ވޮށުފިލާ: ހެޔޮބަހެއް ނޫނީ ނުބުނާށެވެ

August 24th, 2009 ލިޔުން ޝާއިއުކުރެވުނީ

ވެލިދޫ މުޙައްމަދު ޙަލީމް ޢަލީ

އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިމިވަނީ ތަޤްވާގެ މޫސުމެވެ. މިމޫސުމުގެ ދުވަސްތައް ގުނަމުން ދާއިރު އަޅުގަނޑުމެންގެ އަތާއި ދުލުގެ ނުބައިކަމުން އެންމެހައި އަޚުންނާއި އުޚުތުން ސަލާމަތް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އަޅުގަނޑުމެންގެ ދޫމަތަކޮށް ހިމޭން ކުރަންވާނެއެވެ. ޣީބަ ބުނުމާއި ނެތިމޮށުމުން އެހެނިހެން މީސްތަކުން ރައްކާތެރި ކުރަންވާނެއެވެ. އެހެނިހެން މުސްލިމުންގެ މުޅަމަސް ކެއުމުން ދުރުހެލިވާންޖެހެއެވެ.

.

އިސްލާމްދީނަކީ އެންމެހައި މީސްތަކުންގެ އަބުރާއި ކަރާމާތް އެންމެމަތީ ދަރަޖައަށް ރައްކާތެރިކޮށްދީފައިވާ ދީނެވެ. މިދީނުގައި އެއްވެސް މީހެއްގެ ޙައްޤަކަށް އަދި ނަފްސަކަށްވެސް އަރައިގަތުމެން ނެތެވެ.

.

އަޅުގަނޑުމެންގެ ތެރޭގައި ތިމަތިމާމެންނާ ނުބުހޭ ވާހަކަތަކާއި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދެއްކުންވަނީ އާންމުވެފައެވެ. ކޮންމެ މީހަކުވެސް އެމީހަކު ހިތަށް އެރިއެއްޗެއް، ހިތުހުރި ގޮތަކަށް ފާޅުކުރަމުން ގެންދަނީ މުޖްތަމަޢުގެ ޙައްޤުގައި ތިމާވެސް އަދާކުރަންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އޮތްކަން ހަނދާން ނައްތާލާފައެވެ.

.

އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވެ ކޮންމެ މީހަކުވެސް އެމީހެއްގެ ބުއްދިއަށް ފެންނަ އެއްޗެއް ހާމަކުރުމާއި ފިކުރު ކުޅައުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ މިނިވަންކަމަކީވެސް އަދި ކޮންމެ ޙައްޤަކީވެސް އެއާއި ވިދިގެން އަޅުގަނޑުމެންވެސް ދައްކަންޖެހޭ އަގުތަކެއް ކަޑައެޅިފައި އޮންނަ ކަމެކެވެ.

.

ޚިޔާލުފާޅުކުރުމާއި ތިމާގެ ބުއްދިއަށް ފެންނަ އެއްޗެއް ހާމަކުރުމަށް އިސްލާމްދީނުވެސް ބަރުއަޅައެވެ. މިކަމުގެ އަސާސްތައް ބަޔާންކޮށްދެއްވަމުން މާތްރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމުގެ ޙަދީޘް ފުޅެއްގައި ވެއެވެ. “މާތްﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހާ ދަންނާށެވެ. ފަހެ، ހެޔޮބަހެއްނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ.”

.

ރޯދަމަހކީ ބައެއްމީހުންގެ ރުޅި އިންތިހާއަށް ގަދަމަހެކެވެ. މިފަދަ ވަގުތުތަކުގައިވެސް ތިމާގެ ދޫމަތަކުރާންޖެއެވެ. ކެތްތެރިކަން އިސްކުރަންޖެހެއެވެ. އަދި ޖާހިލަކު މުޚާތަބްކޮށްފިނަމަ، ނުވަތަ ހަޑިހުތުރު ބަހުރަވައިން ވާހަކަ ދައްކާނަމަ ތިމާ މިހުރީ ރޯދައަށްކަން އޭނާއަށް ހަދާންކޮށްދޭން ޖެހެއެވެ. އިސްލާމްދީނުގައިވެސް ކަންއޮތީ މިމަގުންކަން ކީރިޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުވެއެވެ.

.

ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ދުލުގެ ވަޒީފާ ހެޔޮގޮތުގައި އަދާކޮށްގެނެވެ. ހެޔޮބަހެއްނޫނީ ނުބުނާ މީހަކަށް ތިމާވެގެންނެވެ.

Sorry, comments for this entry are closed at this time.