ތޮމްޕޭގެ އިންޓަވިޔު: އަހަންނަށް މިމަޤާމަށް އާދެވުނީ ކެތްތެރިކަމުން
އިންޓަނޭޝަނަލް ހޮޓެލް ޗެއިން އެއްގެ ފަރާތުން ދާދިފަހުން މާލޭގައި ހުޅުވި، “ހޮލިޑޭއިން މާލޭ” ގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރުގެ މަގާމުގައި ހުންނެވީ ނ.ވެލިދޫ އަށް އުފަން ބޭފުޅެކެވެ. ނ.ވެލިދޫ އަތިރިއާގޭ އަލީ ފާއިޒް (ތޮންޕޭ) އެވެ. ތިރީގައި މިވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހު އާފަތިސް ނޫހަށް ތޮންޕޭ ދެއްވާފައިވާ ޚާއްސަ އިންޓަވިޔުއެކެވެ.
———–
އާފަތިސް: ފާއިޒުގެ ޙަޤީޤީ ދާއިރާއަކީ ކޮބައިތޯ؟
ފާއިޒު: އަޅުގަނޑުގެ ދާއިރާއަކީ ސޭލްސް އެންޑް މާކެޓިން
.
އާފަތިސް: މިދާއިރާއަށް ވަދެވުނީ ކިހިނެއްތޯ؟
ފާއިޒު: އަޅުގަނޑަކީ ނ. ވެލިދޫ މީހެއް. ބައްޕައަކީ ސަފާރީ ބަނދެ އުޅުއްވާ ބޭފުޅެއް. ބައްޕަގެ އެމަސައްކަތާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވީ. އެންމެ ފަހުން ރަށު ސްކޫލް ނިމުމާއެކު އުމުރުން 17 އަހަރުގައި ހޮލިޑޭ އައިލެންޑް ރިސޯޓުގެ ޓެލިފޯން އޮޕަރޭޓަރެއްގެ ވަޒީފާއަށް ދިޔައީ. އެފަހުން ރިސެޕްޝަނިސްޓަކަށް އުޅެފައި އެތަނުން ކެނޑުނީ ކިޔެވުމުގެ ބޭނުމުގައި. ނަމަވެސް ކަންދިމާވި ގޮތުން އެކަން ނުކުރެވުނު. ދެން އަޅުގަނޑު ދިޔައީ ހުވަފެންފުށްޓަށް. އެއީ ކުރީގެ ނަކަތްޗާފުށި. އެތަނަށް ދިޔަތަނާ ހުވަފެން ފުށީގެ ނަމުގައި އެރަށް އަލުން ހަދަންފެށީ. އެހިސާބުން ކޮންސްޓްރަކްޝަން ސްޕަވައިޒަރަކަށް އެތާގައި އުޅުނީ. އެފަހުން ކޮންސްޓްރަކްޝަން ކޮލިޓީ ކޮންޓްރޯލާ އަކަށް އުޅުނީ. ހުވަފެންފުށިން ވަކިވިއިރު އަޅުގަނޑުހުރީ ފްރޮންޓް އޮފީހުގެ ސްޕަވައިޒަރަކަށް. އެރަށުގައި 6 އަހަރު އަޅުގަނޑު މަސައްކަތްކުރިން
.
އާފަތިސް: މިދާއިރާއިން މިހާތަނަށް ލިބިފައިވާ އެންމެ ރަނގަޅު ކާމިޔާބީއަކީ ކޮބައިތޯ؟
ފާއިޒު: މިދާއިރާގައި އުޅޭތާ މިހާރު މިވީ އެގާރަ ވަރަކަށް އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މިހާރު އަޅުގަނޑަށް އާދެވިފައިވާ މަގާމު. މިމަގާމަށް އައީ އިންޓަރވިއު އިންވެސް ފާސްވެގެން އަންނަން ޖެހޭ މަގުންހަމަ
.
