އިސްލާމްދީނުގައި އިޖުތިމާޢީ ހަމަޖެހުން

އިންސާނީ ކުރިއެރުމާއި ތަހުޒީބު ލިބެނީހަމަޖެހޭ ދިރިއުޅުމެއްގެ ތެރެއިންނެވެ. އެހެނީ އަމަން އަމާންކަމަކީ ތަރައްޤީގެ އެންމެ މުހިއްމު ސިއްރެވެ. އެހެންކަމުން ކޮންމެ މުޖުތަމަޢެއްގައިވެސް
އެމުޖުތަމަޢުގެ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އިސްލާމީ ނިޒާމަކީ މިދެންނެވި ކަންކަން ޙާޞިލްކުރުމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ނިޒާމެކެވެ

އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް:

ކޮންމެ ޤާނޫނެއްވެސް، ހަމައެއްވެސް އެކަށައެޅެނީ ކަންތައްތަކެއް ޙާޞިލްކުރުމަށެވެ. އެގޮތުން އިސްލާމީ ޝަރީޢަތް ބައިވައިލެއްވުނީވެސް މަޤުޞަދުތަކެއް ޙާޞިލްކުރުމަށެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ މައިގަޑު ފަސް ކަމެއް ޙިމާޔަތްކުރުމެވެ. އެފަސްކަންތައް ޙިމާޔަތް ކުރެވުމުގެ ނަތީޖާއަކީ މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްކުރެވިގެންދިއުމެވެ. ޞުލްޙަ މަސަލަސްކަމުގެ އޮށް އިންދިގެން ދިއުމެވެ. އެފަސް ކަމަކީ އިންސާނާގެ ބުއްދިއާއި ފުރާނައާއި އޭނާގެ މުދަލާއި ޢިތްޒަތުއްނަފްސު އަދި އޭނާގެ ނަސަބު ޙިމާޔަތްކުރުމެވެ. ދެން އުފެދޭ ސުވާލަކީ މިފަސް ކަންތައް ޙިމާޔަތްކުރުމުން މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްވެގެންދަނީ ކިހިނަކުންހެއްޔެވެ؟ އަދި އެލިބޭ ހަމަޖެހުމުގެ ސަބަބުން ޤައުމަށް ލިބޭ ދިރުމަކީ ފަހެ ކޮބައިތޯއެވެ؟

ބުއްދި ޙިމާޔަތްކުރުން:

