އުއްތަމަފަނޑިޔާރުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު ހުށަހަޅުއްވައިފި

އުއްތަމަފަނޑިޔާރުގެ މަގާމަށް ޢައްޔަން ކުރެއްވުމަށްޓަކައި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ވައިޖެހޭގޭ އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން މިހާރު ހުންނެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައެވެ.

އުއްތަމަ ފަނޑިޔާރެއްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއްގެ ނަން މި ހުށަހެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އުއްތަމަފަނޑިޔާރަކު ހުންނަންވާނެކަމަށް ބަޔާންކޮށްފައިވާތީއާއި، ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި ޤާނޫނުއަސާސީގައިވާ ގޮތަށް މަޤާމްތަކަށް މީހުން ޢައްޔަންކޮށް ނިންމާންވާނެކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އުއްތަމަފަނޑިޔާރު ޢައްޔަންކުރެއްވުމަށްޓަކައި، އެމާއްދާގައިވާ ގޮތުގެމަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ ހޯއްދެވުމަށްފަހުގައެވެ.

އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނަކީ، މީގެކުރިން މަދަނީ ކޯޓުގެ ޤާޟީކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން، އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި އެ ނަންފުޅު ވަރަށް އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.