ދިވެހިރާއްޖޭގައި ކޯޕްރޭޓް ގަވަރނަންސް މިހާރު އޮތް ޙާލަތު ދެނެގަތުން

ދިވެހިރާއްޖޭގައި 1930 ގެ އަހަރުތަކުން ފެށިގެން އެކިތަފާތު ނަންނަމުގައި ކުންފުނިތައް ހެދެމުން އައިސްފައިވެއެވެ. ނަމަވެސް މިކުންފުނިތައް ވުޖޫދަށް އައިސްފައިވަނީ އެއްވެސް ޤާނޫނެއްގެ ދަށަކުންނޫނެވެ. އަދި މިކުންފުނިތަކަކީ މިޒަމާނުގައި މިކިޔާ ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ އެއްގޮތަށް ހެދުނު ކުންފުނިތަކެއްވެސް ނޫނެވެ.  ދިވެހިރާއްޖޭގައި ކުންފުންޏަކީ ކުންފުނީ ގެ ޙިއްސާދާރުންނާ ވަކިން، ވަކި ޝަޚުޝެއް ކަމުގައި ކަނޑައެޅުމުގެ  ތާރީޚުން އެގެނީ 1988 ގައި އޭރުގެ ރައީސުލް ޖުމުހޫރިއްޔާ ނެރުއްވި ނަމްބަރ: 123/1988 ރިޔާސީ ޤަރާރަކުންނެވެ.  މިޤަރާރަށް ކިޔަނީ “ލިމިޓެޑް ލަޔަބިލަޓީ ކުންފުންޏާ ބެހޭ ރިޔާސީ ޤަރާރު” އެވެ.  މިޤަރާރުގައި ކުންފުނި ރަޖިސްޓްރީ ކުރުމާ ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚުޞެއްކަން އެގެއެވެ.  މިޤަރާރުގެ ދަށުން އުފެދޭ  ލިމިޓެޑް ލައިބިލިޓީ ކުންފުނީގެ ޙިއްސާދާރުން ކުންފުނީގެ ދަރަންޏަށް ޒިއްމާވާނޭ މިންވަރަކީ އެޙިއްސާދާރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ އެމިންވަރެއްކަން ބަޔާންކޮށްފައިވެއެވެ. މިޤަރާރުވަނީ “ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު ނަމްބަރ: 96/10 ” ފާސްވުމުން އުވާލެވިފައެވެ.

96/10  ކުންފުންޏާބެހޭ ޤާނޫނު:

 96/10 ކުންފުންޏާ ބެހޭ ޤާނޫނުގެ 15 ވަނަ މައްދާގެ (ހ) ގައި ” ބުނެފައިވަނީ އެޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެކުންފުންޏެއްގެ އަސާސީ ޤަވާޢިދާއި، ހިންގާ ޤަވާޢިދުގައި ބުނެފައިވާނަމުގައި، އެޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެކުންފުންޏެއްގެ އަސާސީ ޤަވާޢިދާއި، ހިންގާ ޤަވާޢިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމާއި،  އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތީން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަކަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެމްބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚުޞިއްޔަތެއް ކަމަށެވެ.”

  ކުންފުންޏާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ” ކުންފުންޏެއްގެ މެމްބަރުން، އެކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންރު ކަނޑައަޅާފައިވާކަމަށް، ކުންފުނީގެ އަސާސީ ޤަވާޢިދުގައި ބަޔާން ކޮށްފައި އޮތުމުން ، އެކުންފުންޏެއްގެ މެމްބަރުން އެކުންފުންޏެއްގެ ދަރަންޏަށްހުރިހާ ޙާލަތެއްގައިވެސް  އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިއްމާވާކަމަށް ބެލެވޭނީ ، އެމެމްބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެތެރެއިން  އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ ، އެމިންވަރެއްކަމަށެވެ. އަދި ކުންފުންޏާއި ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ ކުންފުންޏެއް އުވާލާނަމަ އެކުންފުންޏެއްގެ ކޮންމެ މެމްބަރަކުވެސް އެކުންފުންޏަކަށް ދޭންޖެހޭނީ، އެމެމްބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާގެ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންނަށް ނުދީއޮތްކަމުގައިވާ ނަމަ އެމިންވަރެއް އެކަނިކަމަށެވެ.” އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި 1930 އަދި އޭގެ ފަހުންވެސް ޤާނޫނެއް ނެތިވެސް ކުންފުނި އުފެދިފައިވެއެވެ. މިގޮތުން ރާއްޖޭގައި “ޤައުމީ ކުންފުނި ” މިނަމުގައި ކުންފުންޏެއް އުފެދުނެވެ. އަދި ޢަމަލީ ގޮތުން ހިންގުނެވެ. އަދި އޭ.ޓީ.ސީ.ގެ ނަމުގައިވެސް ކުންފުންޏެއް އުފެދުނެވެ. މިކުންފުނިތަށް ހުލިވެ ވީނުވީއެއްނޭގި ބަގުރޫޓްވެގެންދިޔައިރު އަދިވެސް މިކަމުގެ ޒިއްމާ ވާފަރާތެއް އެގިފައެއް ނެތެވެ.

ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވުން:  

 ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގައިވާ ގޮތުން ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއްގެ ޙިއްޞާ ދާރަކު އެކުންފުނީގެ ދަރަންޏަށް ޒިއްމާވާންޖެހޭނީ އެމީހަކުގަނެފައިވާ ނުވަތަ ގަންނަން އެއްބަސްވެފައިވާ ޙިއްޞާގެ އަގުގެ އެއްވެސް މިންވަރެއް ކުންފުންޏަށް ދީފައި ނުވާނަމަ އެމިންވަރަކަށެވެ.