އިންސާނާ މާތް ޚަލްޤެއްކަމުގައި ލެއްވެވުނީ ބުއްދީގެ ސަބަބުންނެވެ. އަދި އެބުއްދި ނެތިއްޖެ ނަމަ އެއިންސާނާ އެހިނިހެން ޙައިވާނުންނެކޭ އެއްހަމައަކަށްވެއްޓިގެންދެއެވެ. އެކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން އެގެއެވެ. وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آَذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ (179) އަޢުރާފް މާނައީ: “އަދި ތިމަންރަސްކަލާނގެ ނަރަކައަށް ޖިންނީންނާއި އިންސީންކުރެ ގިނަބައަކު ލެއްވީމުއެވެ. އެބައިމީހުންނަށް ނުވިސްނާ ހިތްތަކަކާއި ނުފެންނަ ލޯތަކަކާއި އަޑުނާހާ ކަންފަތްތަކެއް ލިބިގެންވެއެވެ. އެބައިމީހުންވަނީ ގެރިބަކަރިތަކެއް ފަދައިންނެވެ. އަދިކިއެއްހެއްޔެވެ؟ އެބައިމީހުން ޙައިވާނުންނަށްވުރެވެސްނުބައެވެ.” މިކަންމިގޮތަށް އޮތީތީ ބުއްދި ޙިމާޔަތްކުރެއްވުމަށް އިސްލާމްދީނުގައި ޝަރުޢީ ޙުކުމްތަކެއް ކަޑައެޅުއްވިއެވެ. އެގޮތުން ބުއްދި ފިލުވާލާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ކީރިތި ނަބިއްޔާ ބަޔާންކުރެއްވިއެވެ. އެކަން އަންނަނިވި ޙަދީޘުން އެގޭނެއެވެ. “كل مسكر خمرٌ وكل مسكر حرامٌ ” 1923 الترمذىމާނައީ: “ކޮންމެ މަސްތުވާއެއްޗަކީ ރާއެކެވެ. އަދި ކޮންމެ ރާއަކީ ޙަރާމްއެއްޗެކެވެ.” صحيح البخاري އެކަލޭގެފާނު ޙަދީޘެއްގެ މާނައިގައިވެއެވެ. “ކޮންމެ މަސްތުކުރުވާ އެއްޗަކީ ރާއެކެވެ. އަދި ކޮންމެ ރާއަކީ ޙަރާމްއެއްޗެކެވެ.” އަދި ހަމައެކަނި ރާފަދަ ތަކެތި ބޭނުންކުރުން ޙަރާމްކުރެއްވީކީ ނޫނެވެ. އަދި އެކަމަށް ޢުޤޫބާތް ކަޑައެޅުއްވިއެވެ. عن أنس عن النبي صلى الله عليه وسلم “أنه أتي برجل قد شرب الخمر فضربه بجريدتين نحو الأربعين”. 1472 البخاري މާނައީ: “އަނަސްގެފާނު ނަބިއްޔާގެ ކިބައިން ރިވާކުރެއްވިއެވެ. ރާބޯމީހަކު ގެނެވެމުން އެމީހާގައި ޗާބޫކުން ސާޅީހެއްހާ އެތިފަހަރު ޖެއްސެވިއެވެ. ކޮންމެއަކަސް މިދެންނެވުނު ޙުކުމް ޤާއިމްކުރެވުމުން ބުއްދި ރައްކާތެރިކުރެވި، މުޖުތަމަޢުގައި ހަމަނުޖެހުން ނުހިގާނެގޮތަށް ޢަމަލުކުރެވިގެންދާނެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހަމަޖެހުން އެންމެ ބޮޑަށް ގެއްލިގެންދަނީ މަސްތުވާތަކެތި ޢާންމުވެގެނެވެ. އެކަމުގެ ސަބަބުން ރުޅިވެރިކަމާއި ނަފްރަތު މިވަނީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައެވެ. މާރާމާރީ މިވަނީ ކުޑަކަމެއްކަމުގައިވެފައެވެ. އެހެން އެކަންވާނެކަން މާތްﷲ ކީރިތިޤުރުއާނުގައި އަންގަވައި ވަޙީކުރައްވައިފައިވެއެވެ. إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ (91) އަލްމާއިދާ މާނައީ: ހަމަކަށަވަރުން ޝައިޠާނާ ބޭނުންވަނީ ތިޔަބައިމީހުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ރާއާއި ޖުވާގެސަބަބުން އުފައްދައި ﷲގެ ޛިކުރާއި ދުރުކޮށް ނަމާދާއި ދުރުކުރުމަށެވެ. ތިޔަބައިމީހުން ތިޔަކަމުން ދުރުހެލިވާކަށްނުވޭހެއްޔެވެ؟

ފުރާނަ ޙިމާޔަތްކުރުން:

