ސަރުކާރުން ޕްރީ ސްކޫލްގެ ތައުލީމު ހިލޭ ދޭންޖެހޭނެ: މަޖިލިސް މެންބަރުން
ގާނޫނު އަސާސީގައި ލިބިދީފައިވާ ތައުލީމު ހޯދުމުގެ ހައްގު ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި، ޕްރީ ސްކޫލްގެ ތައުލީމު ސަރުކާރުން ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
.
މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހަޅުއްވާފައިވާ، ޕްރީ ސްކޫލް ހިންގުމުގެ ބިލާ މެދު މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ބިލް މަޖިލީހަށް ބަލައިގަތުމަށް ތާއީދުކުރެއްވި އެވެ. އެ ގޮތުން ގިނަ މެމްބަރުން ވިދާޅުވީ ތައުލީމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަމަށް ވާއިރު، ތައުލީމުގެ ބިންގާ އަޅައިދޭ މަރުހަލާގެ ސްކޫލްތަކެއް ހިންގުމަށް ގާނޫނީ ހައިސިއްޔަތެއް ބޭނުންވާ ކަމަށެވެ.
.
ބައެއް މެންބަރުން ވިދާޅުވީ، މާލެ އާއި ރަށްތަކުގައި ހިންގަމުންދާ ޕްރީ ސްކޫލްތަކަކީ އަމިއްލަ އަށް ހިންގަމުންދާ ތަންތަން ކަމަށާއި މި ބިލް ފާސްވެ ގާނޫނަކަށްވުމުން، އެ ފަދަ ސްކޫލްތައް ހިންގުން ސަރުކާރުގެ ތައުލީމީ އޮނިގަނޑުގެ ތެރެއަށް ވަދެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ޕްރީ ސްކޫލްތަކަކީ ސަރުކާރުން ކަނޑައެޅިގެން އެހީވެދޭ ގޮތަށް ހިންގާ ސްކޫލްތަކަކަށް ވެއްޖެ ނަމަ، އެ ސްކޫލްތައް ހަރުދަނާ ގޮތެއްގައި ހިނގަން ފަށާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
.
މި ބިލަށް ތާއީދުކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ ޕްރީ ސްކޫލްތައް ހިންގުމާ ބެހޭ ގޮތުން ލަފާ ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާ ބޯޑެއް އޮތުމަށް ތާއީދު ނުކުރެވޭ ކަމަށެވެ. އަދި އެ ބޯޑަށް ސިޔާސީ ބޭފުޅުންތަކެއް އައްޔަންކޮށްގެން ސިޔާސީ މަގްސަދުތަކެއް ހާސިލުކުރާ ތަނަކަށް އެ ބޯޑު ވެގެން ހިނގައިދާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
.
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ ކުޑަކުދިންގެ ތައުލީމު ރަނގަޅު މިސްރާބަކަށް ބަދަލުނުކުރެވިއްޖެ ނަމަ، ގައުމުގެ މުސްތަގުބަލަށް ނުރަނގަޅު އަސަރު ފޯރާނެ ކަމަށާއި ރަނގަޅު ދުޅަހެޔޮ ތައުލީމެއް ދިނުމަށްޓަކައި ހިލޭ ޕްރީ ސްކޫލް ހިންގުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ސަރުކާރުން ޕްރީ ސްކޫލްތަކަށް އެހީ ދޭ ގޮތަށް އޮތުމުގެ ބަދަލުގައި ސީދާ ސަރުކާރުން ހިލޭ ހިންގާ ޕްރީ ސްކޫލެއް ކޮންމެ ރަށެއްގައި ވެސް ހުންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
.
ބައެއް މެންބަރުން ވިދާޅުވީ މިހާރު މި ބިލް ފާސްވުމުން ވަރަށް ގިނަ ޕްރީ ސްކޫލްތައް އުފެދިގެންދާނެ ކަމަށެވެ. އަދި މިހާރު ޕްރީ ސްކޫލްތަކުގައި ޓީޗަރުން ކިޔަވައިދެނީ ވަރަށް ކުޑަ މުސާރައަކަށް ކަމަށްވާތީ، މި ބިލް ފާސްވުމުން ނޫނީ އެ ފަދަ ޓީޗަރުންނަށް އެކަށޭނަ މުސާރައެއް ނުލިބޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
.
ވެލިދޫގައި ހުންނަ ނަހުޒާ ޕްރީ ސްކޫލް ހިންގުމުގައިވެސް މިހާރުވަނީ މާލީގޮތުން ދަތިތަކެއް ކުރިމަތިވެފައެވެ.
Sorry, comments for this entry are closed at this time.