ދިވެހިބަސް ލިޔެކިޔުމުގައި ބޭނުންކުރި އަކުރުގެ ޒަމާންވީ ތާރީޚު

އިންސާނުން ދުނިޔޭގައި ވަޒަންވެރިވި ދުވަހުން ފެށިގެން ކޮންމެވެސް ސިފައެއްގައި ދަނީ ލިޔެކިޔުން ގެންގުޅެމުންނެވެ.
މިގޮތުން އެންމެ ޤަދީމީ ޒަމާނުން ފެށިގެން އެބައިމީހުންގެ ބޭނުންތަކާ ގުޅިގެން ޝުއޫރު ފާޅުކޮށް އުޅުނެވެ.މިގޮތުން ބޭނުންކުރެވުނު ޚާއްސަ ލިޔުމަކީ ކިޔުނިފޯމާއި ހީރޯގްލެފިކްސެވެ.މީގެ އިތުރުން ތަފާތު ވައްތަރުގެ ލިޔުން އެވޭލާ ޒަމާނުގައި ގެންގުޅިފައިވާކަން ތާރީޚުން އެނގެއެވެ.ދިވެހިންގެ ތެރޭގައިވެސް ފުރަތަމަ ލިޔަން ފެށުނު ޒަމާނެއް އެގޭކަށް
ނެތެވެ.ނަމަވެސް އެވޭލާ ޒަމާނުން ފެށިގެން ލިޔުމުގެ ނިޒާމެއް ރާއްޖޭގައިވެސް ގެންގުޅުނު ކަމުގެ ހެކި އެބަހުއްޓެވެ.
މިގޮތުން އެކިދުވަސްވަރު ލިޔުމަށް ގެންގުޅިފައިވަނީ އެކިއަކުރެވެ.
މިގޮތުން ދިވެހިރާއްޖޭގައި ލިއުމަށް ބޭނުންކުރި ބައެއް އަކުރުތަކާއި އޭގެ ޒަމާންވީ ތާރީޚަށް ބަލައިލާނަމެެވެ.
ދިވެހިންގެ އަކުރަކީ ވެސް ބޯދާ ތާރީޚެއް ލިބިފައިވާ އެއްޗެކެވެ. މިގޮތުން ތާރީޚަށް ބަލާއިރު އެބައި މީހުން ވާހަކަ ދައްކާ ބަސް “ދިވެހިބަސް” ބޭނުން ކުރާތާ އެތަށް އަހަރެއް ވެފައިވާކަން ތާރީޚުން އެނގެއެވެ. ވުމާއެކު އަމިއްލަ ބަހަކާއި ލިޔާނެ ވަކި އަކުރެއް ލިބިފައި އޮތުމަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ފަޚްރެކެވެ.

Capture
ކަންނާޑާއާއި ތެލެގޫ އަކުރުން، ތ.ވޭމަންޑޫއިން ފެނުނު ރަންފަތްކޮޅު ޕުރޯޓޯނާގަރީ އަކުރުން މީލާދީން 9 ޤަރުނުގެ ލިޔުމެއް ދިވެހިރާއްޖެއިން ހޯދިފައިވާ އެންމެ ފުރަތަމަ އަކުރު ހޯދިފައިވަނީ 9 ވަނަ ޤަރުނު މެދުތެރޭގައެވެ. އެއަކުރަކީ ޕްރޯޓޯ ނަގަރީ އަކުރެއްކަމަށް ނަސީމާ މުޙައްމަދު ހާމަކުރައްވައެވެ. މިއަކުރު ފެނިފައިވަނީ 1194 ވަނަ އަހަރު އިސްދޫ ލޯމާފާނުންނެވެ. މިއަކުރު ރާއްޖެ އައިކަމުގައިވަނީ އިންޑިޔާގެ އިރުމަތީ ސަރަޙައްދުންނެވެ. މިއަކުރަކީ އިރުމަތީ އިންޑިޔާގައި މިލާދީ ސަނަތުގެވެސް ކުރިން ހުރިބުޑިސްޓް ޔުނިވަރސިޓީއެއް ކަމުގައިވާ ނާލަންދާގައި ޕާލަރަސް ކަމުގައި ބޭނުން ކުރެވުނު އަކުރެއް ކަމަށްވެސް ނަސީމާ ފާހަގަ ކުރައްވައެވެ. މިއަކުރައްފަހު ދިވެހިން ދެން ބޭނުންކުރީ އޭލޫ އަކުރު ކަމަށާއި މިއީ ސިންހަޅައިގެ މުސްކުޅި ވައްތަރެއް ކަމަށް ނަސީމާ ހާމަކުރައްވައެވެ. އަދި ހަމަ އެހެންމެ ތޯހައިދާލް ކުރެއްވި ދިރާސާއިން 1982މ. ގައި ގދ.ވާދޫއިން ހައިރޮގްލެފިކް (ސޫރައަކުރު) ފެނިފައިވާކަމަށް އަޙުމަދު ޝަފީގު ހާމަކުރައްވައެވެ. މީގެ އިތުރުން ރާއްޖެއިން ފެނިފައިވާ ބައެއް ލިޔުންތަކުގައި ބްރަހަމީ، ތެލަގޫ، ގްރަންޗާ ފަދަ އަކުރު ބޭނުންކޮށްފައި ހުރިކަން ސާބިތުވެއެވެ. މިގޮތުން ޔުމްނާ (2002) ހާމަކުރައްވާ ގޮތުގައި ފެންނަ ލިޔުމެއްގައި ނުވަތަ މަހާނަ ގަލެއްގައި ހުންނަ ކޮންމެ އަކުރަކީ ރާއްޖޭގެ ލިޔެކިޔުމަށް ބޭނުންކުރި އަކުރެއްކަމަށް ސާބިތެއް ނުވެއެވެ. ވުމާއި އެކު އަސްލީ ސިފައެއްގައި ބޭނުންކުރި ކަމަށް އެނގިފައި ވަނީ 4 އަކުރެވެ. އެއީ އެވޭލާ އަކުރާއި ދިވެސް އަކުރާއި ތާނަ އަކުރާއި ލެޓިން އަކުރު ކަމަށް ނަސީމާ (1998) ހާމަ ކުރައްވައެވެ.