ކުންފުނީގެ ޙިއްސާ ދާރުން ކުންފުނީގެ ދަރަންޏަށް ޒިއްމާވާނެ މިންވަރަކީ މިއީކަން ކުންފުނީގެ އަސާސީ ޤަވާޢިދު ގައި ކަނޑައަޅައި ބަޔާންކޮށް ލިޔެފައިނުވާނަމަ  އެކުންފުންޏެއްގެ ޙިއްސާދާރުން އެކުންފުންޏެއްގެ ދަރަންޏަށް ޒިއްމާވާންޖެހޭނެއެވެ.  ޙިއްސާގެ އަގު ފުރިހަމައަށް އަދާކޮށްފައިވާނަމަ ކުންފުނީގެ ދަރަންޏާއި ގުޅިގެން ޙިއްސާދާރަކު އެޙިއްޞާދާރެއްގެ އަމިއްލަ އެއްވެސް ފައިސާއެއް ކުންފުނީގެ ދަރަނި އަދާކުރުމަށްޓަކައި  ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ކުންފުނީގެ އެންމެހާ ދަރަންޏަކަށް އެކުންފުނި ޒިއްމާވާންޖެހޭނެއެވެ.

ދަރަންޏަށް ޒިއްމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ކުންފުނިތަކުގެ ނަމާގުޅުވައިގެން ނަމުގެ ފަހަތުގައި، އެކަން ދޭހަކޮށްދޭ ޢިބާރާތް ނުވަތަ އޭގެ ރަމްޒު ޤާނޫނުގައިވާ ގޮތުގެ މަތީން ލިޔަންޖެހެއެވެ.  ޙިއްސާދާރުން ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިނުވާ ކުންފުނި އެހެނިހެން ޤައުމުތަކުގެ ޤާނޫނުތަންދެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެފަދަ ކުންފުނި ނުއުފެދުމަށް ތަންދީފައެއް ނުވެއެވެ.  ކަން މިހެން އޮތްނަމަވެސް ކުންފުނީގެ ދަރަންޏަށް ކުންފުނީގެ ޙިއްސާދާރުންނާއި ޑިރެކްތަރުން ޒިއްމާވާންޖެހޭ އިސްތިސްނާ ޙާލަތުތަކެއް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ކުންފުނީގެ ދަރަންޏަށް ޙިއްސާދާރުން ޒިއްމާންވާންޖެހޭ މިންވަރު:  

 ކުންފުނީގެ ދަރަންޏަސް ކުންފުނީގެ ޙިއްސާދަރުން ޒިއްމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ލިމިޓް ލައިބިލިޓީ ކުންފުންޏަކާއެކު ވިޔަފާރިކުރާ ނުވަތަ މޢާމަލާތުކުރާ ފަރާތްތަކުން އެފަދަ ކުންފުންޏެއްގެ ޙިއްސާދާރުންނާއި، ޑިރެކްޓަރުން އެކުންފުނީގެ ދަރަނިތަކަށް ޒާތީ ގޮތުން ޒިންމާވުމަށް ޑިމާންޑް ކުރުމަކީ، އެފަދަ ކުންފުނި ތަކާއެކު މުޢާމަލާތުކުރާ ފަރާތްތަކަށް ހުޅުވިފައި އޮތްކަމެކެވެ. ބެންކަކުން ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކަށް ދަރަނި ދޫކުރާއިރު އެކުންފުނީގެ ޙިއްސާދާރުންނާއި، ޑިރެކްޓަރުން އެލޯނަށް ޒާތީ ގޮތުން ޒިންމާވާނެކަމުގެ ގެރެންޓީ ހޯދުމަކީ ވަރަށް ޢާއްމުކަމެކެވެ. މިއީ ކޮންޓެކްޓް އުޞޫލުގެ ދަށުން ހޯދާ ގެރެންޓީއެކެވެ. އެއްގޮތަކަށްވެސް އެއީ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ކުރެވޭ ކަމެއްނޫނެވެ.

ކުންފުނީގެ މެނޭޖްމެންޓް ހިންގުން:

ކުންފުނީގެ މާއްދީ ސިފަތަކެއް އެކުލެވޭ ޝަޙުޞަކަށް ނުވުމާއެކު އެކުންފުނީގެ ކަންތައްތައް އަމިއްލައަށް ހިންގައެއް ނުހެދޭނެއެވެ. އެހެންކަމުން ކުންފުނި ހިންގާނޭ ފަރާތެއް  އޮންނަންޖެހެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑަކުންކަމަށެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ޒިންމާއާއި ވާޖިބު:

