މުޢާހަދާ

ވެލިދޫ މުޙައްމަދު ޙަލީމް

ފެށުން

އިސްލާމް ދީނަކީ ރަޙުމަތާއި އަޅާލުމުގެ ދީނެވެ. މި ދީނުގައި ވަކި މީހަކަށް ވަކި ނަޞްލަކަށް ބެލުމެއް ނެތެވެ. އިސްލާމްދީނުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަބައެކެވެ. އެހެންކަމުން އިސްލާމީ ގުޅުންތަކުގެ ދާއިރާގައި ޣައިރު މުސްލިމުންނާއި ގުޅުންތައް ތަންޒީމު ކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

އިހުގެ ލިޔުންތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ގާނޫނުގެ އޮނިގަނޑެއް އައުމުގެ ކުރީގައި އޭރު ޤައުމުތަކުގެ މެދުގައި ޢަމަލުކުރަމުން އައީ އިސްލާމީ ޤާނޫނީ ތަޖުރިބާކާރު މުފައްކިރުންގެ ލަފައާއި، އިރުޝާދު ދަށުންނެވެ. އެހެނީ އިސްލާމީ ދީނުގެ ރަންޒަމާނަކީ ހުޅަނގުގެ އަނދިރި ޒަމާނެވެ. އެބައިމީހުންނަށް ހުރިހާ ހަވަލިކަމެއް ލިބިގެން އައީ މުސްލިމުންގެ ފުށުންނެވެ. އިސްލާމުން ގްރީސްގެ ޢިލްމުވެރިންގެ ގެއްލިފައިވާ ޢިލްމުތައް ހޯދައި ތަރައްޤީކޮށް އުފެއްދި ފިލޯސަފީ ޢިލްމާއި، އަދި އަމިއްލަ ގޮތުން އައު ހޯދުންތައް ހޯދައި ކުރިއެރުވި ސައިންސްގެ އެކި ދާއިރާތަކުން ހޯދާފައިވާ މައުލޫމާތުގެ ޚަޒާނާތައް 11 ވަނަ ޤަރުނުން ފެށިގެން ހުޅަނގުގެ މީހުން ބޭނުންކުރިކުރުމަކީ އެއްވެސް މީހަކަށް އެކަމާ އިންކާރު ނުކުރެވޭ ފަދަ ޙަޤީޤަތެކެވެ.

ބައިނަލްއަޤްވާމީ ޤާނޫނު އެކުލެވިގެންވަނީ މައިގަނޑު ގޮތެއްގައި ކަސްޓަމަރީ ލޯއާ، ކޮންވެންޝަނަލް ލޯއާ އަދި ޖެނެރަލް ޕްރިންސިޕަލްސް ނުވަތަ ޢާންމު އުސޫލުތަކުގެ މައްޗަށެވެ. މީގެތެރެއިން ކަސްޓަމަރީ ލޯގެ މައިގަނޑު މަފްހޫމްގައި މިހާރު މި ވަނީ ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސްގައި ކޮޑިފައިކުރެވިފައެވެ.

މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ ބައިނަލް އަޤުވާމީ މުޢާހަދާތަކުގެ ޤާނޫނުގެ މައްޗަށެވެ. މީގެ އިތުރުން މުޢާހަދާގެ ތާރީޚާއި، ތަޢުރީފާއި، މުޢާހަދާއެއް ވުޖޫދަށް އަންނަ ގޮތާއި، ޖަސް ކޮޖެންސްއާއި، ޕެކްޓާ ސަންޓް ސަރވެންޑާގެ ޤާޢިދާއަށް އަލިއަޅުވާލާފައިވާނެއެވެ.

ޕެކްޓާ ސަންޓް ސަރވޭންޑާ (Pacta Sunt Servanda)

ތަޢުރީފު

ޕެކްޓާ ސަންޓް ސަރވެންޑާ (Pacta Sunt Servanda) އަކީ ލެޓިން ބަހެކެވެ. އިނގިރޭސި ބަހުން އޭގެ މާނައެއް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ “agreements must be kept”[23] މިފަދައިންނެވެ. މީގެން ދޭހަވާ މާނައަކީ “އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލު ކުރަންޖެހޭނެއެވެ.” ނުވަތަ “އެއްބަސްވުން ތަކަށް ކަމޭހިތަން ވާނެއެވެ.” ވުމާއެކު ޕެކްޓާ ސަންޓް ސަރވެންޑާގެ ދަށުން އެކުލަވާލެވޭ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، އެމުޢާހަދާތަކާއި، އެއްބަސްވުންތަކުގެ ބައިވެރިން ކުރުމަށް ލާޒިމްކުރާ ކަންތައްތަކާއި، އަދާކޮށްދޭންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކޮށްދޭން ޖެހޭނެ ކަމާއި، އެކަންތަކާއި ޚިލާފުވުން އެއީ މުޅި މުޢާހަދާއާއި ޚިލާފުވުން ކަމަށް ބެލެވެއެވެ.

މި އުޞޫލުވަނީ ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސްގެ 26 ވަނަ މާއްދާގައިވެސް ކަނޑައަޅާފައެވެ. މިމާއްދާގައި ބުނާ ގޮތުން އެމައްޗަށް ޢަމަލުކުރެވޭ ކޮންމެ މުޢާހަދާއަކީ އެއިން ބަނދެވޭ މުޢާހަދާއެކެވެ. އަދި އޭގައިވާ ކަންކަން ހެޔޮ ނިޔަތު (Good Faith) ގައި މުޢާހަދާގެ ބައިވެރިން ތަންފީޒުކުރަންޖެހެއެވެ. ވުމާއެކު މުޢާހަދާއަކާ ޚިލާފުވެއްޖެނަމަ، އެމުޢާހަދާގެ ބައިވެރިން އެކަމުގެ ޒިއްމާ އުފުލަންޖެހެއެވެ.[24] އަދި އެހެންމެ އެއްވެސް މުޢާހަދާއަކަށް ބަދަލެއް ނުވަތަ އިސްލާޙެއް ގެންނަނަމަ، އެފަދަ ބަދަލެއް ނުވަތަ އިޞްލާޙެއް ގެނެވޭނީ، އެމުޢާހަދާއެއްގައި ބައިވެރިވާ ހުރިހާ ބައިވެރިންގެ ރުހުން ލިބިގެންނެވެ. އަދި އެއިސްލާޙަކަށް އެއްވެސް ފަރާތަކުން ދެކޮޅު ހަދާނަމަ އެފަރާތަކަށް އެއިސްލާޙަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމެއްވެސް ނުކުރެވޭނެއެވެ.[25] މިއީވެސް ޕެކްޓާ ސަންޓް ސަރވެންޑާގެ އުޞޫލުގެ ދަށުން ކަނޑައަޅާފައިވާ ކަމެކެވެ.

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް ބުނާގޮތުން ބައިނަލްއަޤުވާ އެއްބަސްވުންތަކުގެ ގޮތުގައި ތަންފީޒު ކުރެވޭ ކޮންމެ މުޢާހަދާއަކީ އެމައްޗަށް ޢަމަލު ކުރުމަށް ބައިވެރިވާ ހުރިހާ ބައިވެރިންނަށް ލާޒިމްކުރާ އަދި އެފަރާތްތަކުން އޭގެ މައްޗަށް ހެޔޮ ނިޔަތާއި އެކު ޢަމަލުކުރެވޭ އެއްޗަކަށް ވާންޖެހޭނެއެވެ. ޕެކްޓާ ސަންޓް ސަރވެންޑާއަކީ ހެޔޮ ނިޔަތާއި ގުޅިފައިވާ ޤާޢިދާއެއްކަމުގައި ވީނަމަވެސް، ޕެކްޓާ ސަންޓް ސަރވެންޑާ އަކީ ހެޔޮނިޔަތާއި މުޅިން އެއްވަރު އެއްޗެއް ނޫނެވެ. މީގެ ސަބަބުން ދައުލަތްތަކުން އަދާކުރަންޖެހޭ ވާޖިބުތަކަށް އިޙްތިރާމް ކުރުމަށް ބާރު އެޅެއެވެ. އަދި އެދައުލަތެއްގެ ދާޚިލީ ޤާނޫނު ހުއްޖަތެއް ކަމުގައި ދައްކައިގެން، މުޢާހަދާއެއްގެ ދަށުން އަދާކުރަންޖެހޭ ވާޖިބަކުން ބަރީޢަ ނުވެވޭނެކަން މިކަމުން ކަށަވަރު ކޮށްދެއެވެ.

