ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީއެއްވެސް އަދި އިދިކޮޅު ޕާޓީއެއްވެސް ނުއޮންނާނެ

December 15th, 2009 ލިޔުން ޝާއިއުކުރެވުނީ

މަޖިލީހުގައި ހުންނަވާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރ


ވެލިދޫ މުޙައްމަދު ޙަލީމް

ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމުގައި ވެރިކަން ހިންގަނީ ޕާޓީއަކުންނޫނެވެ. ޕާޓީތަކުގެ ނުވަތަ މިނިވަން ކެނޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އައްޔަން ކުރުމަށްފަހު، އެމީހަކީ ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭތުކަމަށްވިޔަސް އެއުފެދެނީ ޕާޓީ ސަރުކާރެއްނޫނެވެ. މިހެންބުނުމަކީ ބައެއް މީހުންނަށް ހަޖަމުކުރެވޭނެ ކަމެއްނޫންކަންވެސް އަޅުގަނޑު ރަނގަޅަށް ދެނަހުރީމެވެ. ނަމަވެސް ރައްޔިތުން ރޯފިލުވުމަކީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ގައުމީ އަމާނާތެކެވެ

.

ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހިދައުލަތުގެ އެންމެ އިސްވެރިޔާއެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާއެވެ. ސިފައިންގެ އެންމެ މަތީ ކޮމާންޑަރެވެ. ވުމާއެކު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ވާޖިބުތައްް ނުވަތަ ސިފައިންގެ އެންމެމަތީ ކޮމާންޑަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތައް ޕާޓީއެއްގެ ވިސްނުމާއެއްގޮތަށް އަދާކުރާނީ ކިހިނެއްތޯއެވެ؟ އެއްއުރައެއްގައި ދެކަނޑި އޮތުމަކީ ވާނެކަމެއް ނޫނެވެ

.

ވެރިކަންކުރާ ނިޒާމުތަކުގެ ތެރެއިން ރިޔާސީ ނިޒާމަކީ އެންމެ ޚުދުމުޚުތާރު ނިޒާމެވެ. މިގޮތަށް ވުމުގައި އެތައް ސަބަބެއް އެބަހުއްޓެވެ. ފުރަތަމަކަމަކަށް ރައީސުލްޖުމްހޫރިއްޔާއަކީ ހައްދެއްނެތް މިންވަރަށް ބާރުތައް ލިބިވަޑައިގެންހުންނަވާ މީހަކަށްވުމެވެ. އަދި ގާނޫނުއަސާސީ ނެގެހެއްޓުމާއި ދެމެހެއްޓުމުގެ ޒިންމާ އެޅިފައި އޮންނަނީވެސް ރައީސުލްޖުމްހޫރިއްޔާގެ ކޮޑުގައެވެ. ތިޔަބޭފުޅުން ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީީގެ 115 ވަނަ މާއްދާ ބައްލަވައިލެއްވީމާ މިކަން ސާފުވެގެންދާނެއެވެ. އަޅުގަނޑު މިދަންނަވާ އެއްޗެއްގެ ހަގީގަތް އޮޅުންފިލައި ވަޑައިގަންނަވާނެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައީސްކަމަށް ހޮވިވަޑައިގަތީ އެމް.ޑީ.ޕީ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައެވެ. އެހެންނަމަވެސް އެމް.ޑީ.ޕީން ކިތައްމެ ބޭނުންވިޔަސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުން އަޒުލުކުރެވޭނެ އެއްވެސް ދުސްތޫރީ އަދި ގާނޫނީ ހަމައެއްވެސް ނެތެވެ

.

ރިޔާސީ ނިޒާމަކީ ކޯލިޝަން ސަރުކާރުތައް ހިންގުމަށް ފުރުޞަތު ލިބިފައި އޮންނަ ނިޒާމެއްވެސް ނޫނެވެ. ރާއްޖޭގައި މިއޮތީ ކޯލިޝަން ސަރުކާރެއްކަމަށް ބައެއްމީހުން ބުނަމުން ގެންދިޔަނަމަވެސް އެއީ އެއްވެސް ބުރަދަނެއްހުރި ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ރާއްޖޭގައި މުޙައްމަދު ނަޝީދު އެކަށައަޅާފައި އޮތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކޭ ބުނެވިދާނެއެވެ. ދުނިޔެއިން ފެންނަށްހުރި ހަގީގަތްތަކަށްބަލާއިރު އެމެރިކާގެ ރައީސްކަމަށް އޮބާމާ އިންތިޚާބުވީ ރިޕަބްލިކަން ޕާޓީން ތާއީދުކޮށްގެނެއް ނޫނެވެ. ނަމަވެސް ރައީސް އޮބާމާގެ ކެބިނެޓުގައިވަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ބައެއްބޭފުޅުން ހިމަނުއްވާފައެވެ. ގައުމު އެއްބައިވަންތަ ކުރުމުގެ ގޮތުންނެވެ. ހަމައެފަދައިން ރާއްޖެއިންވެސް މިފެންނަނީ ހަމަ އެމަންޒަރެވެ. އުޞޫލާއި ހަމަތަކުގެމަތިން ވާހަކަ ދައްކާނަމަ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ކޯލިޝަން ހައްދަވައިގެން ކަމަށްބުނާނަމަ އެއީ ޞައްޙަމަގުން ބުނާބުނުމެއް ނޫނެވެ. އަދި ކިއެއްތަ؟ އެއީ ދުނިޔެ ބަލައިގަންނާނެ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ފުރަތަމަބުރުން ނާކާމިބާއި ކުރިމަތިމަތިވަޑައިގެންނެވި ރިޔާސީ ކެނޑިޑޭޓުުންގެ ތާއީދާއެކުގައެވެ. އެބޭފުޅުން ނަޝީދަށް ތާއީދުކުރެއްވީ ގައުމުގެ މަޞްލަޙަތުގައިކަމަށްވާނަމަ، ނަޝީދު ވެރިކަމަށް ވަޑައިގަތީ އެމީހުންނަށް ރައްޔިތުން ދިން ވޯޓް އެއްކުރައްވައިގެން ކަމަކަށް ވާހަކަ ދައްކައި ރިޔާސީ ނިޒާމުގެ ސިފަތައް އޮޅުވާލާކަށް މަސައްކަތެއްވެސް ނުކުރާނެއެވެ