ކުންފުންޏާއބެހޭ ޤާނޫނުގައި (ޤާނޫނު ނަމްބަރ: 96/10 ) ކުންފުނީގެ ޑިރެކްޓަރުންގެބާރުތަކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން ޑިރެކްޓަރުންގެ މަސްއޫލިއްޔަތާއި، ބާރުތައް ބަޔާންކުރެވޭނީ  ކުންފުނީގެ ހިންގާ ޤަވާޢިދުގައެވެ. އެކި ކުންފުނި ތަކުގެ ބޭނުންތައް ތަފާތުވާނެތީ، އެކުންފުންޏަކުން އަމިއްލައަށް ޑިރެކްޓަރުންގެ މަސްއޫލިއްޔަތާއި، ވާޖިބުތަކާއި، ބާރުތައް ކަނޑައެޅުމަށް ވަނީ ދޫކޮށްލެވިފައެވެ. ކުންފުނިތަކުގެ ހިންގާ ޤަވާޢިދުގައި ޢާއްމު ގޮތެއްގައި ޑިރެކްޓަރުންގެ މަސްއޫލިއްޔަތު ބަޔާން ކުރެވެނީ ވަރަށް ޢާއްމު ޢިބާރާތަކުންނެވެ. އެހެންކަމުން  ޑިރެކްޓަރުންގެ ބާރުތަކުގެ ދާއިރާ ހަނިކުރަން ޙިއްސާ ދާރުންނަށް ފެނިއްޖެނަމަ، ކުންފުނީގެ ޙިއްސާދާރުންގެ ޖަލްސާއިން ފާސްކުރާ ޤަރާރަކުން އެކަން ކުރެވިދާނެއެވެ. މިހެން މިކަން އޮތް އިރު ކޮންމެ ޑިރެކްޓަރަކީވެސް އެފަރާތަކާއި ޙަވާލުކުރެވޭ ކަންތަކުގެ މަސްއޫލުވާންޖެހޭ ފަރާތެކެވެ. އަދި އެޑިރެކްޓަރެއްގެ ބާރާއި ނުފޫޒު ބޭނުނުން ކޮށްގެން ކުންފުންޏަށް ލިބޭ ގެއްލުމުގެ ޒިއްމާ އެޑިރެކްޓަރަކު އުފުލަން ޖެހޭނެއެވެ. ވުމާއެކު ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު  ކުންފުނީގެޑިރެކްޓަރުން ޒާތީ ގޮތުން ކޮންމެހެން ކުންފުނި ހިންގާކަށް ނުޖެހޭ ނެއެވެ. ކުންފުނީގެ ފުލް ޓައިމް މުވައްޒަފުން ކުރާ މަސައްކަތްތައް ސްޕަވައިޒްކުރިއަސް ފުދިދެއެވެ. އަނެއްކާ އަނެއްކޮޅުން ބަލާއިރު ހަމަ އެކަނި ކުންފުނީގެ ޙިއްސާދާރަކަށް ވީއަތީވެ، އެހެނޭކިޔާފައި، ކުންފުނި ހިންގުމުގައި ޙިއްސާދާރަކަށް ބައިވެރި ނުވެވޭނެއެވެ. އަދި އެއީ ކުންފުނީގެ އެޖެންޓެއްކަމަށްވެސް ނުވާނެއެވެ. ނަމަވެސް ކުންފުންޏާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ޙިއްސާ ދާރަކަށް އެކުންފުނީގެ ޑިރެކްޓަރަކަށް ނުވަތަ ކުންފުނީގެ މުވައްޒަފަކަށްވެސް ވެވިދާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި:

 ނަމްބަރ: 96/10 އަކީ ކޮމަންލޯގެ ކޮންޕެނީ ލޯގެ ކޮޕީއެއްކަމުން ދިވެހިރާއްޖެއަކީ އެޤައުމުތަކުގެ ވައްޓަފާޅިއާއި އާދަކާދައާއި އަދި މިފަދަ ކުންފުނި ހިންގުމުގައި އެޤައުމުތަކުގައި ދިމާނުވާ މައްސަލަތަކެއް ދިމާވެދާނެކަމުން މިކަމަށް  96/10 ގައި އަލިއަޅުވާފައި ނުވުމަކީ އެޤާނޫނު އެންމެރަނަގަޅު ނޫންކަމަށް ދެންނެވޭނެ ސަބަބެކެވެ. އަދި ދިވެހި ރާއްޖޭގެ ކުންފުނިތައް ގިނަކަމާ އެކުންފުނިތައް ޤަވާޢިދާއެއްގޮތައް ހިގަމުން ނުދާކަން ފާހަގަކުރަމެވެ. ސަބަބަކީ ކުންފުންޏާ ބެހޭ ޤާނޫނު އެންމެ ފުރިހަމަ ޤާނޫނަކަށް ނުވާތީއެވެ.

ކުންފުނި ހިންގަނީ ރަނަގަޅަށްތޯ ނޫންތޯ އެގޭނީ ކިހިނެއްބާ؟  

 ކުންފުންޏަކީ ކުންފުނީގެ ޙިއްސާ ދާރުންނާއި މުޅިން ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚުޞެއްކަމަށް ވިނަމަވެސް، ބައެއް އިސްތިސްނާ ޙާލަތްތަކުގައި  ކުންފުނީގެ ” ކޯޕަރޭޓް ވެއިލް” ނުވަތަ ކުންފުނީގެ ޤާނޫނަށް ރިޢާޔަތްކޮށްލުމުން އެޤާނޫނުތަކުގެ ނިވަލުގައި ތިބެގެންކުންފުނީގެ ޙިއްސާ ދާރުންނާއި ޑިރެކްޓަރުން ކުންފުނީގެ ޢަމަލުތަކަށް ޒާތީ ގޮތުން ޒިއްމާކުރުވައެވެ. އިނގިރޭސިވިލާތުގައި ނިމިފައިވާ ގިނަ ޤަޟިއްޔާ ތަކެއްގައި އެޤަޟިއްޔާތައް ބެއްލެވި ފަނޑިޔާރުން ކުންފުންޏެއްގެ އެތެރެފުށް ނެގުމުގައި ނުވަތަ އެތެރެފުށް ފޫދުއްވާލުމުގައި ގެންގުޅުއްވާފައިވާ މައިގަނޑު އުޞޫލެއްކަމަށް ފެންނަން އޮތީ، އެޤަޟިއްޔާ ތަކުގައި އިންޞާފް ޤާއިމްކުރެވޭ ގޮތަކީ އެގޮތައް ޢަމަލުކުރެއްވުންކަމަށް އެބޭފުޅުންނަށް ފެނިވަޑައި ގަތުމެވެ. ޤަޟިއްޔާއެއްގައި އިންޞާފް ޤާއިމްކުރެވޭނޭ އެނޫން ގޮތެއްނެތްނަމަ ކުންފުނީގެ އެތެރެ ނަގާ އެކުންފުނީގެ ޙިއްޞާދާރުން ނުވަތަ ޑިރެކްޓަރުންނާއި ހަމައަށް ޤާނޫނުގެ އަތް ފޯރުވަން ޖެހިއްޖެނަމަ އެކަންކުރުމަށް ފަސްނުޖެހޭނެކަމަށް އިނގިރޭސި ކޯޓުތަކުން ބުނެފައި ވެއެވެ.  މިގޮތުން އަޅުގަނޑު މައްސަލައެއްލިޔަން ބޭނުންވެއެވެ. އެއީ ޓީޗަރ ކިޔަވާދެއްވާފައިވާ ސޮލަމަން ވ.ސޮލަމަން ގެ ކުންފުނީގެ މައްސަލައެވެ. މިކުންފުނީގައި ސޮލަމަން  އޭނާގެ ކުންފުނީގެ ޙިއްސާ އޭނާގެ ކުދިންނަށް ބަދަލުކުރިއެވެ. އޭނާ ހުންނަނީ ނިވާ ފަތްގަޑެއްގެ ގޮތުގައެވެ. މިގޮތުން މިކުންފުނި ފައިވާންހަދާ ކުންފުންނަކާ ދެމެދު ވިޔަފާރީގެ މުޢާމަލާތް ހިނގަމުންދަނިކޮށް މައްސަލަ ޖެހި ޝަރީޢަތަށް ދާންޖެހިއްޖެއެވެ.

