އޫރުރޯގާއިން ރައްކާތެރިކޮށްދެއްވުމަށް އެދި “ޤުނޫތު ދުޢާ” ކުރުމަށް ހަމަޖައްސައިފި
އޫރުރޯގާ ހަލުއިކަމާއެކު ފެތުރެމުންދާތީ، އެކަމުން ރައްކަތެރިކޮށްދެއްވުމަށް އެދި “ޤުނޫތު ދުޢާ” ކުރުމަށް ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީންވަނީ މިމަހުގެ 23 ން (މާދަމާ) ފެށިގެން ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިގޮތަށް ދުޢާކުރުމަށް ހަމަޖައްސަވާފައެވެ
.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުނޫތު ކިއުމަށް ހަމަޖައްސައި ކަމާބެހޭ ފަރާތްތަކަށް މިހާރުދަނީ އެކަން އަންގަވަމުންނެވެ. މިދުވަސްވަރު ދީނީ ޢިލްމުވެރިން ތިއްބެވި ރަށްރަށުގައި އެފަދަ ބޭފުޅުން އިމާމުވެ ނަމާދުކުރައްވައި، ދުއާކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއްކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ
.
މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެތެރެއިން މުޞީބާތުގެ ވަގުތުގައި ހިތުން ދުޢާކުރުމަށް ކުޅަދާނަކަން ލިބިގެންވާ އިމާމުން، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢްތިދާލުގައި ދުޢާ ކުރެއްވުމަށާއި، އެފަދަ ޤާބިލްކަންނެތް އިމާމުން، ނަމާދުންނިމި ސަލާމް ދިނުމަށް ދުޢާކުރަމުން ގެންދަވާގޮތަށް ހަމަޖައްސާފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ
.
ރާއްޖޭގައި ކުރިމަތިވެގންއުޅޭ މިމުޞީބާތުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރެވޭ މިދުޢާ، ޖަމާޢަތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުނދަގޫވާ މިންވަރަށް ދިގުނުކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ
.
ޤުނޫތު ދުޢާއަކީ ފަހަކާއި ޖެހެންދެން ފަތިސްނަމާދުގެ ފަހުރަކުއަތުގެ ޢިއްތިދާލުގައިހުރެ ރާއްޖޭގައި ކިޔަމުން އައި ދުޢާއެކެވެ. އެހެންނަމަވެސް، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި މިކަމުގެ ޚިޔާލު ތަފާތުވުންތައް އުފެދި، ޤުނޫތު ދުޢާއަކީ ވަކި ނަމާދަކަށް ޚާއްޞަކޮށްގެން ކިޔަންވީ ދުޢާއެއް ނޫންކަމަށް ކުރީގެ އިސްލާމީ ކަންތަކާއިބެހޭ އެންމެމަތީ މަޖިލީހުންވަނީ ނިންމާފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ޤުނޫތު ދުޢާ ވަކި ނަމާދަކަށް ހާއްޞަކުރުމުން އެއީ ބިދުޢައެއްކަމަށް ބެލެވޭ ކަމަށެވެ
.
Sorry, comments for this entry are closed at this time.