ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ހޮވާގޮތަށް ޑީއާރުޕީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ހުށަހަޅައިފި
ޑީއާރުޕީގެ ޒައީމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅާފައި ބޭއްވުމުގެ ބަދަލުގައި، ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ގޮތަށް ޑީއާރުޕީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.
ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި އައިޑީޕީގެ ކުރީގެ ރައީސް އައި މިހާރު ޑީއާރުޕީގެ މެންބަރު އުމަރު ނަސީރު ވިދާޅުވީ މިގޮތަށް އިސްލާހު ހުށަހެޅީ ޕާޓީ ޑިމޮކްރެޓިކް ޕާޓީއަކަށް ހެދުމަށް ކަމަށެވެ
.
މިއަދު ހަވީރު ނޫހަށް ދެއްވި ކޮމެންޓްގައި އުމަރު ވިދާޅުވީ “ޒައީމުގެ މަގާމަށް ހޮވޭ ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް ވުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން. ހަގީގަތުގައި ފަހުން ބާއްވާ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަކީ އެންމެ ޑިމޮކްރެޓިކް އަދި ޕާޓީ އަށް އެންމެ ފައިދާ ވާނެ ގޮތް. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކާކުކަން މިހާރު ކަނޑައަޅައިފި ނަމަ، ވެރިކަން ކުރާ ޕާޓީ އަށް އަދި އެހެން ޕާޓީތަކަށް ވެސް ފަސޭހަ ވާނެ އެ މީހަކަށް ‘ހަމަލާދީ’ ހަދަން. އޭރުން ރިޔާސީ އިންތިހާބު އަންނައިރު އެ މީހާގެ މަޝްހޫރުކަން ކެނޑިގެން ހިނގައިދާނެ،” ކަމަށެވެ
.
ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ޒައީމުގެ މަގާމަށް ވާދަކުރައްވާ އުމަރު ވިދާޅުވީ ޑީއާރުޕީގެ އިސް ސަފުގައި ހިމެނޭ އެހެން ބައެއް މީހުން ވެސް އޭނާގެ ހުށަހެޅުމަށް ތާއިދު ކުރާ ކަމަށެވެ. ނަމަވެސް އެ އިސްލާހާ މެދު ހިޔާލު ތަފާތު ބައެއް މެމްބަރުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
.
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް، ޕްރައިމަރީއަކުން ކަނޑައެޅުމަށް ތާއީދު ނުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ހަވީރު ނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޒައީމަކަށް ހޮވޭ މީހަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައެޅުމަކީ ޑިމޮކްރަސީއާ ޚިލާފު ކަމެއް ނޫން ކަމަށެވެ. “ޒައީމަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައެޅުމަކީ މި ވަގުތު ޕާޓީ އަށް އެންމެ ރަނގަޅު ގޮތް. ޕާޓީ ބައިބައި ނުވެ ދެމިއޮންނާނީ އޭރުން. ރިޔާސީ އިންތިހާބާ ކައިރިކޮށްފައި ޕްރައިމަރީ ބާއްވައިގެން ކެންޑިޑޭޓް ކަނޑައަޅައިފި ނަމަ ޕާޓީ އަށް އަންނާނެ ލޮޅުން ފޫނުބެއްދިދާނެ. ޒައީމް ކަމަށް ކޮންމެ މީހަކަށް ވެސް ވާދަކުރެވިދާނެ،” އެ ޕާޓީގެ ނައިބު ޒައީމުގެ މަގާމަށް ވާދަކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ
.
ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެވެ. ޑީއާރުޕީގެ ޒައީމް ކަމަށް ކުރިއަށް އޮތް ކޮންގްރެސްގައި ހަމައެކަނި ވާދަކުރައްވަނީ މިހާރު އެ ޕާޓީގެ ނައިބު ޒައީމް ކަމުގައި ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ
.
Sorry, comments for this entry are closed at this time.