އަހަރެންގެ ގަލަމުން: ބިން ހިއްކުމަށްފަހު ނަރުދަމާ ގާއިމުކުރަންވީ ނޫންތޯ؟

November 1st, 2009 ލިޔުން ޝާއިއުކުރެވުނީ

ސަރުކާރުން ވަނީ ނ.ވެލިދޫގައި ނަރުދަމާ ނިޒާމެއް ހެދުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. ނަރުދަމާ އަކީ ކޮންމެ ރަށަކަށް ވެސް މުހިއްމު އެއްޗަކަށްވާއިރު ވެލިދޫގެ ތަރައްގީއަށް ބަލަންޏާ، ވެލިދޫ އަށް ވެސް ނަރުދަމާ ނިޒާމެއް ވަރަށް މުހިއްމެވެ. އެކަމަކު އަޅުގަނޑުދެކޭ ގޮތުގައި މިއަދު ވެލިދޫ ރައްޔިތުންނަށް ނަރުދަމާއަށްވުރެ މުހިއްމުވާނީ ބިން ހިއްކުމެވެ. ވެލިދޫ ރައްޔިތުންނަށް ނަރުދަމާއަށްވުރެ ބިން މުހިއްމުވާ އެތައް ސަބަބުތައް އެބަހުއްޓެވެ

.

ވެލިދޫގެ ތަރައްގީ މިއަދު މަޑުޖެހިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ބިމުގެ ދަތިކަން ފޯރުމުގެ ސަބަބުން އިގްތިސޯދީ މަސައްކަތްތަކަށް ބޭނުންވާނެ ބިން ނެތުމެވެ. އެގޮތުން ސަފާރީ ބަނުމަށް ބޭނުންވާ ވަރަށް ގިނަ މީހުން ހަރުގެ އެޅުމަށް ބިން ނެތިގެން މިހާރު ވެސް ކިއުގައި އެބަތިއްބެވެ. ނަމަވެސް އެމީހުން ވެސް އެގޮތަށް ވެލިދޫން ބިންކޮޅެއް ލިބެންދެން މަސައްކަތް ހުއްޓާލައިގެން ނުތިބޭނެ އެވެ. މިއީ ވެލިދޫ ކުރިމަގާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ކަންބޮޑުވާނެ ކަމެކެވެ

.

ބިން ފުރި ވެލިދޫއިން ގެވަޅު ދޫނުކުރުމުގެ ސަބަބުން އެހެން ރަށްރަށަށް މަޑުމަޑުން ނަމަވެސް މީހުން ދަނީ ހިޖުރަކުރަމުންނެވެ. މިއީ ވެސް ވެލިދޫގެ އިގްތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު މިހާރު އެހާ ބޮޑަށްނުކުރި ނަމަވެސް ފަހުން އޭގެ ގެއްލުންދައްކާނެ ކަންތައްތަކެވެ. އިގްތިސޯދެއް ކުރިއަރައިގެންދާއިރު އެތަނެއްގެ އާބާދީއަކީ ވަރަށް ބޮޑު ރޯލެއް ކުޅޭނެ ބައެކެވެ. ސަބަބަކީ ތަންތަން ކުރިއަރައިގެން ދަނީ ޑިމާންޑާ އެއްވަރަށްކަމަށްވާތީ އެވެ

.

ވެލިދޫ އަކީ މިހާރު ވެސް އެމީހުން އަމިއްލައަށް އަމިއްލަ ގޭތެރޭ ނަރުދަމާ ހަދައިގެން އުޅޭ މީހުންނެވެ. އެހެންކަމުން ނަރުދާމާގެ ދަތި އެހާ ބޮޑަށް އިހުސާސްކުރާކަށް ވެލިދޫ ރައްޔިތުންނަކަށް ނުޖެހެ އެވެ. ނަމަވެސް ވެލިދޫ ރައްޔިތުން ބިމަށް ޖެހެމުންދާއިރު ބިން ހިއްކުމަށް ފަހު މުޅިރަށުގެ ނަރުދާމާ އެއްކޮށް ހެދުމުން ދެ ފަހަރަށް ނަރުދާގެ މަސައްކަތްނުކޮށް، ކުރިމަގަށް އެޅޭނެ ރަނގަޅު ފިޔަވަޅަކަށްވާނެ އެވެ

.

ވެލިދޫގެ ފަޅުތެރެއިން މިހާރު ވެސް ވެލިދޫ އޮތް ބޮޑު މިނުގެ ބިމެއް ހިއްކެން އޮތްއިރު ބިން ހިއްކުމުގެ މަޝްރޫކުރިއަށް ޖައްސާލަފައި ނަރުދާމާގެ މަޝްރޫއު ފަހަށް ޖައްސާލުން ވަރަށް މުހިއްމެވެ. އެއީ ވެލިދޫ ރައްޔިތުންނަށް ވެސް ސަރުކާރަށް ވެސް އެންމެ ފައިދާވާނެ ގޮތެވެ. ނޫންނަމަ އަނެއްކާ ވެލިދޫ ހިއްކުމަށް ފަހު ދެވަނަ ފަހަރަށް ނަރުދަމާގެ މަސައްކަތްކުރަންޖެހުމުން އެކަމަށްދާނެ ހަރަދު ވެސް ބޮޑުވާނެތާ އެވެ

.

Sorry, comments for this entry are closed at this time.