އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރައްވައިފި

November 24th, 2009 ލިޔުން ޝާއިއުކުރެވުނީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 167ވަނަ މާއްދާގެ (ހ)އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް، ޤާނޫނުއަސާސީގެ 168ވަނަ މާއްދާގެ (ށ)އާއި ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ

.

އިލެކްޝަންސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ފުއާދު ތައުފީޤު މއ. ތަޅަމުދިގެ، އިބްރާހީމް ވަޙީދު ގ. ކަލާވެހި، މުޙަންމަދު ފާރޫޤް މ. ފުސްފަރާގުގެ، ޢަލީ މުޙަންމަދު މަނިކު ދަފްތަރު ނަންބަރު 1851، އަޙްމަދު ފަޔާޒް ޙަސަން މ. ހަޒާރީވިލާ އެވެ

.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެކިކަންކަން ތަންފީޒު ކުރަމުން ގެންދިޔުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، އެބޭފުޅުންގެ މަސްއޫލިއްޔަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔެ ދެކޭގޮތުގައި ރާއްޖޭގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ތެރެއިން އިންޞާފުވެރި އިންތިޚާބަކީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް ހަރުދަނާ ކުރައްވައި ބިނާކުރަނިވި ގޮތެއްގައި ޕާޓީތައް ހިންގުމުގައި އިލެކްޝަން ކޮމިޝަނުން އެހީތެރިވެދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

.

މިރަސްމިއްޔާތުގެ ކުރިން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްފާޟިލް ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި، މިބޭފުޅުން ކުރެއްވިއެވެ

.

Sorry, comments for this entry are closed at this time.