މިޤާޢިދާއަކީ މަދަނީ ޤާނޫނުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހިމެނިގެންވާ ހެޔޮ ނިޔަތް އެކުލެވިގެންވާ ރަނގަޅު އަޚުލާޤާއި ގުޅިފައިވާ ޤާޢިދާކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް ކޮމަންލޯ (Common Law) ގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ދައުލަތްތަކުގައި ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރޭގައި ހެޔޮ ނިޔަތުގެ ޤާޢިދާ ނުހިމަނާތީ، ޕެކްޓާ ސަންޓް ސަރވެންޑާގެ ތެރޭގައި ހެޔޮ ނިޔަތުގެ ޤާޢިދާ އެކުލެވިގެންވެއެކޭ ނުބުނެވޭނެއެވެ.

ޕެކްޓާ ސަންޓް ސަރވެންޑާއަށް އިންފާރު ކަނޑައަޅައިދޭ ހަމައެކަނި އެއްޗަކީ ޢާއްމު ބައިނަލްއަޤުވާމީ ޤާނޫނުގެ ބާރުވެރި ޤާޢިދާ ކަމަށްވާ ޖުސް ކޮޖެންސްގެ ޤާޢިދާއެވެ. އަދި ހަމަ މިއާއެކު ޢުރުފީ ބައިނަލްއަޤުވާމީ ޤާނޫނު ނުވަތަ ކަސްޓަމަރީ އިންޓަރނޭޝާނަލް ލޯ (Customary International Law) ގެ ޤާނޫނީ އުޞޫލެއް ކަމަށްވާ “ކްލައުޒުލާ ރޭބުސް ސިކް ސްޓަންޓިބުސް” (clausula rebus sic stantibus) ގެ ދަށުންވެސް ބަދަލުވާ ޙާލަތަށް ރިޢާޔަތްކޮށް މުޢާޙަދާއެއްގެ ވާޖިބެއް އަދާނުކޮށް ދޫކޮށްލެވިދާނެއެވެ.

އިސްލާމްދީނާއި ޕެކްޓާ ސުންޓް ސަރވޭންޑާ

17 ވަނަ ޤަރުނުގައި ހޫގޯ ގްރޯޝިއަސް އެކުލަވާލި ޕެކްޓާ ސަންޓް ސަރވެންޑާ (Pacta Sunt Servanda)  މިޤާޢިދާއަކީ ބައިނަލްއަޤްވާމީ ހުޅަނގުގެ ޤާނޫނުގެ އަސާސީ ޤަވާޢިދަށް ވާއިރު، އެޤަވާޢިދަކީ ބައިނަލްއަޤްވާމީ އިސްލާމީ ޤާނޫނުގެ ވެސް އަސާސީ ޤަވާއިދެކެވެ. ސަބަބަކީ އެބިނާވެފައިވަނީ ޤުރުއާނާއި ސުންނަތަށް އެއްގޮތަށެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު އެއްއަސާސް ކަމަށްވާ “ޢަހްދަށް ވަފާތެރިވުމުގެ ޤާޢިދާ” (قاعدة الوفاء بالعهد) ގެ މަފްހޫމްގެ މައްޗަށް ބިނާވެފައިވާ ޤާޢިދާއެކެވެ.

ޤުރުއާނާއި ސުންނަތުގެ އަލީގައި ފާހަގަ ކޮށްލެވޭ ބައެއް ޓްރިޓީތަކުގެ ތެރެއިން “ހުދައިބިއްޔާގެ އެއްބަސްވުން” ގައި ވަނީ ބާރުގަދަ އެހެން ފަރާތްތަކާ އެކު މިފަދަ މުޢާހަދާތަށް ކުރެވޭނެ އުސޫލުތައް ކީރިތި ރަސޫލާ ބަޔާން ކުރައްވާފައެވެ. އެހެނީ، ޢަޤުދަށް ވަފާތެރިވުމަށާއި، އަޙްދަށް ތެދުވެރިވުމަށް މާތް ﷲ އަންގަވާފައިވެއެވެ. މިގޮތުން ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މިކަމުގެ މައްޗަށް އަމުރުކުރައްވާފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި މިޤާޢިދާގެ މަޤާމަށް ބަލާއިރު، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ)  المائدة: 1 މާނައަކީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢ ތައް ފުއްދާށެވެ!”

މިއާޔަތުގައިވާ “ޢަޤުދު” މިލަފުޒުގެ މާނައާބެހޭ ގޮތުން ޢިލްމުވެރިން ވަރަށް ގިނަ ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. މިގޮތުން އަލްއަސްފަހާނީ ވިދާޅުވެފައިވަނީ “ޢަޤުދު” ގެ މާނައިގެ ތެރޭގައި ހުރިހާ ބާވަތެއްގެ އެއްބަސްވުން ހިމެނެއެވެ. މިގޮތުން އެކަލާނގެ އަމުރުފުޅުތަކަށް ތަބަޢަވުމަށް މާތް ﷲ އަށް މުސްލިމުންވެފައިވާ ޢަހުދާއި، އެމީހެއްގެ ނަފްސުގެ މައްޗަށް ކުރުން ލާޒިމްކޮށް ވާ ޢަހުދާއި، ދޭދޭ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައިވާ ޢަހުދު ހިމެނޭކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

އަދިވެސް ވަޙީކުރައްވާފައި ވެއެވެ. (وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدْتُمْ وَلا تَنْقُضُوا الأيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلا إِنَّ اللَّهَ يَعْلَمُ مَا تَفْعَلُونَ. وَلا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا تَتَّخِذُونَ أَيْمَانَكُمْ دَخَلا بَيْنَكُمْ أَنْ تَكُونَ أُمَّةٌ هِيَ أَرْبَى مِنْ أُمَّةٍ إِنَّمَا يَبْلُوكُمُ اللَّهُ بِهِ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيَامَةِ مَا كُنْتُمْ فِيهِ تَخْتَلِفُونَ) النخل: 91-92. މާނައަކީ: “ތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ. އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: عهد ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ عهد ތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެކަމުން امتحان ކުރައްވަތެވެ. އަދި ތިޔަބައިމީހުން، خلاف ވެ އުޅުނުކަންތައް، قيامة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.”

ކީރިތި ޤުރުއާނުގެ އިތުރުން، ކީރިތި ރަސޫލާގެ ސުންނަތުންވެސް ބުނެވިދިޔަ ޤާޢިދާއަކީ އިސްލާމް ދީން އެކަމަށް ބާރުއަޅާފައިވާ ޤާޢިދާއެއްކަން އެނގެއެވެ. އެހެނީ عن انس بن مالك  ގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. (لا إيمان لمن لا أمانة له و لا دين لمن لا عهد له) [26] މާނައަކީ: “އަމާނާތްތެރިކަމެއް ނެތްމީހާގެ ކިބައިގައި އީމާންކަމެއް ނެތެވެ. އަދި ޢަހްދަށް ޙުރުމަތްތެރިކޮށް ނުހިތާ މީހެއްގެ ދީނެއް ނެތެވެ.”

އިހުގެ ލިޔުންތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ގާނޫނުގެ އޮނިގަނޑެއް އައުމުގެ ކުރީގައި އޭރު ޤައުމުތަކުގެ މެދުގައި ޢަމަލުކުރަމުން އައީ އިސްލާމީ ޤާނޫނީ ތަޖުރިބާކާރު މުފައްކިރުންގެ ލަފައާއި، އިރުޝާދު ދަށުންނެވެ. އެހެނީ އިސްލާމީ ދީނުގެ ރަންޒަމާނަކީ ހުޅަނގުގެ އަނދިރި ޒަމާނެވެ. އެބައިމީހުންނަށް ހުރިހާ ހަވަލިކަމެއް ލިބިގެން އައީ މުސްލިމުންގެ ފުށުންނެވެ. އިސްލާމުން ގްރީސްގެ ޢިލްމުވެރިންގެ ގެއްލިފައިވާ ޢިލްމުތައް ހޯދައި ތަރައްޤީކޮށް އުފެއްދި ފިލޯސަފީ ޢިލްމާއި، އަދި އަމިއްލަ ގޮތުން އައު ހޯދުންތައް ހޯދައި ކުރިއެރުވި ސައިންސްގެ އެކި ދާއިރާތަކުން ހޯދާފައިވާ މައުލޫމާތުގެ ޚަޒާނާތައް 11 ވަނަ ޤަރުނުން ފެށިގެން ހުޅަނގުގެ މީހުން ބޭނުންކުރިކުރުމަކީ އެއްވެސް މީހަކަށް އެކަމާ އިންކާރު ނުކުރެވޭ ފަދަ ޙަޤީޤަތެކެވެ.

