މަޖިލީހުގައި ވަކިމީހެއްގެ ގޮޑިހުރޭތަ؟

ވެލިދޫ މުޙައްމަދު ޙަލީމް


މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ އައްޑު އަތޮޅު ފޭދޫ ދާއިރާގެ މެންބަރ އަލްހާން ފަހުމީ ވާހަކަ ދައްކަން ތެދުވެވަޑައިގެން ހުންނަވަނިކޮށް ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ) ގެ ޒުވާނުންގެ ގޮފީގެ ރައީސް ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް، އަލްހާންގެ ގަޔަށް އަތްލެއްވުމުގެ ސަބަބުން މަޖިލީހުގެ މެންބަރުން ކޮޅަށް ތެދުވެ ވަޑައިގެން މަޙްލޫފާ ދިމާއަށް ވަޑައިގަންނަވަން ފެށުމުގެ ސަބަބުންނެވެ.

.

ޑީ.އާރ.ޕީގެ ޒުވާނުންގެ ނަމޫނާއަކަށް ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހާލަތުގައި ހުންނަވާ މަޙްލޫފް މިހިންގެވި ޢަމަލަކީ ޤާނޫނީ މަފްހޫމުން ބަލާއިރު “މާރާމާރީ” އަކަށް ނޫނީ ނުވާނެއެވެ.

.

ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ:

“ދެމީހަކު ނުވަތަ ބަޔަކު ޣައިރު ޤާނޫނީ އެއްވުމަކުން ނުހިމެނޭގޮތުން އެކަކު އަނެކަކުގެ ގަޔަށް ރުހުމާ ނުލައި ރުޅިވެރިކަމުން އަތްލައިފިނަމަ، ނުވަތަ އެގޮތުން އަތްލައި ތަޅާފޮޅައި ހަދައިފިނަމަ އެއީ މާރާމާރީއެކެވެ.”

.

މަޙްލޫފު މިމާރާމާރީ ހިންގެވުމަށްފަހު އަލްހާނާ މުޚާތަބުކޮށް ވިދާޅުވީ “ތީ އަހަރުމެންގެ ގޮޑިއެކޭ، ޑީ.އާރު.ޕީގެ ގޮޑިއެއް” ކަމަށެވެ.

.

ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މީހެއްގެ އަދި އެއްވެސް މެންބަރެއްގެ ގޮޑިއެއް ނުހުންނާއެވެ. ހައްތާވެސް ހުންނާނީ ރައްޔިތުންގެ ގޮޑިއެވެ. އެގޮޑިތަކުގެ ޝަރަފާ ކަރާމާތް ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސާ މަޖިލީހުގެ ހުރިހާ މެންބަރުންގެ މައްޗަށް ލާޒިމުކަމެކެވެ.