އިތުރަށް ވާހަކަ ނުދެއްކުމެވެ. ޖީން އެއިޓްޗިޝަން (1999) ހާމަކުރައްވާގޮތުގައި މިމެކްސީމަށް ތަބާވެ ވާހަކަދައްކާ މީހާ ދައްކާ ވާހަކައަކީ އެވާހަކައެއް ދައްކާ ވަގުތާއި ހާލަތަށް އެންމެ އެކަށިގެންވާ މިންވަރަށް ދެކެވޭ ވާހަކައަކަށް ވާންވާނެއެވެ. އެހެންކަމުން މި މެކްސީމަށް ތާބާވެގެން ވާހަކަދައްކާ މީހުން ވަކި މިންވަރެއް ގެންގުޅެން ޖެހޭނެއެވެ. މިގޮތުން ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ވިކްޓޯރިއާ ފްރޮމްކިން (1999) ހާމަކުރައްވާ ގޮތުގައި މެކްސީމް އޮފް ކުއަންޓިޓީއަކީ ވާހަކަ ދެކެވޭއިރު އެހުށައަޅާ ހުރިހާ މަޢުލޫމާތެއްވެސް އެވާހަކަދައްކާ ވަގުތާ ޙާލަތާ އެންމެގުޅޭ މިންވަރަށް މާކުރުނުކޮށް އަދި މާދިގުވެސްނުކޮށް ވާހަކަދެއްކުމުގެ މެކްސީމެވެ.

މިމެކްސީމްގެ މިސާލަކަށް ބަލާލާއިރު:

ތާވަލު 1

އިންފޯމަންޓް 1:  މިއަދު ލައިބްރަރީން ނެގީ ކޮންފޮތެއްތަ؟

އިންފޯމަންޓް 2:  އެއީ ޖޯޖް ޔޫލްގެ ދަ ސްޓަޑީ އޮފް ލެންގުއޭޖް. އަހަރެންގެ  އެސައިމަންޓަށް ބޭނުންވާ

            ވަރަށް ގިނަ މައުލޫމާތު ހުރި ފޮތެއް.

 

ރިޗަރޑް ޖޭ ވޮޓްސް (2003) ހާމަކުރައްވާ ގޮތުގައި ވަގުތާއި ހާލަތަށް ފެތޭގޮތަށް އަދި  ވާހަކަތައް އިތުރު ނުވާގޮތަށް ވާހަކަ ދެކެވިގެން ނޫނީ މެކްސީމް އޮފް ކުއަންޓިޓީއާއި އެއް ގޮތަކަށް ވާހަކައެއް ނުދެއްކޭނެއެވެ. މިގޮތުން ތާވަލު (1) ގައިވާ ޑައިލޮގަށް ބަލާއިރު އިންފޯމަންޓް 1 ކުރި ސުވާލަށް ބޭނުންވާވަރަށްވުރެ އިތުރަށް އިންފޯމަންޓް 2 ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ލަބުރަރީން ނެގީ ކޮންފޮތެއްހޭ އެހުމުން ޖަވާބަކަށް ވާންވާނީ ޖޯޖް ޔޫލްގެ ސްޓަޑީ އޮފް ލެންގްއޭޖް އެކަންޏެވެ. ނަމަވެސް އެފޮތުގައި އެސައިމަންޓަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ހުރި ވާހަކަތައް ދައްކާފައިވުމުން މި ޑައިލޮގްގައި އިންފޯމަންޓް 2 ދައްކާފައިވާ ވާހަކަ މިމެކްސީމާއި ހިލާފްވެއެވެ.

ތާވަލު 2

އިންފޯމަންޓް 1:  ތި ފިހާރައިގައި ވިއްކަން ހުންނަނީ ކޮން ވައްތަރެއްގެ މޯޓަރެއްތަ؟

އިންފޯމަންޓް 2:   ވަރަށް ގިނަ ވައްތަރުތައް ހުންނާނެ.