ބުއްދީގެ ނިޢުމަތްފިޔަވައި އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ފުރާނައިގެ ނިޢުމަތެވެ. މިސަބަބަށްޓަކައި ދިރިހުރުމުގެ ޙައްޤު އިންސާނާއަށް މާތްﷲ ދަރުމަކުރެއްވިއެވެ. އަދި އެއާއެކު އޭނާގެ ހަށިގަނޑުވެސް ޙިމާޔަތްކުރެއްވިއެވެ. އަދި ޙައްޤަކާ ނުލައި ޙުރުމަތްތެރިވެގެންވާ ނަފްސެއްމެރުމަކީ ވަރަށް ނުބައިކަންބޮޑު ކަމެއްކަމުގައި ކަޑައެޅުއްވިއެވެ. އެކަމުގެ ނުބައިކަން ހުރިމިންވަރު ބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا (32) މާނައީ: “އެކަމުގެ ސަބަބުން ތިމަންﷲ ބަނީއިސްރާއީލްގެ މީހުންގެ މައްޗަށް ލިޔުއްވީމެވެ. ނަފްސަކާނުލައި ނަފްސެއްމެރި މީހާ ނުވަތަ ފަސާދަކުރި މީހާ އެންމެހާ މީސްތަކުންމެރިފަދައެވެ.” މިއާޔަތުގައި އެކަކުމެރުމަކީ ބިމުގައިވާ އެންމެހާ މީސްތަކުން މެރުންފެދުން ކަމެއްކަމުގައި ބަޔާންކުރެއްވި ސަބަބަކީ އެކަމުގެ ސަބަބުން ތަޅާފޮޅުން ގިނަވެ މުޖުތަމަޢު ފަސާދަވާތީއެވެ. އަދި މީހުން މެރުން ޙަރާމްކުރެއްވުމާއެކު، އެކަމުގެ ޢުޤޫބާތް ޝަރުޢުކުރެއްވިއެވެ. އާދޭހެވެ. ޤިޞާޞެވެ. އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ޝަރުޢުކުރެވިފައިވަނީ ހަމައެކަނި މަރުގެ މައްސަލަތަކަކުނޫނެވެ. އެހެންނަމަވެސް އެއަށްވުރެ ފުޅާދާއިރާއެއްގައި އެކަންވަނީ ޝަރުޢުކުރެވިފައެވެ. އެކަމަށް ދަލީލެއްކަމުގައި ޢިލްމުވެރިން ގެންނަވަނީ އަންނަނިވި އާޔަތެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ (45) މާއިދާ މާނައީ: “ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ތައުރާތުގައި ލިޔުއްވީމެވެ. ފުރާނައަކުން ފުރާނައެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަށް ނޭފަތެކެވެ. ކަންފަތަށް ކަންފަތެކެވެ. ދަތަށްދަތެކެވެ. ހާނީއްކަތަކަކީ ޤިޞާޞްހުރިކަމެކެވެ.” މިއާޔަތުގައި މިވާ ޙުކުމަކީ ޔަހޫދީންގެ މައްޗަށް ކަޑައެޅުނު ޙުކުމެކެވެ. އެހެންނަމަވެސް ޢިލްމުވެރިން މިއާޔަތުގައިވާ ޙުކުމް މުސްލިމުންގެ މައްޗަށް ހިންގަންޖެހޭނެކަމަށްވިދާޅުވެއެވެ. އެހެނީ ފިޤުހުގެ ޤާއިދާ ބުނާގޮތުން ކުރީގެ އުންމަތުގެ މައްޗަށް ހިގި ޙުކުމަކީ ނަސްޚުނުވާހާ ހިދަކު މުސްލިމުންގެ މައްޗަށް ހިގާނެ ޙުކުމެކެވެ. އެހެންކަމުން ޖިސްމާނީގޮތުން ލިބޭ އަނިޔާގެ ބަދަލުގައި ޝަރުޢީ އިމުގެ ތެރެއިން އެވަރުގެ އަނިޔާއެއް، އަނިޔާކުރި މީހާއަށް ދިނުމަކީ އިސްލާމްދީނުގެ ޙުކުމެވެ. އެޙުކުމް ހިންގައި ތަންފީޛުކުރުމުން ޢަދުލުވެރިކަމާއި އިންސާފު ޤާއިމްވެގެންދާނެއެވެ.