އެވޭލާ އަކުރު
އެވޭލާ އަކުރަކީ ރާއްޖޭގައި އެވޭލާ ޒަމާނުގައި ލިޔަން ކިޔަން ގެންގުޅުނު އަކުރެއް ކަމަށް ޙަސަން އަޙުމަދު މަނިކު، ޖީ.ޑީ ވިޔަވަރުދަނާ (1986) ހާމަކުރައްވައެވެ. ރާއްޖެ އިސްލާމްވުމަށް ފަހު ދިވެހިން ދެން ބޭނުން ކުރި ކަމަށް ބެލެވޭ އެންމެ ގިނަ ދުވަސްވީ އަކުރަކީ، 1194 ގައި ފެނުނު އިސްދޫ ލޯމާފާނުގައި ލިޔެފައިވާ އެވޭލާ އަކުރެވެ. އެއީ ތީމުގޭ ދަރިކޮޅުގެ ގަޑަނާދިއްތަ މަހާރަދުންގެ ރަސްކަމުގެ 3 ވަނަ އަހަރުގައެވެ. އެއީ ގާތްގަނޑަކަށް 592ހ. ގައެވެ. އެޗް.ސީ.ޕީ.ބެލް (1946) ހާމަކުރައްވާ ގޮތުގައި 12 ވަނަ ޤަރުނުގައި ނުވަތަ އޭގެ ކުރިންވެސް ދިވެހިން ލިޔުމަށް ބޭނުންކުރި އަކުރަކީ އެވޭލާ އަކުރެވެ. މީގެ އިތުރުން 9 ގަރުނުގެ އެވޭލާ އަކުރުން ލިޔެފައިވާ 5 މޫނުލީ ބުދެއް ފެނިފައިވާ ކަމުގައި ނަސީމާ (1998) ހާމަކުރައްވައެވެ.

 

loamaa
މީލާދީން 1356 ގައި އެވޭލާ އަކުރުން ބޮޑުގަލު މިސްކިތު ލޯމާފާނު
ސޯސް: ދިވެހި ބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒު.

 

 

 

