ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތަ؟

ތަޢާރަފް:

އިންސާނުންނަކީ މާތްﷲ މަތިކުރައްވާފައިވާ މަޚްލޫޤެކެވެ. އެ އިންސާނާ ނިސްބަތްވާ ޤައުމެއްގެ ސަބަބުން ނުވަތަ ރަށެއްގެ ސަބަބުން ނުވަތަ ޤަބީލާއެއްގެ ސަބަބުން އެއިންސާނާއަށް ލިބޭ އިތުރު އެއްވެސް މާތްކަމެއް ނުވެއެވެ. އެހެނެއްކަމަކު، އެ އިންސާނާ މާތްވަނީ އޭނާގެ ތަޤްވާގެ ސަބަބުންނެވެ. ފުރިހަމަ ތަޤްވާވެރިއަކު އޭނާގެ އަމިއްލަ ނަފްސަކަށް އަނިޔާއެއް ނުދޭނެއެވެ. އަދި އެހެނިހެން އިންސާނުންނަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. އަދި އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެންމީހުން ސަލާމަތް ކޮށްދޭނެއެވެ.

މި މޭރުމުން ވިސްނާލާއިރު މީހަކު ލައްވައި މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ އަނިޔާއެކެވެ. އެމީހާއީ ޤަވާޢިދާ ޚިލާފަށް އުޅޭ މިދޭސީއެއްކަމަށްވިއަސް މިކަމުގައި އިސްތިސްނާއެއް ނެތެވެ. އަދި ހަމަ އެފަދައިން މީހަކު ލައްވައި މަސައްކަތްކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ އެމީހަކަށް ކުރެވޭ ގޯނާއެކެވެ. އެފަދަ ގޯނާއެއް ލިބުމަށް ޚުދު ތިމާގެ އަމިއްލަ ނަފްސުވެސް ނޭދޭނެއެވެ.

މިގޮތުން، ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތްކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި، އަޅުގަނޑުމެން މިދަންނަވަނީ “އާދޭހޭއެވެ!” އުޖޫރަ ދޭންޖެހޭނެއެވެ. މިގޮތުން އަޅުގަނޑުމެން ޒުވާބުދޭ ކޮޅަށް ޙުއްޖަތް ދެއްކުމަށްޓަކައި، ރުޖޫޢުވެފައިވާނީ އިސްލާމީ ޝަރީޢަތަށާއި، ބައިނަލްއަޤްވާމީ އުޞޫލުތަކަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށާއި، އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރާގޮތަށާއި، ޢަދުލު އިންސާފުގެ ހަމަތަކުގެ މައްޗަށެވެ.

ސުވާލުގެ މަޤްޞަދަކީ ބިދޭސީއަކު ލައްވައި ޙަރާމް މަސައްކަތެއް ކުރުވުމެއް ނޫން:

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތްކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތޯ ކުރެވޭ ސުވާލުގައި މަސައްކަތްކަމަށް އިޝާރާތްކުރެވިފައި އެވަނީ އަޅުގަނޑުމެން ދެކޭ ގޮތުގައި އެފަދަ މީހަކު ލައްވައި ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތޯއެވެ. އިންސާނުން ބަސްމަގު ބޭނުންކޮށް އުޅޭ ގޮތްތަކުގެ ތެރެއަށް އަޅުގަނޑުމެންގެ ޙިއްސުތާކާއި ވިސްނުން ނުހަނު ފުނަށް ފީނައި ބެލިއިރު، އެސުވާލުގެ މަޤްޞަދަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީއަކު ލައްވައި ޙަރާމް މަސައްކަތެއް ކުރުވުމަށްފަހު އޭނާއަށް އުޖޫރަ ދޭންޖެހޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރެވިފައިވާ ސުވާލެއްކަމަކަށް ނުފެނުނެވެ. އެހެނީ އޭނާ ލައްވައި ޙަރާމް މަސައްކަތެއް ކުރުވައިފިނަމަ، އެއީ ބާޠިލް ޢަމަލެއްކަމާއި، ޝަރުޢީގޮތުން ބެލިއަސް އަދި ޤާނޫނީގޮތުން ބެލިއަސް އެފަދަ ކަމަކަށް އުޖޫރަ ދޭން ނުޖެހޭނޭކަމާމެދު ދެބަސްވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ، ބަޙްޘެއް ކުރެވޭނީވެސް އެފަދަ މީހަކު ލައްވައި އެކުރުވާ މަސައްކަތަކީ ޙަލާލު މަސައްކަތެއް ބަލައިގެންނެވެ. ވުމާއެމު، ސުވާކުގެ މަޤްޞަދަކީ  ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި ޙަލާލު މަސައްކަތްކުރުވުމަށްފަހު އުޖޫރަ ދޭންޖެހޭނެތޯ ނުވަތަ ނޫންތޯކަން އެނގެއެވެ. މިސަބަބަށްޓަކައި، އަޅުގަނޑުމެންގެ ބަޙްޘު ބިނާކޮށްފައިވާނީ އެފަދަ ބިދޭސީ މީހަކު ލައްވައި ޙަލާލު މަސައްކަތެއް ކުރުވައިފިނަމަ، އުޖޫރަ ދޭންޖެހޭނެ ކަމުގެ މައްޗަށެވެ. އެކަމުގެ ހުރި ސާފު ހެކިތައް ކިތަންމެހައިވެސް ބައިވަރެވެ. މިގޮތުން ތިރީގައި މިބަޔާންކުރަނީ އަޅުގަނޑުމެން ވަކާލާތު ކުރާ ކޮޅަށް ހުރި ހެކިތަކެވެ.

އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ ﷲ ގެ ފޮތަށާއި، ރަސޫލާގެ ސުންނަތަށް:

މި ދިވެހި އުންމަތަކީ ސައްތައިންސައްތަ މުސްލިމް ޤައުމެކެވެ. އެހެންކަމުން، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު، އެއްވެސް ކަމަކާމެދު ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަމުގެ ޙައްލު ހޯދުމަށްޓަކައި، ނުވަތަ އެކަމުގެ ޖަވާބު ހޯދުމަށްޓަކައި، އެންމެ ފުރަތަމަ ރުޖޫޢު ވާންޖެހެނީ މާތްﷲ ގެ ކަލާމް ފުޅަށެވެ. އެއަށްފަހު މާތް ނަބިއްޔާގެ ސުންނަތަށެވެ. އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا  ﴿النساء: 59﴾ މާނައީ، “ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، الله އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު الله އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، الله އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.” މިގޮތުން މާތް ﷲ ގެ ކަލާމްފުޅާއި، މާތް ނަބިއްޔާގެ ސުންނަތުން މިކަމުގެ މައްޗަށް ހުރި ދަލީލުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭންސީން ލައްވައި މަސައްކަތްކުރުވުމަށްފަހުވެސް އުޖޫރަ ދޭންޖެހޭނެކަން އަންނަނިވި ދަލީލުތަކުން ސާބިތުވެއެވެ.