މުޢާހަދާގެ ތަޢުރީފު

މުޢާހަދާއަކީ ޤައުމުތަކެއްގެ، ނުވަތަ ސޮވްރިން އެންޓިޓީތަކެއްގެ މެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން ވަކި ކަމެއްގެ މައްޗަށް ވާހަކަ ދައްކައި މަޝްވަރާކުރުމަށްފަހު، އެއްބަސްވެ ނިންމާ ނިންމުމެކެވެ.[1] އާއްމު ގޮތެއްގައި މުޢާހަދާއަކީ މުޢާހަދާއެއް ކުރުމުގެ އަހްލިއްޔަތު ލިބިފައިވާ ބައިނަލް އަޤުވާމީ ފަރާތަކުން އެބައެއްގެ ހެޔޮ ނިޔަތް އެކަން ކުރުމަށް އޮވެ، އެބައެއްގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭގޮތަށް އުފައްދާ އެއްބަސްވުމެކެވެ.[2]

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީ 1969 ގެ މާއްދާ 2 (1) (އޭ) ގައި އެ ކޮންވެންޝަންގެ މަޤްޞަދަށްޓަކައި މުޢާހަދާގެ މާނައަކީ ދޭއް (Bilateral) ނުވަތަ އެއަށްވުރެ ގިނަ (Multilateral) ސިޔާދަތު ލިބިގެންވާ (Sovereign) ދައުލަތްތަކެއްގެ މެދުގައި ކަމަކާއިމެދު ވަކިގޮތްތަކެއް ކަނޑައަޅައި އެއްބަސްވާ އެއްބަސްވުމެވެ. މަލްޓިލެޓެރަލް (Multilateral) މުޢާހަދާއެއްގެ މިސާލަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (United Nations Convention on the Law of the Sea) އެވެ.[3] އަދި ބައިލެޓެރަލް (Bilateral) މުޢާހަދާއެއްގެ މިސާލަކީ ކެނެޑާ-އާޖެންޓީނާ އިންވެސްޓްމެންޓް ޓްރީޓީ (Canada-Argentina Investment Treaty) އެވެ.[4]

މުޢާޙަދާއަކީ ދެފަރާތަކުން މުޢާހަދާއަކުން އުފެދޭ ނަތީޖާއަކީ އެމުޢާހަދާއެއްގެ ބައިވެރިން، އެއްފަރާތުން އަނެއް ފަރާތުގެ މައްޗަށް ވަކިކަންތައްތަކެއް ކުރަން ނުވަތަ ނުކުރަން ލާޒިމްވުމެވެ.  ނުވަތަ ބައިވެރިންގެ މައްޗަށް ވަކި ކަހަލަ އިލްތިޒާމްތަކެއް އުފެދިގެން ދިޔުމެވެ. މިގޮތުން އުފެދޭ މުޢާހަދާއެއްގައި ބައިވެރިން އެއްފަރާތުން އަނެއްފަރާތަށް އަދާކުރަންޖެހޭ ވާޖިބުތަކާއި، ބައިވެރިންނަށް ލިބިގެންވާ ޙައްޤުތައްވެސް ބަޔާންކުރެވިގެންދެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުގައި “Treaty” ނުވަތަ “މުޢާހަދާ” މި ނަން ބައިނަލްއަޤުވާމީ ގޮތުން އެއްބަސްވެފައިވާ ތަފާތު އެތައްބާވަތެއްގެ އެއްބަސްވުމަކަށް ކިޔާފައިވެއެވެ. މުޢާހަދާތަކާއި ބެހޭ ޤާނޫނުގެ މައްޗަށް އެކުލަވާލެވިފައިވާ ވިއެނާގެ މަހާސިންތާ ނުވަތަ ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް 1969(Vienna Convention on the Law of Treaties) ގައި ބުނާ ގޮތުން މުޢާހަދާއަކީ މިފަދަ މުޢާޙަދާތައް ތަންފީޒުކުރުމާއި، ތަރުޖަމާކުރުމުގެ ބާރުވެރިކަން ލިބިގެންވަނީ ބައިނަލްއަޤުވަމީ ޤާނޫނުގެ މައްޗަށެވެ. ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން މުޢާޙަދާގެ ތެރޭގައި ދައުލަތްތައް ފިޔަވައި ބައިނަލްއަޤުވާމީގޮތުން އުފެދިފައިވާ މުނައްޒަމާތަކާއެކު ދައުލަތްތަކުން އެއްބަސްވާ އެއްބަސްވުންތައްވެސް ހިމެނެއެވެ.

މުޢާޙަދާއެއްގެ މައުޟޫޢުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި ގުޅޭ އެންމެހައި މައުޟޫޢުތައް ހިމެނިގެންވެއެވެ. މިގޮތުން ޞުލްޙައާއި، ވިޔަފާރިއާއި، މިނިވަންކަމާއި، ސަރަޙައްދީ އިމާއި، އިންސާނީ ޙައްޤުތަކާއި، އިމިގްރޭޝަންފަދަ ތަފާތު އެތަކެއް މައުޟޫޢުތަކެއް އެކުލެވިގެންވެއެވެ.

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް (Vienna Convention on the Law of Treaties) ގައި މުޢާޙަދާތަކާއި ބެހޭ ޤާނޫނުގެ އަސާސީ ޤާޢިދާތަކާއި، މުޢާޙަދާތައް ނިމޭގޮތާއި، މުޢާޙަދާއެއް އެކުލަވާލެވޭ ގޮތާއި، ބައިވެރިން މުޢާޙަދާގެ މައްޗަށް އިލްތިޒާމް ކުރެވޭ ގޮތާއި، މުޢާޙަދާތައް ތަންފީޒު ކުރެވޭ ގޮތާއި އަދި މުޢާޙަދާތައް ތަރުޖަމާ ކުރެވޭ ގޮތްތައް އެކުލެވިފައި ވެއެވެ. މިކޮންވެންޝަންގެ ދަށުން ދައުލަތްތަކާއި، ވަކި ދައުލަތަކަށް ނިސްބަތްނުވާ މުނައްޒަމާތަކާއި ދެމެދު ކުރެވޭ މުޢާޙަދާތަކާއި ގުޅޭ ކަންތައްތައް އެކުލެވިގެންނެއް ނުވެއެވެ.

މުޢާހަދާގެ ތާރީޚު

މުޢާހަދާ ނުވަތަ “Treaty” ގެ ތާރީޚަށް ބަލައިލާއިރު މިއަކީ ދިގު ދެމިގެންވާ ތާރީޚެއް ލިބިފައިވާ އެއްޗެކެވެ. މާތް ރަސްކަލާނގެ ދުނިޔޭގައި ފުރަތަމަ އިންސާނުން ކަމުގައިވާ އާދަމް ޢަލައިހިއްސަލާމާއި، ޙައްވާ ޢަލައިހިއްސަލާމް ލެއްވުމަށްފަހު އެދެކަނބަލުންގެ ކިބައިން އިންސާނީ ދަރިފަސްކޮޅު ދުނިޔޭގައި ފެތުރި ގިނަވެގެން ދިޔަ ހިސާބުން ފެށިގެން ދުނިޔޭގެ އެބިއްމިބިތުގައި އެކިއެކި މުޢާހަދާތައް ކުރެވެމުން އަންނަކަން ދުނިޔޭގެ ޒަމާންވީ ތާރީޚު ހެކިދެއެވެ. މިގޮތުން އެކިއެކި ރަސްކަންތަކުގެ މެދުގައި ކުރެވުނު ޞުލްޙައިގެ މުޢާހަދާތަކާއި، ވިޔަފާރީގެ މުޢާހަދާތައް ހިމެނެއެވެ. މިގޮތުން އެންމެ އިހުޒަމާނުގައިވެސް ދޭދޭ ޤައުމުތައް ނުވަތަ ޤަބީލާތަކުގެ މެދެގައި، ދެފަރާތުން އެއްބަސްވެ ޢަމަލު ކުރެވެމުން އަންނަ ވިޔަފާރީގެ ގުޅުންތައް ހިނގާފައި ވާކަން ތާރީޚު ހެކިދެއެވެ. މިގޮތުން އުފެދިގެން އައި މުޢާހަދާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ފެށުން ކަމުގައި ޢިލްމުވެރިން ބަޔާން ކުރެއެވެ. އަދި މީގެ އިތުރުން މުޢާހަދާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ އެންމެ ޒަމާންވީ އެއްވައްތަރު ކަމުގައިވެސް ޢިލްމުވެރިން ބަޔާން ކުރެއެވެ. މިގޮތުން މިޞްރީންނާއި ހިއްޘިއްޔީންގެ ދެމެދުގައި މީލާދީ ސަނަތުގެ 1280 އަހަރު ކުރީގައިވެސް މުޢާހަދާއެއް ކުރެވިފައި އޮތްކަމަށް ތާރީޚު ދިރާސާ ކުރައްވާ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.[5]

