ޑރ ވަޙީދުގެ ދެހައިސިއްޔަތު: ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުތަ؟ ނުވަތަ ދިވެހިޖުމްހޫރިއްޔާގެ ނާއިބުރައީސްތަ؟
ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓްގައި ނަންގަނެވުމަކީ ގޯހެއް

ވެލިދޫ މުޙައްމަދު ޙަލީމް
ހައިސިއްޔަތު ބަދަލުވުމަކީ ދިވެހީންނަށް އާކަމެއް ނޫނެވެ. ޒައީމު މައުމޫނާއި ރައީސް މައުމޫނުވެސް އަޅުގނަޑުމެން ދުށީމެވެ. މިއަދުވެސް ތަކުރާރުވަމުން މިދަނީ މިޒާތުގެ ކަމެކެވެ. ނާއިބްރައީސް ޑޮކްޓަރ ވަހީދާއި ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރ ޑޮކްޓަރ ވަހީދެވެ.
ނާއިބްރައީސް ޑޮކްޓަރ ވަހީދުވަނީ ނިމިގެންދިޔަ އަޟުޙާ ޢީދު ބަންދުގައި ތިލަދުންމަތީގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުގައި މިދަތުރުފުޅުވަނީ ވަރަށްކުލަގަދަކޮށް ފާހަގަކޮށްފައެވެ. އަދި އެހެނިހެން މީޑިޔާތަކުންވެސް މިޚަބަރުތައްވަނީ ފަތުރާފައެވެ. ލިޔެފައެވެ
.
ޑޮކްޓަރ ވަހީދުގެ ދަތުރުފުޅުގެ ޚަބަރުތައް އަޅުގަނޑު އަހަމުންދިޔައިރު އަހާލަން އުނދަގޫ ގޮތެއް ހުއްޓެވެ. ރައްޔިތުންގެ ހާލުއަހުވާލުބެއްލެވީ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުތޯ ނުވަތަ ދިވެހި ޖުމްހޫރިއްޔާގެ ނާއިބްރައީސްތޯ ހިތުގައި ސުވާލު އުފެދުނެވެ. އެކުވެރިންނާ ގާތްރައްޓެހިންނާ އެސުވާލު ކުރިމަތިކުރެވުނެވެ. އަދި “ސަރ” އަރިހުގައި އެވާހަކަ ނަންގަނެވުނެވެ. އަދި ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގެ ދޭސީ ޚަބަރތަކުގައި ޑޮކްޓަރ ވަހީދުގެ ދެހައިސިއްޔަތު ދައްކުވައިދީފައިވާތީ ވަރަށްބޮޑަށް ހިތުގައި ޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވިސްނުމަކީ ކޮބައިކަމެއް ނޭނގުނެވެ. އަދި އަމުދުން ފަރަންޖީ ޚަބަރުތަކުގައި ވަހީދުގެ ދެހައިސިއްޔަތު ސިފަވާކަށް ނެތެވެ. ހައްތާވެސް ޝައްކެވެ. ގިލަންވެރިކަމެވެ
.
ނާއިބްރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑެލިގޭޓް ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ކޮންމެ ވަގުތަކާއި ދިމާވާ ކަހަލަގޮތަކަށް ޑޮކްޓަރ ވަހީދު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅަކީ ނާއިބްރައީސގެ ހައިސިއްޔަތުން ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ކުރައްވާ ދަތުރުފުޅުތަކަކަށް ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ. ޝައްކެއްނެތި އެނގޭގޮތުގައި ރައްޔިތުންގެ ހާލުއަހުވާލު އޮޅުން ފިލުއްވުމަށް ނާއިބްރައީސް ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ
.
