ވެލިދޫގައި އީދުކުޅިވަރުތައް ވަރަށް ފޯރިޔާއެކު ކުރިއަށް އެބަދޭ
އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބަރަކާތްތެރި އަޟުޙާ އީދުގެ އުފަލުގައި މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް އިއްޔެއިން ފެށިގެން ވެލިދޫގައި ކުރިއަށް އެބަ ގެންދެއެވެ. މިފަހަރުގެ އީދުކުޅިވަރު ޕްރޮގްރާމް ރާވައި ކުރިއަށް ގެންދަނީ ވެލިދޫގެ ބައެއް ކްލަބް ޖަމުޢިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. 12 މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޓީގައި ހިމެނީ ވެލިދޫ ޕޮލިސް، ވެލިދޫ އަންހެނުންގެ ކޮމިޓީ، ވެލިދޫ ޔޫތު ޑިވަލޮޕްމަންޓް ސޮސައިޓީ (ވީޑްސް)، ކުރި ސްޕޯޓްސް، ކްލަބް ވެލިދޫ ޕްރެންޑްސް، ހިޔާލީ ސްޕޯޓްސް، ކްލަބް ސްޓިލްރެޑް، އަދި ވެލިދޫ ޔޫތު ކްލަބް އެވެ
.
އީދު ކުޅިވަރުތައް ރަސްމީގޮތުން ފެށުމަށްޓަކައި ރޭ 7:30 ގައި ވަނީ ވެލިދޫގެ ބޮޑެތި މަގުތަކުގައި “ރަންފޮށި އުފުލުން” ކުރިއަށް ގެންދިޔުމުގެ އިތުރުން، ރޭ ފަތިހު 3:30 ގައި ވަނީ “އީދު ގެނައުން” ކުރިއަށް ގެންގޮއްސައެވެ
.
ވޮލީ މުބާރާތް
މީގެ ދިހަވަރަކަށް އަހަރުކުރިއްސުރެ ފެށިގެން، ވަރަށް ފޯރިޔާއެކު ވެލިދޫ ޔޫތު ޑިވަލޮޕްމަންޓް ސޮސައިޓީ (ވީޑްސް) އިން ބާއްވަމުން އައި ވޮލީ މުބާރާތް ފާއިތުވި ދެއަހަރު ނުބޭއްވިނަމަވެސް މިއަހަރުގެ އަޟުހާއީދުގެ މުނާސަބަތުގައި އިއްޔެ ހަވީރު ވަނީ ފަށާފައެވެ. ހަތަރު ޓީމް ވާދަކުރާ “ވީޑްސް އަޟުހާކަޕް 2009″ ހުޅުވައިދިނީ ޕީޕަލްސް ނެޓްވޯކް ގެ ސީއީއޯ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗްގައި ބައްދަލުކުރީ ކްލަބް ވެލިދޫ ފްރެންސް އާއި ވެލިދޫ ޔޫތު ކްލަބެވެ. 1 ސެޓު 3 ސެޓުން މިމެޗް ކާމިޔާބުކުރީ ފްރެންޑްސް އެވެ. މިއަދު ހަވީރު ހިޔާލީ ސްޕޯޓްސް ކްލަބާއި ވިމްސީ ސްޕޯޓްސް ބައްދަލުކުރި މެޗް 3 ސެޓުން ކާމިޔާބު ކުރީ ހިޔާލީ އެވެ
.
މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު 4 ކުޅުންތެރިޔަކުވެސް ކުޅެއެވެ. އެކުޅުންތެރިންނަކީ ލޯންގޭ، ނިޒާރު، ކޮނިކާ އަދި ކުޑަކާއްޓޭއެވެ. މީގެތެރެއިން ލޯންގޭ އާއި ނިޒާރު ފްރެންޑްސް ޓީމަށް ކުޅޭއިރު، ކޮނިކާ އާއި ކުޑަކާއްޓޭ ކުޅެނީ ހިޔާލީ އަށެވެ
.