1- މަސައްކަތްކުރިމީހާގެ ދާ ހިކުމުގެ ކުރިން އުޖޫރަ ދިނުމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. ((أُعْطُو الْأَجِيْرَ حَقَّهُ قَبْلَ أَنْ يَجُفَّ عِرْ قُهُ)) (رواه الجماعَةِ إلاَّ البخارى والنَّسائِى ) މާނައަކީ: “ތިޔަބައިމީހުން މަޖޫރީންގެ އުޖޫރަ، އެމީހުންގެ ދާ އޮހޮރުމުގެ ކުރިން ދޭށެވެ.“ އަދިވެސް އެކަލޭގެ ފާނު ޙަދީޘްކުރައްވާފައިވެއެވެ. عن أبى هريرة رضي الله عنه أنّ النّبي صلى الله عليه وسلّم قال: يَقُولُ اللهُ عَزَّ وَجَلَّ : (( ثَلَاثٌ أَنَا خَصمُهُم يَومَ القِيَامَةِ وَمَن كُنتُ خَصمَهُ خَصمَتُهُ رَجلٌ أَعطَى بِى ثُمَّ غَدَرَ وَرَجلٌ بَاعَ حُرًّا وَأَكَلَ ثَمَنَهُ وَرَجلٌ إِستَأجَرَ أَجِيرًا فَاستَوفَى مِنهُ وَلَم يُوَفَّهِ أَجرَهُ)) (رواه أحمد والبخارى) (ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ޙަދީޘު ކުރެއްވިއެވެ. ގަދަކީރިތިވަންތަ ﷲ ތަޢާލާ ވަޙީކުރައްވައެވެ. ޤިޔާމަތްދުވަހު، ތިންމީހެއްގެ ޚަޞްމަކު ކަމުގައި، ތިމަންރަސްކަލާންގެ ވޮޑިގަންނަވާނެއެވެ. އަދި ތިމަން ރަސްކަލާންގެ އެމީހަކުގެ ޚަޞްމަކު ކަމުގައި ވޮޑިގެންވާމީހާ، ތިމަންރަސްކަލާންގެ އޭނާގެ މައްޗަށް ގަދަވެ ވޮޑިގަންނަވާހުށީމެވެ. ތިމަން ރަސްކަލާންގެ ގަންދީ ވަޢުދުވީ މީހެކެވެ. ދެން އޭނާ ޚަދަރުވެރިވިއެވެ. އަދި މިނިވަނަކު ވިއްކާ އޭނާގެ އަގު ކެއިމީހެކެވެ. އަދި މަޖޫރީއަކު ލައްވައި މަސައްކަތް ކުރުވަން އެއްބަސްވެ، އެމީހާގެ ކިބައިން މަސައްކަތް ފުރިހަމަ ކުރުވުމަށްފަހު އޭނާގެ އުޖޫރަ އަދާނުކުރި މީހެކެވެ.)

މި ޙަދީޘްތަކަށް ބަލާލުމުން މީހަކު ލައްވައި އުޖޫރުއަކަށް މަސައްކަތް ކުރުވުމަށްފަހު، އުޖޫރަ ނުދިނުމުގެ ހުރި ނުރައްކާތެރިކަން ހާމަވެގެން ދެއެވެ.

  1. 2- ޢަޤުދަށް ވަފާތެރިވުމަށާއި، އަޙްދަށް ތެދުވެރިވުމަށް މާތް ﷲ އަންގަވާފައިވެއެވެ. މިގޮތުން ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މިކަމުގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. ))يَا أَيُّهَا الَّذِينَ آمَنُواْ أَوْفُواْ بِالْعُقُودِ(( المائدة: 1 މާނައަކީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، عقد ތައް ފުއްދާށެވެ!”

މިއާޔަތުގައިވާ “ޢަޤުދު” މިލަފުޒުގެ މާނައާބެހޭ ގޮތުން ޢިލްމުވެރިން ވަރަށް ގިނަ ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިގޮތުން އަލްއަސްފަހާނީ ވިދާޅުވެފައިވަނީ “ޢަޤުދު” ގެ މާނައިގެ ތެރޭގައި ހުރިހާ ބާވަތެއްގެ އެއްބަސްވުން ހިމެނެއެވެ. މިގޮތުން އެކަލާނގެ އަމުރުފުޅުތަކަށް ތަބަޢަވުމަށް މާތް ﷲ އަށް މުސްލިމުންވެފައިވާ ޢަހުދާއި، އެމީހެއްގެ ނަފްސުގެ މައްޗަށް ކުރުން ލާޒިމްކޮށް ވާ ޢަހުދާއި، ދޭދޭ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައިވާ ޢަހުދު ހިމެނޭކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި މަތީގައިވާ އާޔަތަށް ބަލާއިރު އިންސާނާ ކުރާ ހުރިހާ ޢަޤުދަކަށް ވަފާތެރިވުން އިސްލާމްދީން ލާޒިމްކުރެއެވެ.

2.2 – އަދި ސުވަރުގެވަންތަވެރިންގެ ސިފަތައް ބަޔާންކޮށްދެއްވަމުން މާތްﷲ ވަހީ ކުރައްވާފައިވެއެވެ. )) الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلاَ يَنقُضُونَ الْمِيثَاقَ ((الرعد: 20  މާނައަކީ: އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ.”

އަދި ރަސޫލާގެ އަންނަނިވި ބަސްފުޅަށް ބަލާއިރު، އަޙްދާ ޚިލާފުވާ މީހާގެ ދީނާމެދުގައިވެސް ސުވާލު އުފެދެއެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. (لا إيمان لمن لا أمانة له, ولا دين لمن لا عهد له) މާނައަކީ: “އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނެތެވެ. އަދި ޢަހްދަށް ދެތުވެރިނުވާ މީހެއްގެ ދީނެއް ނެތެވެ.”

3- އިންސާފުވެރިވުމަށާއި، އިޙްސާންތެރިވުމަށް އިސްލާމްދީން ގޮވާލާފައިވެއެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإحْسَانِ މާނައީ: “ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށް اللَّه އަމުރުކުރައްވަތެވެ.” ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަދުލުވެރިވުމަކީ އެހެން މީހުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމައަށް އަދާކުރުމާއި، އަދި އެމީހަކަށް ލިބެން އަންނަ ކަމެއްވެސް އުނިއިތުރުނުކޮށް ހޯދުމެވެ. އަދި އެމީހަކާމެދު މީހަކު އަނިޔާވެރިވެއްޖެނަމަ، އޭގެ ޖަޒާދިނުމުގައިވެސް ކަނޑައެޅިފައިވާ ޙައްދުގައި ހިފެހެއްޓުމެވެ. އަދި ޢަދުލުވެރިވުމުގެ ތެރޭގައި ތިމާގެ ޢަހުދަށް ރައްކާތެރިވުން ހިމެނޭކަމުގައިވެސް ޢިލްމުވެރިން ފާހަގަކުރައްވައެވެ.