މުދާ ޙިމާޔަތްކުރުން:

މުދަލަކީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އަދި އެނިޢުމަތަކީ ކޮންމެ އިންސާނަކުވެސް އެނިޢުމަތުގެ މައްޗަށް ރައްކާތެރިވާ ނިޢުމަތެކެވެ. އެހެނީ ފައިސާއާއި މުދަލަކީ ދުނިޔޭގެ އަރާމާއި ފޮނިކަމުގެ ތެރެއިން ހިމެނޭކަމެކެވެ. އެކަން އަންނަނިވި ޤުރުއާނުގެ އާޔަތުން ދޭހަވެއެވެ. الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا (46)ކަހުފު މާނައީ:”މުދަލާއި ދަރިންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއިންވާ އެއްޗެއްސެވެ.” އެކަމުގައި އެކުލެވިގެންވާ ނުބައިކަން އަންނަނިވި ޙަދީޘުންވެސް އެގެއެވެ. عن أبي هريرة:أن رسول الله صلى الله عليه وسلم قال: (لا يزني الزاني حين يزني وهو مؤمن، ولا يشرب الخمر حين يشرب وهو مؤمن، ولا يسرق حين يسرق وهو مؤمن، ولا ينتهب نهبة، يرفع الناس إليه فيها أبصارهم، وهو مؤمن). 6390 البخاري މާނައަކީ: އަބީހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ޞަލަވާތާއި ސަލާމްލެއްވުނު ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ޒިނޭކުރާ މީހާ ޒިނޭކުރާ ހިދު މުއުމިނެއްކަމުގައި ނުވެއެވެ. އަދި ރާބޯމީހާ މުއުމިނެއްކަމުގައި ވެހުރެ ރާއެއްނުބޯނެއެވެ. އަދި ވައްކަންކުރާ މީހާވެސް މުއުމިނެއްކަމުގައިވެހުރެ ވައްކަމެއްނުކުރާނެއެވެ. އަދި މީހުންގެ ބެލުންތައް ހުއްޓޭގޮތަށް ލޫޓުވާހިދު އެކަންކުރާމީހާ މުއުމިނެއްކަމު ނުވެއެވެ.”މިޙަދީޘުގެ ފަހުބައިގައި ބަޔާންކުރައްވައިފައިވަނީ މުދާ ފޭރިގަނެ، އެމުދަލަށް އަރައިގަތުމަކީ އީމާންކަން ނަފީކުރާކަމެއްކަމުގައި ޞިފަކުރައްވައިފައިވެއެވެ. ހިޖުރައިން 10ވަނަ އަހަރު ޚުޠުބަތުލް ވަދާޢުގައި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. أيها الناس إن دماءكم وأعراضكم حرام عليكم إلى أن تلقوا ربكم كحرمة يومكم هذا في شهركم هذا في بلدكم هذا! މާނައީ:” އޭއެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި (ފުރާނަ) ޢިއްޒަތުއްނަފްސާއި ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އާއި ބައްދަލުވެއްޖައުމަށްދާންދެން ވަނި ތިޔަބައިމީހުންގެ މިދުވަސް (ޢަރަފާތުދުވަސް) އަދި ތިޔަބައިމީހުންގެ މިމަސް (ޙައްޖުމަސް) އަދި މިރަށް (މައްކާ) ޙުރުމަތްތެރެވިގެންވީ ފަދައިން ޙުރުމަތްތެރިކުރެވިގެނެވެ.” އަދިވެސް މުދާ ޙަލާލުވާނެގޮތް ބަޔާންކުރައްވަމުން ހަމަ މިޚުޠުބާގައި ޙަދީޘްކުރެއްވިއެވެ. ولا يحل لامرئ مال لأخيه إلا عن طيب نفس منه މާނައީ: އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދާ އެއަޚާގެ ރުހުމާއި ނުލާ ޙަލާލެއްނުވާނެއެވެ. އަދި މުދަލަށް އަރައިގަތުމަކީ ހަމައެކަނި ފާފައެއްކަން އަންގަވާފައި ނިންމާލެއްވީކީ ނޫނެވެ. އެހެންނަމަވެސް އެފާފަކުރާ ބައަކަށް އެކަށީގެންވާ ޢުޤޫބާތް ދުނިޔެމަތީގައި ލިބޭނެގޮތްވެސް އެކަށައެޅުއްވިއެވެ. އެއީ ވައްކަމުގެ ޙައްދެވެ. އަދި މަގުފޭރޭ މީހުންގެ މައްޗަށް ހިންގާ ޝަރުޢީ ޙުކުމެވެ.