ތާވަލު 2 އަކަށް ބަލާއިރު އިންފޯމަންޓް 1 ކޮށްފައިވާ ސުވާލަށް އިންފޯމަންޓް 2 ޖަވާބު ދިނުމުގެ ބަދަލުގައި މަދުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ކޮން ވައްތަރެއްގެ މޯޓަރެއްތޯ ހުންނަނީ އެހުމުން މޯޓަރު ވައްތަރުތައް ބުނެނުދީ  ވަރަށް ގިނަ ވައްތަރުތައް ހުންނާނޭ ބުނުމަކުން އިންފޯމަންޓް 1 ކުރި ސުވާލުގެ ޖަވާބެއް ނުލިބެއެވެ. މިހާލަތުގައި ތާވަލު 2 ގައި މިވަނީ ބޭނުންވާ މިންވަރަށްވުރެ މަދުން ވާހަކަ ދައްކާފައެވެ. އަޒްލިފާ އަހުމަދު (2006) ހާމަކުރައްވާގޮތުގައި ބޭނުންވާ މިންވަރަށްވުރެ މަދުން މަޢުލޫމާތު ދިނުމާއި ބޭނުންވާ މިންވަރަށްވުރެ އިތުރަށް މަޢުލޫމާތު ދިނުމަކީވެސް މި މެކްސީމާއި ހިލާފްކަމެކެވެ. އެހެންކަމުން މިމެކްސީމަށް ތަބައަވެގެން ވާހަކަދައްކާމީހުން މިކަންކަމަށް ސަމާލުވެގެން ވާހަކަދެއްކުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

  1. 2.    މެކްސީމް އޮފް ރިލަވަންސް (Maxim of Relevance) ވަގުތާ ޙާލަތާ

ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުމުގެ މެކްސީމް

މިމެކްސީމަށް ތަބައަވެގެން ވާހަކަދައްކާނަމަ ވަގުތާއި ޙާލަތަށް އަދި ވާހަކައިގެ މައުޟޫއާއި ގުޅޭ ގޮތަށް ވާހަކަ ބައްޓަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ޖޯޖު ޔޫލޭ (2000) ހާމަކުރައްވާ ގޮތުގައި މެކްސީމް އޮފް ރިލަވަންސަކީ އެވާހަކަދެކެވޭ ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމެވެ.

މި މެކްސީމުގެ މިސާލަކަށް ބަލާއިރު:

ތާވަލު 3

އިންފޯމަންޓް 1:   ހާދަ ބާރަކަށް ކޮންތާކަށްތަ ތިދަނީ؟

އިންފޯމަންޓް 2:  މިއަދު މަންމަވެސް އުޅެނީ ބަލިވެ، ބައްޕަވީ މަހަށްގޮސް. އަދި މިއުޅެނީ

            މަންމަ ކޮބައިތޯ ބަލާވެސް ނުލެވިގެން.

ތާވަލު 3 ގައިވާ އިންފޯމަންޓް 1 ކޮށްފައިވާ ސުވާލަށް އިންފޯމަންޓް 2 ގެ ވާހަކައިން ޖަވާބެއް ނުލިބެއެވެ.

އެހެންކަމުން މިއީ ވަގުތާއި ޙާލަތަށް އަދި މައުޟޫއާއި ގުޅޭގޮތަށް ދައްކާފައިވާ ވާހަކައެއް ނޫންކަން މިޑައިލޮގުން ހާމަވެއެވެ. ޗައުދަރީ މުހަންމަދު އަލީ (2010) ހާމަކުރައްވާގޮތުގައި ޕޯލް ގުރައިސްގެ މެކްސީމް ތަކުގެ ތެރެއިން މެކްސީމް އޮފް ރެލަވަންޓަކީ ދެފަރާތެއްގެ ދެމެދުގައި ހިނގާ މުވާޞަލާތަކަށް ވަރަށް ބޭނުންތެރި އަދި އެހާ މުހިންމު މެކްސީމެކެވެ.