އަދި ހަމައެހެންމެ، މީހަކު އަނެކާއަށް މަސައްކަތެއް ކޮށްދިނުމަކީ އިޙްސާންތެރިކަމެކެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދިން މީހާއަށް އެމީހަކުވެސް އިޙްސާންތެރި ވެދޭންވާނެއެވެ. މިގޮތުން އިޙްސާންތެރިކަމަކުގެ އެންމެ މަތީ ދަރަޖައިގެ ތެރޭގައި ކުރި މަސައްކަތުގެ އުޖޫރަދިނުން ހިމެނެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﭽ ﯟ  ﯠ   ﯡ  ﯢ  ﯣ  ﭼ الرحمن: 60  މާނައަކީ: އިޙްސާންތެރިކަމުގެ ޖަޒާއަކީ، (އެއާ އެއްފަދަ) އިޙްސާންތެރިކަމެއް ފިޔަވައި އެހެން ކޮން އެއްޗެއްހެއްޔެވެ؟”

4- އެއްވެސް މީހަކު ލައްވައި ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ އަނިޔާވެރިކަމެކެވެ. އަދި ގެއްލުން ދިނުމެކެވެ. އަނިޔާވެރިކަން ވަނީ މާތްﷲ، އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙަރާމްކުރައްވާފައެވެ. އަދި އަނިޔާވެރިވުން ވަނީ އަޅުގަނޑުމެންގެ މައްޗަށްވެސް ޙަރާމްކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ))وَلَن يَنفَعَكُمُ الْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ ((الزخرف: 39 މާނައަކީ: ” (އެއުރެންނަށް އަންގަވާނެތެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.”

އަދި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (لَاضَرَرَ وَلَا ضِرَارَ ) (رواه الإمام مالك وإبن ماجه) މާނައީ: ”ގެއްލުންދިނުމެއް އަދި ގެއްލުން ލިބުމެއްވެސް ނުވެއެވެ.“

5- އެއްވެސް މީހަކު ލައްވައި ކުރުވާ ޙަލާލު މަސައްކަތަކަށް އުޖޫރަ ދިނުމަށް އެއްބަސް ވެއްޖެނަމަ އެއީ ވަޢުދެކެވެ. މިފަދަ ވަޢުދު ތަކަކީ އެ ވަޢުދެއް ކުރި މީހާގެ މައްޗަށްވާ ދަރަންޏެކެވެ. އެކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (وعد الحر دين عليه) މާނައަކީ: “މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ.”

6- ދޮގު ހެދުމާއި، ވަޢުދާ ޚިލާފުވުމަކީ މުނާފިޤުކަމުގެ ޢަލާމާތެކެވެ. އެހެންކަމުން މީހަކު ލައްވައި އުޖޫރައަށް ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ ދޮގު ހެދުމެކެވެ. އަދި ވަޢުދާ ޚިލާފުވުމެކެވެ. ދޮގު ހެދުމާއި، ވަޢުދާ ޚިލާފުވުމަކީ މުނާފިޤުކަމުގެ ޢަލާމާތެއްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ = متفق عليه = މާނައަކީ: ” މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގު ހަދާނެއެވެ. ވަޢުދެއް ވެއްޖެނަމަ ޚިލާފުވާނެއެވެ. އަމާނާތެއް ޙަވާލުކުރެވިއްޖެނެމަ ޚިޔާނާތްތެރިވާނެއެވެ.” ދެން މުނާފިޤުންގެ ޙާލަކީ ކޮބައިތޯ ބަލާލާއިރު، އެމީހުންގެ ޙާލު ބަޔާންކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّ الْمُنَافِقِينَ فِي الدَّرْكِ الأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا ((النساء: 145 މާނައަކީ: “ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”

7- މީހަކު ލައްވައި އުޖޫރައަށް ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ މަކަރު ހެދުމެކެވެ. މަކަރު ހެދުން ވަނީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައެވެ. އަދި އެކަން ކޮށްފިމީހަކީ މި އުންމަތުގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫނެވެ. އެކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. مَن غَشَّنَا فَلَيسَ مِنَّا (رواه الجماعَةِ إلاَّ البخارى والنَّسائِى ) މާނައަކީ: “އަހަރުމެންނަށް މަކަރު ހަދައިފި މީހަކީ، އަހަރުމެންގެ އުންމަތުގެ ތެރެއިންވާ މީހެއްނޫނެވެ.“

އުޞޫލުލްފިޤްހުގެ ޢިލްމުވެރިންގެ ގާތުގައި މިފަދަ ޢަޤްދުތަކާމެދު ކަން އޮތްގޮތް:

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ލައްވައި މަސައްކަތްކުރުވުމަށްފަހު، އޭނާއަށް އުޖޫރަ ދޭންޖެހޭނެތޯ ނުވަތަ ނޫންތޯ އުޞޫލުލްފިޤްހުގެ ޢިލްމުވެރިންގެ ޤަވާޢިދުތަކުގެ އަލީގައި ތަޙްލީލު ކުރާއިރު، އެ ބިދޭސީ މީހާއަށް އުޖޫރަ ދޭންޖެހެއެވެ. އެހެނީ މަނާ ކަންކަން އެބޭފުޅުން ދެބަޔަކަށް ބަހާލައެވެ. އެއީ ކަމުގެ ޒާތަށް ބަލައި މަނާވާ ކަންތައްތަކާއި، އެހެންކަމަކާ ގުޅިފައިވުމުގެ ސަބަބުން މަނާވާ ކަންތައްތަކެވެ. ކަމުގެ ޒާތަށް ބަލައި މަނާވާ ކަންތައްތަކަށް އެބޭފުޅުން ކިޔަނީ “محرم لذاته” މިހެންނެވެ. މިފަދަ ކަންކަމުގެ މިސާލަކީ ވައްކަންކުރުމާއި، މީހުން މެރުމާއި، ޒިނޭކުރުމާއި، ފޭރުންފަދަ އެކަމުގެ ޒާތުން މަނާވެގެންވާ ކުށްތަކެވެ. އެހެންކަމަކާ ގުޅިފައިވުމުގެ ސަބަބުން މަނާވާ ކަންތައްތަކަށް ކިޔަނީ “محرم لعارض” މިހެންނެވެ. މިބާވަތުގެ ކަންކަމަކީ ކަމުގެ ޒާތަށް ބަލާއިރު ހުއްދަކަމަކަށް ވެދާނެއެވެ. އެކަމަކު އެކަމުގެ ތެރޭގައި ހިމެނޭ އެހެންކަމެއްގެ ސަބަބުން އެކަން މަނާކަމަކަށް ބަދަކުވަނީއެވެ. މިސާލަކަށް ބަލާލާއިރު ވިޔަފާރިކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް ހުކުރު ވަގުތުގައި ވިޔަވާރިކުރުމަކީ މަނާކަމެކެވެ.