މިމުބާރާތުގެ ދެމެޗް މާދަމާ ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. ހެނދުނު ކުޅޭ މެޗްގައި ބައްދަލުކުރާނީ ޔޫތު ކްލަބާއި ވިމްސީ އެވެ. ހަވީރު ކުޅޭ މެޗްގައި ހިޔާލީ އާއި ފްރެންޑްސް ބައްދަލުކުރާއިރު، މިމެޗަކީ މުބާރާތުގެ އެންމެ ފޯރިގަދަ މެޗްކަމަށް ބެލެވެއެވެ
.
ފުޓްބޯޅަ މުބާރާތް
އެހެން އަހަރުތަކާ ޚިލާފަށް އަޟުޙާއީދުގެ މުނާސަބަތުގައި ފުޓްބޯޅަ މުބާރާތެއްވެސް ވެލިދޫގައި ކުރިއަށް އެބަ ގެންދެއެވެ. ސްޓިލްރެޑް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ސްޓިލްރެޑް ކަޕް 2009″ މެޗްތައް ހެނދުނާއި ހަވީރު ކުރިއަށްދާއިރު މިމުބާރާތުގައި 8 ޓީމެއް ބައިވެރިވެފައި ވެއެވެ. 18 އަހަރުން ދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 7 މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ
.
ބައިބަލާ
ކުރީ އަހަރެކޭވެސް އެއްފަދައިން ބައިބަލާ މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ރޭ ފެށި މިމުބާރާތުގައި ފަސްޓީމެއް ވަނީ ބައިވެރިވެފައެވެ. އެޓީމް ތަކަކީ ކުޑަކަންމަތި، ވެލިދޫ ޔޫތު ކްލަބް، ކެލަރިއަންސް، ނަގުލުރޯޅި އަދި ކުޑަކަންމަތި ޖޫނިއާސް އެވެ. ރޭގައި މިމުބާރާތުގެ ފަސް މެޗެއް ކުޅުނުއިރު، މިރޭ ވަނީ ދެމެޗް ކުޅޭނެއެވެ
.
ސްޓޭޖްޝޯވ
ކޮންމެ އަހަރެއްގެވެސް އަޟުޙާއީދާ ގުޅުވައިގެން ވެލިދޫގައި ބާއްވާ ޚާއްސަ ސްޓޭޖްޝޯވ، ވެލިދޫ އޯޕަން ސްޓޭޖްގައި މިރޭ ފެށޭނެއެވެ. އީދު ދުވަހުގެ ކޮންމެ ރެޔަކު ބޭއްވުމަށް ހަމަޖައްސާފައިވާ މިޝޯވގައި، މިރޭ ކުރިއަށްދާނީ ގޮމަ ގްރޫޕްގެ ނެށުމުގެ ހަރަކާތްތަކެވެ. މިފަހަރުގެ ސްޓޭޖް ހަރަކާތްތަކުގެ ތެރޭގައި “ނޫރު ގްރޫޕް” ގެ 14 ފަންނާނެއްގެ ހަރަކާތްތައް ތަމްސީލު ވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު 7 ފިލްމީ ތަރިއެއްވެސް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ކޮންމެ ރެއެއްގެ ވެސް ސްޓޭޖް ޝޯވ ކުރިއަށްދާއިރު ވެލިދޫ ފަންނާނުންގެ ހަރަކާތްތައްވެސް ފެނިގެންދާނެއެވެ
.
އެހެނިހެން
މަތީގައި ދެންނެވި ކަންތައްތަކުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާކަމަށް އީދުކުޅިވަރު އިންތިޒާމް ކުރާ ކޮމިޓީން މައުލޫމާތު ދެއެވެ. މިގޮތުން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު މާދަމާ ހަވީރު ސަގާފީ ކުޅިވަރު އޮންނާނެކަމަށް ވެއެވެ
.
Sorry, comments for this entry are closed at this time.