މެޖޯރިޓީ އޮތީ ތިމަންނާމެން އަތުގައޭ ބުނާއިރު ވިސްނާލަންޖެހޭ
ރައްޔިތުންގެ މަޖިލީހުގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފެންނަމުން މިދަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ހިތުހުރިގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރެވެ. މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެންބަރުންގެ ޚިޔާލާއި ފިކުރަށް އެއްވެސް އިޙްތިރާމް ކުރުމެއްނެތިއެވެ. ޑީއާރްޕީން މިގޮތަށް އަމަލުކުރުމުގައި އެންމެ ގިނައިން ބުނާބަހަކީ “ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތަށް ތާއީދުކުރުން ކަމަށާއި އަޣުލަބިއްޔަތު އޮތީ ތިމަންނާމެންގެ އަތުގައި” ކަމަށެވެ.
ރަނގަޅު ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ނިސްބަތްވަނީ ޑީއާރުޕީ އަށެވެ. ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި 28 މެންބަރަކު އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، ޕީއޭ އަށް ނިސްބަތްވާ 7 މެންބަރުކުވެސް ވަނީ ކާމިޔާބުކުރައްވާފައެވެ. ޑީއާރުޕީއާއި ޕީއޭ ކޯލިޝަންގެ 35 މެންބަރަކު މަޖިލީހުގައި ތިއްބެވިއިރު، އަމިއްލަގޮތުން ވާދަކުރައްވާ ކާމިޔާބު ކުރެއްވި 13 މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަކީ “ރަތްލާޖެހި” ޑީއާރުޕީ މެންބަރުންނެވެ. މިދެންނެވި މެންބަރުން ވޯޓް ދެއްވުމުގައި ނިންމަވަނީ އެންމެން އެއްގޮތެކެވެ. ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓް ގައި ކާމިޔާބުކުރެއްވި 26 މެންބަރުންނާއި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި އިއްތިހާދުވެފައިވާ ގައުމީޕާޓީގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 1 މެންބަރަކާ އެކުވެސް ވަނީ 29 މެންބަރުންނެވެ. (މިހެން ދެންނެވިނަމަވެސް ރިޔާސީ އިންތިޚާބުގައި ވި އިއްތިހާދު އޭގެ ރޫޙްގައި މަޖިލީހުގެ ތަޅަމަކުން ނުފެނެއެވެ.) އަމިއްލަގޮތުން ކާމިޔާބުކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީއަށް “ބައިޢަތު ހިފައިގެން” ތިއްބެވި މެންބަރުންނާއެކުވެސް އެމްޑީޕީއަށް އަޣުލަބިއްޔަތެއް ނެތެވެ. އަދި ވޯޓް ދިނުމުގައި އަމިއްލަ ކެންޑިޑޭޓުންނާއި ގައުމީ ޕާޓީގެ ދެ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްވެސް ވޯޓް ދެއްވަނީ އެކި ފަހަރު އެކިގޮތަށެވެ. އެހެންކަމާއެކު، އެމްޑީޕީއަށް މަޖިލީހުން ކާމިޔާބު ލިބުމުގައި އޮތީ ހަނި ފުރުޞަތެކެވެ. ޑީއާރުޕީ ބޭނުންވި ގޮތުގެ ބަދަލުގައި އެމްޑީޕީ ބޭނުންވި ގޮތަށް ނަތީޖާ ދައްކާފައިވާ މަދު ފަހަރު ތަކަކީ މިދެންނެވި ހަނި ފުރުޞަތުގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ފަހަރު ތަކެވެ
.
މަޖިލީހުން ކޮމިޓީތައް ހޮވާއިރު، ގިނަ ކޮމޓީތައް ހޮވަނީ ޑީއާރުޕީ ޕީއޭ ބޭނުންވާ ގޮތަށެވެ. މިހާރު މައްސަލަ އުފެދިގެން އުޅޭ ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމުގެ ބިލާގުޅޭ ގޮތުން މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކުލަވާލި ކޮމިޓީވެސް އޮތީ މިދެންނެވި އުސޫލުންނެވެ. ކޮމިޓީއަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ. ކޮމިޓީގައި ޑީއާރުޕީޕީއޭގެ 5 މެންބަރުންނާއި އެމްޑީޕީގެ 4 މެންބަރުން ހިމެނޭއިރު ‘މިނިވަން’ މެންބަރުންގެ ގޮތުގައި ތިއްބެވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ކުޑަހުވަދޫ ދާއިރާ އަޙުމަދު އާމިރެވެ. މިދެބޭފުޅުންގެ މިނިވަންކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވާކަށް ނެތީމެވެ
.