މިގޮތުން މަނާކަންކަން މި ދެބަޔަށް ބައިކުރުމުން ނުކުންނަ ނަތީޖާއެއް ވެއެވެ. އެއީ ކަމުގެ ޒާތަށް ބަލައި މަނާވެގެންވާ ކަންކަމަކީ މުޅިން ބާޠިލް ޢަމަލެކެވެ. ނަމަވެސް އެހެންކަމަކާ ގުޅިފައިވުމުގެ ސަބަބުން މަނާވާ ކަންތައްތަކަކީ އޭގެ ޒާތުގައި ކުރުން ހުއްދަ ކަމަކަށްވާތީ، އެކަމުގެ މައްޗަށް ޝަރުޢީ ނަތީޖާތަށް ބިނާވެގެން އާދެއެވެ. މިގޮތުން ހުކުރުވަގުތު ވިޔަފާރި ކުރުމަކީ މަނާކަމެއްކަމުގައި ވީނަމަވެސް، ވިޔަފާރި ކުރުމަކީ އޭގެ ޒާތުގައި ހުއްދަކަމަކަށްވާތީ، އޭގެ މައްޗަށް ނަތީޖާތައް ނުކުމެއެވެ. މާނައަކީ އެ ޢަޤްދުވާނީ ޞައްޙަ ޢަޤްދަކަށެވެ.

އަޅުގަނޑުމެން މި ވަކާލާތު ކުރަމުންދާ މި މައުޟޫޢަށް، ހަމަ މިއުޞޫލުން ބަލާލާއިރު، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ “ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާރކް ވިޒާއާބެހޭ ޤަވާޢިދު” ގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން އިލީގަލް އިމިގްރަންޓަކު ލައްވައި މަސައްކަތް ކުރުވަކީ މަނާކަމެއްކަމަށް ވީނަމަވެސް، އެ މަސައްކަތަކީ އޭގެ ޒާތުގައި ޙަލާލު ހުއްދަ މަސައްކަތެއްނަމަ، އޭގެ މައްޗަށް ނަތީޖާތައް ނުކުމެއެވެ. މާނައަކީ އެ ޢަޤްދުވާނީ ޞައްޙަ ޢަޤްދަކަށެވެ. މަސައްކަތް ކުރުވި މީހާ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެފައިވާތީ އޭނާގެ މައްޗަށް އެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ ދަށުން ކަނޑައަޅާފައިވާ އަދަބެއް ދިނުމަކީ ވަކި މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަލާލުން:

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ލައްވައި މަސައްކަތްކުރުވުމަށްފަހު، އޭނާއަށް އުޖޫރަ ލިބިދެވެންކެހޭކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (2008) އަށް ބަލާލާއިރުވެސް، އިމްޕްލައިޑްކޮށް އެނގެން އޮވެއެވެ. މިގޮތުން އަޅުގަނޑުމެންގެ ޙުއްޖަތްތައް ތިރީގައި މިވަނީއެވެ.

1- ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފަށް ޤަނޫނެއް ނުހެދޭނެއެވެ. މިގޮތުން ޤާނޫނުއަސާސީގެ 10 ވަނަމާއްދާ: (ހ) ގައި ބުނެފައިވަނީ ދިވެހިދައުލަތުގެ ދިނަކީ އިސްލާމްދީންކަމަށާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށެވެ. އަދި އެމާއްދާގެ (ށ) ގައި ބުނެފައިވަނީ ދިވެހިރާއްޖެގައި އިސްލާމްދިނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ.

މިގޮތުން ޤާނޫނު އަސާސީ ބުނާގޮތުން އިސްލާމް ދީނުގެ އަޞްލަކީ ކޮބައިތޯ ބަލާލާއިރު، ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގައި “އިސްލާމްދީނުގެ އަޞްލުތައް” މާނަ ކޮށްދީފައިވެއެވެ. އެމާއްދާގައި ވާގޮތުން، “އިސްލާމްދީނުގެ އަޞްލުތައް” ކަމުގައި ބުނެފައި އެވަނީ، ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ، ޝަރުޢީ އުޞޫލުތަކާއި މި ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.

ޤާނޫނު އަސާސީގެ މި ނައްޞުތަކަށް ބަލައި ފުންކޮށް ވިސްނާލާއިރު، އެއްވެސް މީހަކު ލައްވައި އުޖޫރައަށް ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު، އެ މީހަކަށް އުޖޫރަ ދޭންޖެހޭނެކަން އެއީ ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ އަދި އެކަމާމެދު ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިނުވާ ކަމެއްކަމުގައި ވީހިނދު، އެއްވެސް މީހަކު ލައްވައި އުޖޫރައަށް ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު، އެ މީހަކަށް އުޖޫރަ ދޭންޖެހުމަކީ ދީނުގެ އަޞްލެކެވެ. އެހެންކަމުން މިއާ ޚިލާފަށް އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި ނުހެދޭނެއެވެ. އަދި ޤާނޫނެއްގައި އެފަދަ ގޮތަކަށް އޮތްނަމަވެސް އެ މިންވަރެއް ވާނީ ބާޠިލް އެއްޗަކަށެވެ.  އެހެންކަމުން ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ލައްވައި މަސައްކަތްކުރުވުމަށްފަހުވެސް އޭނާއަށް އުޖޫރަ ލިބިދެވެންޖެހޭކަން އެނގެއެވެ.

2- ޤާނޫނުގައި ވަކި ގޮތެއް ބަޔާންކޮށްފައި ނުވާނަމަ، ފަނޑިޔާރު ރިޢާޔަތްކުރަންޖެހެނީ އިސްލާމީ ޝަރީޢަތަށެވެ.މިކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ޤާނޫނު އަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރުޖޫޢުވާންޖެހޭނެކަމަށް 142 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވެއެވެ. އަދި “އިސްލާމީ ޝަރީޢަތް” ކަމަށް ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި، މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ، އަލްއަހްލުއްސަނުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ. މިގޮތުން އެއްވެސް މީހަކު ލައްވައި އުޖޫރައަށް ޙަލާލު މަސައްކަތެއް ކުރުވުމަށްފަހު، އެ މީހަކަށް އުޖޫރަ ދޭންޖެހޭނެކަމަށް އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގެންފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ލައްވައި މަސައްކަތްކުރުވުމަށްފަހު އޭނާއަށް އުޖޫރަ ދިނުން މަނާކުރާ ޤާނޫނެއް ނެތުމާއެކު، އެބިދޭސީ މީހާއަށް އުޖޫރަ ލިބިދެވެންޖެހޭނެއެވެ.