ބައިނަލް އަޤްވާމީ މުޢާހަދާއިން ދައުލަތްތަކުގެ ގުޅުންތައް އިންތިޒާމްކުރެވުމުގެ ފެށުން އައިސްފައިވަނީ ކެތޮލިކް ދައުލަތްތަކާއި ޕްރޮޓެސްޓަންޓުންނާދެމެދު ތިރީސްއަހަރަށް ދެމިގެންދިޔަ ހަނގުރާމައަށް ފަހުގައެވެ. މި ހަނގުރާމަ ނިމިގެންދިޔައީ 1648 ވަނަ އަހަރު ކުރެވުނު ވެސްޓްޕާލިޔާ މުޢާހަދާއިންނެވެ.[6] އެއަށްފަހު ދައުލަތްތަކުގެ ގުޅުންތައް ތަންޒީމްކުރުމުގެ އާ މަރުޙަލާއެއް އައެވެ. މިގޮތުން ވިއެނާ ކޮންފަރެންސް (1814-1818) ފާހަގަކޮށްލެވެއެވެ. އަދި އަޅުންގެ ވިޔަފާރިކުރުމާއި، ބައިނަލް އަޤުވާމީ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ޙައްލުކުރުމުގެ މިންގަނޑުތައް ކަނޑައެޅި ޕެރިސްގެ މުޢާހަދާ 1814 އެޑޮޕްޓްކޮށްފައިވަނީވެސް މިމަރުޙަލާގައެވެ. ހަމައެހެންމެ ރެޑް ކްރޮސްއާބެހޭ މުޢާހަދާ 1864 އަދި ޖެނީވާ ކޮންވެންޝަން 1949 ވެސް ވުޖޫދަށް އައިސްފައިވަނީ މިމަރުޙަލާގައެވެ.[7]

އިސްލާމީ ތާރީޚަށް ބަލައިލުމުންވެސް މުޢާހަދާގެ ދިގު ތާރީޚަށް ހެކި ލިބިގެން ދާނެއެވެ. މިގޮތުން އިސްލާމީ ތާރީޚުގެ ތެރެއިން ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ ޒަމާނުން ފެށިގެން ޚަލީފާވެރި ބޭކަލުންނާއި، މުސްލިމުންގެ އެކިއެކި ރަސްކަންތަކާއި، ވެރިކަންތަކުން އެކި ފަރާތްތަކާއި އެކު ތަފާތު އެކި މުޢާހަދާތައް ކުރެވިފައި ވެއެވެ. އަދި މިފަދަ މުޢާހަދާތަކަކީ މިޒަމާނުގެ އުޞޫލުތަކާއި އެއްގޮތަށް ލިޔެވި ޢަމަލު ކުރެވުނު މުޢާހަދާ ތަކެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއް މުޢާހަދާއަކީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު މައްކާގެ މުޝްރިކުންނާއެކު މީގެ ސާދަ ޤަރުނު ކުރިން ހެއްދެވި މަޝްހޫރު ޙުދައިބިއްޔާގެ ޞުލްޙައިގެ އެއްބަސްވުމެވެ.

މުޢާހަދާއަކީ މިފަދަ ދިގު ތާރީޚެއް އެއަށް ލިބިފައިވާ އެއްޗެއް ކަމުގައި ވީނަމަވެސް މިކަމުގެ އުޞޫލުތައް ކޯޑިފައި ކުރެވިގެން ގޮސްފައިވަނީ ވަރަށް ފަހުން ނެވެ. 20 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން ލީގް އޮފް ނޭޝަންސް އިންނާއި، އެއަށްފަހު ޔުނައިޓެޑް ނޭޝަންސް  ގެ އިންޓަރނޭޝަނަލް ލޯ ކޮމިޝަން އިން އެކަމާއި ބެހޭ ޚާއްޞަ ޑްރާފްޓްތަކެއް ތައްޔާރުކޮށް 1969 ގައި ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް (Vienna Convention on the Law of Treaties) ޤާއިމުވެ 1980 އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެއަށް ޢަމަލު ކުރެވެން ފެށުނެވެ.[8]

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް 1969

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް (1969) އަކީ ބައިނަލްއަޤްވާމީ މުޢާހަދާތައް އެކުލަވާލުމުގައި އާއްމުކޮށް ބޭނުންކުރާ އަސާސީ އުޞޫލުތަކާއި ޤަވާޢިދުތަކާއި އާދަކާދަތައް އެއްލިޔުމެއްގައި ސާފުކޮށް އެނގެންއޮންނަ މިންގަޑެއް އެކުލަވާލުމާބެހޭ މުޢާހަދާއެވެ. ބާރަވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯގެ ތެރޭގައި ހިމެނޭ މުޢާހަދާ ނުވަތަ ޓްރީޓީތައް އޮތީ ބައިނަލްއަޤުވާމީ ގޮތުން ޢަމަލުކުރެވޭ ޤަވާޢިދުތަކަކަށް ވެފައެވެ. އަދި 1949 ވަނަ އަހަރު ބޭއްވުނު އިންޓަރނޭޝަނަލް ލޯ ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ޤަވާޢިދުތައް ތަރައްޤީ ކުރުމުގެ ވާހަކަތައް ހިމެނެއެވެ. މިގޮތުން މަޝްވަރާ ކުރުމަށްފަހު މިކަމަށްޓަކައި ޖޭމްސް ބްރިއަރލީ ނަމަކަށް ކިޔޭ ފަރާތެއް އެކަމުގެ ޚާއްޞަ ރެޕަރޓުއަރ ކަމަށް ހަމަޖެއްސުނެވެ. އެހެންނަމަވެސް އެމަސައްކަތް ނުނިމެނީސް 1952 ވަނަ އަހަރު އޭނާ އެކަމުން އިސްތިއުފާ ދިނެވެ. އޭނާގެ ބަދަލުގައި އެމަޤާމަށް ހަމަޖެއްސުނު ދެފަރާތް ކަމަށްވާ ސަރ ހަރޝް ލޯޓަރޕެކްޓް އާއި، ސަރ ޖެރާލްޑް ފިޒްމޮރީސް އާ ދެބޭފުޅުން އަލުން އެމަސައްކަތް ފަށައިގެން އައިސް އެދެބޭފުޅުންގެ މަސައްކަތްވެސް މުޅީން ނުނިމެނީސް އެދެބޭފުޅުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިންތިޚާބު ވުމާއި ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވިއެވެ. މިއަށްފަހު މިމަޤާމަށް 1961 ވަނަ އަހަރު އެންމެ ފަހުން ހަމަޖެއްސުނު ސަރ ހަމްފްރީ ވޯލްޑޮކް، ބައިނަލްއަޤުވާމީ މަހާސިންތާއަކަށް ނުވަތަ އިންޓަރނޭޝަނަލް ކޮންވެންޝަނަކަށް ބޭނުންވާ މިންވަރަށް މަޢުލޫމާތު އެއްކޮށް ޚާއްޞަ ޑްރާފްޓްތަކެއް ތައްޔާރު ކުރިއެވެ. މިގޮތުން އޭނާ ހުށަހެޅި ހަރިޕޯޓެއްގެ މައްޗަށް ބިނާކޮށް 1966 ގައި ކޮމިޝަނުން އދގެ ޖެނެރަލް އެސެމްބްލީއަށް އެކަމާއި ގުޅޭ ފައިނަލް ޑްރާފްޓެއް ހުށަހެޅިއެވެ. އަދި އެމައްސަލާގައި ބައިނަލްއަޤުވާމީ މަހާސިންތާއެއް ބޭއްވުމަށް ޖެނެރަލް އެސެމްބްލީއަށް ލަފާއެރުވިއެވެ. ކޮމިޝަންގެ މިލަފާގެ ދަށުން 1966 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަން ނަންބަރު 2166 (XXI) ގެ ދަށުން އެމަސައްކަތް ފަށައިގަތުމަށްޓަކައި ޚާއްޞަ ޤަރާރެއް ފާސް ކުރެވުނެވެ. މިޤަރާރުގެ ދަށުން މިކަމާއިގުޅޭ ފުރަތަމަ މަހާސިންތާ ބޭއްވުނީ 1968 ވަނަ އަހަރު ވިއެނާގައެވެ. އަދި މީގެ ދެވަނަ މަހާސިންތާ ބޭއްވުނީ 1969 ވަނަ އަހަރުގައެވެ. އެބައްދަލުވުންވެސް ބޭއްވުނީ ވިއެނާގައެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ދަ ލޯ އޮފް ޓްރީޓީޒް އަކީ މަސައްކަތް ކުރުމުގެ އުޞޫލެއްގެ ގޮތުން ވޯޓުލައިގެން ގޮތެއް ނިންމުނު މިފަދަ އެންމެ ފަހުގެ އަދި އެންމެ ބޮޑު ކޯޑިފިކޭޝަންއާއި ގުޅޭ ކޮންފަރެންސެވެ. ކޮންވެންޝަންގެ ފައިނަލް ދެލިކޮޕީ ބަލައިގަތީ 79 ވޯޓު 1 ވޯޓުގެ ތަފާތަކުންނެވެ. މިފަދަ ބޮޑު އަޣުލަބިއްޔަތަކުން މިކަން ބަލައިގަނެވުނު މައިގަނޑު ސަބަބެއް ކަމުގައިވީ މުޢާހަދާތަކާއި ގުޅޭގޮތުން ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯގައި އެކުލެވިގެންވާ ގިނަކަންތައްތައް އެއްވެސް އިޚްތިލާފެއް ނެތި ބައިނަލްއަޤުވާމީ މުޖުތަމަޢުން ޤަބޫލުކޮށްފައިވާ ކަމެވެ.