ސޮލަމަން ވ. ސޮލަމަންގެ މައްސަލަ:

ސޮލަމަން- ވ- ސޮލަމަން ޤަޟިއްޔާ ގައި ލޯޑްމެކްނޯޓުން ބުނެފައިވަނީ ކުންފުންޏަކީ ޙިއްސާދާރުންގެ އޭޖެންޓެއްނޫންކަމަށެވެ. ނަމަވެސްބައެއްޙާލަތުގައި ސޮލަމަން –ވ- ސޮލަމަން ޙުކުމްގެ މިބަޔާއި އިނގިރޭސި ކޯޓުތަކުންދުރުވެ، ޤާނޫނީ ބޭނުންތަކަށްޓަކައި  ކުންފުންޏަކީ ޙިއްސާދަރުންގެ އެޖެންޓެއްކަމަށް ބައެއްފަހަރު ބަލަންޖެހޭކަމަށް ޙުކުމް ކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި މިއިސްތިސްނާ ޙާލަތު އަމާޒުވެފައިވަނީ އަށްދަށުން ކުންފުނި (ސަބްސިޑިއަރީ ކުންފުނި) ތަކަށެވެ. އެއީ ބަދަލުވެރި ކުންފުނި (ހޯލްޑިންގ ކޮމްޕެނީ) ތަކުގެ ބައެއް ވިޔާފާރިތައް އެކުންފުނިން އުފައްދާ އަށްދަށު ކުންފުނި މެދުވެރިކޮށް ހިންގަނީ ބަދަލުވެރި ކުންފުނި ތަކުގެ އޭޖެންޓެއްގެ އުޞޫލުން، އެބީދައިން ކަމަށްވާތީއެވެ. އެހެންނަމަވެސް  ބަދަލުވެރި ކުންފުންޏެއްގެ އަތްދަށު ކުންފުންނަކަށް ހަމައެކަނި ވާވުމަކީ އެބަދަލުވެރި ކުންފުނީގެ އެޖެންޓަކަށް އަތްދަށު ކުންފުނި ވާނޭސަބަބެއްނޫންކަމުގައެވެ. އެގޮތުން ބަލަދުވެރި ކުންފުނީގެ އޭޖެންޓެއް ކަމަށް އަތްދަށު ކުންފުނި ބެލެވޭނީ އޭގެ އިތުރު އުންސުރުތަކެއް އެދެފަރާތުގެ ދެމެދުގައިވާ ގުޅުމުގައި ހިމެނޭނަމައެވެ. ޖަސްޓިން އެޓްކިންސަން  ޙުކުމްކުރީ އަތްދަށު  ކުންފުނީގެ ޢިމާރާތް ބޭނުންކުރަމުންދަނީ ބަލަދުވެރި ކުންފުނިންކަމަށް ވުމާއެކު ، އެޢިމާރާތުގައި އެބަދަލުވެރި ކުންފުނިން ވިޔަފާރި ކުރަމުންގެންދަނީ އެއަތްދަށު ކުންފުނީގެ ނަމުގައި ކަމަށް ވިނަމަވެސް ، އެޢިމާރާތް ސަރުކާރަށް ނެގުމުން ބަލަދުވެރި ކުންފުނީގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު އެބަދަލު ވެރި ކުންފުންޏަށް ލިބެން ޖެހޭނެކަމަށެވެ.

 މިޤަޟިއްޔާގައި ކޯޓުން ބުނެފައިވަނީ އަތްދަށު ކުންފުނިން ވިޔަފާރިކުރަމުން ގެންދަނީ ބަލަދުވެރި ކުންފުނީގެ އޭޖެންޓެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި 6 ނުޤުތާއެއް ފާހަނގަކުރަން ޖެހޭނެކަމަށެވެ.

(1)  އަތްދަށު ކުންފުނީގެ ފައިދާއަކީ ބަލަދުވެރި ކުންފުނީގެ ފައިދާއެއްކަމުގައިބަލާތަ؟

(2)  ވިޔަފާރި ހިންގުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މިހުންނަކީ ބަލަދުވެރިކުންފުނިން ޢައްޔަންކުރާ ބައެއްތަ؟

(3)  އަތްދަށު ކުންފުނީގެ  ވިޔަފާރީގެ ސިކުނޑިއާއި ބޮލަކީ ބަލަދުވެރި ކުންފުނިތަ؟

(4)  އަތްދަށު ކުންފުނި ހިންގަނީ ބަލަދުވެރި ކުންފުނިން ކަނޑައަޅާ ގޮތައްތަ؟

(5)   ބަދަލުވެރި ކުންފުނިން ފައިދާ ލިބިގަންނަނީ އެފަރާތުގެ ހުނަރާއި މަގުދެއްކުމުންތަ؟

(6)   ބަލަދުވެރި ކުންފުނީގެ ކޮންޓްރޯލް އޭގެ ޙަޤީޤީ މާނައިގައި އަތްދަށު ކުންފުނީގެ މައްޗަށް އަބަދުމެ ދެމިއޮވޭތަ؟