3- އުޖޫރަ ދޭން ބުނެ، އެ އުޖޫރަ ނުދީ މަސައްކަތް ކުރުވުމަކީ އަޅުވެތި ކުރުވުމެކެވެ. މިކަންކަން ޤާނޫނު އަސާސީގައި ވަނީ މަނާ ކޮށްފައެވެ. މިގޮތުން ޤާނޫނު އަސާސީގެ 25 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެއްވެސް މީހަކު އަޅުވެތި ކޮށްގެނެއް ނުވާނެކަމަށާއި އަދި އެއްވެސް މީހަކު ލައްވާ މަޖްބޫރުން މަސައްކަތް ކުރުވައިގެންނެއް ނުވާނެކަމަށެވެ.

4- ކުރާ މަސައްކަތަށް އުޖޫރަ ލިބުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވެއެވެ.  މިގޮތުން ޤާނޫނު އަސާސީގެ 37 ވަނަ މާއްދާ ގެ (ށ) ގައި ބުނެފައިވަނީ، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެމީހަކު ލައްވައި ކުރުވި މަސައްކަތަކީ ޙަލާލު މަސައްކަތެއް ކަމުގައި ވާނަމަ، އެމީހަކަށް އުޖޫރަ ދޭންވާނެއެވެ. އޭނާއަކީ އިލީގަލް އިމިގްރެންޓެއްކަމަށް ވިއަސް އެ ޙައްޤު ލިބުމުގައި ފަރަޤެއް ނެތެވެ.

4- އުޖޫރައަށް މަސައްކަތް ކުރުވުމަށްފަހު އުޖޫރަ ނުދިނުމަކީ އިހާނެތި ޢަމަލެކެވެ. އަދި އެއީ އަނިޔާއެކެވެ. މިގޮތުން އެފަދަ ކަންކަން ވަނީ ޤާނޫނު އަސާސީގައި މަނާކޮށްފައެވެ. އެކަން ބަޔާންކޮށްދެމުން     ޤާނޫނު އަސާސީގެ 54 ވަނަ މާއްދާ ގައި ބުނެފައިވަނީ، އެއްވެސް މީހަކަށް ރަޙުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެނެއް ނުވާނެކަމަށާއި، އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެނެއް ނުވާނެކަމަށާއި، އަދި އެއްވެސް މީހަކަށް އަނިޔާކޮށްގެންވެސް ނުވާނެކަމަށެވެ. އިލީގަލް އިމިގްރެންޓަކާމެދުވެސް އެފަދަ ޢަމަލެއް ކުރުން ހުއްދަވެގެނެއް ނުވެއެވެ. އުޖޫރަ ދޭނެކަމަށްބުނެ، މަސައްކަތެއް ކުރުވުމަށްފަހު، އެ އުޖޫރަ ނުދިނުމަކީ އެފަދަ ޢަމަލެކެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް ބަލާލުން:

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ލައްވައި މަސައްކަތްކުރުވުމަށްފަހު، އޭނާއަށް އުޖޫރަ ދޭންޖެހޭނެތޯ ނުވަތަ ނޫންތޯ ބަލާއިރު، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އާއި ޚިލާފުވެފައިވާތީ މަސައްކަތް ޙަވާލުކުރިމީހާއާއި، އެމަސައްކަތް ކުރި ބިދޭސީ މީހާގެ މައްޗަށް އެ ޤާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައި ވީނަމަވެސް، އެ ދެމީހުންގެ ދެމެދުގައި އުފެދުނު ޢަޤުދުގެ ދަށުން އުޖޫރަ ދިނުން މަނާކުރާ އެއްވެސް ނައްޞެއް މިޤާނޫނުގައެއް ނެތެވެ. އަދި އެފަދަ ޤާނޫނެއްވެސް ނެތެވެ. އެހެންކަމުން، އަޅުގަނޑުމެން ކުރިންވެސް ދެންނެވި ފަދައިން، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، އިސްލާމްދީނުގައި އައިސްފައިވާ ދަލީލުތަކަށާއި، އުޞޫލުލްފިޤްހުގެ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ބިދޭސީ މީހާ ކުރި މަސައްކަތަށް އުޖޫރަ ދޭން ނުޖެހޭނެ ޝަރުޢީ އަދި ޤާނޫނީ އެއެއްވެސް ހަމައެއް ނެތެވެ.

ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޢަމަލު ކުރެވެމުންދާ ގޮތަށް ޤިޔާސް ކުރުން:

އަދި މީނޫން އެހެން މައްސަލަތަކުގައިވެސް ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދަނީ ހަމަ މިދެންނެވި އުޞޫލުންނެވެ. މިގޮތުން ބަލާލާއިރު، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ކާވެނި ކޮށްދޭންޖެހޭނީ ޝަރުޢީ މައުޛޫނެކެވެ. ނަމަވެސް ޝަރުޢީ މައުޛޫނަކާ ނުލައި ވަލީވެރިޔާ އަމިއްލައަށް ގޭގައި ކާވެނިކޮށްދިނަސް އެ ކާވެނީގެ ނަތީޖާތައް ނުކުމެއެވެ. މާނައަކީ އެކާވެނިން ލިބިފައިވާ ދަރިންގެ ނަސަބު އިނދެގެން އުޅުނު ފިރިހެންމީހާގެ މައްޗަށް ސާބިތުވެއެވެ. ޤަވާޢިދާ ޚިލާފަށް ކާވެނިކޮށްފައިވާތީ، އެކާވެނި ރޫޅާލުމަށްފަހު އެ ކާވެނިކުރި މީހުންގެ މައްޗަށް ކޯޓުން ކަނޑައަޅާނީ އަދަބެވެ. މީގެ ދެވަނަ މިސާލަކަށް ބަލާލާއިރު،  ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައި ޤާޟީއެއްގެ ހުއްދަ ލިބިގެން ނޫނީ ވަރި ކުރުމަކީ އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެކެވެ. ނަމަވެސް ޤާޟީގެ ހުއްދަ ނެތި ވަރިކުރިއަށް އެ ވަރި ވަރިއެއްކަމަށް ނިންމައެވެ. ޤާނޫނާ ޚިލާފަށް ވަރިކުރީތީ ފިރިހެންމީހާގެ މައްޗަށް އެ ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކަނޑައަޅާނީ އަދަބެވެ.

