ނޯދަން ޔުޓިލިޓީ ކުންފުނީގެ އިންޖީނުގެތަކުން ނަގާ ފީ އެއްހަމަ ކުރުމުގެ ޕްރޮގްރާމަކީ ކަރަންޓް އަގުބޮޑު ކުރުމަށް ކުރާ މަސައްކަތެއް ނޫންބާ؟

February 11th, 2010 ލިޔުން ޝާއިއުކުރެވުނީ

އުތުރު ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނި، ނޯދަން ޔުޓިލިޓީގެ ދަށުން ހިންގަމުންގެންދާ ހުރިހާ އިންޖީނުގެއަކުން ސަރުކާރުގެ އޮފީސްތަކުގެ ކަރަންޓް ޔުނިޓަކަށް ނަގާއަގު އެއް އުސޫލަކަށް ބަދަލުކޮށްފިކަމުގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި އެއްޗަކުން ޝައްކު އުފެދެން ފަށައިފިއެވެ.

ނޯދަން ޔުޓިލިޓީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ އެކުންފުނީގެ ދަށުގައި ހުރި އިންޖީނުގެތަކުން އަމިއްލަ ކުންފުނިތަކަށް ކަރަންޓް ޔުނިޓެއް ވިއްކާއަގު އެއްއުސޫލަކަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށާއި އަދި އާންމުންއަތުން ކަރަންޓް ޔުނިޓަކަށް ނަގާ އަގުވެސް އެއްހަމަ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. “އެއްހަމަ” ކުރުމުގެ ވާހަކަ ވިދާޅުވުމުން އެއީ އަގު ބޮޑު ކުރުން ކަމަށް ގަބޫލުކުރެވެއެވެ. މިހެން މިދަންނަވާ ސަބަބަކީ މާލޭ ކަރަންޓްގެ އަގުބޮޑު ކުރުމަށް ސްޓެލްކޯއިން ބޭނުން ކުރާ ބަހަކީ “ހަމައަގަށް” ގެނައުމެވެ. ސްޓެލްކޯގެ ހަމައަގު މިހާރު ރައްޔިތުންނަށް ވެފައިވަނީ ނުހަމަ އަގަކަށެވެ. ބޮޑު އަގަކަށެވެ

.

އުތުރު ޕްރޮވިންސްގައި ހިމެނޭ 18 އިންޖީނުގެ އަކީ މިހާރު ނޯދަން ޔުޓިލިޓީ ކުންފުނީގެ ހަވާލުގައި ހުރި ތަންތަނެވެ. އެތަންތަނުގެ ޓެރިފް ރީސްޓްރަކްޗާ ކޮށް ނިމޭއިރު ބަދަލުތަކެއް އަންނާނެ ކަމަށް އެކުންފުނިން ހާމަ ކުރެއެވެ. އޭގެ ފުރަތަމަ ބަދަލަކީ ސަރުކާރުގެ އިދާރާތަކުގެ ކަރަންޓް އަގު “އެއްހަމަ” ކުރުމެވެ. މި ފެބްރުއަރީ މަހުން ފެށިގެން މިއުސޫލު ހަމަ ޖެއްސުމުން ސަރުކާރުގެ އިދާރާތަކުން ޔުނިޓަކަށް ނަގަމުންގެންދާނީ ހަތަރުރުފިޔާ ހަތްދިހަފަސްލާރި އާއި ހަތްރުފިޔާ ހަތްދިހަ ފަސްލާރިއާ ދެމެދުގެ އަގުތަކެކެވެ. މިއީ ކުރިން ބައެއް ރަށްރަށުން ނަގަމުން އައި އަގަށްވުރެ ބޮޑުއަގެކެވެ

.

ވީއިރު، ނޯދަން ޔުޓިލިޓީ ކުންފުނިން މިހާރު ކުރިއަށް ގެންދަވާ ޓެރިފް ރީސްޓްރަކްޗަރ ކުރުމުގެ ޕްރޮގްރާމްގެ ނަތީޖާއަކީ ކަރަންޓްގެ އަގު މިހާރު ހުރި މިންވަރަށްވުރެ ބޮޑުވުމެވެ. އަމިއްލަ ކުންފުނިތަކުގެ ބޭނުމަށް ބޭނުންކުރާ ކަރަންޓްގެ އަގާއި އާންމު ރައްޔިތުން ބޭނުންކުރާ ކަރަންޓްގެ އަގު އެއް އުސޫލަކުން ހަމަޖައްސަވާނެ ކަމަށް ޔުޓިލިޓީ ކުންފުނީގެ އެމްޑީ ވިދާޅުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ

.

އެކުންފުނިން އަގު އެއް އުސޫލަކުން ކަނޑައަޅާއިރު ބައެއް ރަށްރަށުގައި މިހާރު ކަރަންޓްގެ އަގު ހުރި މިންވަރު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ނަމަ، އުތުރު ޕްރޮވިންސްގެ ރައްޔިތުންނަށް އެޖެހުނީ އިތުރު ތަކުލީފެކެވެ

.

Sorry, comments for this entry are closed at this time.