ލައިލަތުލް ޤަދުރް ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތް ކުރާށެވެ!

މުސްލިމު އަޙުންނޭވެ! رَمَضَانَ މަހުގެ ދުވަސްތައް އަޅުގަނޑުމެންނާ ބައްދަލުވެ އަލްވަދާއު ކިޔަމުން ދަނީއެވެ. މިޙާރު އަޅުގަނޑުމެން ފާއިތުކުރަމުން މިދަނީ މި رَمَضَانَ މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ! މިދުވަސްތައް ބޭނުންގޮތުގައި ހިފާށެވެ! رَمَضَانَ މަސް އެމީހަކާ ބައްދަލުވުމައްފަހު ، އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަ ނުފޮހިވެގެންވާ މީހަކީ ގެއްލެނިވެ  އަދި ހަލާކިވެފައިވާ މީހެކެވެ.އަބާއްޖަވެރިއެކެވެ.رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ހަދީޝް ކުރައްވާފައިވެއެވެ.”رَمَضَانَ މަސް އެމީހަކާ ބައްދަލުވުމުން ، އެމަހުގައި ފާފަ ނުފޮހެވޭ މީހާ ފަހެ ގެއްލެނިވެ ހަލާކުވެއްްޖެއެވެ!” އެހެންކަމުން ކޮންމެ މުސްލިމަކުވެސް މިފަދަ ބޮޑު ބަދު ނަސީބަކުން ގަދައަޅައި މަސައްކަތް ކުރާށެވެ! ލައިލަތުލް ޤަދުރް ވިލޭރޭގެ  މާތްކަން ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރައްވާފައި ވެެއެވެ! ” إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (*) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ(*)  تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (*) سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ“ ” ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވާލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ވިލޭރެއަކީ ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބާވަޑައިގަންނަވައެވެ. އެއީ ފަޖުރުގެ އަލިކަން ފާލުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލަމަތްތެރިކަން ލިބިގެންވާ ރެއެކެވެ.“  ( ސުރަތުލް ޤަދްރި 1-5 )

رَمَضَانَ މަހުގައި ލެއްވިގެންވާ އެންމެ މަތިވެރި ނިޢުމަތަކީ  لَيْلَةِ الْقَدْرِ ވިލޭރޭ އެމައްސަރުގައި ލެއްވިގެންވާ ކަމުގެ ނިޢުމަތެވެ! އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މާތް މަތިވެރި ރެއެކެވެ.ތަފްސިރު ޢިލްމު ވެރިން ބަޔާންކުރައްވާ ގޮތުގައި އެރެއަކި ކުރިއަށް އޮންނަ އަހަރަށް ، މާތް ﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރެއެވެ.އެހެންކަމުން އެރެއަށް  لَيْلَةِ الْقَدْرِ މިނަން ދެވިގެންވެއެވެ.ހަމަ އެހެންމެ އެރެއަކީ ޤުރުއާން ބާއްވައި ލެއްވުނު ރެއެވެ!

لَيْلَةِ الْقَدْرِ ވިލޭރެއަކީ ކަނޑައެޅިގެން މިވެނި ރެއެއް ކަމުގައި ދެންނެވޭކަށް ނެތެވެ! ބައެއް ޢިލްމްވެރިން ބަޔާން ކުރައްވާފައިވާ ގޮތުން ،އެއީ ހަތާވީސް ވިލޭރޭ ކަމުގައި ވެއެވެ.ނަމަވެސް މާތް ﷲ އެރޭ ވަނީ ސިއްރު ކުރައްވާފައެވެ.އެއީ ވަރަށްގިނަ ޙިކްމަތްތަކަކަށްޓަކައިކަން ކަށަވަރެވެ.އޭގެތެރޭގައި އަޅުތަކުން ގިނަގިނައިން ﷲ ހަޡްރަތައް ދުއާ ދަންނަވައި ގިނަގިނައިން އަޅުކަންކުރުމަށް ހިތްވަރު ދެއްވުމާއި ، އެކަމުގެ ސައުގުވެރިކުރުން ހިމެނެއެވެ.މިކަމުގެ ސަބަބުން އެބައިމީހުންގެ ފާފަތައް ފުހެވި ދަރަޖަ މަތިވެރި ވެގެން ދިއުން ހިމެނިގެންވެއެވެ.މިހެން މިކަން އޮތްހިނދުވެސް ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ކަމެއްވެއެވެ. އެއީ لَيْلَةِ الْقَدْرِ ވިލޭރޭ ލެއްވިގެންވަނީ رَمَضَانَ މަހުގެ ފަހު ދިހައިގެ ތެރެއިގާކަމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ހަދީޝްކުރެއްވިއެވެ. ” މާނައިީ رَمَضَانَ  މަހުގެ އޮނަހިރި ރޭތަކުން لَيْلَةِ الْقَدْرِ ލިބޭތޯ ތިޔަބައިމީހުން މަސައްކަތްކުރާށެވެ،” މިބަސްފުޅުން އެނގެނީ ވަކިރެއެއް ކަނޑައެޅުމެއްނެތި ފަހު ދިހައިގެ އެންމެހާ ރޭތަކުގައިވެސް އަޅުކަމުގައި މަސްގޫލް ވެ އުޅުމަކީ މުހިއްމު ކަމެއްކަމެވެ. لَيْلَةِ الْقَدْرِ އިޙްލާސްތެރިކަމާއެކު އަޅުކަމައިގެން ގާއިމް ވެހުރުމުގެ ނަސީބް ލިބިގެންފިމީހަކީ ބާއްޖަވެރިއެކެވެ.