  މިޤަޟިއްޔާގައި ސަބްސިޑިއަރީ ކުންފުނި (އަތްދަށު ކުންފުނި) އުފައްދާފައިވަނީ ހަމައެކަނި ބަލަދުވެރި ކުންފުނިން (ހޯލްޑިންގ ކޮމްޕެނީ އިން) ކުރަމުން އައި އެހެން ވިޔަފާރިއަކާއި އަތްދަށު ކުންފުނިން ކުރާވިޔާފާރިއާ ވަކިކޮށްލުމަށްޓަކައެވެ. އެޢިމާރާތުގެ މިލްކުވެރިކަން އެއްވެސް އިރެއްގައި ބަލަދުވެރި ކުނފުނިން އަތްދަށު ކުންފުންޏަށްނަޤުލުކޮށްފައެއް ނުވެއެވެ.  އަތްދަށު ކުންފުނީގެ އެންމެހައި ހިސާބުތައް ބެލެހެއްޓިފައިވަނީ ބަލަދުވެރި ކުންފުނީގެ ޓްރަސްޓްއެއްގެ (ޙަވާލުދާރެއްގެ) ގޮތުގައެވެ.  އަދި އަތްދަށު ކުންފުނީގެ ޑިރެކްޓަރުންނަކީވެސް ހަމަ ބަލަދުވެރި ކުންފުނީގެ ޑިރެކޓަރުންނެވެ. އަދި އަތްދަށު ކުންފުނީގެ ހިސާބުތައް ބަލަހަށްޓަމުން ގެންދަނީ ބެލެނިވެރި ކުންފުނީގެ ހިސާބުތަކުގެ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ބެލެނިވެރި ކުންފުންޏާ އަތްދަށު ކުންފުންޏަކީ ވަކި ދެކުންފުނިކަމަށް ދުށުމަކީ ދަތިކަމެއްކަމަށް ކޯޓުން ކަނޑައެޅިއެވެ.

މިހެންކަމުން ރާއްޖޭގައިވެސް މިފަދަ ކުންފުނިތައްއުފައްދާ ބޮޑެތި މައްސަލަތައް ދިމާވަމުންދާތީ ކުންފުންޏަކީ މިހާރު ވަރަށް ފުޅާ ދާއިރާ އެއްގެ ތެރޭ ހިންގާ ޤާނޫނީ ޝަޚުޞަކަށްވާތީއާއި އެކު ދިވެހިރާއްޖޭގައި ކުންފުންޏާއި ބެހޭ ޤާނޫނު އަދި އިތުރަށް ފުރިހަމަކޮށްގެން ނޫނީ ދިވެހިރާއްޖޭގައި ކޯޕްރޭޓް ގަވަރނަންސް ހަރުދަނާ އިންޞާފްވެރި ގޮތެއްގައި ހިނގާނެކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ބާރުގެ ދާއިރާއިން ބޭރުވުމުން (އަލްޓްރާވައިރެސް ޕްރިންސިޕަލް):

1875 ގައި އިނގިރޭސިވިލާތުގައި ނިންމާފައިވާ ޤަޟިއްޔާއެއްކަމަށްވާ  އެޝްބަރީ ރެއިލްވޭ ކެރިޖް އެންޑް އަޔަން ކޮމްޕެނީ ލިމިޓެޑް ވ.  ރިޗް ގައި ހައުސް އޮފް ލޯޑުސް އިން ކަނޑައަޅާފައިވަނީ ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކުގެ ބާރުގެ މައްޗަށް އަލްޓްރާ ވައިރެސް ޑޮކްޓްރިން ހިންގޭނެ ކަމަށައި، އެހެންކަމުން ކުންފުނީގެ މަޤްޞަދުތަކުގައި ހިމެނޭ ކަންކަމުގެ ދާއިރާއިން ބޭރުކަންކަމާ ގުޅިގެން ކުންފުނީން ކުރާ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއް ކަމުގައެވެ. މިއީ ވަރަށް މުހިއްމު ވާހަކައެވެ. މިހެން މިކަން ވާނަމަ ކުންފުނިތައް ހިންގާ ޑިރެކްޓަރުންގެ މަސްއޫލިއްޔަތާއި ޚިލާފް ވުމުގެ ސަބަބުން  ކުންފުނީގެ އެކިއެކި މުޢާމަލާތްތައް އެފަރާތުން އަމިއްލައަށް ކުރުމުގެ ސަބަބުން އަލްޓްރާ ވައިރަސްވަދެ ޑިރެކްޓަރ އަމިއްލަ ގޮތުން ޒިއްމާއުފުލަން ޖެހެއެވެ. އެކަމަކު ޙިއްޞާ ދާރުންނަށް ވަނީ ގެއްލުމެވެ.  މިއީ ރާޖޭގެ ކުންފުނިތަކަށްވެސް މިހާރު ވަންނަމުންދާ އަލްޓްރާ ވައިރެސްއެކެވެ. މިކަމުން އަލްޓްރާވައިރަސް އިން ސަލާމަތްވުމަށްޓަކައި ޒަމާނާއި އެކަށީގެންވާ އަދި ޤައުމު ކުރިއަރަމުން ތަރައްޤީ ވަމުން އަންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ކުންފުންޏާއިބެހޭ ޤާނޫނަށްވެސް ބަދަލު ގެންނަންޖެހޭކަމަށް އަޅުގަނޑު ދެކެމެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ މައްޗަށް ނަޒަރެއް:

 ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ 74 ވަނަ މާއްދާއަށް އަށް ބަލާއިރު އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުންފުންޏެއްރަޖިސްޓްރީވުމުން އެކުންފުންޏަކީ މެމްބަރުންނާ ވަކިން އުފެދިފައިވާ، އަދި ޤާނޫނީ ގޮތުން އަމިއްލަ ޝަޚުޞިއްޔަތެއް ލިބިގެންވާ ފަރާތަކަށް ވީނަމަވެސް ތިރީގައި ބަޔާން ކޮށްފައިވާ ޙާލަތްތަކުގައި، ނިވައިފަތްގަޑެއްގެ ގޮތުގައި އެޝަޚުޞިއްޔަތުގެ ބޭނުން ހިފަމުން ގެންދިޔަ ކުންފުނީގެ ޑިރެކްޓަރުން އެކުންފުންޏެއްގެ ނަމުގައި  ކުރިކަންތައްތަކަށް އެޑިރެކްޓަރުން އަމިއްލަ ޒިއްމާ އުފުލަން ޖެހޭ ކަންތައްތައް ތިރީގައި ފާހަނގަކޮށްލަމެވެ.

