ކުޑަކުދިންނަށް ގޯނާކުރުމަކީ، އެއްވެސް ޢުޒުރެއް ދެއްކެންއޮތް ކަމެއްނޫން: ނައިބު ރައީސް
ކުޑަކުދިންނަށް ގޯނާކުރުމަކީ، އެއްވެސް ޢުޒުރެއް ދެއްކެން އޮތް ކަމެއް ނޫން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް، ރާއްޖޭގައި ފާހަގަކުރުމުގެގޮތުން ހެދިގޮނޑުދޮށް ސަރަޙައްދުގައި މިދިޔަ ބުރާސްފަތިދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ
.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންނަށް ގޯނާކުރުން، ޚާއްޞަކޮށް ޖިންސީ ގޯނާކުރުމަކީ، ތަހުޒީބީ މުޖްތަމަޢުތަކުގައި މީހުން ކޮށްއުޅޭކަމެއް ނޫންކަމުގައި ވިދާޅުވެ، ރާއްޖޭގައި މިކަން އެހާ އާންމުވެފައިވުމުގެ ތަފާތު ސަބަބުތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެންގެ ދީނާއި ޘަޤާފަތް ބާރުއަޅަނީ ކުޑަކުދިން އޯގާތެރިކަމާއެކު ފުރިހަމަ ޞިއްޙަތެއްގައި ބޮޑުކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، ކުޑަކުދިން ޙިމާޔަތް ކުރުމަކީ ކުޑަކުދިންގެ ތަރައްޤީއަށް ބޭނުންވާ ކަމެއް ކަމަށާއި، ކުއްޖަކު އުފަންވުމާއެކު އެކުދިންނަށް ލިބެންޖެހޭ ޞިއްޙީ ފަރުވާއާއި އެހީތެރިކަން އެއީ، އެކުދިންގެ ޙައްޤެއް ކަމުގައިވެސް ނާއިބް ރައީސް ވިދާޅުވިއެވެ
.
މިއަހަރަކީ، ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް” އުފެދިގެން އެމުޢާހަދާއަށް 20 އަހަރު ފުރޭ އަހަރުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ މިމުޢާހަދާގެ މެންބަރެއް ކަމަށާއި، މިމުޢާހަދާގެ ކުރިއެރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މި މުޢާހަދާގެ ދަށުން ކޮންމެ ކުއްޖަކީ ތަޢުލީމެއް ލިބެންޖެހޭ ކުއްޖެއް ކަމަށާއި، ރާއްޖޭގައިވެސް ތަޢުލީމީ އަދި ޞިއްޙީ އޮނިގަނޑު ރާވަމުން މިގެންދަނީ ކޮންމެ ކުއްޖަކަށްވެސް އެ ޚިދުމަތް ދެވޭ ގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި، ކުދިންނަށް އެކުދިންގެ މަދުރަސީ ދައުރު ނިމެންދެއް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމަކީ، މައިންބަފައިންނާއި ބޮޑެތިމީހުންނާއި އަދި މުޅި މުޖްތަމަޢުގެ މައްޗަށް ލާޒިމްވެފައިވާ ކަމެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ
.
ކުޑަކުދިންނަކީވެސް ބޮޑެތިމީހުން ފަދައިން ޤާނޫނުގެ ޙިމާޔަތް ލިބިގެންވާ ބައެއް ކަމަށާއި، ކުޑަކުދިންނަށް ގޯނާކުރާ މީހުން، އެކުރަނީ ޤާނޫނީ ބޮޑު ކުށެއް ކަމަށާއި، ބައެއްގެ ޙައްޤަކަށް އަރައިގަނެވެނީކަން ވިސްނަން އެބަޖެހޭކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި، އަލަށް ހެދުނު ޤާނޫނުގައި މިކަމަށް ވަރަށް ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކަމަށާއި، މިފަދަ ކުށްކުރާ މީހުންގެ އަދަދު އޭގެ ސަބަބުން މަދުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު، އެފަދަ ކުށްތައް ކުރާމީހުންނާމެދު ޤާނޫނު ތަންފީޛު ކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ
.
Sorry, comments for this entry are closed at this time.