ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އެންމެ ރިވެތި ސިފައަކީ އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އަޅާލުމެވެ. އެހެންމީހުންނަށް ހެޔޮގޮތުގައި މުޢާމަލާތްކޮށް، އެމީހުންގެ ލޯތްބާއި އިޙްތިރާމު ލިބިގަތުމެވެ. މިއީ އިސްލާމީ ދައުލަތުގެ ބިންގާ މަދީނާ އެޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކަން ހިނގަމުން އައި ރިވެތި މަގެވެ. މުސްލިމުންގެ އަޚްލާޤެވެ.
އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫނެވެ. އެހެންކަމުން ހަރުކަށިކަމާއެކު އެހެން މީހުންނާ މުޢާމަލާތް ކުރުމަކީވެސް އިސްލާމްދީން ދަންނަކަމެއްނޫނެވެ. ނިކަންވިސްނަވާށެވެ. ޠާއިފުގެ ދުވަހުގައިވެސް ލޮބުވެތި ރަސޫލާގެ މާތް ދެފައިންޕުޅުން ލޭފޮދު އޮހޮރެމުންދިޔަ ހާލުގައިވެސް ކާފިރުންގެ ކިބައިން ބަދަލު ހިއްޕެވުމަކަށް އެނަބިއްޔާ އެދިވަޑައިއެއް ނުގެންނެވިއެވެ. އަދި ކިއެއްތަ؟ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެދިވަޑައިގަތީ އެމީހުންނަށް ހިދާޔަތް ދެއްކެވުމަށެވެ. މިއީ އިސްލާމްދީނުގެ ރީތިކަމާއި ފަށުވިކަމާއި ތަހުޒީބުކަން ދައްކައިދޭ ޞަފްޙާތަކެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ. އަޅުގަނޑުމެންގެ ޢަޤީދާއަކީ ނުގުޑާފަދަ ގޮތެއްގައި ސާބިތުވެފައިވާ ޢަޤީދާއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އިސްލާމްދީން ނޫން އެހެން ދީނެއް ޤަބޫލު ނުކުރެވޭނެކަން އެންމެ ރަނގަޅަށް ދަންނަ މުސްލިމުން ނަކީވެސް މިދިވެހީންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދީނީ ޚައްސާސިއްޔަތު ކައްކުވާލުމަށްޓަކައި އެކުވެރި ދައުލަތްތަކުގެ ހެދުމުގައި ފޮރުވިގެން އައިސް ހިންގާ އެއްވެސް މިޝަނަރީ ޙަރަކާތަކަށް މިދިވެހި ފަސްގަޑުން ޖާގައެއްނެތެވެ. އެފަދަ މީހުންނަކަށް ފުރުޞަތެއްނެތެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތަކަކީ ވަރަށްގިނަ ކަންތައްތަކެއް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޢުޤޫބާތްތަކެވެ. މިގޮތުން ޒިނޭގެ ޙައްދު ކަނޑައެޅިފައިވަނީ އިންސާނީ ނަސަބު ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ. އިސްލާމްދީނުގައި ޒިނޭކުރި އަންހެނާއި ޒިނޭކުރި ފިރިހެނާއާއި ތަފާތުކުރުމެއްނެތެވެ. އެއީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއްނޫނެވެ. ދެމީހުންނަށްވެސް އޮތީ 100 އެތިފަހަރުން ޙައްދު ޖެހުމެވެ. މިޙައްދު ޤާއިމުކުރުމުގައި ޒިނޭކުރި ދެމީހުންކުރެ އެކަކެއްގެ މައްޗަށްވެސް އޯގާތެރިނުވުމަށް ގަދައަމުރުން މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ.
އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ވާޖިބު ކުރައްވާފައިވާ ޝާމިލު ޝަރީޢަތެކެވެ. އެހެންކަމުން އިސްލާމް ޝަރީޢަތުގެ އެއްވެސް އަސާސަކީ ހުޅަނގުން ކިތައްމެ ވަރަކަށް ބޭނުންވިޔަސް ބަދަލުކުރެވޭނެ އަސާސްތަކެއް ނޫނެވެ. މިޝަރީޢަތަކީ، މިޝަރީޢަތް ބާވާލެއްވި އިލާހު ފުރިހަމަ ގޮތުގައި ރައްކާތެރި ކުރައްވާނެ އެއްޗެކެވެ. އެކަން ހުޅަނގުންވެސް ގަބޫލުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން މަސައްކަތް ކުރަމުންގެންދަނީ މިޝަރީޢަތާމެދު މުސްލިމުންގެ ހިތުގައި ވަހުމްތައް އުފެއްދުމަށެވެ. މިގޮތުން އެމީހުންގެ ކާރުޚާނާތަކުން އުފައްދާ “ޕްރޮޑަކްޓް” އަކީ މުސްތަޝްރިޤުން (އޮރިއެންޓަލިސްޓުން) ނެވެ. މިފަދަ ބައެއް ޕްރޮޑަކްޓް ތަކުގައި މުސްލިމުންގެ ނަމުން ލޭބަލް ކުރެވިފައިވާތަންވެސް ފެންނާނެއެވެ. އެއިގެ މިސާލަކީ އާމިނާ ވަދޫދާއި އަސްމާ ޖަޚާންގީރެވެ.
އިސްލާމްދީން ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔައީ ކަނޑީގެ ބާރަކުންނޫނެވެ. އަދި މިއަދު ދުނިޔޭގައި އެންމެ ބާރަށް ފެތުރޭ ދީނަކީ އިސްލާމްދީން ކަމުގައި ވެގެންދިޔައީ މުސްލިމުންގެ އަތުގައި ނިޔުކުލިޔަ ހަތިޔާރު ހުރެގެނެއްނޫނެވެ. އަދިކިއެއްތަ؟ މިދީނުގެ މަޑުމައިތިރި އަޚްލާޤެވެ. އެހެންމީސްތަކުންގެ އިޙްތިރާމާއި ލޯތްބެވެ. އިންސާނީ ކަރާމާތާއި ޝަރަފަށްޓަކައި މިދީން ގޮވާލާ ގޮވާލުމެވެ. ހައްޤުނޫން ގޮތުގައި ލޭ އޮހޮރުވުމާއި، ބޭއިންޞާފާއި އަނިޔާއަކީ އިސްލާމްދީންގައި އޮތްކަމެއްނޫނެވެ.
މީހަކު ޖަހާހާ ބެރެކަށް ނެށުމަކީ ފުރިހަމަ މުސްލިމުންގެ ގޮތެއްނޫނެވެ. އަދި މީހަކު ބުނާހާ އެއްޗަކަށް ފުއްމަފުއްމަ ފުއްމައިގެން ދިޔުމަކީވެސް މުސްލިމުންގެ ގޮތެއްނޫނެވެ. މުސްލިމުންގެ ގޮތަކީ މުސްލިމުންނާ ދެކޮޅުވެރިވެ، ހަނގުރާމަ އިޢުލާނު ނުކުރާހާ ހިދަނކު އެބައިމީހުންނާމެދުވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރުމެވެ. ރަސޫލާގެ ސީރަތަކީ މިފަދަ ނަމޫނާ ކަރުދާހެކެވެ. ޢިބްރަތުގެ ޚަޒާނާއެކެވެ. ގުޅުންތައް އުފައްދަންވީ ގޮތުގެ ޖައުހަރެކެވެ. އެހެނީ، މުސްލިމުންނީ މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭ ބައެކެވެ. އަދި އެއުރެންނާ ޖާހިލަކު މުޚާޠަބު ކޮށްފި ނަމަ، އަމާންކަމާއެކު ސަލާމޭ ސަލާމޭ ބުނާ މީހުންނެވެ. ހަމަޔަޤީންވެސް ފުރިފައިހުރިއެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ.