(ހ) ކުންފުންޏަށް ލިބިފައިވާ ޝަޚުޞިއްޔަތު، ޤާނޫނާއި ޚިލާފުކަމެއްކޮށްފިނަމަ

(ށ) ކުންފުންޏަށް ލިބިފައިވާ ޤާނޫނީ ޝަޚުޞިއްޔަތު، މަކަރާއި ޙީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ

(ނ)ކުންފުންޏަށް ލިބިފައިވާ ޝިޚުޞިއްޔަތު، ކުންފުންނަށް ދަރަނިކޮށް ދޫކޮށްފައިވާ ފަރާތްތަކަށައި،  ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުންދާ ފަރާތްތަކަށް އޮޅުވާލުމުގެނިޔަތް ބޭނުންކޮށްފިނަމަ

(ރ) މަތީގައި ބުނެފައިވާ ޙާލަތްތަކުގެ އިތުރަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ  އެހެނިހެން ޙާލަތްތަކުގައި.

 މިމާއްދާ ތަކަށް ބަލާއިރުވެސް ކުންފުންޏެއް ވުޖޫދަށް ގެނެވިދާނެކަމާއި އެކަމަކު އެކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ހިނގާފާނެކަމަށް ދަލީލުކުރެއެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު ކޯޓަށް އަޅުގަނޑު ބައެއް ކުންފުނީގެ މައްޗަށް ކުރާ ދަޢުވާގައި ކުންފުނީގެ ޙިއްސާދާރުންނަށް އަދި މެނޭޖިންޑިރެކްޓަރަކަށްވެސް ސެކެރެޓްރީއަކަށްވެސް ތިބެނީ ދެމަފިރިންނެވެ. މިކުންފުނީގެ މައްޗަށް ދަޢުވާ އުފުލުނީ އެކުންފުނީން ވެހިކަލްތައް އެތެރެކުރާކަމުގެ އިޝްތިހާރު ކުރުމުން އެތައްބަޔަކު ވެހިކަލް ގަތުމަށް އެތައް ލައްކަރުފިޔާ އެޑްވާންސްގެ ގޮތުގައި ކުންފުންޏަށް ދައްކާ ވެހިކަލް ތައް ނުލިބިގެންނެވެ. ދަޢުވާގެ ޖަވާބުގައި ކުންފުނީގެ ޑިރެކްޓަރުން ބުނަނީ ދިމާވި ސަބަބަކާހުރެ އަދި ނުގެނެވެނީ ކަމަށެވެ. ކޯޓުން އެހެން ދުވަހަކަށް ޗިޓް ފޮނުވުމުން އެކުންފުނި ކުރިން ހުރި ޢިމާރާތުގައި ނަންބޯޑެއްނެތެވެ. އަދި ދަޢުވާ ކުރާ ފަރާތަށް އެކުންފުނި ހުރިތަނެއް ހޯދުމަށް ކޯޓުން އެންގިއެވެ. ނަމަވެސް މާލޭގައި ހިގާ މިބޯޑް ހުރިތަނެއް ނުފެނިގެން ކޯޓަށް އެންގުމުން އެދެޑިރެކްތަރުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމެގްރޭޝަނަށް އެންގުމުން އެގުނީ އެދެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައްޖެކަމެވެ. ފަހުން މަޢުލޫމާތް ލިބުނު ގޮތުގައި މިދެމަފިރިން އެތައްބަޔަކު ދަރަނިވެރި ކުރުވާ ފިލައިގެންގޮސް މެލޭޝިއާގައި ދިރިއުޅެންފެށީއެވެ. ބައެއްމީހުންނަކީ ބެންކުގައި ގެ މޯގޭޖް ކުރުމަށްފަހު  ލޯނު ނަގާފައިވާ މީހުންކަމުން އެމީހުންނަށް ލޯނު ނުދެއްކި މިހާރުވަނީ އަމިއްލަ ގެދޮރު ބެންކުން ވިއްކާ ހިސާބަށް ގޮސްފައެވެ. މިފަދަ ކިތައްމެ މައްސަލައެކެވެ. ވުމާއެކު ކުންފުނި އެހާ ފަސޭހަކޮށް ވުޖޫދަށް ގެނަސް އޭގައި ދެމަފިރިން  ނުވަތަ އަލަށް ކައިވެނިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހިތްވާ ދެމީހުންކަމުގައިވާނަމަ މިފަދަ ކުންފުނި ރަޖިސްޓްރީ ކުރާއިރުވެސް މަޤްޞަދު އޮންނާނީ ނަހަމަގޮތެއްގައެވެ. މާލޭގައި ކުންފުނި ރަޖިސްޓްރީ ކޮށް ނަމްބޯޑެއްވެސް ނުޖަހާ ބިދޭސީން މުދާގެނައުމުން އެކުންފުނީގެ ދަށުން އިމްޕޯޓް މުދާ އެތެރެކުރުމުގެ ހުއްދަ ނަގާ ބިދޭސީންގެ މުދާއެތެރެކުރަނީ ކިތައް ކުންފުނި ތޯއެވެ. މިކަން ބަލާ ތަންފީޖު ކޮށް މިކަމުގެ މައްޗަށް އިތުރު ޤާނޫނުތައް ނެހެދޭނަމަ ކުންފުނީގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތަކާއި ކުރިމަތިވެގެން ދާނެއެވެ.  ޤާނޫނު ނަމްބަރ: 96/10 އަކީ ކުންފުނި ރަޖިސްޓްރީ ކުރުމާބެހޭ ޤާނޫނެކެވެ. އަދި ކުންފުނި ހިންގަންވާ ގޮތް އަންގުވައިދޭ ޤާނޫނެކެވެ. މިހެންކަމުން މިޤާނޫނާއި ޙަވާލާދީ ކުންފުނީން ފޫދިގެން އަންނަ ޖިނާއީ މައްސަލަ ބަލާނެ މުހިއްމު ޤާނޫނެއް މިހާރު އޮތް ޤާނޫނުގެ ބައެއްކަމަށް އިތުރުކުރުމަކީ އަޅުގަނޑަށް ފެންނަކަމެކެވެ. މިހެން ދަންނަވަންޖެހެނީ ރާއްޖޭގެ ކުންފުނި ރަޖިސްޓްރީ ކޮށް އެެކުންފުނިން ބޭރު ޤައުމުގެ ކުންފުނިތަކަށްވެސް އިހާނާތްތެރި ޢަމަލު ހިންގާފައިވާތީއެވެ.