ޢިއްޒަތުއްނަފްސު (އަބުރު) ޙިމާޔަތްކުރުން:

ކޮންމެ މީހަކުވެސް އެންމެ ރައްކާތެރިވާން ބޭނުންވާނީ އޭނާގެ ނަފްސުގެ ޢިއްޒަތާއި ފަޚުރުގެ މައްޗަށެވެ. އެހެންކަމުން އެމުހިންމު ޣަރީޒާ ރައްކާތެރިކުރުމަށް އިސްލާމްދީންވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. އެކަން ޚުޠުބަތުލްވަދާޢުގެ “ެ. أيها الناس إن دماءكم وأعراضكم حرام عليكم” މާނައީ: ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލެޔާއި ޢިއްޒަތުއްނަފްސު ޙަރާމްވެގެންވެއެވެ. މިބަސްފުޅުން ނިކަން ރަނގަޅަށް ދޭހަވެއެވެ. އަދި ޢިއްޒަތުއް ނަފްސު ޙިމާޔަތްކުރެއްވުމަށްޓަކައި ޤަޛްފުގެ ޙައްދު ޝަރުޢުކުރެއްވިއެވެ. އަދި ޤަޛްފަކީ ބޮޑު ވެގެންވާ ފާފައެއްކަމުގައި ބަޔާންކުރެއްވިއެވެ. އެކަން ޔަޤީންކޮށްދެއްވައި ﷲ ވަޙީކުރެއްވިއެވެ. ( إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَ الآخِرَةِ وَ لَهُمْ عَذَابٌ عَظِيمٌ ) މާނައީ: “ހަމަކަށަވަރުން ކުށުން ބަރީއަވެގެންވާ ޣާފިލް މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލައުނަތް ލެއްވިއްޖެއެވެ. އަދި އެބައިމީހުންނަށް ވަރުގަދަވެގެންވާ ޢަޛާބުހުއްޓެވެ.”މިއާޔަތުން ޤަޛްފުކުރުމުގެ ނުބައިކަން އެބައެގެއެވެ.

އަދި ހަމައެފަދައިން އައިބު ހާމަކުޅައުމާއި ޣީބަބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކެއްކަމުގައި ލެއްވިއެވެ. އައިބު ހާމަކުރުމުގެ ނުބައިކަން އަންނަނިވި ޙަދީޘުން އެގޭނެއެވެ. ثوبان رضَي الله عنه عن النبي صلى الله عليه وسلم، قال: “لا تؤذوا عباد الله ولا تعيروهم، ولا تطلبوا عوراتهم، فإنه من طلب عورة أخيه المسلم، طلب الله عورته، حتى يفضحه في بيته” روى الإمام أحمد في مسنده މާނައަކީ: މާތްﷲ ރުއްސުންލެއްވި ޘައުބާނުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ” ﷲގެ އަޅުންނަށް ގޯނާކޮށް އެބައިމީހުންގެ ޢައިބުނުކިޔާށެވެ. އަދި އެބައިމީހުން ފޮރުވައިފައިވާ ކަންތައްތައް ނުހޯދާށެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ މުސްލިމް އަޚާގެ ޢައުރަހޯދަން އުޅެފި މީހާގެ ޢައުރަ ﷲ ފާޅުކުރައްވާނެއެވެ. އޭނާގެ އަމިއްލަގޭގައި އޭނާ ފަޟީޙަތްވެއްޖައުމަށް ދާންދެނެވެ.” އަދި ހަމައެފަދައިން މުސްލިމާގެ ޢިއްޒަތުއް ނަފްސަށް އަރައިގަތުމަކީ ކިހާވަރެއްގެ ކަމެއްކަން މާތް ރަސޫލާގެ މިބަސްފުޅުން ދޭހަވެއެވެ. ( ‏إِنَّ مِنْ ‏ أَرْبَى ‏ ‏الرِّبَا الاسْتِطَالَةَ ‏ ‏فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ ‏) އަބޫދާވޫދު މާނައީ: ރިބާގެ ތެރެއިން އެންމެ ބޮޑު ރިބާއަކީ ޙައްޤަކާނުލާ މުސްލިމާގެ ޢިއްޒަތުއްނަފްސަށް އަރައިގަތުމެވެ. މިދެންނެވި ޝަރުޢީ ޙުކުމްތައް ތަންފީޛްކުރެވޭ ތަނެއްގައި ހަމަނުޖެހުމަށް ފުރުޞަތެއްނޯންނާނެވެ.

