ކޯޕަންހޭގަންގައި ބޭއްވޭ ޖަލްސާއިން މުހިންމު ނަތީޖާއެއް ނެރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ރައީސް ނަޝީދަކީ، ވަރަށް ޤާބިލު، ކުޅަދާނަ ބޭފުޅެއް: ކޮމަންވެލްތުގެ މިދައުރުގެ ރައީސް

ކޯޕަންހޭގަންގައި ބޭއްވޭ ޖަލްސާއިން މުހިންމު ނަތީޖާއެއް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިކަމަށް ގޮވާލެއްވީ، ތިމާވެށީގެ ދާއިރާގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅުންނަށް ކޮމަންވެލްތް ޖަލްސާގެ ތެރެއިން އިއްޔެ ލިބިވަޑައިގެންނެވި ފުރުޞަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ބޮޑުވަޒީރު ޕެޓްރިކް މެނިންގ ރައީސް ނަޝީދަށް އަދި ރާއްޖެއަށް ދެއްވި ޚާއްޞަ ފުރުޞަތެކެވެ
.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ފަދަ ބޭފުޅުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ
.
އިއްޔެ ފެށުނު ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާގައި ތަޤްރީރު ކުރައްވަމުން ކޮމަންވެލްތުގެ މި ދައުރުގެ ރައީސް ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ބޮޑުވަޒީރު ޕެޓްރިކް މެނިންގ ވަނީ ރައީސް ނަޝީދަށް ތައުރީފް ކުރައްވާފައެވެ. މެނިން ވިދާޅުވީ ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދަކީ ވަރަށް ގާބިލް، ކުޅަދާނަ ބޭފުޅެއް ކަމަށެވެ
.
ބޮޑުވަޒީރު ޕެޓްރިކް މެނިންގގެ ވާހަކަފުޅުގައި، ރައީސް ނަޝީދު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާކަމީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރު ސެޕްޓެމްބަރުމަހު ޔޫ.އެން.ގައި ބޭއްވުނު ތިމާވެށްޓާބެހޭ ޖަލްސާތަކުން އޭނާއާ ބައްދަލުވެވަޑައިގެންނެވި ޒުވާން ރައީސް ނަޝީދަކީ، ވަރަށް ހުޝިޔާރު، ޤާބިލް ބޭފުޅެއްކަން ފާހަގަކުރެއްވުނު ކަމުގައިވެސް ބޮޑުވަޒީރު ޕެޓްރިކް މެނިންގ ވިދާޅުވިއެވެ. މި މޭރުމުން ޕެޓްރިކް މެނިންގ ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ
.
ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޖަލްސާ ފެށުނީ އިއްޔެއެވެ. މި ޖަލްސާ އިފްތިތާޙް ކޮށްދެއްވީ ކޮމަންވެލްތްގެ ވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އިލިޒަބަތު ދެވަނައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑާއި، އަދި ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ
.
Sorry, comments for this entry are closed at this time.