ތާވަލު 4

އިންފޯމަންޓް 1 ހައްވާ! މިއަދު ކެޔޮކެޑީ ކޮން ގަހަކުންތަ؟

އިންފޯމަންޓް 2  މިއަދު ކެޔޮ ކެޑީ މޫސަބޭގޯތި ގަހުން.

ތާވަލު 4 އަކަށް ބަލާއިރު އިންފޯމަންޓް 1 ކޮށްފައިވާ ސުވާލަށް އިންފޯމަންޓް 2 ދީފައިވާ ޖަވާބަކީ، ޖަވާބަށް ބޭނުންވާ މިންވަރަށް ސުވާލާއި ގުޅޭގޮތުން ދެވިފައިވާ ޖަވާބެކެވެ. މިގޮތުން ކެޔޮކެޑީ ގޮން ގަހަކުންތޯ ސުވާލުކުރުމުން ކެޔޮ ކެޑީ މޫސަބޭގޯތި ގަހުން ކަމަށް ބުނުމުން އިތުރު ވާހަކައެއް ނުދައްކާ ސީދާ ސުވާލާ ގުޅޭ ޖަވާބު ދީފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މެކްސީމް އޮފް ރެލަވަންސަށް މި ޑައިލޮގު ފެތޭކަން ފާހަގަކުރެވެއެވެ. ކޯޕަރޭޓިވް ޕްރިންސިޕަލް އިތުރަށް ތަފްޞީލު ކޮށްދެއްވަމުން ޕޯލްގުރައިސް އާއި ޙަވާލާދީ ޖޯޖު ޔޫލޭ (2000) ހާމަކުރައްވަނީ ވާހަކަ ދައްކާއިރު އެވަގުތާއި ޙާލަތަށް އެންމެ އެކަށޭނަގޮތަށް ދެކެވެމުންދާ ވާހަކަޔާ ގުޅޭނެހެން އެވާހަކައިގެ މަޤުޞަދު ޙާޞިލްވާ މިންވަރަށް ވާހަކަދައްކާށެވެ. ޖޭ.އެލް އޮސްޓިން (1962) ހާމަކުރައްވާގޮތުގައި ދެފަރާތަކުން ކުރެވޭ މުވާޞަލާތެއް ކާމިޔާބު ކަމާއެކީ ކުރިއަށް ދާނީ އެކަކުގެ ސުވާލަށް އަނެކަކުދޭ ޖަވާބަކީ އެ ސުވާލަކަށް ބޭނުންހިފޭ ޖަވާބަކަށް ވެގެންނެވެ. ވުމާއެކު ޕޯލްގުރައިސް ކަނޑައަޅުއްވާފައިވާ މެކްސީމް އޮފް ރެލަވަންސްއަކީ މުވާޞަލާތެއް ކާމިޔާބު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ މެކްސީމެކެވެ.