.

ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީސް އެތުރިފައި އޮންނަ ގޮތަށް ބަލާއިރުވެސް ސަރުކާރު ހިންގާ ޕާޓީއެއްވެސް އަދި އިދިކޮޅު ޕާޓީއެއްވެސް ނުއޮންނާނެއެވެ. މިދެންނެވި ސިފައަކީ ބަރުލަމާނީ ސިފައެކެވެ. ވުމާއެކު ރިޔާސީ ނިޒާމުގައި މަޖިލީހުގެ ގިނަގޮޑި ކާމިޔާބުކުރާ ޕާލަމެންޓްރީ ގްރޫޕުގެ ލިޑަރ ވާނީ މެޖޯރިޓީ ލީޑަރަށެވެ. އަދި ދެވަނައަށް އެންމެ ގިނަގޮޑިލިބޭ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ ވާނީ މައިނޯރިޓީ ލީޑަރަށެވެ. މިގޮތުން ބަލާއިރު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޑީ.އާރު.ޕީގެ އަޙްމަދު ތަސްމީނު ޢަލީއެވެ. އަދި މައިނޯރިޓީ ލީޑަަރަކީ އެމް.ޑީ.ޕީގެ ރީކޯ މޫސާ މަނިކެވެ. އަނެއް ހަގީގަތަކީ ރިޔާސީ ނިޒާމެއްގައި މަޖިލީހުގައިވެސް ކޯލިޝަން ޕާލިމެންޓްރީ ގްރޫޕްތަކަށް ފުރުޞަތު ނުއޮންނަކަމެވެ. ބަރުލަމާނީ ނިޒާމުގައި މަޖިލީހުގެ ކޯލިޝަން އުފައްދަންޖެހެނީ ވެރިކަމެއް އުފެއްދުމަށް ބޭނުންވާ މަޖިލީހުގެ ސާދާ އަޣުލަބިއްޔަތު ވަކިޕާޓީއަކަށް ނުލިބިއްޖެނަމަ ބޮޑުޕާޓީއަކާއި ކުދިޕާޓީތައް ވެގެން ސަރުކާރެއް އުފެއްދުމަށްކުރާ ހިއްމަތުގެ މައްޗަށެވެ

.

ރިޔާސީނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީވެސް މުއްދަތު ހަމަވުމުގެކުރިން އުވާލެވޭ ތަނެއްނޫނެވެ. އެހެންކަމުން މަޖިލީހަށް ހޮވިވަޑައިގަތުމަށްފަހު އެމެންބަރަކު އިންތިޚާބުވީ ދާއިރާގެ ރައްޔިތު މީހާގެ އަޑު އެމެންބަރަކަށް ފޯރިޔަސް އަދި ނުފޯރިޔަސް ކުރެވޭނެކަމެއް ނޯވެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ދައުލަތުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ

.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތްކުރަންވީގޮތް ބަޔާންކޮށްފައި އެވަނީ ރިޔާސީ ނިޒާމެއްގެ ސާފުސީދާ އަސާސްގެ މައްޗަށެވެ. އެހެންކަމުން ކޮންމެމެންބަރަކުވެސް މަޖިލީހުގައި ވޯޓް ދެއްވަންވާނީ އެދާއިރާއެއްގެ ރައްޔިތު މީހާގެ ވިންދާ އެއްގޮތަށެވެ. ނިސްބަތްވާ ޕާޓީއެއްގެ ރުހުމާ އެއްގޮތަކަށް ނޫނެވެ. އެހެންކަމުން ތްރީ ލައިން ވިޕް އިން ވޯޓް ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މައްޗަށް އެއްވެސް ފަރާތަކަށް ލާޒިމު ކުރެވޭނެ ކަމެއްނޫނެވެ. މިމޭރުމުން ވިސްނާއިރު 2009 ނޮވެމްބަރ 10 ވަނަ ދުވަހު އައްޑު އަތޮޅު ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ ވޯޓްދެއްވި ގޮތާމެދު އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޕާޓީއަކަށް ސުވާލެއް ނުއުފެއްދޭނެއެވެ. އަދި ހަމަމިމޭރުމުން ރައީސް ނަޝީދުގެ މައްޗަށް އެމް.ޑީ.ޕީ ބާރުވެރި ނުވެވޭނެކަންވެސް ގަބޫލުކުރަންޖެހޭނެއެވެ. އެހެންނަމަވެސް އެމް.ޑީ.ޕީގެ މެންބަރެއްގެ ހައިސިއްޔަތުން އެމް.ޑީ.ޕީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ރައީސް ނަޝީދަށް އަބަދުވެސް އޮންނާނެއެވެ

.

Sorry, comments for this entry are closed at this time.