ޑޮކްޓަރ ވަހީދުގެ ދަތުރުފުޅަކީ ހައިސިއްޔަތުތައްގިނަ ދަތުރުފުޅުތަކެއްކަމުގައިވަނީނަމަ، ނާއިބްރައީސްގެ ދަތުރު ޚަރަދުތަކާއި ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރުގެ ދަތުރު ޚަރަދުތައް ވަކިކުރުމަކީ އޮޑިޓަރ ޖެނަރަލަށް ފަސޭހަކަމަކަށް ނުވާނެއެވެ. އަދި އުފެދޭ މައްސަލަތައް ގިނަވެ އޮޅުން ބޮޅުންތައް އަރާނެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ޑޮކްޓަރ ވަހީދާގެ މައްޗަށް ވަގުލޯ އަޅަން ފަށާފާނެއެވެ
.
ޑޮކްޓަރ ވަހީދުގެ ހައިސިއްޔަތު ހުރިހާ ގޮތަކުން ކުރައްވަމުން ގެންދަވާނަމަ، ޔޫތު މިނިސްޓަަރ ޙަސަން ލަޠީފުގެ ދަތުރުފުޅުތަކުގައި ލިބަރަލް ޕާޓީގެ ކުލަޖެހެންފަށާފާނެއެވެ. މިނިސްޓަރ ލަޠީފަކީ އެޕާތީގެ ޑެޕިޔުޓީ ލީޑަރެވެ. އަދި ހަމައެފަދައިން ޓޫރިޒަމް މިނިސްޓަރާއި ހޯމް މިނިސްޓަރ މުޙައްމަދު ޝިހާބަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނެވެ. މިނިސްޓަރ ސަވާދާއި މިނިސްޓަރ ޝިހާބުގެ ދަތުރުފުޅުތަކުގައި ޖުމްހޫރީ ކުލަތައް ޖެހެންފަށާފާނެއެވެ. މިއީ ހަގީގަތުގައިވެސް ވިސްނާލަންޖެހޭ ކަމެކެވެ
.
ސަރުކާރު ހިންގާން ތިއްބެވި ‘އރިހުބޭކަލުންނަށް’ ދުވާލުއިރުއަރާ އޮއްސޭފަދައިން ވެރިކަމުގެ ދަހިވެތި ހުވަފެން ފެނުމަކީ ވަރަށް ބޮޑުގޯހެކެވެ. ނާއިބްރައީސަކު ވެރިކަމުގެ ޚިޔާލުކުރައްވަންވާނީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ދެދައުރު ހަމަކުރެއްވީމައެވެ. ނުވަތަ ފުރަތަމަ ދައުރަށްފަހު ދެވަނަ ދައުރު ކުރިމަތި ނުލައްވާނަމައެވެ. އެހެންނޫންނަމަ އެއީ ތާކިހަލެއް ބުންޏަސް ކުރަންހެޔޮވާ ޒާތުގެ ކަމެއް ނޫނެވެ. އަދި ތާކިހާބޭ އަހަރުމެންނަށް ހެޔޮނޭދޭނެކަން ދަންނަ ހުއްޓެވެ. ދަނެއު، އޭނާގެ ބޭނުމަކަށް ވެރިކަމުގެ ކޮއިލު ތެރެ ފަސާދުކުރުން ވެދާ ހުއްޓެވެ
.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓަކީ އެއޮފީހަށް ޚާއްޞަ ކުރެވިފައިވާ ވެބްސައިޓެކެވެ. އެވެބްސައިޓް މެދުވެރިކޮށް ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރ ޕްރޮމޯޓް ކުރެވޭނެނަމަ އެކަމަކީ ކަރަޕްޝަންގެ އަމަލަކަށް ނުވާނެތޯއެވެ. މަގާމުގެ ނުފޫޒު ބޭނުންކުރީކަމަށް ނުވާނެތޯއެވެ. ގައުމީ އިއްތިހާދު ޕާޓީގެ ވާހަކަތައް އެޕާޓީގެ ވެބްސައިޓް ލިޔަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ މާލިއްޔާއިން އަހަރަކު އެއްފަހަރު ދެއްވާނެއެވެ
.
Sorry, comments for this entry are closed at this time.