ރާއްޖެއަށް ފެނުނު އިރުކޭތަ ފިޒިކްސްއާމެދު ޤަބޫލުކުރެވޭ އެތައްކަމެއް ބަދަލުކޮށްފާނެކަމަށް ސައިންސްވެރިން ބުނެފި

January 19th, 2010 ލިޔުން ޝާއިއުކުރެވުނީ

ރާއްޖެއަށް ފެނުނު އާދަޔާ ޚިލާފު ރީތި އިރުކޭތަ ބަލާލުމަށް ދުނިޔޭގެ ކަންކޮޅުތަކުން ނުޖޫމީ ޢިލްމުވެރީންނާއި ފިޒިސިސްޓުންވަނީ އެއްވެފައެވެ. މިޒާތުގެ މިފަދަ އިރުކޭތައެއް ދެން ފެންނާނޭކަމަށް ލަފާކުރެވެނީ ހާހަކަށްއަހަރު ފަހުންކަމަށް ބުނެވޭރިއރު، ވަރަށް މަދުންނޫނީނުފެންނަ އިރުކޭތައިގެ މިޢަޖައިބުކުރުވަނިވި މަންޒަރު ބަލާލުމުގެ ފުރުސަތު ލިބި ޢާންމުން ހިތްހަމަޖައްސަމުން ދިޔައިރު ސައިސްވެރިންދިޔައީ ގްރެވިޓީގެ ޤާނޫނުތައްކަމަށް ސައިންސުގައި ބަޔާންވެފައިހުރި ޤާނޫނުތައް އަލުން މުރާޖަޢާކޮށް ލިޔަމުންނެވެ.

ޕެންޑިއުލަމް ސްޕެޝިއަލިސްޓުން ނުވަތަ ޕެންޑިއުލަމްގެ ތަޖުރިބާކާރުންގެ ގޮތުގައި ފާހަގަވާ، ޕްރޮފެސަރ ހެކްޓަރ މުނެރާއާއި ޕްރޮފެސަރ އެޑް އޮބަރގްވަނީ ރާއްޖޭގައި އެމީހުންގެ މަސައްކަތްކުރިއަށް ގެންދިޔަގޮތާ ބެހޭގޮތުން މަންދު ކޮލެޖުގައު މޯލްޑިވްސް ސައިންސް ސޮސައިޓީއިން ބޭއްވި ބައްދަލުވުމެއްގައި ތަޤްރީރުކޮށްފައެވެ. ބޮގޯޓާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ ފިޒިކްސްއަށް ނިސްބަތްވާ ކޮލަންބިއަން ޔުނިވަރސިޓީގެ ސައިންސްވެރިޔާ މުނެރާ ސިފަކުރާގޮތުގައި އޭނާއަކީ އެންމެ އިހުގެ ނިއުޓޯނިއަން ނުވަތަ ނިއުޓަންގެ ފަލްސަފާއަށް ނިސްބަތްވާ ފިޒިސިސްޓެކެވެ. އެހެންނަމަވެސް އޭނާ އޭނާ ރާއްޖޭގައި ކުރި މަސައްކަތްތައް ދަތުރުކުރަނީ އިހުއްސުރެ ސައިންސުގެ ޢިލްމު ޤަބޫލުކުރާ ވަރުގަދަ ފަލްސަފާތަކަކާއި ދިމާ އިދިކޮޅަށެވެ

.

1954 ގައި ފަރަންސޭސި ސައިންވެރިއެއް އަދި އިޤްތިސާދީ ޢިލްމުވެރިއެއްކަމުގައިވާ މައުރީސް ފީލކްސް ޗާރލްސް އެއްލައިސްވަނީ ފަޅި އިރުކޭތައެއް ހިފަމުންދިޔައިރު ޕެންޑިއުލަމް އާދަޔާ ޚިލާފުގޮތްތަކެއް ދައްކާކަން ހޯދައިގަނެފައެވެ. (ޕެންޑިއުލަމްއަކީ ގްރެވިޓީ ނުވަތަ ބިމަށް ދަމާބާރުގެ މައްޗަށް ބޭނުންގޮތަކަށް އެނބުރި ދަތުރުކުރުމަށް ރޮދިފަދަ އެއްޗަކުން އެލުވާލެވިފައިވާ އެތިކޮޅަކަށް ކިޔާ ނަމެކެވެ. ޕެންޑިއުލަމް ބޭނުންކުރެވެނީ ގަޑިފަދަ ބައެއް ތަކެތީގެ ހިނގުން ވަކިމަގަކުން ކޮންޓްރޯލްކޮށްކުރިއަށް ގެންދިއުމަށެވެ

.)