  1. 3.    މެކްސީމް އޮފް މެނަރ (Maxim of Manner) ދައްކާވާހަކަ އަޑުއަހާމީހުންނަށް

އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުމުގެ މެކްސީމް

މި މެކްސީމަށް ތަބާވެގެން ވާހަކަދައްކާމީހާ ދައްކާ ވާހަކަ ވާން ޖެހޭނީ ވަކި ތަރުތީބަކުން ނުވަތަ ވަކި ޤަވާއިދަކާއި އުޞޫލެއްގެ މަތިން ރާވާލައިގެން ދައްކާ ވާހަކައަށެވެ. މިގޮތުން އަޑުއަހާ މީހާއަށް އެއްވެސް އޮޅުމެއް ނާރާނެ ފަދަ ގޮތަކަށް ބައްޓަން ކޮށްގެން ވާހަކަ ކުރިއަށް ގެންދިއުމަކީ މި މެކްސީމްގެ ޚާއްސަ ސިފައެކެވެ. ޕޯލް ގްރައިސް (1975) އާއި ޙަވާލާދެއްވާ އެޑްވަޑް ފިނެގަން (1999)  ހާމަކުރައްވާފައިވާ ގޮތުގައި މެކްސީމް އޮފް މެނަރއަކީ ދައްކާ ވާހަކަ ވަކި ޤަވާޢިދެއްގެ މަތިން ރާވާލައި އަޑުއަހާ މީހާއަށް އޮޅުންނާރާފަދަ ގޮތަކަށް ސާފުކޮށް ތަރުތީބުން ވާހަކަދެއްކުމެވެ.

މިމެކްސީމްގެ މިސާލަކަށް ބަލާއިރު:

ތާވަލު 5

އިންފޯމަންޓް 1  ކިހިނެތްތަ ކަލޭމެން ކޭކު އަޅަނީ؟

އިންފޯމަންޓް 2  ފުރަތަމަ ފުއްފުރާނާނީ. ދެން އޭގެ ތެރެއަށް ބިހާއި ބޭކިން ޕައުޑަރ އަދި

           އެސެނެސް އަޅާފައި ހުރިހާ އެއްޗިހި އެއްކޮށް މިކްސް ކޮށްފައި އަވަނަށް ލާފައި

         180 ޑިގްރީގައި ފިހާނީ.

ތާވަލު 5 ގައިވާ ޑައިލޮގަށް ބަލާއިރު މިއީ  މެކްސީމް އޮފް މެނަރއަށް ތަބައަ ވެގެން ދައްކާފައިވާ ވާހަކަ ކޮޅެއްކަން ފާހަގަކުރެވެއެވެ. ސަބަބަކީ އިންފޯމަންޓް 1 ކޭކު އަޅާގޮތް ބުނެދިނުމަށް އެދުމުން އިންފޯމަންޓް 2 ކޭކުއަޅާގޮތް ކިޔައިދީފައިވަނީ ތަރުތީބުން އެކަން ކުރާ އޯޑަރަށެވެ. ނަމަވެސް މިއާއި ޙިލާފަށް މި އިރުޝާދު ދީފައިވާނަމަ ތާވަލު 5 ގައިވާ ޑައިލޮގު މެކްސީމް އޮފް މެނަރއަކަށް ނުފެތޭނެއެވެ. މުއާޞަލާތުކުރުމުގައި މެކްސީމް އޮފް މެނަރއާއި ޚިލާފުވުމުން އަޑުއަހާ މީހުންނަށާއި ކިޔާމީހުންނަށް އޮޅުންފިލުމުގައި ދަތިތަކަކާ ކުރިމަތިވެއެވެ. ވީމާ މުއާމަލާތުކުރުމުގައި މެކްސިމް އޮފް މެނަރއަށް ތަބަޢަވާންޖެހެނީ މިސަބަބަށް ޓަކައެވެ.

  1. 4.    މެކްސީމް އޮފް ކޮލިޓީ (Maxim of Quality) ދައްކާވާހަކައިގެ ތެދުކަން

ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމް.

މިމެކްސީމުގައި ބުނާގޮތުން ދައްކާވާހަކަ ވާންވާނީ އެދައްކާ ވާހަކައެއްގެ ތެދުކަން ސާބިތުކުރެވޭގޮތަށް ދެއްކޭވާހަކައަކަށެވެ. މިގޮތުން ރިޗަރޑް ޖޭ ވޮޓްސް (2003) ހާމަކުރައްވާގޮތުގައި މިއީ އެންމެ މުހިއްމު މެކްސީމެވެ. ސަބަބަކީ އެހެންހުރިހާ މެކުސީމަކަށް ތަބަޢަވެގެން ވާހަކަދެއްކި ނަމަވެސް މިމެކްސީމަށް ތަބަޢަނުވާނަމަ އެދެކެވުނު ހުރިހާވަހަކައެއް ބޭކާރުވާތީއެވެ. އަދި އެވާހަކަ ދެއްކި މީހާގެވެސް އަގުވެއްޓި އެމީހާގެ އިތުބާރު ކެނޑޭތީއެވެ.

