އުތުރު ޕްރޮވިންސްގައި ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ ނިޒާމް ޤާއިމުކުރާނެ ރަށެއް ކަނޑައެޅުމުގެ ފަހު މަޝްވަރާ ބައްދަލުވުން ބާއްވައިފި
ދިވެހި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ މަޝްރޫޢުގައި ހިމެނޭ، މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެދަށުން، އުތުރު ޕްރޮވިންސްގައި ކުނިބުނި މެނޭޖްކުރުމުގެ ސަރަޙައްދީ ނިޒާމް ޤާއިމުކުރާނެ ރަށެއް ކަނޑައެޅުމުގެ ފަހު މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.
.
ހޮލިޑޭ އިންގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމަޝްވަރާ ބައްދަލުވުމުގައި، ކުނިބުނި މެނޭޖްކުރުމުގެ ސަރަޙައްދީ ނިޒާމް ޤާއިމުކުރާނެ ރަށެއް ކަނޑައެޅުމާއި، ޤާއިމުކުރެވޭ ސަރަޙައްދީ ނިޒާމްގައި ބޭނުންކުރާނެ ޓެކްނޮލޮޖީއެއް ކަނޑައެޅުމާ ބެހޭގޮތުން ބައިވެރިންގެމެދުގައި މަޝްވަރާކުރެވި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯރޓް އެންޑް އެންވަޔަރމަންޓުން ހާމަކުރައްވައެވެ. ނަމަވެސް މިކަމަށް ކަނޑައެޅުނީ ކޮންރަށެއްކަމެއް ހާމައެއް ނުކުރައްވައެވެ.
.
ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކޮށް އެއްބަސްވި ކަންތައް ތަކުގެތެރޭގައި، އުތުރު ޕްރޮވިންސްގެ ރަށްތަކުގައި އުފެދޭ ކުނިބުނީގެތެރެއިން 80 އިންސައްތަ ކުންޏަކީ ފަނާވެދާފަދަ ކުނިބުނި ކަމަށްވުމާއެކު، އެފަދަ ކުނިބުނި ނައްތާލެވޭނެ އުސޫލުތަކަކާއި ނިޒާމެއް، ރަށުފެންވަރުގައި ހަމަޖެއްސުންވެސް ހިމެނޭކަމަށް އެންވަޔރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
.
އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވާގޮތުގައި، މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެދަށުން، އުތުރު ޕްރޮވިންސްގައި ޤާއިމުކުރެވޭ ކުނިބުނި މެނޭޖްކުރުމުގެ ސަރަޙައްދީ ނިޒާމް ޤާއިމުކުރުމަށްފަހު، އުތުރު ޕްރޮވިންސްގައި މީހުން ދިރިއުޅޭ ރަށްރަށުގަޔާއި ރިސޯޓްތަކުގައި އުފެދޭ ކުނީގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
.
ދިވެހި ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމުގެ މަޝްރޫޢަކީ ވޯލްޑްބޭންކްގެ ލޯން އެހީއާއިއެކު ދިވެހި ސަރުކާރުން ކުރިއަށްގެންދާ ފަސްއަހަރު ދުވަހުގެ މަޝްރޫޢެކެވެ.
Sorry, comments for this entry are closed at this time.