ކޮމިޓީގެ ނިންމެވުމާ ގުޅޭގޮތުން، މުޤައްރިރު ހަނިމާދޫ ދާއިރާގެ މުޙައްމަދު މުޖްތާޒު ވިދާޅުވީ ޕްރޮވިންސް އުނިކުރުމަށް ނިންމެވީ ކޮމިޓީގެ އަޣްލަބިއްޔަތުން ކަމަށެވެ. ކޮމިޓީ ބައްޓަންވެފައި އޮތްގޮތުން ކޮމިޓީގެ އަޣްލަބިއްޔަތު ދައްކާގޮތަކީ އެއްވެސް މީހަކު އެކަމާމެދު ހައިރާންވެ ސުވާލު އުފައްދާނެ ސަބަބެއް ނޫނެވެ
.
އެހެނަސް މިއަދު ހައިރާންވެ ސުވާލު އުފެދޭ ސަބަބަކީ، ޑީއާރުޕީގެ މެންބަރުން ވިދާޅުވަމުންދާ ވާހަކައެއްގެ ސަބަބުންނެވެ. އެބޭފުޅުން ވިދާޅުވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓް ދިނީ ރައްޔިތުންގެ ތެރެއިން މަދު ބައެއް ކަމަށާއި އިންތިޚާބު ކާމިޔާބުކުރެވުނީ އިތުރު ކެންޑިޑޭޓުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. ތެދެކެވެ. ދެވަނަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބުވީ ކުރިން އެކެންޑިޑޭޓަށް ވޯޓް ނުދޭ އެތައް ރައްޔިތެއް، ފަހުން ދިން ވޯޓް ގެ ސަބަބުންނެވެ. އޭރު ކެމްޕޭންގައި ޑީއާރުޕީގެ ޕޯޑިއަމްގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ “ރައްޔިތުންގެ ވޯޓަކީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުކުރެވޭ ފައިސާއެއް ނޫން” ކަމަށާއި “ތާއީދުކުރާ ކެންޑިޑޭޓް ދެވަނަ ބުރުގައި ބައިއަތު ހިފާ މީހާއަށް ރައްޔިތުން ވޯޓް ދިނުން ލާޒިމުނުވާ” ކަމަށާއި މައުމޫނާއި ނަޝީދުގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކަށް ވޯޓް ދެއްވުމަށެވެ. ގައުމަށް އިސްލާހީ ބަދަލުތައް ގެނެވޭނެ ފަދަ ބޭފުޅަކަށް ވޯޓް ދެއްވުމަށެވެ. މިކެމްޕޭނުގެ ކުރިފަސް ލިބި، ކާމިޔާބު ލިބުނީ ނަޝީދަށެވެ. ނަޝިދު މަސައްކަތް ކުރައްވަމުން އެގެންދަވަނީ އެމްޑީޕީގެ މެނިފެސްޓޯގެ އަމަލީ މަސައްކަތް ކުރެއްވުމަށެވެ
.
މިމަސައްކަތުގައި ޑީއާރުޕީގެ މެންބަރުން ޕާޓީގެ ނިންމުންތައް އިސްކުރައްވައި ވިދާޅުވާތީ މިއިވެނީ މެޖޯރިޓީ ބޭނުންވާ ގޮތަކީ މިއީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ކޯލިޝަނަށް މެޖޯރިޓީ އޮތުމަކީ ރައްޔިތުންގެ މެޖޯރިޓީ ޑީއާރުޕީއަށް އޮތުމެއް ނޫނެވެ
.
