ގޮޑި ގެއްލިފައިވިޔަސް އިސްތިޢުނާފު ކުރުމުގެ ޙައްޤު ދެމި އޮންނާނެ

މުހައްމަދު ހަލީމް އަލީ
15 ނޮވެމްބަރ

 

-  ޤާނޫނުއަސާސީ ގައި ބަޔާންވެގެންވާ ހަމަހަމަކަން ނެގެހެއްޓުމަކީ ސުޕްރީމް ކޯޓަށް ލާޒިމުކަމެއް.

ވެލިދޫ މުޙައްމަދު ޙަލީމް

2011 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިޖަލްސާތައް ހުއްޓުމަކަށް އައިސްފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައިބުނާ 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމް ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލްޙަމީދަށް އިިއްވާފައިވިޔަސް، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިބުނާ އިސްތިޢުނާފު ކުރުމުގެ ޙައްޤު އޭނާއަށް އޮތްކަމަށްބުނެ، އޭނާ މަޖިލީހުގެ ޖަލްސާތަކަށް ޙާޟިރުވުމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު (ނަންބަރ: 2010/22) ގެ 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެކޯޓަކުން ނުވަތަ އިސްތިޢުނާފުކުރާ ކޯޓަކުން ނާންގާ ހިނދަކު ކޮންމެ ކޯޓެއްގެވެސް ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބިމީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެނިންމުމަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ބަޔާންވެފައިވީހިނދު، އެހެންކަމުން ސްޕީރިއާ ކޯޓުގެ ނިޔާއައިސްފައިވާ މުއްދަތަށް ބަލައި އިސްމާޢީލް ޢަބްދުލްޙަމީދު ތަމްސީލުކުރާ ކާށިދޫ ގޮޑި ހުސްވެއްޖެކަމަށްް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ނިންމުމެކެވެ. ސަބަބަކީ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސުޕްރީއާ ކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވުމާއި، އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސުޕްރީއާ ކޯޓުން ކޮށްފައިވާ ޙުކުމް ފަސްކުރުމަށް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކަށް އަންގާފައި ނެތުމެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށްކުރި 18 މަސްދުވަހުގެ ޙުކުމަކީ މިއަދުވެސް ދިގުދެމިގެންދާ ގޮތުގައި މަޢުޖޫދުވެ އޮތް ޙުކުމެކެވެ. އަދި ނަތީޖާއެއްގެ ގޮތުން އިސްމާޢީލް ޢަބްދުލްޙަމީދަކީ ޖިނާޢީކުށް ސާބިތުވެ، އެކުށުގެ ޖަޒާ ނުވަތަ ޢުޤޫބާތް ކަނޑައެޅި، އެޢުޤޫބާތް ތަންފީޒުކުރަމުން ގެންދާ މީހެކެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ “މަޞްލަޙަތުު އޮތްގޮތުން ކާށިދޫ ދާއިރާގެ ގޮޑި ހުސްވެއްޖެކަން ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ބަންޑާރަ ނާއިބު ފަސްޖެހުމުގެ ނަތީޖާއަކަށްވީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކާށިދޫ ދާއިރާގެ ގޮޑި ހުސްވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށްއެދި އަމިއްލަ ފަރުދަކު ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމެވެ. އެހެންނަމަވެސް މިއީ ސުޕްރީމް ކޯޓުން ބަހެއްކިޔުމަށްވުރެ ސާފު މައްސަލައެކެވެ.

 

ދިވެހިރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ ޢުރުފަށާއި އާދަކާދައަށާއި އުޞޫލުތަކަށް ބަލާއިރު، ކުށެއް އެމީހެއްގެ މައްޗަށް ސާބިތުވެއްޖެ ހަމަކޮންމެ މީހަކީ އެމީހަކު ހުރި ވަޒީފާއެއް ޙުކުމްކުރާ ވަގުތުން ފެށިގެން ގެއްލޭ މީހެކެވެ. މިގޮތުން މިފަދަ މީހުންގެ ވަޒީފާތައް ގެއްލިފައިވަނީ އެމީހުންނަށް އިސްތިޢުނާފު ކުރުމުގެ ފުރުޞަތު އޮއްވައެވެ. އެހެންކަމުންރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮޑިޔާމެދު ގޮތެއް ކަނޑައެޅުމުގައި ސްޕްރީމް ކޯޓުން ޢުރުފަށާއި ކަންހިނގަމުން، ހިމުންވަމުން އައިސްފައިވާ ގޮތަށް ރިއާޔަތް ކުރަންޖެހޭނެއެވެ. އެހެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ބަޔާންވެފައި ވީހިނދު، މިހަމަހަމަކަމުގެ ޙައްޤު ނަގަހައްޓައި ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ނުކުޅެދިއްޖެނަމަ، މިޤައުމުގެ އިޖްތިމާޢީ އަދާލަތާއި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސް ގެއްލިދާނެއެވެ. ސަބަބަކީ މިހާރުވެސް ޖިނާޢީ ކުށް ސާބިތުވުމުގެ ސަބަބުން ދައުލަތުގެ ވަޒީފާތަކާއި މަޤާމުތައް ގެއްލިފައިވާ މީހުން، އެމީހުންނަކީވެސް އިސްތިޢުނާފުގެ ހުރިހާ މަރުޙަލާއެއް ނިމެންދެން ވަޒީފާގައި ދެމިތިބިބައެއްކަމަށް އަމިއްލައަށްދެކި، އެމީހުންވެސް ގަދަފައި ވިއްދާ، އެމީހުންވެސް ވަޒީފާއަދާކުރަމުންދިޔަ އޮފީސްތަކާއި މުއައްސަަސާތަކަށް ނިކުންނަށް ފަށައިފިނަމަ، މުޖްތަމަޢުގައި އުފެދޭ ފިތުނައާއި ފަސާދަ ނުރައްކާތެރިކަން ބޮޑުކަމެވެ.

 

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ވަނީ ކޯޓުތަކުންނާއި ޓްރައިބިޔުނަލްތަކުން މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާޠީ މުޖްތަމަޢުތަކުން ޤާބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެއުޞޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެކަމަށް އޮތް ހިނދު، މިމާއްދާގެ މަފްހޫމަކީ ހުޅުވިގެންވާ ދިމިޤްރާޠީ މުޖްތަމަޢުގައި ކަންކުރާފަދައިން އިންސާނީ ކަރާމާތާއި ޝަރަފު ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައިވާފަދައިން ފަރުދުންގެ މެދުގައި ހަމަހަމަކަން ދެމެެހެއްޓުމާއެކު ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިސްތިޢުނާފު ކުރުމުގެ ޙައްޤު އިސްމާޢީލް ޢަބްދުލްޙަމީދަށް ލިބިދިނުމެވެ.

 

އިސްވެ ދެންނެވުނުފަދައިން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ބުނާ ހަމަހަމަކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ޤާއިމުކުރެވިއްޖެ ކަމުގައި ވަނީނަމަ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮޑި އަކީ އިސްމާޢީލް ޢަބްދުލްޙަމީދަށް ގެއްލިފައިވާ ގޮޑިއެކެވެ. އަދި އެގޮޑި އިސްމާޢީލް ޢަބްދުލްޙަމީދަށް ގެއްލިފައިވި ކަމުގައިވިޔަސް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިބުނާ އިސްތިޢުނާފު ކުރުމުގެ ޙައްޤު ދެމިއޮންނާނެއެވެ.


ޙިޔާލު ހުށައަޅުއްވާ

Your email address will not be published. Required fields are marked *

*


*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>