ޗީފް އޮފް ޑިފެންސް ފޯސް، މަގާމަށް އައްޔަންކުރުމާއި ވަކިކުރުމުގައި މަޖިލީހުގެ ރުހުން ހޯދުމަށް ރިޔާސަތުން ވޯޓް ދެއްވައިގެން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ނޫންގޮތަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކިނުކުރެވޭނެގޮތަށް، ސިފައިންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިސްލާހް ގެނެސްފިއެވެ.
ކުޅުދުއްފުށީ ދެނުކު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ސިފައިންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް މިއިސްލާހް ގެންނަން ފާސްވީ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް އަބްދުﷲ ޝާހިދު އެ އިސްލާހަށް ތާއީދުކުރައްވައި ވޯޓް ދެއްވުމުންނެވެ.
.
މަޖިލީހުގެ ރުހުމާއެކު ޗީފް އޮފް ޑިފެންސް ފޯސް މަގާމަށް އައްޔަންކުރުމާއި ވަކިކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން ފެންނަކަމަށް އަދި ނުފެންނަ ކަމަށްވެސް 35 މެމްބަރަކު ވޯޓް ދެއްވިއެވެ. ވަކިގޮތަކަށް ވޯޓުދޭން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. ވޯޓް ހަމަހަމަވުމުން މަޖިލީހުގެ ގަވާއިދުބުނާގޮތުން ރިޔާސަތަށް ވޯޓްގައި ބައިވެރިވެވަޑައިގަންނަވަން ޖެހެއެވެ. އެހެންކަމުން އަބްދުﷲ ޝާހިދު މިފުރުސަތުގައި ވޯޓްދެއްވީ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކޮށް ވަކިކުރުމަށެވެ.
.
ޑީއާރްޕީގެ ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖްތާޒު ހުށަހަޅުއްވައި، ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސައިން މަނިކް ތާއީދުކުރެއްވި އިސްލާހުގައި ބުނެފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުވުމުން، މަޖިލީހުގެ ކޮމިޓީއަކުން އެނަން ދިރާސާކޮށް މަޖިލީހަށް ފޮނުވާ ޖަލްސާގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް، އެމަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހެޅުމުން، މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ހުށަހަޅާ ރިޕޯޓްގެމައްޗަށް ބިނާކޮށް، މަޖިލީހުގައި ނަގާ ވޯޓުން ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރުމަށް ފެންނަކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ތާއީދުކުރުމުންނެވެ. ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރަން ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފިނަމަ އޭނާ އެމަގާމުން ވަކި ނުކުރެވޭނެ ކަމަށާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާނަމެއް މަޖިލީހުގެ ތަޅުމުން ފާސްނުވެއްޖެނަމަ، ދެވަނަ ފަހަރަށް އެނަމެއް ނުފޮނުވޭނެކަމަށްވެސް އެއިސްލާހުގައިވެއެވެ.
.
މިއިސްލާހު ފާސްވި ނަމަވެސް، މިއަދުގެ ޖަލްސާގައި މުޅި ބިލްއެކީ ފާސްކުރުމަށް ވޯޓަކަށް އަހާފައެއް ނުވެއެވެ. މިއިސްލާހާއި އެންމެބޮޑަށް ދެކޮޅުހަދާ ވެރިކަންކުރާ އެމްޑީޕީން ރޭ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި، އެޕާޓީގެ ޗެއަރޕާސަން މާރިޔާ ދީދީވަނީ އިސްލާހު ތަސްދީގު ނުކުރައްވައި، އެމައްސަލަ ސުޕްރީމް ކޯޓަށް ވެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލާފައެވެ. އެއިސްލާހު ފާސްކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުން ކުރާކަމަކަށް ވިދާޅުވެ، މާރިޔާވަނީ މިގާނޫން ތަސްދީގުނުކުރުމަށްވެސް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަނީ ގާނޫނުއަސާސީން އެބައިމީހުންނަށް ލިބެންނެތް ބާރެއް ހޯދުންކަމަށްވެސް ވިދާޅުވިއެވެ.
.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މިހާރު ހުންނެވީ މޭޖަރޖެނެރަލް މޫސާ އަލީ ޖަލީލެވެ.
Sorry, comments for this entry are closed at this time.