އިރުކޭތައިގެ ވަގުތުގެ ތެރޭގައި ކުއްލިއަކަށް ޕެންޑިއުލަމް ދަތުރުކުރަމުންދިޔަ މަގުބަދަލުވެގޮސް، އެހެންގޮތަކަށް ޕެންޑިއުލަމް ޙަރަކާތްކުރަންފެށިކަމާއި، މިއީ މިކަން ފާހަގަވި ފުރަތަމަ ފަހަރުކަމަށް މުނީރާ ކިޔައިދިނެވެ. މިފަދަ ބަދަލުތަކެއް ޕެންޑިއުލަމްގެ ހަރަކާތްކުރުމަށް ކޭތައިގެ ވަގުތުތަކުގައި އައިސްފައިވާކަން ހިސާބަކަށް ފާހަގަކުރެވިފައިވާއިރު، މިކަމަށް ދެވިފައިވާ ނަމަކީ އެއްލިއަސް އީފެކްޓެވެ. އަދި ޕެންޑިއުލަމް އިރުކޭތައިގެ ވަގުތުތަކުގައި މިފަދަ އާދަޔާ ޚިލާފުގޮތްތަކެއް ދެއްކުމުގެ ފަހަތުގައިވަނީ ފިޒިކްސްގެ ޢިލްމަށް ގްރެވިޓީ ހިސާބުކުރުމުގައި އަދި ނުހޯދިވާ ބައިތަކެއްކަމަށް ޤަބޫލުކޮށް އެކަން ސާބިތުކުރަންއުޅޭ ސައިންސްވެއިންތަކެއްވެސް ވަނީ އުފެދިފައެވެ

.

މުނެރާ ބުނާގޮތުގައި ޕެންޑިއުލަމްއެއް ދަތުރުކުރަމުން އަބަދުވެސް ދާނީ އެއްމަގަކުން އެއްގޮތަކަށް އެއްމިންވަރެއްގައިކަމަށްވާތީ ކޭތައެއް ހިފުމުން ގްރެވިޓީއަށް އަންނަ ބަދަލައްފަދަ ބަދަލެއްގެ ސަބަބުން މެނުވީ ޕެންޑިއުލަމްގެ ދަތުރުކުރުމަށް ބަދަލު ނާންނާނޭކަމަށެވެ. ޕެންޑިއުލަމްއަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއިރު ކޭތަހިފާފައި އިރުގެ ސާއަތާއި ޕެންޑިއުލަމްއާ ހުރިގުޅުން އެކަކަށްވެސް ފާހަގަވެފައިނުވާކަމަށާއި، ހިސާބުގެ ބަދަލުގައި ފިޒިކްސްއަކީ ހަމައެކަނި ފަލްސަފާއެއްގެގޮތުގައި އޮންނަ އެއްޗެއްނޫންކަމަށާއި، ފިޒިކްސްގެ ހޯދުންތަކަށް ދުނިޔެވީ މިސާލުތައް ހެކިދޭންޖެހޭއިރު، އަލަށް ހެދެމުންދާ ތަޙްލީލުތަކާއި އެކްސްޕެރިމަންޓުތަކުން އެހޯދުންތަކުގެ ފަލްސަފާތަކަށް ބަދަލުގެންނަންޖެހޭކަމަށްވެސް މުނެރާ ހާމަކުރިއެވެ

.

އިރުކޭތައިގެ ކުރިން މިސައިންސްވެރިން ރާއްޖެއައިސް އައްޑު އަތޮޅު ފޭދޫގައި ޕެންޑިއުލަމް ހައުސް ޤާއިމްކޮށްފައިވއެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ޕެންޑިއުލަމްތަކެއް ބިމަށް ހިފާފައިހުރި ތިން ފައި ލީ އަށިތަކެއްގައި ޤާއިމްކޮށްފައިވާގެއެކެވެ. ޕެންޑިއުލަމްއެއްގެ ގޮތުގައި ބޯޅައެއް ހަރުކުރެވިފައި ކޮންމެ 12 މިނެޓަކުން ދޫކޮށްލެވޭއިރު، ލޭސަރު ރޭންޖް ފައިންޑަރުތަކެއް ބޭނުންކޮށްގެން އޭގެ ޙަރާކާތްތައް މިންއަޅަމުންދެއެވެ. މީޓަރެއްގެ ފެޔަށް ނުވަތަ ކައިރިއަށް މިލިއަންގުނައަށްކުޑަ މިންވަރެއްގެ ބަދަލެއް އަޔަސް މިވަސީލަތުގެ ޒަރީއާއިން ބަލާލެވެއެވެ

.