އެހެންކަމުން ހަމަ މިއުޞޫލަށް ޤިޔާސްކުރާއިރު، އިލީގަލް އިމިގްރަންޓަކު ލައްވައި މަސައްކަތް ކުރުވުމަކީ ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާއި ވާގޮތުން، އެ ޤާނޫނުގެ ދަށުން ހެދިފައިވާ “ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވާރކް ވިޒާއާބެހޭ ޤަވާޢިދު” ގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން ކުށެކެވެ. އަދި ހަމަ އެހެންމެ އެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ކ) ގައި ވާގޮތުން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަދެވޭ ބިދޭސީއަކުވެސް އޭނާއަށް ދެވިފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން ޢަމަލުކުރުމަކީ ކުށެކެވެ. އެހެންނަމަވެސް އިލީގަލް އިމިގްރަންޓެއް ލައްވައި، ނުވަތަ ބިދޭސީ މީހާއަށް ދެވިފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން އޭނާ ލައްވައި އޭގެ ޒާތުން ޙަލާލު މަސައްކަތެއް ކުރުވައިފިނަ، އޭގެ މައްޗަށް ނަތީޖާ ނުކުންނާނެއެވެ. މާނައަކީ އެ ޢަޤްދުގެ ދަށުން، ބިދޭސީ މީހާ ކުރި މަސައްކަތަށް އުޖޫރަ ލިބެންވާނެއެވެ. އިމިގްރޭޝަން ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ ޚިލާފުވުމުން ދިނުމަށް ކަނޑައަޅާފައިވާ އަދަބު ދިނުމަކީ އެހެން މައްސަލައެކެވެ. އެއީ، އެ ޢަޤްދު ދަށުން އެ ޢަޤްދުގެ ދެބައިވެރިން އުފުލަންޖެހޭ އިލްތިޒާމްތަކަށް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ.

ބައިނަލްއަޤްވާމީ އުޞޫލުތަކަށް ބަލާލުން:

1- ޕެކްޓާ ސަންޓް ސާރވެންޑާ (Pacta sunt servanda)  އަކީ ބައިނަލް އަޤްވާމީ ޤާޢިދާއެކެވެ. މިޤާއިދާއަކީ މަދަނީ ޤާނޫނުތަކާއި އަދި އިންޓަނޭޝަނަލް ޤާނޫނުގެ އެންމެ މުހިންމު އެއް ޤާއިދާއެވެ. މިއީ ލެޓިން ބަހުން ނެގިފައިވާ ޤާޢިދާއެކެވެ. މި ޤާޢިދާގެ މާނައަކީ (Agreements must be kept) އެވެ. ދިވެހި ބަހުން ދަންނަވާނަމަ އޭގެ މާނައަކީ ”އެއްބަސްވުން ދަމަހައްޓަން ޖެހޭނެ“ އެވެ. އަދި މިޤާޢިދާއަކީ އިސްލާމީ ޝަރީޢަތުގައިވެސް ޤާއިމުކުރެވިފައިވާ ޤާޢިދާއެކެވެ. އިސްލާމީ ޝަރީޢަތުގައި މިޤާޢިދާއަށް ކިޔަނީ “قاعدة الوفاء بالعهد” އެވެ. އެހެންކަމުން ކޮންޓްރެކްޓާ ޚިލާފުވުމަކީ ދުނިޔޭގެ އެންމެހާ ޤާނޫނީ ނިޒާމުތަކުގައިވެސް ހުއްދަނުކުރާ، ޣައިރު ޝަރުޢީ އަދި ޣައިރު ޤާނޫނީ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2009/SC-A/30 ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރެއިން 06 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ބިދޭސީއަކު ރާއްޖޭގައި އުޅެނީ ޤަވާޢިދާ ޚިލާފަށްކަމަށްވިއަސް، އޭނާ ލައްވައި ޙަލާލު މަސައްކަތެއް ކުރުވައިފިނަމަ، އެމަސައްކަތަށް އުޖޫރަ ދޭންޖެހޭނެކަން އެނގެއެވެ.

2- އިންސާނީ ޙައްޤުތަކާއި ކަރާމާތް ނަގާލުމަކީ ބައިނަލް އަޤްވާމީގޮތުން މަނާކަމެކެވެ. އަދި ޙައްޤު ގެއްލުނު މީހާއަށް ފަރުވާއެއް ދޭންޖެހެއެވެ. މިގޮތުން 1950 ގައި، ރޯމްގައި ވުޖޫދަށް އައިސްފައިވާ، ޔޫރަޕިއަން ކޮންވެންޝަންގައި، މީހެއްގެ އިންސާނީ ޙައްޤަކަށް އަރައިގަތުމުން، އެކަމުގެ ފަރުވާ ނުވަތަ ރެމެޑީ ލިބެންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. މި ކޮންވެންޝަންގެ ފުރިހަމަ ނަމަކީ، ”ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމް“ އެވެ.

މީގެއިތުރުން، ޔޫ.އެން. ގެ އިންސާނީ ޙައްޤުތަކާއިބެހޭ ޢާލަމީ އިޢުލާން 1948 އާއި، މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ މުޢާހަދާ 1966 އާއި، އިޤްތިސާދީ އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާއި ބެހޭ މުޢާހަދާ 1988 އާއި، އަދި މީގެއިތުރުންވެސް ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލަތަކާއި، އެއްބަސްވުންތަކާއި، މަބާދިއުތަކަށް ބަލާއިރުވެސް، އިންސާނީ ޙައްޤުތަކާއި ކަރާމާތް ނަގާލުމުގެ ޢަމަލަކީ، އެއްވެސް ގޮތަކުން ކުރެވިގެންވާނެ ކަމެއްނޫނެވެ. މިކަން، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު: 2010/SC-A/19 ޤަޟިއްޔާއާއި، އަދި ނަމްބަރު   2010/SC-A/20 ޤަޟިއްޔާގެ ދެވަނަ ނުކުތާގައި ވެސް، ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އިލީގަލް އިމިގްރެންޓަކާމެދުވެސް އެފަދަ ޢަމަލެއް ކުރުން ހުއްދަވެގެނެއް ނުވެއެވެ. އުޖޫރަ ދޭނެކަމަށްބުނެ، މަސައްކަތެއް ކުރުވުމަށްފަހު، އެ އުޖޫރަ ނުދިނުމަކީ އެފަދަ ޢަމަލެކެވެ.

އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރާގޮތަށް ބަލާލުން:

އިލީގަލް އިމިގްރެންޓުން ކޯޓުތަކަށް ތަފާތު ފަރުވާތައް ލިބިގަތުމަށް އަންނަކަމީ އެހެން ނިޒާމުތަކުންވެސް ފެންނަން އޮތް ޙަޤީޤަތެކެވެ. މިގޮތުން ބަލާލާއިރު، އެމެރިކާގެ ޕިއު ހިސްޕެނިކް ސެންޓަރ އިން 2008 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނާގޮތުން އެމެރިކާގައި 11.9 މިލއަން އިލީގަލް އިމިގްރެންޓުން އުޅެމުން ގެންދެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ތަފާތު އިންޑަސްޓްރީތަކުގައި، ވަރަށް ބޮޑެތި ރިސްކް ހުންނަ ވަޒީފާތަކުގައިވެސް އެމީހުން އުޅެމުން ގެންދެއެއެވެ. ނަތީޖާއެއްގެގޮތުން އެ ބައިމީހުންނަށް ލިބޭ ހާނީއްކައާއި، ވޭޖް ލޮސްއަށާއި، އިކޮނިމިކް ލޮސްއަށް އެމީހުން ދަޢުވާކޮށް ހަދައެވެ. މިފަދަ ކްލެއިމްތައް އިލީގަލް އިމިގްރެންޓުން ކޮށްފައިވާކަން Hagl v. Jacob Stern & Sons Inc. ގެ މައްސަލައިންވެސް އެނގިގެން ދެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން އިލީގަލް އިމިގްރެންޓުން އެޤައުމުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ. ކަން މިހެން އޮތްއިރު، އިލީގަލް އިމިގްރެންޓުން ކޯޓުތަކަށް ތަފާތު ފަރުވާތައް ލިބިގަތުމަށް އަންނަކަމީ އެހެން ނިޒާމުތަކުންވެސް ފެންނަން އޮތް ޙަޤީޤަތެކެވެ. ވީމާ، ރާއްޖޭގައިވެސް އެފަދަ އިލީގަލް އިމިގްރެންޓުންނަށް ކޯޓަށް ނާދެވެންވީ އެއްވެސް ސަބަބެއް ނެތެވެ.

ޢަދުލު އިންޞާފުގެ ހަމަ (އިސްތިޙްސާންގެ އުޞޫލު) އަށް ބަލާލުން:

ޢަދުލު އިންޞާފުގެ ހަމަތަކަށް ނުވަތަ އިސްތިޙްސާންގެ އުޞޫލަށް ބަލާއިރު އަންނަނވި ޤާޢިދާތަކުގެ އަލީގައި ދަންނަވަން ޖެހެނީ، އިލީގަލް އިމިގްރެންޓެއް ލައްވައި އުޖޫރައަށް މަސައްކަތް ކުރުވުމަށްފަހު، އެ އެޖޫރަ ނުދީފިނަމަ، އޭގެ ބަދަލު އިލީގަލް އިމިގްރެންޓަށް ލިބޭނެކަމެވެ. އެހެންކަމުން އޭގެ މާނައަކީ ބަދަލެއްގެ ސިފައިގައިވިއަސް އެ އުޖޫރަ އިލީގަލް އިމިގްރެންޓަށް ލިބިދެވޭކަމެވެ. މިގޮތުން ތިރީގައި މިވަނީ އެ އުޞޫލުތަކެވެ.

1- الإثراء بلا سبب  (Unjust Enrichment) ގެ ދަށުން އިލީގަލް އިމިގްރެންޓް ކުރި މަސައްކަތަށް ބަދަލު ނަގައިދެވޭނެއެވެ. މި އުޞޫލުގެ މާނައަކީ މީހަކަށް ޙައްޤު ނޫންގޮތުގައި މަންފާޢެއް ނުވަތަ ފައިދާއެއް ލިބިގެންފިނަމަ އޭގެ ބަދަލު އަނެކާއަށް ނަގައިދިނުމެވެ. މިކަމުގައި ފުރިހަމަ ވާންޖެހޭ 03 ޝަރުޠަށް ބަލާއިރު، ފުރަތަމަ ޝަރުޠަކީ އަނެކާގެ އަތުން މަންފާއެއް ނުވަތަ ބަދަލެއް ލިބޭނެކަމުގެ މުޤާބިލުގައި ކަމެއް ކޮށްދީފައި އޮތުމެވެ. ދެވަނަ ޝަރުޠަކީ އަނެކާއަށް އެ މަންފާއެއް ލިބިފައި އޮތުމެވެ. ތިންވަނަ ޝަރުޠަކީ އެމަންފާއަށް ބަދަލު ނުދީ އަނެކާ އެ މަންފާއިން ފައިދާ ލިބިގަތުމަކީ އަންކޮންޝަނަބްލް ކަމަކަށްވުމެވެ. އެހެންކަމުން މީހަކު ލައްވައި އުޖޫރައަށް މަސައްކަތް ކުރުވުމަށްފަހު، އެ އުޖޫރަ ނުދީ ހިފެހެއްޓުމަކީ ވަރަށް ސާފުކޮށް މިޝަރުޠުތައް ފުރިހަމަވާނެ ކަމެކެވެ. އެހެންކަމުން އެމީހަކީ އިލީގަލް އިމިގްރެންޓެއްކަމަށްވީނަމަވެސް، އޭނާ ކުރި މަސައްކަތަށް އަގު ނުދޭނަމަ، އެއީ އަނެކާ އަށް ލިބޭ ޙައްޤުނޫން މަންފާޢެކެވެ. އެ މަންފާ އޭނާއަށް ޙައްޤުވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އެހެންކަމަށްވާއިރު، އިލީގަލް އިމިގްރެންޓްގެ މަސައްކަތަށް އުޖޫރަ ދޭނެކަމަށް ދައްކުވައިގެން އޭނާ ލައްވައި މަސައްކަތެއް ކުރުވުމަށްފަހު އެ މަސައްކަތަށް އުޖޫރަ ނުދީ، އެ މަސައްކަތުގެ މަންފާ އަނެކާ ޙާޞިލްކުރަމުން ގެންދިއުމަކީ އަންކޮންޝަނަބްލް ކަމެކެވެ. ވީމާ، އިލީގަލް އިމިގްރެންޓް ކޮށްދިން މަސައްކަތަށް އިސްތިޙްސާނުގެ އުޞޫލުން ބަދަލު ލިބިދެވެން ޖެހޭނެއެވެ.

2- މަންފާ އަނބުރާ ޙަވާލުކުރުން ނުވަތަ Disgorgement of profitއަކީ ވެސް މިފަދަ އުޞޫލެކެވެ. މިގޮތުން، އެއްވެސް މީހެއްގެ ޙައްޤެއް އަނެކާ ހިފަހައްޓާފައިވާނަމަ، އެ ޙައްޤަކީވެސް، އިޢާދަ ކޮށްދެވޭ ޙައްޤެކެވެ. މިގޮތުން ނާޖާއިޒުގޮތުގައި ހިފެހެއްޓި ނުވަތަ ލިބިގަތް ހައްޤުގެ ބަދަލު ނަގައި ދެވޭނެއެވެ. އެހެންކަމުން އިލީގަލް އިމިގްރަންޓެއްކަމަށްވިއަސް އޭނާއަށް އޮޅުވާލައިގެން އޭނާގެ އަތުން މަންފާއެއް ހޯދާފައވާނަމަ، އެ މަންފާގެ ބަދަލު ނަގައިދެވޭނެއެވެ.

