ސަރަނގު އާދަމް މަނިކު: ލާމަސީލުވެރިއެއް

December 8th, 2009 ލިޔުން ޝާއިއުކުރެވުނީ

ވެލިދޫ މުޙައްމަދު ޙަލީމް


“އާދަމް މަނިކުވަރެއް ނެއް.” ޚަބަރު ގަޑީގައި ކޮފީއަށް އިންޞާފުކުރަމުންދިޔަ އެކުވެރިޔާ ބުންޏެވެ. އެއީ ކީއްވެތޯ އަޅުގަނޑު ސުވާލު އުފެއްދީމެވެ. “ޖެހިލުންކުޑައީ. ވަކިމީހަކަށް ބެލުމެއްނެތި ކަންކަން ކުރަނީ. އެކަހަލަ މީހުނަށް ގައުމު ހަމައަކަށް އެޅުވޭނީ.” އެކުވެރިޔާ ޒުވާބު ދިނެވެ.

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފާހަގަ ކުރެވުނު އެންމެ ގާބިލު ޝަޚްސިއްޔަތަކީ ސަރަނގު އާދަމް މަނިކޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އޭނާވެފައިވަނީ ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށެވެ. ޒިންމާ ނަންގަވައިގެން ހުޝިޔާރުކަމާއެކު ކަންކަން ނިންމަވާ ލީޑަރަކަށެވެ. އުޞޫލާއިގޮތް ގަބޫލުކުރައްވާ ސަރުކާރުގެ ސިޔާސަތު ނަގަހައްޓަވާ މޭސްތިރިއަކަށެވެ

.

ސަރަނގު އާދަމް މަނިކު މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު އޭނާއަކީ މައްދިވެހިން ދަންނަ ބޭފުޅެއްނޫނެވެ. ޚުދު އަޅުގަނޑުވެސް އަހަނީ އާދަމް މަނިކުގެ ނަންފުޅެވެ. އެއީ ކޮންބޭފޫލެއްކަމެއް ނޭނގެއެވެ. ނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. ސަރަނގު އާދަމް މަނިކަކީ ރައްޔިތުންގެ “ހީރޯ” އެކެވެ

.

ފާއިތުވި އަހަރެއްހާ މުއްދަތުގައި އާދަމް މަނިކުވަނީ ވަރަށްގިނަ ގޮންޖެހުންތަކާއި ކުރިމަތިލައްވާފައެވެ. އަދި މާލޭ މުނިސިޕަލްޓީ ހަމައަކަށް އެޅުއްވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މުއްސަނދިންނާއި ގާއްމީހުންގެ ޝިކާރައަކަށްވެފައިވާ މާލެ “މިނިވަން” ކުރައްވާފައެވެ. ދެފުށްފެންނަ ގޮތަށް ހާމަކަމާއެކު ކަންކުރެވޭނޭ މެކޭނިޒަމެއް މާލޭ މުނިސިޕަލްޓީގައި ގާއިމުކުރައްވާފައެވެ. މިއަދު އާދަމް މަނިކު އެވަޑައިގަންނަވަނީ އެކަން އަމަލީގޮތުން ސާބިތުކޮށް ދެއްވަމުންނެވެ. ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދަވަމުންނެވެ

.

ސަރަނގު އާދަމް މަނިކު ފާހަގަ ކުރެވިފައިވަނީ އަބަދުވެސް “ފުލްގިއަރ” ގައި މަސައްކަތް ކުރައްވާ ބޭފޫޅެއްގެ ގޮތުގައެވެ. ރައްޔިތުންގެ އަތްފޯރާ ފަށުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ރައްޔިތުންގެ އަޑުއައްސަވާ ސާފުސީދާ ބޭފުޅެއްގެ ގޮތުގައެވެ

.

ކަށަވަރުކުރެވޭ ގޮތުގައި އާދަމް މަނިކުގެ ގާބިލުކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާނޭ އެއްވެސް ކަމެއްނެތެވެ. އެއަށްވުރެ އޭނާއާމެދު ރައްޔިތުންގެ ޔަގީންކަން ބޮޑެވެ. އޭނާގެ ހުރިހާވެސް ވިސްނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމެވެ. ވިޔަފާރީގެ އުޞޫލުން ކުރަންޖެހޭ ކަންކަން އެމަގަށް އެޅުވުމެވެ. އިޖްތިމާޢީ އަދާލަތު ދެމެހެއްޓުމެވެ. މާލެ ސާފުތަނެއްގެ ގޮތުގައި ލެހެއްޓުމެވެ. ދަތުރުވެރިންނަށް ފަސޭހަކޮށް ދެއްވުމެވެ

.

ރައްޔިތުންގެ ވެރިކަން ރައްޔިތުން އެދޭގޮތަށް ކުރެވޭނީ ސަރަނގު އާދަމް މަނިކުފަދަ އެތައް އާދަމް މަނިކެއް އުފެދިގެންނެވެ. އަދި މިކަން ހާސިލުވާނީ ސަރުކާރުގެ ތެރެއިންވެސް މިމަގަށް މަސައްކަތްތަކެއް ކުރެވިގެންނެވެ. އާދަމް މަނިކަށްވެސް ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ދީގެންނެވެ

.

އާދަމް މަނިކުގެ މަސައްކަތްޕުޅަށް ކާމިޔާބަށް އެދެމެވެ. ތިޔަގޮތުގައި ކުރިއަށް ވަޑައިގަތުމަށް ހިއްވަރުދެވެ. އާދަމް މަނިކަށް ސާބަހާއި އައްސަރިބަހެވެ. ތިޔައީ ހަމަ ލާމަސީލު ވެރިއެކެވެ

.

Sorry, comments for this entry are closed at this time.