މި މެކްސީމްގެ މިސާލަކަށް ބަލާއިރު:

ތާވަލު 6

އިންފޯމަންޓް 1  މިއަދު ހަވީރު  މުހަންމަދު ދުއްވާލަން ގޮސް ހެދިގޮނޑުދޮށުގައި ހުއްޓާ އަލީ

            ދުށިންތަ؟

އިންފޯމަންޓް 2  ނޫން! ނުދެކެން. އެކަމަކު އެތަނުގައި ކުޑަކުދިންނަށް ވިއްކަން ހުންނަވައްތަރު

         ދުއްމާރިއެއް މުހަންމަދު ދަރިފުޅު އަތުގައި އޮތީމަ އަހަރެން ހީކުރީ ދަރިފުޅު ގޮވައިގެން

        ދިޔަކަމަށް.

ތާވަލު 6 ގައިވާ ޑައިލޮގަށް ބަލާލާއިރު އެ ބުނުމުގައި ވަނީ ލަފާކުރުމެކެވެ. ޔަޤީންކަމާއެކު ބުނެފައިވާ ވާހަކައެއް ނޫނެވެ. އިންފޯމަންޓް 1  މުހަންމަދު ހެދިގޮނޑުދަށުން ދުށިންތޯ އެހުމުން ނުދެކޭ ކަމަށް ބުނެ އެކަމަކު އެތަނުގައި ވިއްކާ ވައްތަރުގެ އެއްޗެއް އޭނަގެ ދަރިފުޅު އަތުގައި އޮތުމުން ދިޔަ ކަމަށް ހީކުރި ކުރުން މިއީ މި ވާހަކައިގައި ކޮލިޓީ ނުހިމެނޭ ކަމުގެ ސާބިތު ހެއްކެވެ. އެހެންކަމުން މިބުނުން ތެދުކަމަށްވުން ލާޒިމްނޫންކަމުގައި ގްރައިސް (1975) އާއި ހަވާލާދެއްވާ އެޑްވަރޑް ފިނެގަން އާއި އޭނާގެ ބައިވެރިން (1999) ހާމަކުރައްވައެވެ. އެއީ މިބުނުމުގައި ވާހަކަ ދައްކާފައިވަނީ ޔަޤީން ކަމެއްނެތި ހީއެއްގެ މައްޗަށް ކަމުގައިވާތީއެވެ.

ތާވަލު 7

އިންފޯމަންޓް 1  އަލީ މިއަދު ކުލާހަށް އައިތަ؟

އިންފޯމަންޓް 2  އާނ! އަހަރެން ދުށިން އަލީ އަހަންނާ ޖެހިގެން ހުރި ގޮޑީގައި އިށީދެގެން އިންދާ. އަހުމަދާވެސް ވާހަކަ ދެއްކި. ހަސަނަށްވެސް ފެންނާނެ

ތާވަލު 7 ގައިވާ ޑައިލޮގަށް ބަލާއިރު އިންފޯމަންޓް 1 އަހާފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އިންފޯމަންޓް 2 ދެއްކި ވާހަކައިގަ ސާބިތުކޮށްދިނުމަށް ދެމީހަކު ބައިވެރިކޮށްފައިވާކަން ފާހަގަކުރެވެއެވެ. ވީމާ މިސާލު ހަތެއް ގައިވާ ބުނުން ގްރައިސްގެ މެކްސީމް އޮފް ކޮލިޓީއަށް ފެތެއެވެ. އަދި މި މިސާލުގައިވާ އިތުރު ހެކިތަކުގެ އަލީގައި ބަހުގެ ތެދުކަން އިތުރަށް ސާބިތުކޮށްދެއެވެ.

ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ޖޯޖު ޔޫލޭ (2000) އާއި އެޑްވަޑް ފިނެގަން (1997) ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުމުގެ އެންމެ ހަރުދަނާ އުޞޫލަކީ ފިލޯސަރ ޕޯލް ގްރައިސް (1975) އެކަށައެޅުއްވި ކޯޕަރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަދެއްކުމުގެ ޤަވާޢިދެވެ.

ޕޯލް ގުރައިސްގެ މެކްސީމް ތަކަށް ތަބާވުން މުހިންމީ ކީއްވެ؟

ބަސް ބޭނުން ކުރުމުގައި ނުވަތަ މުވާޞަލާތު ކުރުމުގައި އެކަކު އަނެކަކަށް އިޚްތިރާމުކޮށް އެކެއްގެ ބޭނުންތަކާއި އިޚްސާސްތައް އަނެކާއަށް އަންގައި ދިނުމުގައި ޕޯލް ގުރައިސް ކަނޑައަޅުއްވާފައިވާ މެކްސީމްތަކަކީ ވަރަށް މުހިންމު މެކްސީމުތަކެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ވާހަކަދެއްކުމުގައި ބޭކާރު ވާހަކަ ނުދެއްކުމާއި ބޭނުންވާ ވަރަށް އަޑުއަހާ މީހާ ފޫހި ނުވާނެ ގޮތަކަށް މުވާޞަލާތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމަކަށްވާތީ މި މެކްސީމްތަކަށް ތަބާވުން މުހިންމެވެ. އަދި ހަމައެހެންމެ ތެދު ބަހުން ވާހަކަދެއްކުމާއި ވަކި ތަރުތީބަކުން ނުވަތަ އަނެކާއަށް ރަނގަޅަށް ފަހުމުވާގޮތަށް ވާހަކަދެއްކުން މުހިންމު ކަމަކަށްވާތީވެސް ޕޯލް ގުރައިސްގެ މި މެކްސީމްތަކަށް ތަބާވުން ކޮންމެހެން މުހިންމެވެ.  ނަމަވެސް ބައެއް ފަހަރު މިމެކްސީމް ތަކާއި ބައެއް މީހުން ޚިލާފްވަނީ އެމީހުން ދައްކާ ވާހަކައިގެ މަޤުޞަދު ހާޞިލްކުރުމަށްޓަކައެވެ. މިގޮތުން ސިޔާސީ ފަރާތްތަކާއި ޝަރުޢީ ދާއިރާގައި މެކްސީމް އޮފް ރެލަވަންސާ ޚިލާފަށް ވާހަކަދެކެވެއެވެ.

