ވޮށުފިލާ: ވެހޭތާ ފެންނަގާށެވެ

August 22nd, 2009 ލިޔުން ޝާއިއުކުރެވުނީ

ވެލިދޫ މުޙައްމަދު ޙަލީމް ޢަލީ


އަޅުގަނޑުމެންނާއި މިހާރު ބައްދަލުކޮށްފައި މިވަނީ ބަރަކާތްތެރި ރަމްޟާން މަހެވެ. އެނގިކަށަވަރުވާ ގޮތުގައި ރަމަޟާން މަހަކީ ހެޔޮކަމާއި ދަރުމާއި ސަވާބުގެ މައްސަރެވެ. ރަޙުމަތާއި މަގުފިރަތުގެ މައްސަރެވެ. މިމައްސަރުގެ ދަރުމައާއި އަޅުގަނޑުމެން އެންމެން ޝާމިލުކުރެއްވުންއެދި ދުޢާކުރަމެވެ. މަރުހަބާކިޔަމެވެ.

.

ރަމަޟާން މަސް އަޅުގަނޑުމެންނާ މިބައްދަލުކުރަނީ އަހަރަކު އެއްފަހަރުއެވެ. އެގާރަމަސްދުވަހު އަޅުގަނޑުމެންގެ ހަށިގަނޑުގެ “މެޝިންތައް” ވަރުބަލިވުމެއްނެތި ކަންފަތިވަމުންދިޔަ ދިޔުމަށް މަޑުޖައްސާލުމެއް ގެނެވޭ ގޮތުންނެވެ.

.

ރަމަޟާންމަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އެމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމަކީ ވަރަށް އެދެވޭ ކަމެކެވެ. ރޭއަޅުކަން ކުރުމާއި ގުރުއާން ކިޔެވުން އިތުރުކުރުމަކީ މިމަހަށްޓަކައި އަޅުގަނޑުމެންގެ ބިޒީ ޝެޑިޔުލް އިން ހުސްކުރާންޖެހޭ ވަގުތެވެ.

.

ރޯދަހިފުމާއި ކެއުންބުޔުމުން ދުރުހެލިވެގެން ހުރުމާ އެއީ ދެކަމެކެވެ. އެހެނީ އަޅުގަނޑުމެން ހިފާ ރޯދަވަނީ ﷲ އަށެވެ. އެރޯދައަށް ސަވާބު ދެއްވަނީ އެކަލާނގެއެވެ. އެހެންކަމުން ކީރި ގުރުއާނާއި މާތް ރަސޫލާގެ މަތިވެރި އިރުޝާދުތަކާއި އެއްގޮތްވާގޮތުގެ މަތިން ހިފާ ރޯދަމެނުވީ ރޯދައަކަށް ނުވާނެއެވެ. ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ކެއުން ބުޔުމުން ދުރުހެލިވެގެން ހުރުމަކީ ރޯދައިގެ ސަވާބު ލިބޭނެ ކަމެއްނޫނެވެ. އެކަމުގައި ހަމައެކަނި އޮތީ ބަނޑުހައިވުމާއި ކަރުހިއްކުމެވެ.

.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ހުރިހާކަމެއް މިދަނީ އެންމެ އެދެވޭ ގޮތެއްގައެއްނޫނެވެ. ދީނުގެ ކަންކަމާމެދު އަޅުގަނޑުމެން ފިސާރިވާންވީ ވަރާ ގާތަށްވެސް ނުވެވެއެވެ. އެއަށްވުރެބޮޑަށް އަޅުގަނޑުމެންނަށް އިސްކަންދެވެނީ ދުނިޔެވީ ކަންކަމުގެ މައްޗަށެވެ. ރޫހާނިއްޔަތަށްވުރެ ބޮޑަށް މާއްދިއްޔަތަށެވެ. އެހެންކަމުން އިސްލާމްދީނަކީ މިދެބަޔަށް ސަމާލުކަންދީފައިވާ ހަމައެކަނި ދީންކަމަށްވީހިނދު ރަމަޟާންމަސްވެސް ލައްވާފއިވަނީ މިހަމަކަން ގެނައުމަށްޓަކައެވެ. އަޅުގަނޑުމެންގެ ދަތުރު ގޮސްފައިވާ ހިސާބާއި އަރަންޏާއި ދަރަނި އަޅާކިޔާލުމަށްޓަކައެވެ. ނަފުސު ތާހިރުކޮށް އެހެން އަޚުންގެ މަތީން ހަނދާން ކުރުމަށްޓަލކައެވެ. ދުނޔެވީ ކަންކަން މަޑުޖައްސާލާ އުޚުރަވީ ހަޔާތަށް އާރޯކަމެއް ގެއުމަށްޓަކައެވެ.

.

ރަމަޟާންމަހުގެ ފުތަމަ ދިހާގައިވަނީ ރަޙުމްތެވެ. މެދު ދިހާގައިވަނީ ފާފަ ފުއްސެވުމެވެ. ފަހުދިހާގައިވަނީ ނަރަކައިން ދިންނެވުމެވެ. އަދިމިއާއެކު ލައިލަތުލް ޤަދުރި ވިލޭރޭ މިމަހުގައި ހިމެނިގެންވީކަމީ ރަމަޟާން މަހަށް ލިބިގެންވާ ޚާއްސަ ގަދަރެކެވެ. މަތިވެރި ޝަރަފެކެވެ. ލައިލަތުލް ގަދުރި ވިލޭރެއަށް މިމަތިވެރިކަން ދެއްވީ ގުރުއާން ބާވާލެއްވުނީ އެރޭކަމސްވާތީއެވެ. ގުރުއާން ބާވާލެއްވުނީ މީސްތަކުންނަށްހުރި ތެދުމަގެއްކަމުގައްޔާއި ހިދާޔަތާއި ހައްގާ ބާޠިލު ވަކިކޮށްދެނިވި އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން އެރެއާއި ބައްދަލުވެއްޖެމީހާ އެއްހާސް މައްސަރުގެ ދަރުމައާއި ސަވާބު ލިބިގަނެވިފެއެވެ. ހަމަކަށަވަރުން ލައިލަތުލް ޤަދުރި ވިލޭރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮންހިރިރޭތަކުން ރެއެއްކަން ރަސޫލާގެ ހަދީޘްފުޅުތަކުން ސާބިތުވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތެރިކަން އިތުރުކުރަންޖެހެއެވެ. ނަމާދުކުރުމާއި ދުޢާކުރުމާއި ޒިކުރުކުރުން މެކުހަށް ޖަހަން ޖެހެއެވެ. ތައުބާގެ އަތް އުފުލައިލަން ޖެހެއެވެ.

.

އަޅުގަނޑުމެން ޣާފިލުކަމުގައި ތިއްބާ ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމުގެ ކުރީން ފައިދާ ލިބިގަންނަށް ޖެހެއެވެ. ވެހޭތާ ފެންނުނެގިއްޖެނަމަ، މާދަމާ އަލާކަޑުވާނެ ގޮތެއް ނުއޮންނާނެއެވެ. އެހެންކަމުން އަޅުގަނޑުމެން މިއަދު ކުޅަ ހެޔޮކަމެއްގެ ސަވާބު ނޫނީ އާޚިރެއްދުވަހު ނުލިބޭނެއެވެ. އެދުވަހު އަޅުގަނޑުމެންގެ އަމަލުތަކުގެ ހީނަރުކަން ފޫބައްދައިދޭނޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާހުއްޓެވެ.

Sorry, comments for this entry are closed at this time.