އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ފަށައިފި

February 7th, 2010 ލިޔުން ޝާއިއުކުރެވުނީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ބާއްވަން ހަމަޖެއްސެވި ބައްދަލުވުންތައް މިއަދު ފަށައިފިއެވެ

.

ރާއްޖޭގައި މިހާތަނަށް ރަސްޖިޓަރީކުރެވި ހިނގަމުންދާ 13 ސިޔާސީ ޕާޓީއާއިއެކު ވަކިވަކީން ބާއްވަވާ ބައްދަލުވުންތަކުގެ ބޭނުމަކީ، ޕާޓީތަކާއިއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ރާއްޖޭގެ ޑިމޮކްރޮސީ ހަރުދަނާކުރުމަށް ޕާޓީތަކުން ރާއްވަވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހޯދައި، ދެފަރާތުގެ މަސައްކަތްތަކަށް ރޭއްވެވުމަށް މަގުފަހިކުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ

.

މީގެއިތުރުން، މިހާރު ޢަމަލުކުރައްވަމުން ގެންދަވާ “ސިޔާސީ ޕާޓީތަކާބެހޭ ޤަވާޢިދު 2005″ އަށް އިސްލާޙް ހުށަހެޅުއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި މިހާތަނަށް އެއްވެސް ޚިޔާލެއް ހުށަހަޅުއްވާފައިނުވާތީ، މިއަދު މިފެށި ބައްދަލުވުންތަކުގައި، އެގަވާޢިދަށް ޕާޓީތަކުން ހުށަހަޅުއްވަން ބޭނުންވާ ކަންކަމުގެ މައުލޫމާތުވެސް ހޯއްދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ

.

ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރައްވަނީ، ޕާޓީތަަކާއި ވަކިވަކީންނެވެ. އެޕާޓީތަކަކީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، ދިވެހިރާއްޔިތުންގެ ޕާޓީ، ޢަދާލަތު ޕާޓީ، އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ، މޯލްޑިވިއަން ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، ސޯޝަލް ލިބަރަލް ޕާޓީ، ޕީޕަލްސް ޕާޓީ، މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް، ޖުމްހޫރީ ޕާޓީ، ޕީޕަލްސް އެލަޔަންސް، މޯލްޑިވިއަން ލޭބަރ ޕާޓީ، ޤައުމީ އިއްތިޙާދު އަދި ދިވެހި ޤައުމީ ޕާޓީއެވެ

.

މިޕާޓީތަކާއި ބައްދަލުކުރައްވަނީ ގުރުއަތަކުން ނެގުނު ތަރުތީބަކުން ކަމަށާއި، މިއަދު ބައްދަލުކުރެއްވީ، ގައުމީ އިއްތިހާދާއިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ. މިއަދުގެ ބައްދަލުވުން ބޭއްވުނުތަނެއް އަދި އެބައްދަލުވުމުގައި ޤައުމީ ޕާޓީގެ ފަރާތުން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއްކަމެއްވެސް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ

.

ޕާޓީތަކާއެކު ބާއްވާ މިބައްދަލުވުންތަކުގައި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެމްބަރުންވެސް ބައިވެރިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ

.

އިލެކްޝަންސް ކޮމިޝަން ގެންދަވަނީ، ޤާނޫނީގޮތުން ޕާޓީ ރަޖިސްޓަރީ ކުރެވުނުއިރު ތިބި މެމްބަރުންގެ ޢަދަދު ހަމަނުވާ ޕާޓީތައް އުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، ސިޔާސީ ޕާޓީތަކާއެކު ކުރައްވާ މަޝްވަރާގެތެރޭގައި މިނުކުތާވެސް ހިމެނޭނޭކަމަށް ބެލެވިފައިވެއެވެ

.

Sorry, comments for this entry are closed at this time.