މިގޮތުން އެކުލަވާލެވުނު ކޮންވެންޝަންގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލާނަމެވެ. ކޮންވެންޝަންގެ 1 ވަނަ މާއްދާގައި ބަޔާންވެގެން ވާގޮތުން މިކޮންވެންޝަންގައި ބަޔާންކުރާ މުޢާހަދާތަކަކީ ދައުލަތްތަކުގެ މެދުގައި އެކުލަވާލެވޭ މުޢާހަދާތަކެވެ. ބައިނަލްއަޤުވާމީ މުނައްޡަމާތަކުން އެކުލަވާލާ މުޢާހަދާތައް މިކޮންވެންޝަންގެ ދަށަކަށް ނާދެއެވެ. މިކޮންވެންޝަންގެ ފުރަތަމަ ހަތަރު ބައި އެކުލެވިގެންވަނީ އަލުން ޒަމާނީ ކުދިކުދި އިޞްލާޙުތަކާއި އެކު ކޯޑިފައި ކުރެވިފައިވާ ކުރީގައިވެސް ބޭނުން ކުރެވެމުން އައި ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯއެވެ. ދެން އޮތީ ރިޒަރވޭޝަންތަކާއި ބެހޭގޮތުން އައިސްފައިވާ ބައެވެ. މިގޮތުން ރިޒަރވޭޝަނެއްގެ ގޮތުގައި އެކުލެވޭ “ރިޒަރވޭޝަން ޓު ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފް ދަ ކްރައިމް އޮފް ޖެނަސައިޑް” (Reservations to the Convention on the Prevention and Punishment of the Crime of Genocide) ގެ ކަންތަކުގައި ކޮންވެންޝަނުން ތަބާވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (International Court of Justice) ގެ “އެޑްވައިޒަރީ އޮފީނިއަން” (Advisory Opinion) އަށެވެ. އަދި މީގެ އިތުރުން މުޢާހަދާއެއްގެ މަޤްޞަދާއި، އޭގެން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި މުޅީން ޚިލާފަށް ހުންނަ ރިޒަރވޭޝަންތަކަށް ޖާގަ ނުދެވޭނެކަމަށް ކޮންވެންޝަންގެ 19 ވަނަ މާއްދާގެ (c) ގައި ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުންވެސް ރިޒަރވޭޝަންތަކާއި ގުޅޭ ގިނަ ކަންތައްތަކެއް މިކޮންވެންޝަންގައި ބަޔާންވެގެން ވެއެވެ. ކޮންވެންޝަންގެ 5 ވަނަ ބައިގައި ބަޔާންވެގެން ވަނީ މުޢާހަދާއެއް ބާޠިލްވާނެ ގޮތާއި، ނިމުމަކަށް އަންނަ ގޮތާއި، މުޢާހަދާތަކުގެ ދަށުން ކުރެވޭ ކަންތައްތައް ހުއްޓުމަކަށް ގެނޭވޭ ގޮތްތަކެވެ.

މިކޮންވެންޝަންގެ ދަށުން ތަރައްޤީކޮށް އެކުލަވާލެވުނު އެންމެ ފާހަގަ ކޮށްލެވޭ އެއްއުޞޫލަކީ ޖުސް ކޮޖެންސް (Jus Cogens) ގެ އުޞޫލެވެ. މިކަން ކޮންވެންޝަންގެ 53 ވަނަ މާއްދާއާއި، 64 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ. މިމަޒުމޫނުގެ ދެން ޖެހިގެން އޮންނަ ބައިގައި ޖުސް ކޮޖެންސް (Jus Cogens) އާއި ބެހޭ އިތުރު ތަފްޞީލުތައް ލިޔެވިފައި ވާނެއެވެ.

އިސެވެ ދެންނެވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ދަ ލޯ އޮފް ޓްރީޓީޒް އެކުލަވާލެވުނު ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް އެކުލަވާލެވުނީ 1969 ވަނަ އަހަރުގައި ކަމުގައި ވީނަމަވެސް މިކޮންވެންޝަނަށް ޢަމަލު ކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި މިމަޒުމޫނު ލިޔުމަށްޓަކައި ރިފަރެންސަކަށް ބަލާފައިވާ ލިޔުމުގައި ވާގޮތުން 15 ޑިސެމްބަރު 2008 ވަނަ އަހަރާއި ހަމައަށް 108 ދައުލަތަކުންވަނީ މިކޮންވެންޝަންގައި ސޮއިކޮށްފައެވެ.

ޖުސް ކޮންޖެންސް (Jus Cogens)

ޖުސް ކޮޖެންސް (Jus Cogens) އަކީ ލެޓިން ބަހުން އޮންނަ، ބައިނަލްއަޤުވާމީ ޤާނޫނު (International Law) ގައި ހިމެނޭ އެއިން އުނިކުރުން ހުއްދަވެގެން ނުވާ، އެއަށް ޢަމަލު ކުރުން ލާޒިމް ޤާނޫނީ ޤާޢިދާއެކެވެ. އަދި އެއަކީ ހުރިހާ ދައުލަތްތަކަކުންވެސް އެއަށް ތަބާވާ ޤާޢިދާއެކެވެ. ޖުސް ކޮޖެންސްގެ ލަފްޒީ އިނގިރޭސި މާނައެއްކަމުގައި އިނގިރޭސި ބަހުގެ ޤާނޫނީ ރަދީފުތަކުގައި އޮންނަނީ “Compelling Law” އެވެ. ދޭހަވާ މާނައަކީ މަޖުބޫރު ކުރުވަނިވި ޤާނޫނެވެ. ޖުސް ކޮޖެންސްއަކީ ޤާނޫނުގެ އެންމެ އުހުގައިވާ ގޮތްޕެވެ. އެހެން ހުރިހާ ޤާނޫނުތަކުގެ މައްޗަށް ޖުސް ކޮޖެންސްވަނީ އިސްވެގެންނެވެ. މިހެންކަމުން ޖުސް ކޮޖެންސްއާއި ޚިލާފަށް ޤާއިމުކުރެވޭ އެއްވެސް މުޢާހަދާއެއް ޞައްޙައެއް ނުވާނެއެވެ.

