ރައީސް ނަޝީދުގެ މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ހުޅުމާލޭ ކޯޓަށް ލިބިގެންނުވޭ.

ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު، 16 ޖެނުއަރީ 2012 ވަނަ ދުވަހު ޤައުމީ ދިފާޢީ ބާރުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައާއި ގުޅިގެން ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިޔުޓަރ ޖެނަރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް 2012 ޖުލައި 15 ވަނަ ދުވަހު ހުށައަޅާފައެވެ. މިމައްސަލަ ހުށައެޅި ހުޅުމާލޭ ކޯޓަކީ މިމައްސަލަ ބެލުމުގެ ޖުޑީޝަލް އިޚްތިޞާޞް ލިބިގެންވާ ކޯޓެއް ނޫނެވެ. އެހެންކަމުން މިމައްސަލަ ހުޅުމާލޭ ކޯޓަށް ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ނަންބަރ: 2010/22) އާ ޚިލާފަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި “ޤާނޫނުއަސާސީއާއި މިޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްގެ އިތުރުން، އަންނަނިވި ޙާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓަކަށް ލިބިގެންވެއެވެ.” މިފަދައިން ބަޔާންވެފައި އޮތުމާއެކު މިމާއްދާގެ (ހ) ގައި “އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން.” ލާޒިމު ކުރެއެވެ. މިގޮތުން ބަލާއިރު ރައީސް މުޙައްމަދު ނަޝީދުގެ ދާއިމީ އެޑްރެހަކީ ގ. ކެނެރީގެއެވެ. އެހެންކަމުން ގ. ކެނެރީގޭގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނީ މާލޭގައި ހުރި ސްޕީރިއާ ކޯޓެއްގައެވެ.

  • ދިވެހިރާއްޖޭގައި ކޯޓުތައް އުފައްދާފައިވާ އުޞޫލާއި ހަމަތަކަށް ބަލާއިރު ޖުޑީޝަލް ދާއިރާ ކަނޑައެޅުމުގައި ހުޅުމާލެއަކީ “ރަށެކެވެ”. އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި 63 ވަނަ މާއްދާގައި ބުނެފައިވަނީ “މިޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ހަތަރު ސްޕީރިއާ ކޯޓު ޤާއިމުވެފައިވާ މާލެއާއި އެ ސްޕީރިއާ ކޯޓުގެ ހަތަރު ޑިވިޜަން މިޤާނޫނުގެ 53 މާއްދާގެ (ނ) ގެ ދަށުން ހަމަވެ ޤާއިމުވެފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަށް ވާނެއެވެ.