އާފަތިސް: ހޮލިޑޭ އިން މާލެ ހޮޓަލަށް ބަދަލުވީ ކީއްވެތޯ؟
ފާއިޒު: އޭގެ ކުރިން އަޅުގަނޑު ހުވަފެން ފުށިން ބަދަލުވީ ސަލްޓަންސް އޮފް ދަ ސީއަށް. އެތަނުގެޓްރެވަލްސްޕެޝަލިސްޓަކަށް. އެމަޤާމުގައި ހުރެފައިމިތަނަށް އަންނަހިތުން އެޕްލައި ކޮށްގެން އިރާދަ ކުރެއްވިއްޔާ މިއާދެވުނީ
.
އާފަތިސް: ހޮލިޑޭ އިން މާލެ ހޮޓާ ތަރައްޤީކޮށް މާކެޓު ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ؟
ފާއިޒު: ބައެއްކަހަލަ ވަޒީފާ ތަކަށް ދިވެހިން ނުލިބުން އެންމެ ބޮޑު ގޮންޖެހުމަކީ. މިހޮޓަލުގައި ހުންނާނެ 3 ރެސްޓޯރެންޓް. އެތަންތަނަށް ބޭނުންވާ ވަރަށް ދިވެހި ކުދިން ނުލިބޭ. ފުޑު އެންޑް ބޭވަރޭޖް ދާއިރާއަށް ދިވެހިން ލިބުން ވަރަށް ދަތި. ޚާއްސަކޮށް އަންހެން ކުދިން ނުލިބޭ. މިހެންމިވަނީ އެންމެ ކުރީން ފެށިގެން އެކުދިންގެ ސިކުނޑި ހޭނިފައިވާ ގޮތަކުން ކަމަށް ވެދާނެ. މި ދާއިރާއަށް ކުދިން ނުލިބުމުގެ މައްސަލަ ނޫން އެހެން ކަމެއް ދިމާނުވޭ އިރާދަ ކުރެއްވީތީ
.
އާފަތިސް: ދިވެހިންނަށް ވަޒީފާ ދެއްވުމަށް މިތަނުން ކިހާ އިސްކަމެއް ދެއްވަންތޯ؟
ފާއިޒު: ދިވެހިންނަށް ވަޒީފާ ދިނުމަކީ އެންމެ ބޮޑަށް އިސްކަންދޭ އެއްކަންތައް. އޯނަރުންވެސް ވިދާޅުވެފައިވަނީ ދިވެހިންނަށް ވަޒީފާދިނުމަށް އިސްކަންދޭން. ޚާއްސަކޮށް ފުޑު އެންޑް ބެވަރޭޖް ދާއިރާއިން
.
އާފަތިސް: ދިވެހިންގެ އަތްފޯރާ ފަށުގައި މިތަނުން ޚިދުމަތް ދެވޭނެތޯ؟
ފާއިޒު: ދިވެހިންގެ ތެރެއިންވެސް އާދައިގެ މީހާއަށްވެސް، އަތް ފޯރާ ފަށުން ޚިދުމަތް ލިބޭނެ. ނަމަވެސް އެކަން ބަރޯސާވާނީ ބޭނުންކުރާ ޕްރޮޑަކްޓަކަށް
.
އާފަތިސް: މިއީ މާލޭގައި ހުޅުވުނު މިފަދަ ފުރަތަމަ ހޮޓަލަށް ވުމުން ތަނަށް ލިބުނު އެޑްވާންޓޭޖަކީ ކޮބައިތޯ؟
ފާއިޒު: ތަނަށް ބަލާއިރު ލިބުނު އެޑްވާންޓޭޖަކީ މިތަން މާލޭގައި ހުރުމުން މިނޫނީ މިފަދަތަނެއް ނެތޭ ބުނުމުގެ ފުރުސަތު އޮތުން. މިތަނަށްވުރެ ބޮޑު އެޑްވާންޓޭޖެއް ޙަޤީޤަތުގައި ލިބޭނީ މާލެއަށް. އެއީ މިހޮޓަލުގެ ސަބަބުން ސިޓީއެއްގެ ގޮތުގައި މާލެ ދުނިޔެއަށް ތައާރަފްވެގެންދާނެ. މިތަނުގެ ސަބަބުން ސިޓީއެއްގެ ގޮތުގައި ދުނިޔޭގެ މީހުންނަށް މާލެ ތައާރަފްވުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް
.