ޖުސް ކޮޖެންސްގެ މަފްހޫމަކީ 19 ވަނަ ޤަރުނުގެ ތެރޭގައި އުފެދުނު މަފްހޫމެކެވެ. މިގޮތުން ޝަރުޢީ މަރުޙަލާއެއްގައި މިމަފްހޫމް ބޭނުން ކުރެވިފައިވާ އެންމެ ކުރީގެ އެއް މިސާލަކީ ފްރެންޗް-މެކްސިކަން ކްލެއިމްސް ކޮމިޝަން (French-Mexican Claims Commission) އިން 1928 ގައި ނިންމާފައިވާ ޕެބްލޯ ނާޖެރާ މައްސަލަ (Pablo Nájera Case) އެވެ. އަދި އެފަދަ ދެވަނަ މިސާލަކީ ޕަރމަނެންޓް ކޯޓް އޮފް އިންޓަރނޭޝަނަލް ޖަސްޓިސް (Permanent Court of International Justice) އިން 1934 ގައި ބެލި  އޮސްކާ ޗިން (Oscar Chinn Case) މައްސަލާގައި ފަނޑިޔާރު ޝޫކިންގ (Judge Schücking) ގެ ރަޢުޔެވެ. މިފަހުގެ ދުވަސްވަރަށް ބަލާއިރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (International Court of Justice) އިން ބަލަމުން އަންނަ ގިނަ މައްސަލަތަކުގައި ޖުސް ކޮޖެންސްގެ މިޤާޢިދާ އަންނަނީ ބޭނުން ކުރެވެމުންނެވެ.

ޖުސް ކޮޖެންސްގެ މިޤާޢިދާ ގެ އަޞްލާއި މެދު މިދާއިރާގެ ޢިލްމުވެރިންގެ މެދުގައިވަނީ އިޚްތިލާފު އުފެދިފައެވެ. ބައެއް ޢިލްމެވެރިން ވިދާޅުވާގޮތުގައި ޖުސް ކޮޖެންސްއަށް ބާރުލިބި އެއަށް ޢަމަލު ކުރެވެނީ މުޢާހަދާއާއިބެހޭ ޤާނޫނު ނުވަތަ treaty law ގެ ދަށުންނެވެ. އެހެންނަމަވެސް އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ އޭގެ ޒާތުގައި ވަކި މުޢާހަދާއެއްގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން ވުޖޫދަށް އަންނަ އެއްޗެއް ނޫން ކަމުގައެވެ. ޤާނޫނީ އުޞޫލެއް ޖުސް ކޮޖެންސްއަށް ވުމަށްޓަކައި ޢާއްމު 4 ކްރައިޓީރިއާއެއް ފުރިހަމަ ވާންޖެހޭނެ ކަމަށް ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް (Vienna Convention on the Law of Treaties) ގެ 53 ވަނަ މާއްދާއިން ދޭހަވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމުތަކުން ވަކި ކަމެއް އުޞޫލެއްގެ ގޮތުގައި ބަލައިގަތްކަމަށް ބަލާނެ މިންގަނޑެއްގެ ކަނޑައަޅާފައިނުވުމާއެކު، މިކަމުގައި ބަލާނެ މިންގަނޑެއްގެ ގޮތުގައި މުޖުތަމަޢުގެ ބޮޑުބައި އުޞޫލެއް ވަކި ގޮތަކަށް ބަލައިގަތުން ފުދޭކަމަށް ޤަބޫލުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.[11] އަދި މިގޮތުން ހަތަރު ރުކުނެއް ފުރިހަމަވުން ލާޒިމުވެއެވެ. އެއީ،

1-     ޢާއްމު ބައިނަލްއަޤުވާމީ ޤާނޫނުގެ ޤަވާޢިދުތަކާއި އެއްދަރަޖައެއްގެ އެއްޗަކަށްވުން؛

2-     ބައިނަލްއަޤުވާމީ ދައުލަތްތަކުގެ މުޅި ޖަމާޢާތުން ބަލައިގަތުން؛

3-     އެއަށް އުނިކަމެއް ނާންނަ ފަދަ އެއްޗެއް ކަމުގައިވުން؛ އަދި

4-     އެ ބަދަލުކުރެވޭނީ ހަމައެކަނި އެއާއި އެއްދަރަޖައެއްގެ އެއްޗަކުން ކަމުގައިވުން.

މިކްރައިޓީރިއާތަކުގެ ތެރެއިން “ބައިނަލްއަޤުވާމީ ދައުލަތްތަކުގެ މުޅި ޖަމާޢާތުން ބަލައިގަތުން”، މިކްރައިޓީރިއާއަކީ އެއާއި މެދުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ކްރައިޓީރިއާއެކެވެ. މިގޮތުން ގިނަ ޢިލްމުވެރިން ބުރަވެލައްވާ ގޮތުގައި އޭގެ މާނައަކީ ބައިނަލްއަޤުވާމީ ދަޢުލަތްތަކުގެ އަޣްލަބިއްޔަތު އެކަމަކަށް ލިބިފައި ވުމެވެ. އެހެނީ އެފަދަ ކަމަކަށް ހުރިހާ ދައުލަތެއްގެ އާނބަސް ހޯދަން ޖެހިއްޖެ ނަމަ ވަކިވަކި ޤައުމުތަކަށް މާބޮޑަށް ވީޓޯގެ ބާރާއި އެއްވަރުގެ ބާރެއް ދެވެނީއެވެ.

ޖުސް ކޮޖެންސްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އަނިޔާވެރިކަމާއި އެކު ބާރުގެ ބޭނުންކުރުމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، ޤަތުލުޢާއްމާއި، އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާތަކާއި، އަޅުވެތިކުރުމާއި، ނަސްލީ ތަފާތުކުރުންތަކާއި، ކަނޑުފޭރުމާއި، އަނިޔާކުރުން ހުއްޓުވުން ހިމެނެއެވެ. އަދި މިނޫންވެސް މިފަދަ އެތައްކަމެއް މީގެ ތެރޭގައި ހިމެނެއެވެ. ނިއުރެމްބަރގް ޓްރައިބިއުނަލް (Nuremberg Tribunal) އަށްފަހު ފަރުދީ ގޮތުން ހިންގޭ ޖިނާއީ ކުށްތަކަށްވެސް  ޖުސް ކޮޖެންސްގެ ޤާޢިދާ ބޭނުން ކުރެވޭނެ ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ ބަލައިގެންފައެވެ.

މުޢާހަދާއެއް ވުޖޫދަށް އައިސް އެ މުޢާހަދާއިން ޤައުމުތައް

ބަނދެވުމާ ދެމެދު ކަޑައްތުކުރާ މަރުޙަލާތައް

މުޢާހަދާއެއް ވުޖޫދަށް އައިސް އެމުޢާހަދާއަކުން ޤައުމުތައް ބަނދެވުމާ ދެމެދު ކަނޑައްތުކުރާ މަރުޙަލާތައް ތަފާތު އެތައް ބަޔަކަށް ބަހާލެވިދާނެއެވެ. މިގޮތުން މައިގަނޑު 4 މަރުޙަލާއެއް ފާހަގކޮށްލެވެއެވެ.

1-   މަޝްވާރާކުރުމުގެ މަރުޙަލާ:

މި މަރުޙަލާއަކީ މުޢާހަދާގައި ބައިވެރިވާ ޤައުމުތަކުން ނުވަތަ މުޢާހަދާއަކަށް ވާޞިލުވުމަށްޓަކައި އެމުޢާހާދާއެއްގައި ބައިވެރިވާ ދައުލަތްތަކުން އެފަރާތްތަކުގެ ފިކުރާއި ވިސްނުން ހުރިގޮތް ބަޔާންކޮށް، އެއްފަރާތުން އަނެއްފަރާތަށް މި ވިސްނުމާއި ފިކުރު ބަދަލުކުރާ މަރުޙަލާއެވެ. ބައެއްފަހަރު މި މަރުޙަލާގައި މަޝްވަރާ ކުރުމުގައި ވަކި މައުޟޫއެއް ކަނޑައެޅިފައި ނޯވެއެވެ.  އަދި މައުޟޫ ހުޅުވާލައިގެންވެސް  ބައެއް ފަހަރު މަޝްވަރާކުރެވެއެވެ މިގޮތުން އެޤައުމެއްގެ ނުވަތަ މުޢާހަދާގެ ތަމްހީދީ ބައިވެރިންގެ އިންޓްރެސްޓް ހުރި ދާއިރާތަކަށް މަޝްވަރާކުރެވިދާނެއެވެ. މި ގޮތުން އިޤްތިޞާދީ ދާއިރާ ނުވަތަ ޤާނޫނީ ގުޅުންތަކާމެދު މެދުވެސް މި މަރުޙަލާގައި މަޝްވަރާ ކުރުވެދާނެއެވެ. މި މަރުޙަލާގައި އޯރަލް އަދި ޑޮކިޔުމެންޓްރީ ޒަރީޢާއިންވެސް މަޝްވަރާ ބަދަލުކުރެވިދާނެއެވެ. ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސް ގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ޤައުމުތަކުގެ އިސް ވެރިންނާއި ފޮރިން މިނިސްޓަރުންނަކީ މިފަދަ މަޝްވަރާތައް ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެވެ.[12]