ސައިންވެރީންދަނީ މިޕެންޑިއުލަމް ހައުސްއިން އެއްކުރެވުނު މަޢުލޫމާތުތައް ބަލާ ދިރާސާކުރަމުންނެވެ. ނުޖޫމީ އަދި ފިޒިކްސްގެ ޢިލްމު އެކުވެ އުފެދިފައިވާ ސެލެސްޓިއަލް މެކޭނިކްސްގެ ދާއިރާގައި ޝައުޤުވެރިކަމާއިއެކު 35 އަހަރު ވާންދެން ޙަރަކާތްތެރިވެފައިވާ މެކޭނިކަލް އިންޖިނިއަރ އޮބަރގް ބުނާގޮތުގައި ކައުނުގައިވާ ދެއެއްޗެއްގެ ދެމެދުގައިވާ ދަމާބާރު ހިސާބުކުރުމުގެ ފޯމިއުލާގެ ތެރެއަށް ކުޑަކުޑަ އިތުރު ބަހާއެއް ވައްދަންޖެހިދާނޭފަދަ ހޯދުމަކަށް މިހޯދުން އާޚިރުގައި ވެދާނެއެވެ. މިކަމުގެ ސަބަބުން ޒަމާނުގެ ސައިންސަށް ބޮޑު އިންޤިލާބެއް އަންނާނޭކަމަށް ޤަބޫލުކުރެވެއެވެ

.

ގްރެވިޓީގެ ސަބަބުން އެއްޗެއް ސްޕީޑް ބާރުވާ މިންވަރު ނުވަތަ އެކްސެލެރޭޝަން ހިސާބުކުރެވެނީ “ގަލްސް”ކިޔާ މިންގަނޑަކުންނެވެ. ދުނިޔޭގެ ފަށަމަތީގައި އެކްސެލެރޭޝަން އުޅެނީ 976 ކާއި 983 ގަލްސް އާއި ދެމެދުގައިކަމަށް ވާއިރު، ކޭތައިގެ ސަބަބުން ޕެންޑިއުލަމްގެ އެކްސެލެރޭޝަން ނުވަތަ ސްޕީޑަށް އައިސްފައިވާކަމަށް މިސައިންސްވެރިންނަށް ހޯދިފައިވަނީ 5 މައިކްރޯގަލްސް ނުވަތަ 1 ގަލްގެ އެއް މިލިއަން ބައިކުޅަ އެއްބައިގެ މިންވަރުގެ ބަދަލެކެވެ. މިއީ ޢަދަދުން ކުޑަނަމަވެސް ފިޒިކްސް ޢިލްމުގެ ދަނޑުގައި ނުހަނު ބޮޑު ހޯދުމެކެވެ

.

ރާޅުތައް އުފެދިދަނީ 60 މައިކްރޯގަލްސް އިންކަމަށާއި، ގަލްއެއްގެ 60 މިލިއަން ބައިކުޅަ އެއްބައި ދުނިޔޭގެ ކޮންމެ ފެންތިއްކަކަށް އަސަރުކުރާއިރު، 5 މައިކްރޯގަލްސް ބޮޑު ޢަދަދަކަށް ނުވީނަމަވެސް އެވަރުގެ ބަދަލަކުން ޕެންޑިއުލަމްސްއަށް އަސަރުކުރާހެން ޓެކްޓޮނިކް ޕްލޭޓްސް (ދުނިޔޭގެ ބިމާއި ކަނޑުތައްވާ ފަށަލަ ނުވަތަ ޑިސްކުގެ ބައިބައި)އަސްވެސް އަސަރުކުރާނެއެވެ

.

މޯލްޑިވްސް ސައިންސް ސޮސައިޓީގެ ފައުންޑިންގް މެންބަރު އާހިދު ރަޝީދުވަނީ މިފަދަ ސައިންސްވެރިންތަކެއް ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު އެމީހުންނާއިއެކު ހަރަކާތްތެރިވެލުމަށް ލިބުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށާއި ހިފިކޭތައަށް މީހުން ދިން ޝައުޤުވެރިކަމުގެ ތެރެއިން ސައިންސަށް ދިވެހިން ދޭޝައުޤާއި އަހަންމިއްޔަތު ބޮޑުވެގެންދާނޭކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ. އާހިދު އިތުރަށް ބުނިގޮތުގައި ސައިންސް ގެ މާއްދާތައް ކުރީގައި ވަރަށް މަޤްބޫލުނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކޮމާސްއާއި އެކޮނޯމިކްސްއަށް ކިޔާވާ ދަރިވަރުންގެ ސަމާލުކަން ހުއްޓިގޮސް، މިހާރު ބައެއް އަތޮޅު އަދި ރަށު ސްކޫލްތަކުގައި ސައެންސް ސްޓްރީމް ކިޔަވައިވެސް ނުދެއެވެ

.

ރިޕޯޓް: މިނިވަން ނިއުސް

Sorry, comments for this entry are closed at this time.