އާފަތިސް: މިދާއިރާއިން ކިޔަވަން ގަސްތުކުރަންތޯ؟
ފާއިޒު: އިރާދަ ކުރެއްވިއްޔާ ކިޔަވާނަން. ސޭލްސް އެންޑް މާކެޓިން ދާއިރާއިން ކިޔަވަން ބޭނުންވަނީ. ޔޫކޭގެ ޔުނިވަރސިޓީ އަކުންވެސް މިދޭތެރެއަކުން ޗާންސް ލިބުނު. ނަމަވެސް އިގުތިސާދީ ހީނަރު ކަމުގެ ސަބަބުން އެކަންމިވަނީ ލަސްވެފައި
.
އާފަތިސް: މިހޮޓަލުން މުވައްޒަފުން ތަމްރީން ކުރާނެތޯ؟
ފާއިޒު: އާދެ! އެކަން ކުރާނެ. މިތަނަކީ ވޯލްޑް ވައިޑް ތަނަކަށް ވުމުން ނިއުޔޯކް، ލަންޑަން، ޕެރިސް ފަދަ ތަންތަނުގައި ތަމްރީން ހޯދުމުގެ ފުރުޞަތު މިތަނުގެ މުވައްޒަފުންނަށް އޮންނާނެ
.
އާފަތިސް: މިހޮޓާ އާންމުންނަށް ދައްކާލުމަށް ހުޅުވާލާނަންތޯ؟
ފާއިޒު: އިރާދަކުރެއްވިއްޔާ ތިޔަކަން ކުރުމަށް އަޅުގަނޑުމެން އެބަ ވިސްނަން. ނަމަވެސް ހޮޓަލުގެ ޚިދުމަތް އެއްކޮށްދޭން ފެށުމަށްފަހު އެކަންކުރާނީ. އެކަން ކުރާނީ ކަނޑައަޅާ އުސޫލެއްގެ ދަށުން. އަޅުގަނޑުމެން ގަސްތުކުރަނީ ކޫޕަނެއް ދޫކޮށްގެން މީހުންނަށް މިތަން ހުޅުވާލަން. އެހެންނޫނީ ބައިވަރު މީހުން އަންނައިރު މެނޭޖުކުރަން ދަތިވާނެ
.
އާފަތިސް: މިހާރު އާދެވިފައި ހުރި މަގާމަށް އާދެވުނު އެންމެބޮޑު ސިއްރަކީ ކޮބައިތޯ؟
ފާއިޒު: އަޅުގަނޑުގެ ކެތްތެރިކަން. ކެތްތެރި ކަމާއެކު މަސައްކަތް ކުރުން. ނަމަކަށް ވުރެ ބޮޑަށް މަސަައްކަތް ކޮށްފައިވާނީ ކަންކުރަން. ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު އެންމެ ދަށުން ފަށައިގެން މަސައްކަތް ކުރުމުން މިއަދު މިހިސާބަށް އާދެވުނީ
.
އާފަތިސް: ނިންމާލަމުން ވިދާޅުވާނީ ކީކޭތޯ؟
ފާއިޒު: އެފްއެންބީ ދާއިރާއަށް ވީހާވެސް ގިނަކުދިން ކުރިމަތިލާށޭ. ޚާއްސަކޮށް އަންހެން ކުދިން ނިކުންނާށޭ. މިއީ މުސްތަޤުބަލު އޮތް ރަނގަޅުކަމެކޭ. މިފަދަ ހޮޓަލަކާ ގުޅުމުން ރަގަޅު ފުރުސަތުވެސް ލިބިގެންދާނެޔޭ
.
Sorry, comments for this entry are closed at this time.