ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި

February 8th, 2010 ލިޔުން ޝާއިއުކުރެވުނީ

ހުއްދަ ހޯދުމަކާއިނުލާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް ޑީއާރްޕީތެރޭގައި “ވަކިން ޖަމާއަތެއް ހަދައިގެން” މަސައްކަތްކުރާ އިހްތިޖާޖް ޓީމަށް އަންގައިފިއެވެ. ޑީއާރްޕީން މިކަން އަންގާފައިވަނީ ޑީއާރްޕީގެ ލޯގޯ މިހާރަކަށްއައިސް އެޕާޓީގެ ހުއްދަނެތި “ބައެއް” ފަރާތްތަކުން ބޭނުންކުރަމުންދާތީ ނެރުނު އިއުލާނެއްގައެވެ. “ދިވެހިރައްޔިތުންގެ ޕާޓީގެ “ޑީއާރުޕީ” ލޯގޯ ބެނުންކުރެއްވުމަށް ހުއްދަހޯއްދަވަން ޖެހޭނެކަމުގައި އަންގާ ޢިއުލާން ކުރަމެވެ” ޑީއާރްޕީން ނެރުނު އިއުލާންގައިވެއެވެ

.

ޑީއާރްޕީން އިތުބާރުހުރި ފަރާތަކުން މިނޫހަށް މައުލޫމާތު ދިންގޮތުގައި، ޑީއާރްޕީން އިއްޔެ ނެރުނު އިއުލާނަކީ އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު އިސްވެ ހުންނަވައިގެން ހިންގަވާ އިހްތިޖާޖް ގްރޫޕަށް އަމާޒްކޮށް ނެރުނު އިއުލާނެއްކަމަށެވެ. ސަބަބަކީ ޑީއާރްޕީގެ ކޮންގްރެސްއަށް އިހްތިޖާޖުން ވަކި ކެންޑިޑޭޓުންތަކެއްނެރި، ތާއީދު ހޯދުމުގެގޮތުން ހިންގާ ހަރަކާތްތަކުގައި ޑީއާރްޕީގެ ލޯގޯ ބޭނުންކުރަމުންދާތީ ކަމަށެވެ. މިގޮތުން ދާދިފަހުން އިހްތިޖާޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، “ޑީއާރްޕީ އެނބުރި ވެރިކަމަށް” މިޝިއާރުގެދަށުން އެޓީމުން މިމަހު 16،17 ގައި އޮންނަ ގައުމީ ބައްދަލުވުމުގައި ވާދަކުރައްވާނެކަމަށެވެ. އަދި “އިހްތިޖާޖް”ގެ ނަމުގައި ޑީއާރްޕީގައި ގޮތްޕެއް ހުޅުވުމަށް ހުށަހަޅާފައިވާނެކަމަށާއި، އޭރުން ރަސްމީ ސިފައެއްގައި އެޓީމުން ޑީއާރްޕީތެރޭގައި ހަރަކާތްތެރިވާނެކަމަށެވެ

.

މިނޫހަށް މައުލޫމާތު ދެއްވިފަރާތުން ވިދާޅުވިގޮތުގައި، އިހްތިޖާޖް ޓީމުން ޑީއާރްޕީއާއި ބޭރުން ކުރައްވާ ކަންތަކުގައި ޑީއާރްޕީގެ ނަން ބޭނުންކުރުމަކީ ޕާޓީގެ ލީޑަރޝިޕުން ގަބޫލުކުރައްވާކަމެއް ނޫންކަމަށާއި، ސަބަބަކީ ޕާޓީގެނަން ބޭނުންކޮށްގެން ކުރާ ކަންތަކުގައި ޑީއާރްޕީ، ޕާޓީއެއްގެ ސިފާގައި ޒިންމާވާން ޖެހޭތީއެވެ

.

