އޫރު ރޯގާގެ ނުރައްކާތެރިކަން ހަތަރު ވަނަ ދަރަޖައަށް… އަރިދަފުސް ރޯގާ ޖެހޭ މީހުން މާސްކު އަޅަން އިލްތިމާސް ކޮށްފި
އޫރު ރޯގާ އުޅޭ ރަށްރަށުގައި އީދު ކުޅިވަރުތައް ފަސްކޮށްލުމަށް އެދެފި
ބަލި މީހުންނަށް ގޮވާލަން އައިޖީއެމްއެޗަށް ދިއުމުގެ ފުރުސަތު ބަންދުކޮށްފި

މ.އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކަށް އެޗް1އެން1 ޖެހިފައިވާކަން އިއްޔެ ކަށަވަރުވުމާއެކު އޫރު ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް މިންވަރު ތިންވަނަ ދަރަޖައިން ހަތަރު ވަނަ ދަރަޖަ އަށް ޖައްސައިފި އެވެ. ހަމަ އެއާ އެކު އަރިދަފުސް ރޯގާ ޖެހޭ މީހުން މާސްކު އެޅުމަށާއި އެފަދަ މީހުން އާއްމު ތަންތަނަށް ނުދިޔުމަށާއި މި ބަލި ފެނިފައިވާ ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ނޫނީ ދަތުރު ނުކުރުމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ އިލްތިމާސް ކޮށްފަ އެވެ.
އިންފްލުއެންޒާ-އޭ އަށް އިތުރު ތިން މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެއީ ށ. ގޮއިދޫ 21 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކާއި މ. މުލަކު 73 އަހަރުގެ ފިރިހެނެކެވެ. ރާއްޖެ އިން ބޭރުން އައިތަނުން ހުޅުލޭގަ އާއި މާލޭގައި އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންގެ އެޗް1އެން1 ޓެސްޓުގެ ނަތީޖާއެއް އަދި ނޭނގެ އެވެ
.
އޫރު ރޯގާ ޖެހިފައިވާ 12 މީހަކު މިހާތަނަށް ފެނި އޭގެ ތެރެއިން 65 އަހަރުގެ މީހަކު މަރުވެފައި ވާއިރު ހަ މީހަކަށް މި ބަލި ޖެހިފައި ވަނީ ރާއްޖެ އިންނެވެ. މި ވަގުތު ފަސް މީހަކަށް ފަރުވާ ދެމުން އަންނަ އިރު އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ
.
ނޫސްވެރިންނާ ބައްދަލު ކުރައްވާ ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ސީނިއަ މެޑިކަލް އޮފިސަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވިގޮތުގައި އޫރު ރޯގާގެ ހާލަތު ހަތަރު ވަނަ ދަރަޖަ އަށް ޖެއްސީ ރ. އިނގުރައިދޫގަ އާއި މ. އަތޮޅުގައި ބަލި އުޅޭކަން ކަށަވަރު ވުމުންނެވެ
.
ޖަމްޝީދު ވިދާޅުވީ ފަސް ވަނަ ދަރަޖަ އަށް ދާނީ “ވަރަށް ފުޅާ ދާއިރާއެއްގައި” ރަށްރަށުގައި އޫރު ރޯގާ ފެތުރެން ފެށުމުން ކަމަށާއި އިނގުރައިދޫގައި ވެސް މުޖުތަމައުގެ ތެރޭގައި ނުފެތުރި ބަލި “ހިފެހެއްޓިފައި” ވާކަމަށެވެ
.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި އޫރު ރޯގާގެ ވެކްސިން ރާއްޖެ އަށް ލިބޭނެ އިރެއް ނޭނގޭ އިރު ފެބްރުއަރީގެ ކުރިން ވެކްސިން ލިބުމުގެ ފުރުސަތު “ވަރަށް، ވަރަށް ކުޑަ” އެވެ. ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަ ދައްކައިގެން ވެސް އަވަހަށް ވެކްސިން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ވެކްސިން ނުލިބި އޫރު ރޯގާ ފެތުރިގެން ހިނގައްޖެ ނަމަ ދިމާވާނެ ހާލަތަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޕާމަނެންޓް ސެކްރެޓަރީ ޑރ. ޝީނާ މޫސާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދޭ ވެކްސިން ފެބްރުއަރީގެ ކުރިން ލިބެން ނެތް ކަމަށެވެ
.
ހެލްތު މިނިސްޓްރީން ބުނީ ދަރަޖަ މައްޗަށް ދިޔުމުން ކުރިން ކުރަމުން އައި ކަންތައްތަކަށް ބަދަލު ގެންނަމުން ދާ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ ކުރިން އެންމެ ބޮޑަށް ސަމާލުކަން ދެމުން އައީ ސްކްރީން ކުރުމަށް ކަމަށާއި މިހާރުގެ މައިގަނޑު މަސައްކަތަކީ ފަރުވާ ދިނުމުގެ ގާބިލްކަން އިތުރުކޮށް ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ
.
އައިޖީއެމްއެޗުން ފަރުވާ ދޭ ބަލި މީހުންނަށް ގޮވާލަން ދިއުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ބަންދު ކޮށްފަ އެވެ. އައިޖީއެމްއެޗުގެ ޒިންމާދާރު ވެރިޔާ ޑރ. އަހުމަދު ރާޒީ ވިދާޅުވީ “އަބަދުވެސް އޯވަކްރައުޑް ވެފައި” އޮންނަ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ހަވީރު 4:00ން 7:00 އަށް ހުޅުވާލާފައި އޮތް ވަގުތު ވަކި މުއްދަތެއް ނެތި ބަންދު ކޮށްފައިވާ ކަމަށާއި ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް އެއްގޮތަކަށް ވެސް ނުދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން ކުޑަކުދިން އަމުދުން ނުގެންދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ
.
ބަލި އުޅޭކަން ކަށަވަރުވެފައިވާ ރަށްރަށުގައި އާއްމު އެއްވުންތައް ނުބޭއްވުމަށާއި ކޮންމެހެން ދާން ޖެހިގެން ނޫނީ އެފަދަ ރަށްރަށަށް ނުދިޔުމަށް ވެސް ހެލްތު މިނިސްޓްރީން މިއަދު އިލްތިމާސް ކުރި އެވެ. ޑރ. ޖަމްޝީދު ވިދާޅުވީ އޭގެ މާނައަކީ އެ ރަށްރަށް ކަރަންޓީނު ކުރުން ނޫން ކަމަށާއި “އެއީ މި ބަލީގައި އަމަލު ކުރާ އުސޫލެއް ވެސް ނޫން” ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެގޮތަށް ނަސޭހަތްތެރި ވަނީ ކަމަށެވެ. އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރިނަމަ އާއްމު ތަންތަނަށް ނުދިޔުމަށާއި މާސްކު އެޅުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ
.
ޑރ. ރާޒީ ވިދާޅުވިގޮތުގައި އޫރު ރޯގާ އިން ރައްކާތެރިވުމަށް ކުރުން އެންމެ މުހިއްމު ކަމަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން އާދަ ކުރުމެވެ
.
ހެލްތު މިނިސްޓްރީން ބުނީ އޫރު ރޯގާ އުޅޭ ރަށްރަށުގައި އާއްމު އެއްވުންތައް ނުބޭއްވުމަށާއި ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން އީދުގެ މުނާސަބަތުގައި އެފަދަ ރަށްރަށުގައި ބާއްވާ ހަރަކާތްތައް ފަސް ކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ
.
Sorry, comments for this entry are closed at this time.