2-   މުޢާހަދާގެ ޢިބާރާތްތައް އޮންނާގެ ގޮތް ކަނޑައެޅުމުގެ މަރުޙަލާ

މިއީ، މުޢާހަދާގައި ހިމެނޭ ޢިބާރާތްތައް ހުންނަށްވީ ގޮތް ކަނޑައަޅާ މަރުޙަލާއެވެ.[13] މުޢާހަދާގެ ބައިވެރިންގެ އިޒުނައާއި ނުލައި މުޢާހަދާއެއްގެ ޢިބާރާތްތައް އެޑޮޕްޓް ނުކުރެވޭނެކަމަށް ވިއެނާ ކޮންވެންޝަން ގެ 9 ވަނަ މާއްދާގައި ކަނޑައަޅާފައި ވެއެވެ. އަދި މިނޫން ގޮތަކަށް ޢިބާރާތް އެޑޮޕްޓްކުރިނަމަވެސް އެއިން އެއްވެސް ޤާނޫނީ އިލްތިޒާމާތެއް ނުއުފެދޭނެއެވެ.[14] އަދި މުޢާހަދާގެ ޢިބާރާތަށް އެއްބަސްވުމާއެކު އެޢިބާރާތަކީ އެންމެ ފަހުން އެއްބަސްވި ޢިބާރާތްކަމާއި އެޢިބާރާތަށް އުނިއިތުރު ނުގެނެސް ހުށަހެޅުމަށްޓަކައި ސޮއިކުރާ ފަރާތުން އެޢިބާރާތުގެ ލިޔުމުގައި ސޮއިކުރެވޭނެއެވެ.[15] މިކަން ކުރިއަށްދާނެ ގޮތް ވިއެނާ ކޮންވެންޝަންގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.[16]

3-   މުޢާހަދާގައި ބަނދެވޭ މަރުޙަލާ:

ޢާއްމުގޮތެއްގައި ބައިނަލްއަޤްވާމީ މުޢާހަދާއެއް އުފެދެނީ ޔުނައިޓެޑް ނޭޝަންސްގައި ހިމެނޭ ދޭދޭ ޤައުމުތަކުގެ މެދުގައި މައްސަލައަކާއި މެދު ބަހުސް ކުރެވި ހުރިހާ ފަރާތަކަށް ނުވަތަ ގިނަ ފަރާތްތަކަކަށް އެއްބަސް ވެވޭ ކަންތައްތަކެއް މައްޗަށެވެ. މިފަދަ އެއްބަސްވުންތަކުގެ ދަށުން ބައިވެރިވާ ޤައުމުތައް އެމުޢާހަދާއެއްގައި ބަނދެވޭނެ ގޮތެއް ޢާއްމު ގޮތެއްގައި އެފަދަ މުޢާހަދާއެއްގައި ބަޔާން ކުރެވިފައި ވާނެއެވެ. މިގޮތުން އެންމެ ޢާއްމު ގޮތެއްގައި ދައުލަތްތަކުން ބަނދެވޭނީ އެދައުލަތަކުން އެމުޢާހަދާއެއްގައި ސޮއި ކުރުމަށްފަހު އެދައުލަތަކުން އެތަޞްދީޤު ކުރުމުންނެވެ. ބައެއް މުޢާހަދާތަކުގައި ސޮއިކުރުމުންވެސް ޤާނޫނީ ގޮތުން އެމުޢާހަދާއެއްގައި އެދައުލަތަކުން ބަނދެވިދެއެވެ. ސޮއި (Signature) އާއި، ތަޞްދީޤު ކުރުން (Ratification) މިއީ ދައުލަތަކުން މުޢާހަދާއެއްގައި ބަނދެވޭ ބަނދެވުން ރަމްޒުކޮށްދޭ ދެ ދަލީލެވެ. ސޮޔަށް ބަލާއިރު މިއީ އެކަން ކުރާ ޙާލަތަށް ބަލައި އޭގެ ތަރުޖަމާ ނުވަތަ މާނައަށް ބަދަލު އަންނަ އެއްޗެކެވެ. މިގޮތުން ޢާއްމު ގޮތެއްގައި ދެވައްތަރެއްގެ ސޮއެއް ބޭނުން ކުރެވެއެވެ. އެއީ Simple Signature އާއި Definitive Signature އެވެ.

މުޢާހަދާއެއްގައި Simple Signature އެއް ކޮށްފިނަމަ އޭގެ މާނައަކީ އެދައުލަތަކުން އެމުޢާހަދާ ތަޞްދީޤު ކުރަން ޖެހޭނެކަމެވެ. އަދި މިއާއެކު ދައުލަތަކުން މުޢާހަދާއެއްގައި Definitive Signature އެއް ކޮށްފިނަމަ އެއީ ތަޞްދީޤު ކުރަންޖެހޭ މުޢާހަދާއެއް ނޫނެވެ. Simple Signature ކުރެވެނީ ޢާއްމު ގޮތެއްގައި މަލްޓިލިޓެރަލް މުޢާހަދާ ތަކުގައެވެ. މިފަދަ މުޢާހަދާތަކެއް އެދައުލަތަކުން ޤާނޫނީ ބަނދެވުމަކުން ބަނދެވޭނީ އެދައުލަތެއްގެ ރައްޔިތުންގެ މަޖިލީހަކުން ނުވަތަ ޕާލަމެންޓުން އެ މުޢާހަދާއެއް ތަޞްދީޤު ކުރުމަށް ފަހުގައެވެ. އެހެން ނޫނީ ހަމައެކަނި ސޮއިކުރުމަކުން އެމުޢާހަދާއެއްގައި ވާކަންތައްތަކެއް އެދައުލަތެއްގެ މައްޗަކަށް ނުހިންގޭނެއެވެ. އެހެންނަމަވެސް ސޮއިކުރުމަށްފަހު، އެފަދަ މުޢާހަދާއެއް އެދައުލަތަކުން ތަޞްދީޤު ނުކުރިޔަސް އެމުޢާހަދާއެއްގައި ބަޔާންކުރާ މަޤްޞަދުތަކާއި ޚިލާފު ނުވާނޭހެން އެފަދަ ދައުލަތަކުންވެސް ހެޔޮ ނިޔަތުގައި މަސައްކަތް ކުރަންވާނެއެވެ.

މުޢާހަދާއެއްގައި Definitive Signature ސޮއި ކުރެވެނީ އެސޮއިކުރާ ދައުލަތަކުން އިތުރު ތަޞްދީޤު ކުރުމަކާއި ނުލައި އެމުޢާހަދާއެއްގައި ޤާނޫނީ ގޮތުން ބަނދެވޭ ފަދަ މުޢާހަދާ ތަކުގައެވެ.