ނަމަވެސް ޑީއާރްޕީ ކައުންސިލަށް ކުރިމަތިލައްވާ އެޕާޓީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހް އެކަން ދޮގުކުރައްވައެވެ. އަލީ ސޯލިހް ވިދާޅުވީ އެއީ އިހްތިޖާޖް ގްރޫޕަށް އަމާޒްކޮށްގެން ނެރުނު އިއުލާނެއް ނޫންކަމަށާއި، އެއީ “އާއްމުކޮށް އެންގި އެންގުމެއް” ކަމަށެވެ. “މިހާރު ވާގޮތަކީ ބައެއްފަރާތްތަކުން ޓީޝާޓް ހަދައި ވިއްކާއިރު ޑީއާރްޕީގެ ލޯގޯ ޖަހާފަ ހުރެދާނެ. ނޫނީ އެބަޔަކު ވިއްކާ ސީޑީ ބޭރުގަ ޕްރިންޓްޖަހާފަ ހުރެދާނެ ޑީއާރްޕީގެ ނަން ނުވަތަ ލޯގޯ. މިހެން ބޭނުންކުރާއިރު، ބައެއްފަހަރު ޕާޓީގެ ލޯގޯގެ އަސްލު ގެއްލޭގޮތަށްވެސް އެބަބޭނުންކުރެވޭ. އަޅުގަނޑުމެންނަކީ ޒިންމާދާރު ޕާޓީއެއް. ކޮންމެ ކޮންމެބަޔަކު ބޭނުންވީމަ ލޯގޯ ބޭނުންކުރެވޭގޮތަށް އޮވެގެން ނުވާނެ. ކަމެއް ދިމާވެއްޖެ ހާލަތެއްގައި ޑީއާރްޕީން މިކަހަލަ ކަންތައްތަކުގައި ޒިންމާ ނަގަންޖެހޭތީ ލިޔުމަކުން ހުއްދަ ހޯދަން އާއްމުކޮށް މިއެންގީ” ޑީއާރްޕީގެ ލޯގޯ ބޭނުންކުރުން މަނާކުރަން ޖެހުނު ސަބަބެއްކަމަށް ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހް ވިދާޅުވިއެވެ

.

މީގެއިތުރުން ޑީއާރްޕީގެ ގައުމީ ޖަލްސާ މިމަހު 16،17 ގައި ބާއްވާއިރު، މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ވާދަވެރިކަން ބޮޑުވެ، އެތެރޭގެ ބޮޑުކޯޅުމެއް ހިނގާކަމުގެ އިޝާރާތެއް ސިޔާސީ މައިދާނުން ފެއަށް ޖެހިވަޑައިގެންނެވުމަށް ތައްޔާރުވަމުންދާ އެޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިއްޔެވަނީ ދެއްވާފައެވެ. އެމަނިކްފާނު ވިދާޅުވެފައިވަނީ، ޑީއާރްޕީގެ ގައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކުގައި، މެމްބަރަކު ހިތްހަމަނުޖެހޭކަމެއް ދިމާވެއްޖެނަމަ އެކަމެއް ޕާޓީގެ އެތެރޭގެ، އެކަމަކާގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން ހައްލު ހޯދުމަށެވެ. އެފަދަ ހިތްހަމަނުޖެހުމެއް މެދުވެރިވާ ހާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަމުގެ ޝުއޫރުތައް އާންމު ތަންތަނތާގައި ފާޅުކުރުމަކީ ޕާޓީގެ މެމްބަރުންގެމެދުގައި ފިތުނަ އުފެދި، ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަމެއްކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިނުގަތުމަށާއި އެފަދަ ކަންކަމަށް ހިތްވަރުނުދެއްވުމަށްވެސް ޒައީމްވަނީ އެދިވަޑައިގެންފައެވެ

.

ގައުމީ ޖަލްސާ ފެށެން ގާތްގަނޑަކަށް ހަފްތާއަކަށް ގާތްވެފައިވާއިރު، އިހްތިޖާޖް ޓީމާއި ޑީއާރްޕީއާއިދެމެދުވަނީ ބޮޑެތި ޚިޔާލްތަފާތުވުން އުފެދިފައެވެ

.

ޚަބަރު: ހާމަ ނޫސް

Sorry, comments for this entry are closed at this time.