ނިންމުން

ޑައިލޮގު ތަކުގެ އެހީގައި ކުރެވިދިޔަ ޑިސްކަސް ތަކުން ޕޯލްގުރައިސްގެ ހަތަރު މެކްސީމުގައި  މުވާޞަލާތުކުރުމުގައި ވިސްނަންޖެހޭ ތަފާތުގިނަ ދާއިރާތަކެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން ވަކި ހާލަތެއްގައި ވަކިގޮތަކަށް ވާހަކަދެއްކުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް ވާހަކަ ނުދެއްކުމާއި، އަދަބު އިޚްތިރާމުގެ ޤަވާއިދުތަކަށް ތަބާވެގެން ވާހަކަ ކުރިއަށް ގެންދިއުމަކީ މުވާޞަލާތެއް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ވެގެންދާނެ ބަހާތަކެވެ. އެހެންކަމުން ދެމީހަކު ނުވަތަ އެއަށްވުރެ ގިނަބައެއްގެ ތެރޭގައި މުވާޞަލާތެއް ކުރެވޭނަމަ މިއަލިއަޅުވާލި ބައިތަކަށް ވިސްނައިގެން ކުރިއަށް ގެންދާނަމަ އެއީ ކާމިޔާބު އަދި  ފުރިހަމަގޮތުގައި ކުރެވޭ މުވާޞަލާތެއް ކަމުގައިވާނެއެވެ. އެހެންކަމުން ޕޯލް ގުރައިސް ކަނޑައަޅުއްވާފައިވާ ހަތަރު މެކްސީމު ކަމަށްވާ މެކްސީމް އޮފް ރެލަވަންސާއި، މެކްސީމް އޮފް މެނަރ އާއި މެކްސީމް އޮފް ކުއަންޓިޓީ އަދި މެކްސީމް އޮފް ކޮލިޓީއަކީ މުވާޞަލާތު ކާމިޔާބު ކުރުމުގައި ވަރަށް މުހިންމު ބަހާތަކެކެވެ. ވުމާއެކު މުވާޞަލާތެއް ކާމިޔާބު ކުރުމަށްޓަކައި މެކްސީމްތަކަށް ތބާވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހޯމް, ރިޕޯރޓް, މައުލޫމާތު
0
Facebookfacebook
TwitterTwitter
stumbleuponstumbleupon
del.icio.usdel.icio.us
Buzz

Leave a Reply Cancel reply

Your email address will not be published. Required fields are marked *

CAPTCHA Image
Refresh Image

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

  • އެންމެ ފަސް

    • N.Velidhoo Stage area
      ނ. ވެލިދޫގައި ކުޑަކުދީންގެ ދުވަސް ފާހަގަކޮށްފި

      15 days ago

    • s4
      އެސްފޯ ސަމްސަން އިން ދައްކާލައިފި

      69 days ago

    • 557828_10200101011420550_1216149577_n
      ރައީސް ނަސީދު ހައްޔަރުކުރުމާގުޅިގެންނ.ވެލިދޫގައި ކުރިމުޒާހަރާގައި ކައުންސިލްމެމްބަރެއް ހައްޔަރުކޮށްފި

      79 days ago

    • indian
      އިންޑިއާ ހައިކޮމިސަން އޮފީހާއި އަންނި

      99 days ago

    • Link to ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި  މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟
      ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟

      157 days ago

    • Surface-Black-Touch-Cover1
      ވިންޑޯސް 8

      210 days ago

    • Link to މުޢާހަދާ
      މުޢާހަދާ

      221 days ago

    • Link to ޑިމޮކްރަސީ
      ޑިމޮކްރަސީ

      252 days ago

    • muslim
      ލައިލަތުލް ޤަދުރް ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ!

      288 days ago

    • samsung-galaxy-s3-vs-iphone-4s
      ސަމްސަންގު ގެލެކްސީ އާއި އައިފޯންއާ ހުރި ތަފާތަކީ ކޮބާ؟

      299 days ago

  • ފަހުގެ ފޮޓޯ

    Eid Ufaa1433 N.VelidhooHusali Bashi tournament 20125th North Scout Camporee -N.Velidhoo 18-22 march 2012MDP
    މިނިވަންދުވަހުގެ ހިނގާލުންކޮރަޕްޝަނާ ދެކޮޅަށް ވެލިދޫ ޒުވާނުންސަރުކާރާ ދެކޮޅަށް ވެލިދޫގައި ބޭއްވި ހިނގާލުންގައުމީޓީމަށް މަރުހަބާ
    ތިނެއް ފަންސާސް (350) ވެލިދޫގައި ފާހަގަކުރުންމެންބަރުންގެ ފުޓްބޯޅަމެޗްމަޖިލިސް ކައިރިއަށް އާންމުން އެއްވުންމަސްތުވާތަކެއްޗާ ދެކޮޅަށް ބޭއްވި ހިނގާލުން

    © 2005-2012 Velidhoo Online.All Rights Reserved. Email:info@velidhoo.com