ޑީއާރްޕީ ތެރޭގައި “ބޮޑު ކޯޅުމެއް” ހިނގާކަމުގެ އިޝާރާތެއް
ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަންކަމުގައި ބައިވެރިނުވުމަށް ޒަޢީމް އިލްތިމާސްކުރައްވައިފި

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ގައުމީ ޖަލްސާ މިމަހު 16،17 ގައި ބާއްވާއިރު، މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ވާދަވެރިކަން ބޮޑުވެ އެތެރޭގެ ބޮޑު ކޯޅުމެއް ހިނގާކަމުގެ އިޝާރާތެއް ސިޔާސީ މައިދާނުން ފެއަށް ޖެހިވަޑައިގެންނެވުމަށް ތައްޔާރުވަމުންދާ އެޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދެއްވައިފިއެވެ. މިކަން ހާމަވެފައިވަނީ އެމަނިކްފާނު ޑީއާރްޕީގެ އެންމެހާ މެމްބަރުންނަށް އިލްތިމާސްކޮށް ނެރުއްވި ނޫސްބަޔާނެއްގައެވެ
.
ޒައީމްގެ ބަޔާނުގައި ބުނެފައިވަނީ، ޑީއާރްޕީގެ ގައުމީ ޖަލްސާގައި ބާއްވާ އިންތިޚާބުތަކުގައި، މެމްބަރަކު ހިތްހަމަނުޖެހޭކަމެއް ދިމާވެއްޖެނަމަ އެކަމެއް ޕާޓީގެ އެތެރޭގެ، އެކަމަކާގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން ހައްލު ހޯދުމަށެވެ. އަދި ޑީއާރުޕީގެ ގައުމީ ޖަލްސާއަކީ ރައްޔިތުންގެ ހިތްތަކުގައި އެޕާޓީއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުވެގެންދާ ކާމިޔާބު ޖަލްސާއަކަށް ހެދުމަށްޓަކައި ހުރިހާ މެމްބަރުންވެސް މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ
.
ޒައީމް މައުމޫން ވިދާޅުވާގޮތުގައި، އެފަދަ ހިތްހަމަނުޖެހުމެއް މެދުވެރިވާ ހާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަމުގެ ޝުއޫރުތައް އާންމު ތަންތަނތާގައި ފާޅުކުރުމަކީ ޕާޓީގެ މެމްބަރުންގެމެދުގައި ފިތުނަ އުފެދި، ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިނުގަތުމަށާއި އެފަދަ ކަންކަމަށް ހިތްވަރުނުދެއްވުމަށްވެސް ޒައީމް އެދިވަޑައިގެންނެވިއެވެ. “އަދި މިބޭއްވޭ ތިންވަނަ ގައުމީ ޖަލްސާގައި، ދިވެހި ރައްޔިތުންގެ ޕާޓީގެ ހައިބަތާއި ޝަހުސިއްޔަތު ދައްކައިދީ، ޕާޓީގެ ބަދަހި ވަހުދަތު ދެމެހެއްޓުމަށް ހުރިހާ މެމްބަރުންވެސް މަސައްކަތްކުރެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.” ޒައީމް ނެރުއްވި ނޫސްބަޔާނުގައިވެއެވެ
.
މައުލޫމާތު ލިބިފައިވާގޮތުގައި، އިހްތިޖާޖްގެ ގްރޫޕާއި، ޑީއާރްޕީއާއިދެމެދުވަނީ ވަރަށްބޮޑެތި ޚިލާފްތަކެއް އުފެދިފައެވެ. އެގޮތުން “ޑީއާރްޕީ އެނބުރި ވެރިކަމަށް” މިޝިއާރުގެދަށުން، އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރުގެ މޭސްތިކަމުގެދަށުން އިހުތިޖާޖް ގްރޫޕްގެފަރާތުން، ޑީއާރްޕީގެ ގައުމީ މަޖިލީހުގެ ތަފާތު މަގާމުތަކަށް، އެގްރޫޕްގެ ފަރާތުން ވާދަކުރައްވާ މެންބަރުންނާއި، އެގްރޫޕުން ތާއީދުކުރާ މެމްބަރުންނާއެކު ޖުމްލަ 10 ކެންޑިޑޭޓެއްގެ ނަން އިހްތިޖާޖުންވަނީ އިއުލާންކޮށްފައެވެ. ޒައީމްކަމަށް ތަސްމީނަށް އިހްތިޖާޖުން ތާއީދުކުރާއިރު، ނާއިބު ޒައީމުކަމުގެ މަގާމަށް އިހްތިޖާޖު ގްރޫޕްގެ ފަރާތުން ވާދަކުރައްވާނީ، އުމަރު ނަސީރު، ޑރ. ފާތިން ހަމީދު، ޑރ. އަފްރާޝީމް އަލީ އަދި އިބްރާހީމް ޝަރީފް (މަވޯޓާ)ކަމަށް ބައެއް މީޑީއާތަކުން ޚަބަރު ފަތުރާފައިވެއެވެ
.
ޑީއާރްޕީގެ އެތެރޭގައި “ވަކިން” އިހްތިޖާޖުން ހަރަކާތްތެރިވާތީ، ނައިބް ޒައީމްކަމަށް ކުރިމަތިލައްވާ އެހެން ބޭފުޅުންނާއި، ޑީއާރްޕީގެ ލީޑަރޝިޕާއިދެމެދު ވާހަކަތަކެއް ދެކެވޭކަމަށްވެސް ޚަބަރު ލިބެއެވެ. އަދި ދެބައި މީހުންގެ މެދުގައިއޮތް ދެކޮޅުވެރިކަމާއި، ބައިބައިވުން ނައްތާލުމަށް ލީޑަރޝިޕްގައި ހުންނެވި ޒައީމާއި، އަދިވެސް އިތުރު ބަޔަކުދަނީ މަސައްކަތްކުރަމުންނެވެ
.
ޚަބަރު: ހާމަ ނޫސް
Sorry, comments for this entry are closed at this time.