ސުނާމީ ކާރިޘާއަށް 5 އަހަރު ފުރުނުއިރު އެހިތާމަވެރި ހަނދާންތަކާއި ދުރަށްނުދެވި އެތައްބަޔަކު އަދިވެސް އެގޮތުގައި
ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަމެރި ކާރިޘާކަމަށްވާ ސުނާމީ ކާރިޘާއަށް މިއަދު ފަސްއަހަރު ފުރުނުއިރު، އެކާރިޘާގައި ގެދޮރު ގެއްލުމުގެ ސަބަބުން، ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ 1600 މީހުން އަދިވެސް އެބަތިބިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ. އެސެންޓަރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މިހުރިހާ ފަރާތްތަކަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 600 އަށްވުރެ ގިނަ ގެ ޢިމާރާތްކުރަން ޖެހިފައިވާ ކަމަށެވެ
.
ސުނާމީ ކާރިޘާއާއިގުޅިގެން ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމާއި، އެއްބަނޑު އެއްބަފާކަމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ސަބަބުން، މިއަދަކީ އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަސްވެސްމެއެވެ
.
ރާއްޖެއަށް ކުރިމަތިވި މިހިތާމަވެރި ކާރިޘާގައި 80 އަށްވުރެ ގިނަމީހުން މަރުވެ، 26 އަށްވުރެ ގިނަމީހުން ގެއްލި އަދި އެތައްބައެއްގެ ދިރިއުޅުންވަނީ އޮޔާގޮސް ގެއްލިފައެވެ. މިއަންނައަހަރު ނިމެންވާ އިރަށް ސުނާމީގައި ގެދޮރު ގެއްލުނު ހުރިހާ ފަރާތްތަކަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށް ދިނުމަށް، މަޖިލީހުގެ މެމްބަރުން އަންނައަހަރުގެ ބަޖެޓްގެ މަސައްކަތް ކުރެއްވިއިރު ސަރުކާރަށްވަނީ ގޮވާލައްވާފައެވެ
.
ދާއިމީ ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ މީހުން މިހާރު ތިބި ރަށްރަށުގެ ތެރޭގައި ގއ.ދާންދޫ، މާމެންދޫ، ވިލިނގިލި އަދި ނިލަންދޫ ހިމެނެއެވެ. މިރަށްރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 298 ގޭގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، ތ.އަތޮޅުން މަޑިފުށި އަދި މ.ކޮޅުފުށީ ރައްޔިތުންނަށްވެސް އަދި މިހާތަނަށް އެއްވެސް ގެއެއް އެޅިފައެއް ނުވެއެވެ. މިރަށް ރަށުގެވެސް ގިނަ ރައްޔިތުންތަކެއް މިއަދާހަމައަށް ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައެވެ
.
ތ.އަތޮޅު މަޑިފުށީގައި ސުނާމީގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެދޮރުއެޅުމަށް ތިރީސް ފަސްމިލިއަން ރުފިޔާ، މިއަންނަ އަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ. ސުނާމީގައި ރާއްޖެއިން ހަލާކުވި ގެތަކުގެ ބަދަލުގައި 2986 ގެ ހެދުމަށް ހަމަޖެހިފައިވާކަމަށް ޑިޒާސްޓަރއިން މައުލޫމާތު ދެއްވައެވެ. އޭގެތެރެއިން ގިނަގެތައްނިމި، މިހާރު އަޅަންޖެހިފައިވަނީ ގާތްގަޑަކަށް 600 ގެ ކަމަށްވެސް އެފަރާތުން ހާމަކުރައްވައެވެ
.
އިންޑޮނޭޝިއާގެ ސްމަޓްރާ ކައިރިން ކަނޑުގެ އަޑިޔައަށް، ރެކްޓަރ މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އުފެދިގެން އައި ސުނާމީގެ ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުގައިވަނީ ބިންވަޅު ނެގިފައެވެ. ސުނާމީގައި ހާލުގައިޖެހި، ގެދޮރު ގެއްލިގެންދިޔަ ހަތްހާސް މީހުންނަށް ކުރީގެ ސަރުކާރުންވެސް އަދި މިހާރުގެ ސަރުކާރުންވެސް ގެދޮރު ހޯދައި ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްދީފައެވެ. ނަމަވެސް ތަފާތު ސަބަބުތަކާހެދި އަދިވެސް ގެދޮރު ގެއްލުނު އެންމެނަށް ގެދޮރުގެ ހިޔާވަހިކަން އަދިވަނީ ނުދެވިއެވެ
.
Sorry, comments for this entry are closed at this time.