3- ރެސްޓިޓިއުޝަން (Restitution)އަކީވެސް ހަމަ މިފަދަ އަނެއް އުޞޫލެވެ. މިގޮތުން މީހަކު އޭނާއަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިފިނަމަ، އެމަންފާ އަނބުރާ ހޯދައި ދެވޭނެއެވެ. ނުވަތަ އޭގެ ޒާތުން އެމަންފާ އަނބުރާ ޙަވާލުކުރެވެން ނެތްނަމަ އެ މަންފާގެ ބަދަލު ނަގައިދޭނެއެވެ. އެހެންކަމުން އިލީގަލް އިމިގްރަންޓެއްގެ އަތުންވިއަސް އަނެކާއަށް ލިބެންނުޖެހޭ މަންފާއެއް ހޯދާފައިވާނަމަ، އެ މަންފާ ނުވަތަ އޭގެ ބަދަލު އަނބުރާ ހޯދައިދެވޭނެއެވެ. އެހެނީ އިލީގަލް އިމިގްރަންޓަކަށް ވުމަކީ އޭނާގެ ލައްވައި މަސައްކަތްކުރުވުމަށްފަހު، އަގުނުދީ، ނާޖާއިޒުގޮތުގައި މަންފާ ޙާޞިލްކުރުމަށް އަނެކާއަށް ހުއްދަވާނެ ސަބަބެއް ނޫނެވެ.

4- އިލީގަލް އިމިގްރެންޓެއް ލައްވައި އުޖޫރައަށް މަސައްކަތް ކުރުވުން އެއީ ބާޠިލް ކޮންޓްރެކްޓެއްކަމަށް ބެލިނަމަވެސް، އެ ދެމީހުން އިހު ތިބި ޙާލަތަށް ގެންގޮސް ދިނުމަކީ އިސްތަޙްސާނުގެ ވަރަށް ފުރިހަމަ އުޞޫލެކެވެ. އެހެނީ އެއީ ބާޠިލް ކޮންޓްރެކްޓެއްކަމަށް ވާނަމަ، ޞައްޙަ ޙަޤީޤީ ކޮންޓްރެކްޓެއް ވުޖޫދަށް އައިސްފައެއް ނުވާނެއެވެ. އެ ޙާލަތުގައި އެއީ އެންފޯރސް ކުރެވޭނެ އެއްޗެއްކަމަށް ނުވާތީ، އެ ދެމީހުންވެސް އެކަކު އަނެކަކަށް އަދާކޮށްފައިވާ ޙައްޤުތައް އަނބުރާ ދޭންޖެހެއެވެ. އެހެންކަމަށް ވާއިރު، އިލީގަލް އިމިގްރަންޓެއް ލައްވައި އުޖޫރައަށް މަސައްކަތްކުރުވުމަށްފަހު އުޖޫރަ ނުދީފިނަމަ، އެޙާލަތުގައި އެ ދެމީހުން އިހު ތިބި ޙާލަތަށް ގެންދާއިރު، އިލީގަލް އިމިގްރެންޓްގެ ފަރާތުން އަނެކާއަށް ކޮށްދީން މަސައްކަތުގެ ބަދަލު ދިނުމުން ނޫނީ އޭނާ އިހު ހުރި ޙާލަތަކަށް ނުގެންދެވޭނެއެވެ. އެހެންކަމުން، އިލީގަލް އިމިގްރެންޓެއް ލައްވައި އުޖޫރައަށް މަސައްކަތް ކުރުވުން އެއީ ބާޠިލް ކޮންޓްރެކްޓެއްކަމަށް ބެލިނަމަވެސް، އޭނާއަށް ބަދަލުގެ ގޮތުގައިވިއަސް އޭނާ ކުރި މަސައްކަތަށް އުޖޫރައެއް ލިބިގެން އެބަ ދެއެވެ. އަޅުގަނޑުމެން މި އުޞޫލު މިގެނައީ، އިދިކޮޅު ބައިވެރިން އެވިދާޅުވާ ގޮތަށް ބާޠިލް ކޮންޓްރެކްޓެއްކަމަށް ބެލިނަމަވެސް، އިލީގަލް އިމިގްރަންޓް ކުރިމަސައްކަތަށް ބަދަލުގެ ގޮތުގައިވިއަސް އަގު ލިބޭނެކަން ވަރަށް ސާބިތުކަމާއެކު ހާމަ ކޮށްދިނުމަށެވެ.

އިލީގަލް އިމިގްރެންޓުން ފަރުވާ ހޯދަން ކޯޓަށް ނުދަނީ ފަރުވާ ނުލިބޭނެތީއެއް ނޫން:

އިލީގަލް އިމިގްރަންޓުން، ގިނަ ޤައުމުތަކުގައި ގިނަ ފަހަރަށް ޙައްޤު ހޯދުމަށް ކޯޓަކަށް ނުދެއެވެ. ސަބަބީ އެމީހުންނަކީ އެ ޤައުމެއްގެ ޤާނޫނުތަކާ ޚިލާފަށް އުޅޭ މީހުންކަމަށްވެފައި، އެމީހުން އަތުލައި ގަނެވިއްޖެނަމަ، އެމީހުން ޑީޕޯޓްކޮށްލަފާނެތީއެވެ. އަދި ކޯޓަށް ދާންނުޖެހޭ އަނެއް ސަބަބަކަށް ވެފައި އޮންނަނީ، އެފަދަ އިލީގަލް އިމިގްރަންޓުން ލައްވައި މަސައްކަތްކުރުވުމަކީ ގިނަ ޤައުމުތަކުގައި މަނާ ކަމެއްކަމަށްވާތީ، ފައިސާ ނުދީގެން އިލީގަލް އިމިގްރަންޓް ދަޢުވާކުރާ ޙާލަތުގައި، އޭނާ ލައްވައި މަސައްކަތް ކުރުވި މީހާގެ މައްޗަށް ބޮޑެތި ޖޫރިމަނާ އައިސް، ޤާނޫނީ ގޮޅިއަކަށް ފެތިދާނެތީއެވެ.     އެހެންކަމުން އެހެން ޤައުމުތަކުގައިވެސް މިބާވަތު މައްސަލަތައް ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަރަށް މަދުން ނޫނީ ހިނގާފައެއް ނުހުރެއެވެ. އަދި އެކަން އެގޮތަށް އޮތުމުގެ މާނައަކީ މިބާވަތުގެ މައްސަލަތަކަކީ މުޠްލަޤަށް ނުބެލޭ މައްސަލަތަކެއްކަމުގައި ވުމެއް ނޫނެވެ.