އެވޭލާއަކުރާއި ތިމާގެ ކަމަށް ބުނާ އަކުރުތަކަކީ ސްރީލަންކާގައި ގެންގުޅުނު އޭލޭ އަކުރާއި، ދެކުނު އިންޑިޔާގައި ތަމަޅައާއި މަލިޔާޅަމް ލިޔަން ގެންގުޅުނު ވައްޓެލުއްޓު އަކުރާއި ދެމެދު ތިމާގެ ކަމެއް ހުރިކަމުގައި ނަސީމާ (1999) ހާމަކުރައްވައެވެ. އަދި ދެކުނު އިންޑިޔާގެ މިއަކުރުތަކާއި އެވޭލާ އަކުރާއި ސިންގަޅައާއި، ތަމަޅައާއި މަލިޔާޅަމްގައި ބްރަހަމީ އަކުރުން އެފެދިފައިވާ ގްރަންތާ ނަމަކަށް ކިޔާ އަކުރުގެ އަސަރުތައްވެސް ވަރަށް ބޮޑަށް ފެންނަން ހުރި ކަމަށާއި، އެވޭލާ އަކުރުގެ އެކިއެކި އަކުރުތަކަށް ބަލާއިރު ގްރަންތާއާއި ވަރަށް އެއްވައްތަރުގެ އެއް އަޑުތަކަކަށް ނިސްބަތްވާ އަކުރުތައް ފެންނަކަމަށް ވެސް ޔުމްނާ (2002) ހާމަކުރައްވައެވެ. އެހެން ކަމުން އެވޭލާ އަކުރަކީ ވެސް ސިންގަޅަ އެވޭލާ އަކުރަކީ ހަމައެކަނި ގަރަންތާ އަކުރުން އުފެދުނު އަކުރަކަށް ވެދާނޭކަމަށްވެސް ނަސީމާ (2002) ލިޔުއްވައެވެ.
އެވޭލާއަކީ ސެލެބިކް ވައްތަރަށް އެފެދިފައިވާ ވާތުން ކަނާތަށް ލިޔާ އަކުރެއް ކަމަށާއި ދެބަހުގެ ދެމެދު ސްޕޭސް ދިނުމާއި ޖުމްލަތަކަށް ނިންމުން ގެނެސްފައި ނުހުންނަ ކަމަށް ޔުމްނާ (2002) ހާމަކުރައްވައެވެ. ދިވެސް އަކުރުގެ ބައެއް ލަފުޒު ލިޔާއިރު ދެއަކުރު ނުވަތަ ތިން އަކުރު އެއްކޮށްގެން ވެސް ލިޔެއެވެ. އަދި ލިޔާ އިރު އަކުރާއި ފިލިއެއްކޮށް އަދި ވަކިންވެސް ލިޔެފައި ހުރެއެވެ. ނަމަވެސް ފިލި ނުޖަހާ އޮންނަ އިރު މިއަކުރު ކިޔަނީ އަބަފިއްޔެވެ. އެހެން ފިލިތައް ޖަހަން ބޭނުންވުމުން އެފިއްޔަކަށް ނިސްބަތްވާ ނިޝާނެއް ޖަހައެވެ. އަދި މިފަސް އަކުރު ނިމޭ ކޮޅު އަނެއް އަތަށް ލަބާލީމާ އެއަކުރުތަކުގައި އުބުފިލި ޖެހުނީއެވެ. ހަމައެއާއި އެކު އޭބޭފިލީގެ ބަދަލުގައި އަކުރާ ދުރުކޮށްލާ އެއްފިލި ޖެހިއަސް އޭބޭފިލި ޖެހުނީ ކަމުގައި އަލީ ނަޖީބް (2001) ހާމަކުރައްވައެވެ.

ސުކުންކުރާއިރު ބައެއް ސުކުން ކުރަނީ ދެއަކުރު އެއްކޮށްލައިގެން، އަނެއްބައި ސުކުން ތަފާތު ނިޝާނަކުންވެސް ދައްކާފައި ހުންނަކަމަށް ނަސީމާ މުޙައްމަދު (2002) ހާމަކުރައްވައެވެ. އެވޭލާ އަކުރުގެ އަދަދު ކަމަށް މުޙައްމަދު ޖަމީލް ހާމަކުރައްވަނީ 30 އަކުރު ކަމުގައި އެވެ. އަދި އަޙުމަދު ޝަފީގާއި ޢަލީ ނަޖީބު ހާމަކުރައްވަނީ 24 އަކުރު ކަމަށެވެ. މީގެ އިތުރުން ޤައުމީ މަރުކަޒު ހާމަކުރައްވަނީ 27 އަކުރާއި 9 (ވަވުލްސް) ކަމަށް ޔުމްނާ (2002) ހާމަކުރައްވައެވެ. އެހެންކަމުން އެވޭލާ އަކުރަކީ ރާއްޖޭގައި އެވޭލާ ޒަމާނުގައި ލިޔަން ގެންޅުނު އަކުރެކެވެ. އަދި މިއަކުރުން ލިޔެފައިވާ މާގިނަ އެއްޗިއްސެއް މިޒަމާނުގައި ފެންނާކަށް ނެތެވެ. ނަމަވެސް ރަސްމީ ގޮތުން އެވޭލާ އަކުރު ދޫކޮށްލެވުނީ ކޮން އަހަރެއްގައި ކަމެއް އެނގޭކަށް ނެތެވެ.