ރަހުމަތްތެރިކަމުގެ މެޗް ކޮރެޔާ ޓީމު ކާމިޔާބުކޮށްފި
ރާއްޖެ ބަލިވިނަމަވެސް، ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ: އުލްސާންގެ ކޯޗް

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ދެކުނުކޮރެއާގެ އުލްސާން ހަޔުންޑާއީ ހޯރާން ޓީމާއެކު ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗް ކޮރެޔާ ޓީމުން ކާމިޔާބުކޮށްފިއެވެ. ރޭ 8:30 ގައި ކުޅުނު މިމެޗް ކޮރެޔާގެ ލީގްގެ އުލްސަން ހަޔުންޑާއީ ޓީމުން ކާމިޔާބުކުރީ، ދެލަނޑު އެއްލަނޑުންނެވެ
.
މިމެޗްގެ ފުރަތަމަހާފު ނިމުނުއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް ފަހުހާފު ފެށުނުތަނާ، ގިނައިރުތަކެއްނުވަނީސް އުލްސަން ހަޔުންޑާއީއިންވަނީ ރާއްޖޭގެ ގޯލަށް ދެލަނޑުޖަހާފައެވެ. އެގޮތުން އުލްސަން ޓީމުންޖެހި، އެޓީމުގެ ފުރަތަމަލަނޑު ކާމިޔާބު ކޮށްދިނީ، 52 ވަނަ މިނިޓުގައި ސެއޮންގް މިން ކިންއެވެ. އަދި އެޓީމުން ޖެހި ދެވަނަލަނޑު ޖެހީ މެޗްގެ 58 މިނެޓްގައެވެ
.
ރޭގެ މެޗްގައި ރާއްޖޭގެ ޓީމުންޖެހި ހަމައެކަނިލަނޑު ޖެހީ، މެޗުގެ އިތުރު ވަގުތުގައެވެ. އެލަނޑު ރާއްޖެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެފަހު ތިރީސް މިނެޓުގައި ކުޅެންއެރި ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ
.
މީގެ ިތުރުން، ރޭގެ މެޗުން ރާއްޖެ ޓީމް ބަލިވިނަމަވެސް، ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވުނެވެ
.
ރޭގެ މެޗަށްފަހު ދެޓީމުގެ ކޯޗުންވަނީ، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކޮށްފައެވެ. އެގޮތުން ދެކުނުކޮރެއާގެ އުލްސާން ހަޔުންޑާއީ ހޯރާން ޓީމުގެ ކޯޗްބުނީ، އޭނާގެ ޓީމް މޮޅުވުމުން އުފާވި ކަށާއި، އެހެންނަމަވެސް ރޭގެމެޗުން ބަލިވި ދިވެހިރާއްޖޭގެ ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ރާއްޖެ ކިތަންމެ ކުޑަކަމުގައިވިޔަސް، ރާއްޖޭގެ ޓީމުން ރޭ ދެއްކި މޮޅުކުޅުމަކީ، ރާއްޖޭގެ ރައްޔިތުން ފުޓްބޯޅައަށް ލޯބި ކުރާކަމުގެ މޮޅު ހެއްކެއް ކަމަށެވެ. “ރޭގެ މެޗްގައި އަހަރެންގެ ޓީމުން ކުޅުނީ މޮޅުވާން. މިމެޗަކީ އެކުވެރިކަމުގެ މެޗެއް. އަހަރެން ރާއްޖެ ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. ރާއްޖޭ ކިތަންމެ ކުޑަނަމަވެސް، ރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަން އަހަރެންނަށް އެގިއްޖެ. އަހަރެން ރާއްޖެ ޓީމަށް ދޭން ބޭނުންވާ މެސެޖަކީ، އަދިވެސް ކުޑަ ހިތްވަރެއް ރާއްޖޭގެ ޓީމަށް ލިބިއްޖެކަމަށް ވާނަމަ، ރާއްޖޭގެ ޓީމަކީ ދުނިޔޭގެ ފުޓް ބޯޅާގައި ނަން ހިނގާނެ ޓީމެއް.” އުލްސާން ހަޔުންޑާއީ ހޯރާން ޓީމުގެ ކޯޗް ބުންޏެވެ
.
ރާއްޖޭގެ ކޯޗް އިސްތަވަން އުރުބާނީ ބުނީ، ރޭގެ މެޗުން ބަލިވިނަމަވެސް، ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ރޭގެ މެޗަކީ މޮޅުވާން ކުޅުނު މެޗެއް ނޫންކަމަށެެވެ. ރޭގެ މެޗަކީ ރަހުމަތްތެރިކަމުގެ، ޕްރެކްޓިސް މެޗެއް ކަމަށެވެ. “ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ. އަހަރެން ބޭނުމީ މޮޅުވާކަށް ނޫން. އަހަރެން ބޭނުމީ ޕާސިން ގޭމެއް ކުޅެން. އެކަން ރޭގެ މެޗުން ފެންނާނެ. ރޭގެ މެޗްގައި ގިނަ ބަދަލުތަކެއްވެސް ފެނިގެން ދިޔައީ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދޭން ބޭނުންވެގެން. އަދިވެސް ޓީމުގައި ކުޑަކުޑަކޮށް ފިޒިކަލްގެ މަސްސަލަތަކެއް އެބަހުރި” ރާއްޖެ ކޯޗް ބުންޏެވެ
.
ރޭގެ މެޗަށްފަހު އަންނަ ހޯމަދުވަހު ދިވެހި ޓީމު އަނެއްކާވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މެލޭޝިޔާއަށް ފުރާނެއެވެ. އެގައުމުގައިވެސް ވަރުގަދަ ދެމެޗު ކުޅޭނެއެވެ. ދިވެހި ޓީމު މެލޭޝިޔާއިން ދެންދާނީ ބަންގާޅަށެވެ
.
Sorry, comments for this entry are closed at this time.