ނަސަބު ޙިމާޔަތްކުރުން:

އިންސާނީ ނަސްލު ތަންޒީމީގޮތެއްގައި ދެމެހެއްޓުމަށް ނަސަބު ރައްކާތެރިކުރެވެންއެބަޖެހެއެވެ. އެކަން ޙާޞިލްކޮށްދެއްވުމަށްޓަކައި ޒިނޭ ޙަރާމްކުރައްވައި ކައިވެނި ހުއްދަކަމެއްކަމުގައި އިސްލާމީ ނިޒާމުގައި ކަޑައެޅިގެންދިއެވެ. އަދި ޒިނޭއަކީ ދީނުގައި ނުބައި ފާޙިޝް ޢަމަލެއްގެ ގޮތުގައި ލެއްވިއެވެ. އެކަން އަންނަނިވި އާޔަތުން އެގެއެވެ. وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا (32)އިސްރާ މާނައީ:”ޒިނޭއާއި ގާތްނުވާށެވެ. ހަމަކަށަވަރުން އެކަމަކީ ފާޙިޝްވެގެންވާ ކަމެކެވެ. އަދި އެގޮތް މަގެއްގެގޮތުގައި ނުބައިކަންބޮޑުވެގެންވެއެވެ.” މިއާޔަތަށް ވިސްނުމުން އެކަމުގެ ނުބައިކަން އެގެއެވެ. މިއާޔަތުގައި އޮތީ ޒިނޭއާ ގާތްނުވުމުގެ އަމުރެވެ. އެނުބައި ޢަމަލަށް ހުށަހެޅިނުގަތުމުގެ އަމުރެވެ. ހަމައެފަދައިން ކައިވެންޏަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިންވާ ކަމެއްކަމުގައި މާތްﷲގެ ރަސޫލާވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަމުގެ މައްޗަށް ކެރިކުޅަދާނަވެގެންވާ މީހާއަށް ކައިވެނިކުރުމަށް އެންގެވިއެވެ. قال النبي صلى الله عليه وسلم “يا معشر الشباب من استطاع منكم الباءة فليتزوج، ومن لم يستطع فعليه بالصوم فإنه له وجاء” 4779 البخاري މާނައަކީ: “ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. އޭޒުވާނުންނޭވެ! ތިޔަބައި މީހުންކުރެ ކައިވެނީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މައްޗަށް ކެރިކުޅަދާނަވެގެންވާ މީހާ ކައިވެނި ކުރާހުށިކަމެވެ. އަދި ކެރިކުޅަދާނަވެގެންނުވާމީހާގެ މައްޗަށްވަނީ ރޯދަ ހިފުމެވެ. ރޯދައަކީ އޭނައަށްވާ އަށްޑަނައެކެވެ.” ޒިނޭގެ ސަބަބުން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތުތައް އުފުލާނެ ޤާނޫނީ ބައްޕައަކު ނެތް ކުދިންތަކެއް އުފަންވެގެންދެއެވެ. އެހެންނަމަވެސް ކައިވެނީގެ ސަބަބުން ކޮންމެ ކުއްޖަކީވެސް އެކުއްޖަކަށް ހޭދަކުރާނެ ޝަރުޢީ ބައްޕައެއް ލިބިފައިވާ ކުއްޖެއްކަމުގައި ވެގެންދާނެއެވެ. އެއިރުން މުޖުތަމަޢުގެ ތެރޭގައި ތަރުބިއްޔަތު ނުލިބި، ރަނގަޅުނޫން މަގުތަކުން ދިއުމުގެ ފުރުޞަތު އޮތް ކުދިންގެ ޢަދުދު މަދުވެގެންދާނެއެވެ.