ޓީވީއެމް އިސްވެރިންގެ ޕަބްލިކް ސްޓަންޓުގެ އަޑީގައި ކޮންބައެއް؟
މ-ޓީވީ ކޮށީގައި ބޭއްވި ބާބަކިޔު ނައިޓުގެ ޝަރަފުވެރިއަކީ ޗަންޕާ އުއްޗު
މ-”އަޅުގަނޑުގެ ޔުނިވަރުސިޓީ ޕްރޮފެސަރަކީ މައުމޫނު.” ހޯރަފުށީ ޚަލީލް

ވެލިދޫ މުޙައްމަދު ޙަލީމް
މަންދު ލާނިން ސެންޓަރ ކޮލެޖަކަށް ބަދަލުކުރެއްވުމަށް މިމަހުގެ 7 ވަނަ ދުވަހުގެރޭ މާލޭ އިގްލިޝް ސްކޫލު (އެމް.އީ.އެސް) ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅައި ގުޅުވައިގެން ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތްކުރާ އިސްވެރިންތަކެއްވަނީ ޕަބްލިކް ސްޓަންޓެއް ހަދާފައެވެ. މިކަމުގައި އެންމެ އިސްކޮށްހުރީ މައުމޫނު މައާފުދެއްވައި ޓީ.ވީ.އެމްގެ ވަޒީފާ ދެއްވި އިބްރާހީމް ރަޝީދު (އިއްބެ) އެވެ.
ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕްރޭޝަން (އެމް.އެން.ސީ.ބީ) ގެ ނަމުގައި ކުންފުންޏެއް އުފައްދެވީ ވަރަށް މާތް މަގުޞަދެއްގައެވެ. ދައުލަތުގެ މީޑިޔާއަކީ މިނިވަން އިންސާފުވެރި ތަނެއްގެ ގޮތުގައި ހެއްދެވުމަށެވެ. ނަމަވެސް ސަރުކާރުގެ މިއެޅުއްވި ހަރުދަނާ ފިޔަވަޅުގެ ބޭނުން ބަޔަކު އަޑީގައި ތިބެގެންދަނީ ނަހަމަގޮތުގައި ހިފަމުންނެވެ
.
އެމް.އެން.ސީ.ބީގެ މެނޭޖިންގ ޑިރެކްޓަރ (އެމް.ޑީ) އިބްރާހީމް ޚަލީލު (ހޯރަފުށީ ޚަލީލު) އަކީ “އަޅުގަނޑުގެ ޔުނިވަރުސިޓީގެ ޕްރޮފެސަރަކީ މައުމޫނު ކަމަށް ވިދާޅުވި މީހާއެވެ. އެފަދަ މީހެއްގެ ކިބައިން ފެންނާނީ 30 އަހަރުގެ މާޒީ ފިޔަވައި ދެންކޮންކަމެއްތޯއެވެ؟
2009 ޑިސެމްބަރު 08 ވަނަ ދުވަހު ޓީ.ވީ.އެމްގެ މުއައްޒަފުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދަށަށް އެއްވުމަށްފަހު ހަމަ އެދުވަހުގެރޭ ޓީވީ ކޮށީގައި ވަނީ ބާބަކިޔުނައިޓެއް ބާއްވާފައެވެ. ކަށަވަރު މަޢުލޫމާތުބުނާ ގޮތުގައި މިބާބަކިޔުނައިޓު ޝަރަފުކޮށްދެއްވީ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) އާއި މޯލްޑިވްސް މީޑިޔާ ކޮމްޕެނީގެ އެމް.ޑީ އަޙްމަދު ސަލީމް (ހޯރަފުށީ އަޙްމަދު ސަލީމް) އާއި ދިއެފް.އެމްގެ ބައެއް މުއައްޒަފުންނެވެ
.
އެކަންވާނީވެސް އެހެންނޫންތޯއެވެ. ޚަލީލަކީ ދިއެފް.އެމް ގެ މަސްލަޙަތާއި ގުޅިފައިވާ ފަރާތެކެވެ. އަދި ދިއެފް.އެމް އިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޚަލީލަށް ބައިއެޅޭ މީހެކެވެ. ނަތީޖާއެއްގެ ގޮތުން ޚަލީލަށް އިސްކަންދެވޭނީ ގިނައިން ފައިސާ ލިބޭ ދިމާއަކަށް ނޫންތޯއެވެ؟ ދާއިމީ މަންފާ އޮތް ގޮތަކަށް ނޫންތޯއެވެ
.
ޕަބްލިކް ބްރޯޯޑް ކާސްޓިންގެ ބިލް މިހާރު އޮތީ މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައެވެ. އަދި މިބިލުގެ މަސައްކަތް އަވަހަށް ނިންމާލުމަށްޓަކައި ކޮމިޓީން ދަނީ ވަރަށް ހަލުވިކަމާއެކު މަސައްކަތްކުރަމުންނެވެ. މިބިލު ފަރުމާ ކުރެވިފައިވާ ގޮތަށާއި ބިލަށް ހުށައެޅިފައިވާ އިސްލާހުތަކަށްބަލާއިރު “މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕްރޭޝަން” ގެ ބޯޑުގައި ތިއްބަވާނީ މަޖިލީހުން ފާސްކުރާ ނުވަތަ ރުހުންދޭ ބަޔެކެވެ. ވުމާއެކު ޓީ.ވީ.އެމް ގެ އިސްވެރިން މިހެއްދެވި ޕަބްލިކް ސްޓަންޓަކީ ކުރިމަގަށްޓަކައި ކޮއްޓެވި މަގެއް ނޫންބާވައެވެ
.
ޓީ.ވީ.އެމް އަކީ ރައްޔިތުންގެ އެންމެ ބޮޑު ގިލަންވެރިކަމަށް ވަނީ ވެފައެވެ. ޒިންމާދާރު މީޑިޔާގެ ރޯލު ޓީ.ވީ.އެމަކުން ނުފެނެއެވެ. އަދި “އުއްމީދާއި ހަގީގަތް” ގެ ނަމުގައި ޕްރޮގުރާމެއް ގެނެވުމަކުން މީޑީޔާގެ ޒިންމާ ގެ ޒިންމާ އަދާކުރެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. ގައުމީ ޓީވީއާމެދު ރައްޔިތުންކުރާ އުއްމީދުތައް އެއަށްވުރެ މާގިނައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިޞާދީ ތަދުމަޑުކަމުގެ ވާހަކަވެސް އެންމެ ކުޑަމިނުން ރައްޔިތު މީހާއަށް އޮޅުން ފިލުވައި ދިނުމުގައި ޓީ.ވީ.އެމް ވަނީ ނުކުޅެދިފައެވެ
.
ރައްޔިތުންގެ އުއްމީދަކީ ޓީ.އެމް.އަކީ ވެސް “ރިފޯމް” ވެފައިވާ މުއައްސަސާއަކަށްވުމެވެ. ޝަރަފުވެރި މީޑިޔާއެއްގެ ކުލަ ޓީ.ވީ.އެމް ގައި ޖެހިގެން ދިޔުމެވެ. ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ފާހަގަ ވުމެވެ. ވަކިފަރާތަކަށްބުރަނުވާ މީޑިޔާއަކަށް ޓީ.ވީ.އެމް ވުމެވެ
.
Sorry, comments for this entry are closed at this time.