ވިއެންނާ ކޮންވެންޝަންގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޤައުމަކުން މުޢާހަދާއަކުން ބަނދެވުމަށް ހުއްދަ ދެވޭނެ ގޮތްތަކުގެ ތެރޭގައި އެމުޢާހަދާއެއްގައި ސޮއިކުރުން، މުޢާހަދާއަކަށް ވަނުމަށްޓަކައި ބަދަލުކުރަންޖެހޭ ލިޔުންތައް ބަދަލުކުރުން، އެމުޢާހަދާއެއް ރެޓިފައިކުރުން، އަދި މުޢާހަދާ ޤަބޫލުކުރުމަކީ ފާހަގަކޮށްލެވޭ ގޮތްތަކެކެވެ.[17] މިފަދައިން ތަފާތު ގޮތް ގޮތަށް މުޢާހަދާއިން ބަނދެވޭ ގޮތަށް އޮތުމުން ޤާނޫނީ ގޮތުން ގިނަ އޮޅުންތަކަށް ޖާގަދޭކަމަށް ފާހަގަކުރެވިފައިވެއެވެ.[18] ނަމަވެސް މުޢާހަދާއަކުން ބަނދެވޭ އެންމެ ޢާއްމު ގޮތަކީ މުޢާހަދާގައި ސޮއިކުރުމާއި، މުޢާހަދާއެއް ރެޓިފައިކުރުންކަން ފާހަގަކޮށްލެވެއެވެ.[19]

4- މުޢާހަދާއަށް ޢަމަލުކުރަން ފެށުމުގެ މަރުޙަލާ:

މި މަރުޙަލާއަކީ މުޢާހަދާގެ ބައިވެރިން މުޢަހަދާއަށް ޢަމަލުކުރަންފަށާ މަރުޙަލާއެވެ. މިގޮތުން މުޢާހަދާއަކަށް ޢަމަލުކުރަންފެށޭނީ އެމުޢާހަދާއެއްގެ ބައިވެރިން އެމުޢާހަދާއަކުން ބަނދެވި ދިޔުމުގެ ހުއްދަ ދިނުމުންނެވެ.[20] ނަމަވެސް ބައެއް ޙާލަތްތަކުގައި ޤައުމަކުން އެމުޢާހަދާއަކަށް ޢަމަލުކުރަންފަށާނެ ތާރީޚް ފަސްކުރުމަކީ މުޢަހަދާގެ ބައިވެރިއަކަށް ކުރެވިދާނެ ކަމެކެވެ.[21] މިގޮތަށް ޤައުމުތަކުން މުޢާހަދާއަކަށް ޢަމަލުކުރުން ފަސްކުރުމުގެ މައިގނަޑު ބޭނުމަކީ އެޤައުމުތަކުގައި ދާޚިލީ ގޮތުން ޢަމަލުކ ކުރެވެމުންދާ  މުނިސިޕަލް ޤާނޫނުތަކަށް މުޢާހަދާގެ ސަބަބުން ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ބޭނުންވާ ވަގުތު ހޯދުމެވެ.[22]

ނިންމުން

ޕެކްޓާ ސުންޓް ސަރވޭންޑާ މިޤާޢިދާއަކީ ބައިނަލްއަޤްވާމީ ހުޅަނގުގެ ޤާނޫނުގެ އަސާސީ ޤަވާޢިދެވެ. މިއީ، އަހުދަށް ވަފާތެރިވުމުގެ ޤާޢިދާއެވެ. މި ޤާއިދާއަކީ 17 ވަނަ ޤަރުނުގައި ހޫގޯ ގްރޯޝިއަސް އެކުލަވާލި ޤާޢިދާއެކެވެ. މި ޤާޢިދާއަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް ބަލައިގެންފައިވާ އުޞޫލެކެވެ.

ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް (1969) އަކީ ބައިނަލްއަޤްވާމީ މުޢާހަދާތައް އެކުލަވާލުމުގައި އާއްމުކޮށް ބޭނުންކުރާ އަސާސީ އުޞޫލުތަކާއި ޤަވާޢިދުތަކާއި އާދަކާދަތައް އެއްލިޔުމެއްގައި ސާފުކޮށް އެނގެންއޮންނަ މިންގަޑެއް އެކުލަވާލުމާބެހޭ މުޢާހަދާއެވެ. މި މުޢާހަދާ ވުޖޫދުވުމަށްފަހު ދުނިޔޭގެ ޤައުމުތަކުން ގެންދަނީ މި މުޢާހަދާއަށް ބޯލަބައި ކިޔަންވަމުންނެވެ. އަދި މި މުޢާހަދާގެ ބޭރުން ހެދޭ ބައިނަލްއަޤުވާމީ އެއްބަސްވުންތަކަކީ ޤާނޫނީގޮތުން ބަލައިގަނެވޭނެ އެއްޗެއްނޫނެވެ.

ޖުސް ކޮޖެންސްއަކީ ބާރު ގަދަ ޤާނޫނެވެ. މިއީ ހުރިހާ ޤައުމުތަކެއްވެސް އެއިން ބަނދެވޭ އަދި އެއަށް ތަބަޢަވުމުގައި އެއްވެސް އިސްތިސްނާއެއް ނުވާ ވަރަށް އަސާސީ އަދި މުހިއްމު ބައިނަލް އަޤުވާމީ ޤާނޫނުގެ އަސާސްތަކެއް ނުވަތަ ޤާޢިދާތަކެކެވެ. މިގޮތުން ޖުސް ކޮޖެންސްގެ އުޞޫލުގެ ދަށުން މަނާކުރާ ކަންކަމުގެ ތެރޭގައި އަޅުވެތިކުރުމާއި މަގުފޭރުން ހިމެނެއެވެ.

އިސްވެދެންނެވުނު އުޞޫލުތަކާއި ކަންކަން ހުޅަނގުގެ ފަރާތްތައް އުފެއްދުމުގެ ކުރިން އިސްލާމީ ޝަރީޢަތުގައި މިކަންކަން ވަނީ ލައްވާފައެވެ. ޢަހުދަށް ވަފާތެރިވުމާއި ރިވެތި ގޮތުގައި މުޢާމަލާތް ކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤެވެ. އިސްލާމްދީނުގެ ނަޒަރުގައި ދޮގު ހެދުމާއި، ވަޢުދާ ޚިލާފުވުމަކީ މުނާފިޤުކަމުގެ ޢަލާމާތެކެވެ. ދޮގު ހެދުމާއި، ވަޢުދާ ޚިލާފުވުމަކީ މުނާފިޤުކަމުގެ ޢަލާމާތެއްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.  “މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގު ހަދާނެއެވެ. ވަޢުދެއް ވެއްޖެނަމަ ޚިލާފުވާނެއެވެ. އަމާނާތެއް ޙަވާލުކުރެވިއްޖެނެމަ ޚިޔާނާތްތެރިވާނެއެވެ.” ދެން މުނާފިޤުންގެ ޙާލަކީ ކޮބައިތޯ ބަލާލާއިރު، އެމީހުންގެ ޙާލު ބަޔާންކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. )إِنَّ الْمُنافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا) النساء: 145 މާނައަކީ: “ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”

މީސްތަކުން އަޅުވެތި ނުކުރުމާއި މަގުފޭރުމާއި ވައްކަމާއި މިފަދަ ހުރިހާ ކަމަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން ދަންނަވާލަން ޖެހެނީ މިއަދުގެ ދުނިޔޭގައި ހުޅަނގުގެ މީހުން އުފެއްދިކަމަށްބުނާ އުޞޫލުތަކާއި ހަމަތަކާއި ޤާޢިދާތަކަކީ އިސްލާމީ ޝަރީޢަތުން ކޮޕީ ކޮށްފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ހަމަތަކެއް ކަމަށެވެ.


[1] Leeson, Howard A. Saskatchewan Politics: Crowding the Centre. (Regina: Canadian Plains Research Center, 2008) p. 224.

[2] Dixon, Martin. Textbook on International Law. 6th Ed. (New York: Oxford University Press, 2007) p. 54.

[3] http://www.un.org/Depts/los/convention_agreements/convention_overview_convention.htm

[4] http://www.sice.oas.org/bits/canaarge.asp

[5] http://nefertiti.iwebland.com/ramses-hattusili-treaty.htm

[6] Ibid., p. 15.

[7] Ibid.

[8] http://untreaty.un.org/ilc/texts/instruments/english/conventions/1_1_1969.pdf

[9] The Columbia Encyclopedia, 6th Ed. (Columbia University Press, 2012), s.v. “International Law,”  http://www.questia.com/read/1E1-intllaw.  (Accessed 1 September 2012).

[10] Ibid., p. 15.

[11] Ibid.

[12] Kaczorowska , p.79.

[13] Ibid.

[14] Malanczuk, p.131.

[15] Kaczorowska , p.79.

[16] Ismail, p39.

[17] Kaczorowska , p 79.

[18] Malanczuk, p.131.

[19] Ibid.,p.132.

[20] Ibid.,  p.134.

[21] Verma, p.270.

[22] Malanczuk, p.134.

[23] Black’s Law Dictionary (8th ed. 2004)

[24] Kaczorowska, Alina. Public International Law.(New York: Routledge, 2010) p.79.

[25] Article: 40 (4) Vienna Convention on the Law of Treaties (1969).

[26]  الحديث اسناده حسن لاجل ابى هلال وهو محمد بن سليم الراسبى وثقوه على لين فيه وحسنه الهيثمى فى المجمع وذكر الخلاف فيه والحديث عند ابن حبان والبيهقى  فى المسند رقم 12324