އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމުގައި ރާހުލްގާންދީ ވިދާޅުވެއްޖެ

February 8th, 2010 ލިޔުން ޝާއިއުކުރެވުނީ

ރައީސްގެ ދައުވަތަކަށް ރާހުލްގާންދީ ރާއްޖެ ވަޑައިގެންފި


އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އަދި އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ދަރުބާރުގޭ ހަކުރާ މާލަމުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ

.

މި ބައްދަލުކުރެއްވުމަކީ އިންޑިޔާގެ ކޮންގްރެސް ޕާޓީ ހިނގާގޮތާއި، އެޕާޓީ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އެމަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްލެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މީގެ އިތުރުން އިންތިޚާބެއް ކާމިޔާބުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ޑިމޮކްރަސީއެއްގައި ޒުވާނުންގެ ދައުރާ ބެހޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ

.

ރާހުލް ގާންދީގެ ވާހަކަފުޅުގައި އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކަން ފާހަގަކުރައްވައި އެމްޑީޕީއާއި ކޮންގްރެސް ޕާޓީ އާއި ދެ ޕާޓީގެ ވެސް ކާމިޔާބީގެ ޙަޤީޤީ ސިއްރަކީ އެ ދެޕާޓީގެ ވެސް އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ކުރާނޭ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކުރިޔަށް އޮތްތަނުގައި ދެޕާޓީގެ މެދުގައި ޑިމޮކްރަސީއާގުޅޭ ތަފާތުއެކި ޕްރޮގްރާމްތައް ރާވައި ހިންގަވާނޭ ކަމުގައި ރާހުލް ގާންދީ ވިދާޅުވިއެވެ. ރާހުލް އިތުރަށް ވިދާޅުވީ ކޮންގްރެސް ޕާޓީގެ އަމާޒަކީ އިންޑިޔާގެ އެންމެ ފަގީރު، އެންމެ ބަލިކަށި އަދި އެންމެ ދުރުގައިވާ ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ ހަމަޔަށް ޑިމޮކްރަސީ ވާޞިލްކޮށްދެއްވުން ކަމަށާއި، ކުށުގެ ރެކޯޑު ނެތް، ދީނީގޮތުން ހައްދު ފަހަނައަޅާފައިނުވާ ކޮންމެ މީހަކީވެސް ކޮންގްރެސްޕާޓީ ގައި އެމީހެއްގެ ސިޔާސީ ހަޔާތްކުރިޔަށް ގެންދިޔުމުގެ ފުރުޞަތު އޮތްމީހެއް ކަމުގައި ވިދާޅުވިއެވެ

.

މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ކޮންގްރެސް ޕާޓީ ގެންގުޅޭ ރީތި ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް އެމްޑީޕީން މަސައްކަތްކުރުމުގެ ސަބަބުން ލިބުނު ކާމިޔާބީއެއްކަން ފާހަގަކުރެއްވެވިއެވެ

.

ރާހުލް ގާންދީ ރާއްޖެއަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށް އުފާފުޅުކުރައްވާ ކަމެއްކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް ނަޝީދަށް ރާހުލްގާންދީ ޝުކުރު އަދާކުރެއްވިއެވެ

.

Sorry, comments for this entry are closed at this time.