 ކުންފުނީގެ ސަބަބުން އެކުންފުނީން ޚިދުމަތް ލިބިގަންނަ ފަރާތަށާއި، އަދި ކުންފުނީގެ ޑިރެކްޓަރުން، ޙިއްޞާދާރުންނަށް ގެއްލުންލިބޭ ނުވަތަ ޙީލަތް ހަދާ ކުންފުނި ރާއްޖޭގެ ނިސްބަތުން މަދެއްނޫނެވެ.ބައެއް މައްސަލަ ލިޔަން އަޅުގަޑު ޚިޔާލުކުރަމެވެ. އެހެނީރާއްޖޭގައި އަލްޓްރާވައިރަސް އަދި އެއިޑްސް ވަދެފައިވާ ކުންފުނިތައް ގިނައެވެ.

ރާއްޖޭގައި ކުންފުންޏާއި ބެހޭ ގޮތުން ހިނގާފައިވާ ބައެއް ޤަޟިއްޔާ:

 މ. ބޯއްޑޫ މުޙައްމަދު ރިޔާޟް ޙިއްޞާވާ އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަނެއް ޙިއްސާދާރުކަމަށްވާ ހ.ލޭޑީބާޑް މުޙައްމަދު ފިރާޤް އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ މުޙައްމަދު ރިޔާޟްގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތްތަކުގެ މަތީން ކަމަށާއި، ކުންފުނީގެ ފައިސާއާއި، ތަކެތި އަމިއްލަ ބޭނުންތަކަށް ބޭނުންކުރަމުން ގެންދާކަން އެގެން އޮތުމުން  މުޙައްމަދު ފިރާޤް ޢަމަލުކުރަމުންދަނީ ހުރިހައި މެމްބަރުންގެ މަޞްލަހަތަށްވުރެ އޭނާގެ މަޞްލަހަތު ކުރިއަށް ނެރެގެންކަމަށް މަދަނީކޯޓުގައި ކުރި ދަޢުވާ ގައި މަދަނީ ކޯޓުގެ ނަމްބަރ: 623/MC/2006  ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނީ ހ.ލޭޑީބާޑް މުޙައްމަދު ފިރާޤް އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ ހުރިހައި މެމްބަރުންގެ މަޞްލަހަތަށްވުރެ އޭނާގެ މަޞްލަޙަތު ކުރިއަށްނެރެގެންކަން ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި ކުންފުންޏާއި ބެހޭ ޤާނޫނުގެ (ޤާނޫނު ނަމްބަރ: 96/10) ގެ 80 ވަނަ މާއްދާގެ 06 ވަނަ ނަމްބަރާއި 07 ވަނަ ނަމްބަރަށް ރިޢާޔަތްކޮށް އެޤާނޫނުގެ 75 ވަނަ މާއްދާގެދަށުން އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް ޙުކުމްކޮށެވެ. މިޤަޟިއްޔާ ނިންމިގޮތާއި މެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ފިރާޤް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް މިޤަޟިއްޔާ ހުށަހެޅުމުން ހައިކޯޓުގެ ނަމްބަރ:  192/HC-A/2007  ޤަޟިއްޔާއިން ނިންމަވާފައިވަނީ މަދަނީކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.

އެސް.އެންޑްވައި. އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމެޓެޑް އިން ޢާދިލް

އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާ؛

 ސިންގަޕޫރު ކުންފުންޏެއްކަމުގައިވާ އެސް އެންޑް.ވައި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ގެފަރާތުން އަޅުގަނޑު ޢާދިލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާއަކީ އެސް އެންޑް.ވައި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އާއި ޢާދިލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 24 ޖަނަވަރީ 1993 ގައި ކުރެވިފައިވާ އެގްރީމެންޓްގައި 31 ޖަނަވަރީ 1993 ގެ ކުރިން -/598584(ފަސްލައްކަ ނުވަދިހަ އަށްހާސް ފައްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) ނުވަތަ އެފައިސާއަށްވާ މިއަރުއުރަހަ އެސް އެންޑް.ވައި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވުމަށް އެއްބަސްވެ މިފައިސާ އަދި މިއަރު އުރަހަ ނޮފޮނުވައިގެން މިފައިސާ ހޯދުމަށްކުރި ދަޢުވާއެކެވެ. މިދަޢުވަގައި ޢާދިލް އިންޓަރނޭޝަ ނަލް ޕްރައިވެޓް ލިމިޓެޑް އިން މިއަރު އުރަހަ ފޮނުވިކަމަށް ބުނެ ދޮގުހަދާ ފައިވެއެވެ. މިމައްސަލަ ނިންމަމުން މަދަނީކޯޓުގެ ޤާޟީ ވިދާޅުވެފައިވަނީ ޢާދިލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން އެސް އެންޑް.ވައި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފްވެފައިވާތީ -/598584(ފަސްލައްކަ ނުވަދިހަ އަށްހާސް ފައްސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ) 01 (އެކެއް) މަސްދުވަހުގެ ތެރޭ އެސް އެންޑް.ވައި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަސްދެއްކުމަށް ޙުކުމްކޮށް ފީމެވެ. މިފަދައިންނެވެ. (މަދަނީކޯޓުގެ ނަމްބަރ: 157/JC-2/93  ޤަޟިއްޔާ)

 މިޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ޢާދިލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން ހައިކޯޓުގެ ނަމްބަރ: 25/HC-A/93  ޤަޟިއްޔާއިން ނިންމަވާފައިވަނީ މަދަނީކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާއަށް ތާއީދުކޮށެވެ. ނަމަވެސް މިމައްސަލަ ނިމުމުން ހުކުމް ތަންފީޛު ކުރުމަށް މަދަނީ ކޯޓަށް ހުށަހެޅިއިރު މިކުންފުނީގެ ދެޑިރެކްޓަރުން އަދި ޙިއްސާދާރުން ކަމުގައިވާ ޢާދިލް އާއި އޭނާގެ އަންހެނުންވަނީ ރާއްޖެ ދޫކޮށް ފުރައިގެންގޮހެވެ. އެތަކެއް އަހަރުތަކެއްވިއިރުވެސް މިދެމީހުން އުޅޭ ނޫޅޭޤައުމެއްވެސް ނެތެވެ. މިކަމުގެސަބަބުން އެސް.އެންޑް.ވައި އަށް ލިބުނު ގެއްލުން އަދިވެސް އޮތީ އެގޮތަށެވެ.

މިހެންކަމުން ރާއްޖޭގައި ކުރީއްސުރެ ކުންފުނީގެ މައްސަލަ ފެންމަތިވަމުންދާކަމާއި މިކަމުގެ ފަރުވާއަކަށް ބޭނުންވާކަން މިޤަޟިއްޔާތަކުން އެބަސާބިތުވެއެވެ.

ކުންފުނި މަޤްޞަ ދާއެއްގޮތައް ހިންގުން:

 ކުންފުންޏެއް މަޤްޞަދައެއްގޮތައް ހިންގުމުގައި ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމާއި ކުންފުނީގެ ޙިއްސާދާރުން ގެ ޙައްޤަކީ ރައްކާތެރިވާންޖެހޭ އަދި އެއީ ކުންފުނީގެ ވަކި ޑިރެކްޓަރަކު ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެކަމާއ، ކުންފުންނޏަކީ ވަރަށް އަވަހަށް އަލްޓްރަވައިރަސް ވަދެދާނެ ޤާނޫނީ ގޮތުން ވަކި ޝަޚުޝެއްކަން ދަނެ ތެދުވެރިކަމާއެކު އަމިއްލަ މަޞްލަހަތަށްވުރެ ކުންފުނީގެ މަޞްލަހަތު ކުރިއަސް ނެރެގެންނެވެ. އަދި ޙިއްސާދާރުންނަށް ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގައިވާ ގޮތުގެ މަތީން ކުންފުނި ހިނގަމުންދާގޮތް އޮޅުން ފިލުވައިދީގެންނެވެ. އަދި ކުންފުނީގެ ވަކި ޑިރެކްޓަރަކަށް ނާޖާއިޒު ފައިދާ ނެގޭނެ ފުރުޞަތު ނުދީ ކުންފުނީގެ ދެންތިބި މުވައްޒަފުންނަކީ ހިންގާ  ޑިރެކްޓަ ރުގެ ފާރަވެރީންނަށްވެގެންނެވެ. ވުމާއެކު އަޅުގަނޑު ދަންނަވާނީ މިހާރަކަށް އައިސް ކޮންމެ ދެމަފިރިއަކުވެސް އެމީހަކު ޖަހާނެވަރަކަށް ޙިއްޞާ ޖެހުމަށްފަހު ކުންފުނި ރަޖިސްޓްރީކޮށް ނާޖައިޒު ފައިދާ ނަގަމުންދާތީ މިހާރު އޮތް ޤާނޫނަކީ މުޖުތަމަޢަށްޓަކައިވެސް އިޞްލާހް ކޮށް އެފުރުޞަތު ނުލިބޭނެފަދަ ބަދަލުތަކެއް 96/10 އަށް ހަދާމަޖިލީހުން އަވަހަށް ގެނައުމަށެވެ. މިގޮތައް ދަންނަވަންޖެހުނީ ވަރަށް ގިނަ ސަބަބުތަކެއްހުރީމައެވެ. އެންމެ ބޮޑަށް މިކަން އެނގޭނީ ފަނޑިޔާރުންނަށާއި ޤާނޫނީ ވަކީލުންނަށެވެ.

 ކުންފުނި ރަޖިސްޓަރީ ކުރާއިރު މަދު ފައިސާކޮޅެއް ހުއްޓަސް އެކުންފުނި ރަޖިސްޓްރީކުރެވެއެވެ. އަދި ރަޖިސްޓްރީ ކުރަނީ އަލްޓްރާވައިރަސް ނުވަންނާނެ ކަމަށް ބަލައިގެންނޫނުނެވެ. އަމިއްލަ ފައިދާއަށްއިސްކަންދީގެންނެވެ. މިއިސްކަންދިނުމުގެ މިންގަޑަކަށް އަޅުގަޑު ދެކެނީ އެމީހުން ބާނުން ވަނީވަގުތީ އުފާކަމުގައެވެ. އެއިޑްސް ކުންފުނީގައި ޖެހުމެވެ. ކުންފުންޏަކީ ވަކި ޝަޚުސެކެވެ. ޙިއްސާދާރުންނަކީ ވަކިޝަޙުދެކެވެ. ޑިރެކްޓަރުންނަކީ ވަކި ޝަޚުޞެކެވެ. ކުންފުނީގައިހުރިހާޒިއްމާއެއް އަޅުވައި ނުވަތަ ކުންފުނީގެ ޑިރެކްޓަރުން ޒިންމާ އުފުލަން ޙުކުމް ކުރެއްވިއަސް މިކަން ތަންފީޛުކޮށް މިކަމުގައި މީހުންގެ ނުވަތަ ޙިއްސާދާރުންގެ ޙައްޤު ލިބޭނީ އެކުންފުންޏަކީ އެކުންފުނި އުފެއްދުމުގައި ރަނގަޅުނިޔަތަކާއެކު މުޖުތަމަޢްއަށް ރަނގަޅުގޮތުގައި ހިންގާނެ ކުންފުންޏެއްކަމުގައި މަޤްޞަދު އޮވެގެންނެވެ.