ޑީއާރުޕީގެ މެންބަރުންނަށް މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބުކުރެވުނު ނަމަވެސް، މިރާއްޖޭގައި ގިނައީ ޑީއާރުޕީ މެންބަރުންނާ ދެކޮޅަށް ވޯޓްލާފައިވާ ރައްޔިތުންނެވެ. ޑީއާރުޕީގެ މެންބަރުން އެވިދާޅުވާ ރައްޔިތުންގެ ގިނަބަޔަކު ވޯޓް ދިނީ ޑީއާރުޕީ މެންބަރުންނަށް ކަމަށްވާނަމަ، 2008 ނޮވެމްބަރު 11 އިން ފެށިގެންވެސް ރާއްޖޭގައި ވެރިކަން ކުރައްވާނީ މައުމޫން އަބްދުލްޤައްޔޫމެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ ގިނަ މީހުން ވޯޓް ދިނީ މައުމޫނަށެވެ. އެހެނަސް ދެވަނަ ބުރުގައި މައުމޫންގެ މައްޗަށް ރައީސް ނަޝީދު ކުރި ހޯއްދެވީ މުޅި ރައްޔިތުންގެ ގިނަބަޔަކު މައުމޫންގެ ވެރިކަން ދަމަހައްޓަން ބޭނުންނުވާކަން ޔަގީންކޮށްދެމުންނެވެ
.
ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ އެންމެ ބޮޑު ތަފާތަކީ ވޯޓް ލުމަށް އޮންނަ އުސޫލުގެ ތަފާތެވެ. ރައީސް ކަމަށް އިންތިޚާބުކުރާ މީހަކު ފަންސާސް ޕަސެންޓަށްވުރެ މަތީ އަޣުލަބިއްޔަތު ހޯދުމަށް ގާނޫނުއަސާސީ ލާޒިމު ކުރެއެވެ. އާންމު އިންތިޚާބުގައި އެދާއިރާއަކުން އެންމެ ގިނަ ވޯޓް ލިބޭ މީހަކު އިންތިޚާބު ކުރެވެއެވެ. މިނިޒާމަކީ ފަސްޓް ޕާސްޓް ދަ ޕޯސްޓް (އެފްޕީޓީޕީ) އެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އާންމު އިންތިޚާބުތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއްވެސް މެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ މިއުސޫލު ކަމުނުދާ ވާހަކަ އެއް ނޫނެވެ. މިއުސޫލުގެ ދަށުން ވަރަށް ކުޑަ ނިސްބަތެއް ލިބިގެންވެސް އިންތިޚާބު ކާމިޔާބު ކުރެވޭ ވާހަކައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، 4000 މީހުން ވޯޓްލާ ދާއިރާއަކަށް 5 ކެންޑިޑޭޓުން ވާދަކޮށްގެން، އެއްކެންޑިޑޭޓަކު 1000 ވޯޓް ހޯދައިގެންވެސް ކާމިޔާބު ކޮށްފާނެއެވެ. އެހެންކަމަށްވާނަމަ، ކާމިޔާބުކުރި ކެންޑިޑޭޓް ނޫން އަނެއް 4 ކެންޑިޑޭޓުންނަށް ވޯޓްދިން 3000 މީހުން، އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓަށް ތާއީދެއް ނުކުރެއެވެ
.
މިއުސޫލުން ބަލާއިރު، ތިމަންނާގެ ޚިޔާލާއި ފިކުރަކީ ދާއިރާގެ މުޅި ރައްޔިތުންގެ ޚިޔާލާ ފިކުރު ކަމުގައި ބުނެވޭނެ ހެއްޔެވެ؟ ތިމަންނާގެ ޕާޓީ ބޭނުންވާ ގޮތަކީ މުޅި ރައްޔިތުން ބޭނުންވާ ގޮތްކަމުގައި ބުނެވޭނެ ހެއްޔެވެ؟ ޑީއާރުޕީ ހަމަ ބިމަށް ތިރިވާން ޖެހެއެވެ. ޕާޓީގެ ވިސްނުމާ ފިކުރަށްވުރެ ބޮޑަށް ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ޖާގަދޭން ޖެހެއެވެ
.
Sorry, comments for this entry are closed at this time.